Support Us

"ވިލުންތެރި ކަނބަލުން" ނިންމައި 200 ބައިވެރިންނަށް ސެޓްފިކެޓް ދީފި

މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުރަރުތައް ދަސްކޮށްދިނުމަށް، އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދިޔަ "ވިލުންތެރި ކަނބަލުން" ޕްރޮގުރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު ހުޅުމާލޭ ރެހެންދީ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ވިލުންތެރި ކަނބަލުން ޕްރޮގުރާމު ފުރިހަމަކުރި 200 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

ވިލުންތެރި ކަނބަލުން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. އެގޮތުން، އެކި ބެޗުތަކަށް ބަހާލައިގެން ތިން މަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތައް ކުރިއަށްގެންގޮސް އެފަދަ މައްސަލަތަށް ހައްލުކުރަން ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، ވިލުންތެރި ކަނބަލުން ޕްރޮގުރާމު މެދުވެރިކޮށް، އާންމުކޮށް ފިރިހެނުން ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވިފައި އޮންނަ ގޭތެރޭގައި ގެންގުޅޭ އެޕްލަޔަންސް އަދި ސައިކަލު ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް މަރާމާތުކުރަން އަންހެނުންނަށް ދަސްކޮށްދީ، މުޖްތަމައުގައި ގާއިމުވެފައި އޮންނަ ސްޓީރިއޯ ޓައިޕް، ނުވަތަ ވަކި ޖިންސަކަށް މަސައްކަތް ހާއްސަވެފައި އޮންނަ އޮތުން ބަދަލުކުރުމަށް ބާރު އެޅިގެންދިޔަ ކަމަށެވެ. އަދި މިއީ ވަކި ޖިންސެއްގެ މީހަކަށް ވަކި މަސައްކަތެއް ހާއްސަކުރުމުގެ ސަބަބުން އުފެދޭ ޖިންސީ ތަފާތުކުރުންތައް ނައްތާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ހަމަ އެއާއެކު، ދިވެހި އަންހެނުން ބާރުވެރި ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން އެމްޑީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *