Support Us

ތިލަމާލެ ބުރިޖަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ މަޝްރޫޢެއް: ރައީސުލްޖުމްހޫރިއްޔާ

ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމުރާނީ މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއަދު ހަވީރު މާލެއިން ތިލަމާލެއަށް ބޭއްވި ހިނގާލުމުގެ ހަރަކާތުގެ ތެރެއިން މީޑިއާތަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)ގެ ދަށުން މާލެއާއި ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅުވާލައި އަޅަމުންދާ ބުރިޖު މަޝްރޫޢުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން، ޚާއްޞަ ގޮތެއްގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވައި އެކަމަށްޓަކައި  މޯދީއަށާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފައެވެ. މި ޚާއްޞަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ދެރަށް ގުޅާލައިފައި މިވަނީ މި މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ދެ ޤައުމުގެ އެކި ފަންތީގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، މި އެންމެހާ ފަރާތްތަކަށްވެސް ޙައްޤު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް މިދާ ގޮތަށް ގެންގޮސް، ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި އެ ނިމުން ވެގެންދާނީ، މުޅި މި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އަންނާނެ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަހަލަ މުހިންމު ހުރިހާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް ސަރުކާރުން ދޭ އިސްކަން މި މަޝްރޫޢުގެ މަސައްކަތުން ދޭހަވާކަން ފާހަގަކުރެއްވިއެވެ. މި ސަރުކާރު، 2023 ނޮވެމްބަރުގައު ފެށިގެން އައި އިރުގައި ބޮޑެތި ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑުގައި ނުގޮސް އެކި ކަހަލަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ދެއްވަމުންގެންދަވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރައްވައިފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓަރމިނަލާއި ހަނިމާދޫ އެއާޕޯޓުގެ އިތުރުންވެސް ނުނިމި ހުރި މުހިންމު މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫޢެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާއާއި ރާއްޖެއާ ދެމެދުގައި މިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ މިކަހަލަ މުހިންމު މަޝްރޫޢުތަކަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭނެ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތްތައް، ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާ ސަފީރުވެސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވައިފައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި ބުރިޖު މަޝްރޫޢަކީ އިންޑިއާއިން އެޤައުމުގެ ބޯޑަރުން ބޭރުގައި ހިންގާ މިފަދަ ޢުމުރާނީ ތަރައްޤީގެ ބިޔަބޮޑު އެންމެ ފުރިހަމަ އެއް މަޝްރޫޢު ކަމަށާއި މި މަޝްރޫޢު ރާއްޖޭގައި ހިންގޭކަމީ އަދި މި މަޝްރޫޢު ފުރިހަމަވެގެން އަންނަތަން ދުށުމަކީ، އެކަމަށްޓަކައި އުފާ ކުރައްވާ ކަމެއްކަން ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ނިމިގެންދިއުމަކީ އެކަމުން ދިވެހިރާއްޖެއަށާއި ރާއްޖޭގެ އުޚުއްވަތްތެރި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ރައުސުލްމާލަކަށް ވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ހިނގާލުން ކުރިއަށްގެންގޮސް ވިލިމާލެއަށް ނިންމާލުމުން ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވިއެވެ.

މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *