ސިއްޙީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެހީތެރިވުމުގެ މަޤްޞަދުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދާ އަހަރީ ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހު ހުޅުވާލަން ނިންމައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ސެޕްޓެމްބަރު އިންޓޭކަށް އެދި ހުށަހެޅުމުގެ މުއްދަތަކީ 15 ސެޕްޓެމްބަރުން ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮގްރާމް 2021 ވަނަ އަހަރު ތަޢާރަފުކުރި ފަހުން، މިހާތަނަށް ޖުމްލަ 23 މީހަކަށް ވަނީ ނާސިން ސްކޮލަރޝިޕް ދީފައެވެ. މި ޕްރޮގްރާމުގެ ދަށުން ތަޢުލީމާއި ތަމްރީނު ފުރިހަމަކުރި މީހުންގެ ތެރެއިން 12 ނަރުހުން މިހާރުވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރެއެވެ.
ސްކޮލަރޝިޕްގެ ދާއިރާތަކާއި ޝަރުޠުތައް
މިފަހަރުގެ ސްކޮލަޝިޕް ފުރުޞަތު ހުޅުވާލައިފައިވަނީ ވިލާ ކޮލެޖުގައި ހިންގާ ދެ ޕްރޮގްރާމަކަށެވެ. އެއީ ބީއެސްސީ (އޮނަރސް) ނާސިން (އިންޓަނޭޝަނަލް) ޓޮޕް-އަޕް އަދި ތިން އަހަރުގެ ޑިޕްލޮމާ އިން ނާސިން ކޯހަށެވެ.
މި ފުރުޞަތަށް އެދި ހުށަހެޅޭނީ ދިވެހި ރައްޔިތުންނަށެވެ. އަދި މިއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރުވެސް ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ.
މީގެ އިތުރުން، ސްކޮލަޝިޕް އެދޭ ފަރާތަކީ އެހެން އެއްވެސް މުއައްސަސާއަކުން ތަޢުލީމީ ސްކޮލަޝިޕެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
"ޞިއްޙީ ޚިދުމަތްތަކުގައި ނަރުހުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ؛ ވިލާ ކޮލެޖާ ގުޅިގެން ހިންގާ މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ހުނަރުވެރިކަން ތަރައްޤީކުރުމަށާއި ކިޔެވުމުގެ ތެރެއިން ދަރިވަރުންނަށް އެއްބާރުލުން ދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ." ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރީވަޓްސަން ސްރިދާރް ޖީ ވިދާޅުވިއެވެ.
އެޕްލިކޭޝަން ހުށަހެޅުން
މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ މުއްދަތަކީ 15 ސެޕްޓެމްބަރ 2026 އިން ފެށިގެން 30 ސެޕްޓެމްބަރ 2026 ގެ ނިޔަލަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން education@treetophospital.com އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް 7350642 ނަންބަރަށް ގުޅުމަށް އެދެއެވެ.



advertisment

