ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 30 ވަނަ ދުވަހު ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މި އަހަރު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ބޭއްވި ހަރަކާތްތައް އަމާޒުކޮށްފައި ވަނީ އިންޖިނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށެވެ. އެގޮތުން އެސްޓީއޯގެ ޓްރެއިނިންގެ އިންސްޓިޓިއުޓާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގެ ދަރިވަރުންނާ އެކު ކުރިއަށް ގެންދިޔަ މި އިވެންޓު ޝަރަފުވެރިކޮށްދެއްވީ، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީއެވެ. މި އިވެންޓުގައި އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމާއި އެސްޓީއޯ އާއި އެމްއެންޔޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އިވެންޓުގައި، އެސްޓީއޯ ކޮންސްޓްރަކްސް ސޮލިއުޝަންސުން، ރާއްޖޭގެ ކޮންސްޓްރަކްޝަންސް ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން، ބައިވެރިންނަށް މައުލޫމާތު ދިނެވެ.
މި އިވެންޓަށްފަހު، އިވެންޓުގައި ބައިވެރިވި ދަރިވަރުންނާއެކު ސައިޓް ވިޒިޓްތަކެއް ކުރިއަށް ގެންދިޔައެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށް ޒިޔާރަތްކޮށް އަދި އެތަނުގެ ކޮންކްރީޓް ލެބްގައި ކުރާ މަސައްކަތްތައް ބައިވެރިންނަށް ދައްކައިލިއެވެ. މީގެ އިތުރުން، މަކިޓާ ޝޯރޫމަށާއި ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގެ ޓެކްނޮލޮޖީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށްވެސް ބައިވެރިން ޒިޔާރަތްކުރިއެވެ. އަދި އިންޖިނިއަރިންގެ ޓެކްނިކަލް އެންމެ ބޮޑު އެއް މަސައްކަތް ކަމަށްވާ އެލަވޭޓާ/ ލިފްޓް އިންސްޓޮލޭޝަން މަސައްކަތް ކުރާ ސައިޓަކަށް ޒިޔާރަތްކޮށް މި މަސައްކަތް ކުރާގޮތް ވަނީ ދައްކައިލައިފައެވެ.



advertisment

