ޗައިނާ މޯލްޑިވްސް އެވަލާސްޓިން ފްރެންޑްޝިޕް ޕާކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ޕާކަށް ޒިޔާރަތްކުރެއްވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ މުނާސަބަތާއި މިއަދު ރާއްޖޭގައި ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާވެސް ގުޅުވައިގެންނެވެ.
މިއަދުގެ މި ޒިޔާރަތުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ކޮންގް ޝިންހުއާގެ އިތުރުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަދުގެ މި ޒިޔާރަތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ ސަފީރާއެކު ކުރެއްވި މަޝްވަރާގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމަށް ލާބައާއި މަންފާ ލިބިދޭ އުޞޫލުތައް ޗައިނާ ސަރުކާރުން އަބަދުވެސް ދަމަހައްޓާނެ ކަމަށާއި އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޗައިނާ ސަރުކާރުން ދެމުންދާ އެއްބާރުލުން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަންދެއްވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މިދިޔަ އަހަރުއެވެ. އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރި ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން މިއަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑްގެ ނަމުގައި ސަރުކާރުން އެވޯޑެއް ދެއްވަން ފައްޓަވާނެކަން އިޢުލާނުކުރައްވާފައެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތް ހިންގަވާފައި ވަނީ ރައީސް މުޢިއްޒު، ބޯހިޔާވަހިކަމާ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ. މި ދާއިރާއިން އެންމެ ގިނަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަވާފައިވަނީވެސް އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުގައެވެ. އެމަނިކުފާނު ވަނީ ސިވިލް އިންޖީނިއަރިންގގެ ދާއިރާއިން، ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާސިލްކުރައްވައިފައެވެ.
ސިނަމާލެ ބުރިޖު ހުޅުވުނުތާ އަށް އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި އެމަނިކުފާނުގެ ޝުއޫރުތައް ޙިއްޞާކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި، މީގެ އަށް އަހަރު ކުރިން މިއަދު، ޗައިނާ–މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު ހުޅުވިގެން ދިޔައީ، ވެރިރަށް މާލެއާއި، އެއާޕޯޓާއި ހުޅުމާލެ ގުޅުވައިދީ، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ރަޙްމަތްތެރިކަމުގެ ވަރުގަދަ ރަމްޒެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ. އަދި މި ބުރިޖަކީ ހަމައެކަނި ޢުމްރާނީ ބިނާއެއް ނޫންކަމަށާއި މިއީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ޤައުމުގެ އެއްގޮތް އުންމީދުތައް ރަމްޒުކޮށްދޭ ދިރިހުރި ހެއްކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ރައީސް ޝީ ޖިންޕިންގގެ ލީޑަރޝިޕްގެ ދަށުން، ދެ ޤައުމުގެ ގުޅުން ދުވަހުން ދުވަހަށް ބަދަހިވެ ފުޅާވަމުންދާކަމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވެ، ދެ ޤައުމުގެ ގުޅިފައިވާ މުސްތަޤުބަލު އައު އުދަރެސްތަކަށް ހުޅުވިގެން އަންނަކަމުގައި ވިދާޅުވިއެވެ. އަދި ސިނަމާލެ ބުރިޖަށް އަށް އަހަރު ފުރޭ މި މުނާސަބަތުގައި، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަން ދަމަހައްޓައި، ޗައިނާއާއެކު އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.



advertisment