ބީ.އެމް.އެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ "ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިން"ގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލައި، 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިނޭންސިން ފޯރުކޮށްދީފިއެވެ.
މި ފައިނޭންސިން ފެސިލިޓީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ތައާރަފްކޮށްފައިވާ ފެސިލިޓީއެއް ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ. އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވައިލި މި ފެސިލިޓީގެ ދަށުން އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިން ވަނީ ދޫކޮށްފައެވެ.
މި ކަމާ ގުޅޭ ގޮތުން ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި އިސްނެގުމަށް ޒުވާނުންގެ ފަރާތުން މިފަދަ ބޮޑު ތަރުހީބެއް ލިބުނުކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަމިއްލަ މަސައްކަތްތެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުން އެމީހުންގެ އުފެއްދުންތެރި ހިޔާލުތައް ފައިދާ ހުރި ވިޔަފާރިތަކަކަށް ބަދަލުކުރުމުގަ އާއި، ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކޮށް ދިގު މުއްދަތުގެ ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚްރެއްވެސްމެ،" ޝަރީފު ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ޒުވާން ވިޔަފާރިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ.
"300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިން މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށް އަޅައިދެވުނު މުހިއްމު ބިންގަލެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މި ފިޔަވަހީގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، ދެން އޮތް ފިޔަވަހީގެ ތެރެއިން އިތުރު ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް،" ބަދުރުއްދީން ވިދާޅުވިއެވެ.
"މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މި އިސްނެގުމުގެ އަމާޒަކީ މާލީ އެހީ ލިބޭ ފަރާތްތަކުގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން، އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާ ގުޅިގެން، ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިން ލިބުނު ފަރާތްތަކަށް މެންޓަޝިޕާއި، ވިޔަފާރީގެ ތަމްރީނު އަދި ވިޔަފާރި ފޯމަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ." ބީ.އެމް.އެލް އިން ބުންޏެވެ.
"ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަނޑައަޅައިފައިވާ ފަންޑެއްގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމަށް މި އަހަރު ނޮވެންބަރު އެއް ވަނަ ދުވަހު ހުޅުވައިލެވޭނެއެވެ. މިއީ ދިވެހި ޒުވާނުންނަށް މާލީ އެހީތެރިކަން ހޯދުމަށާއި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްރޮގްރާމެކެވެ."



advertisment

