އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީ.އެސް.އެމް އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަންޗެޓް"ގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ދުވަސްވަރު ޤައުމުގައި ހިނގަމުންދާ ކަންކަމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިގުތިޞާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ވެސް ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ތަޢުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން، ގިނަ ދުވަސްތަކެއް ވަންދެން ކުރާ މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުސޫލުތަކުގެ ތެރެއިން ނިންމާ ނިންމުންތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ އިގުތިޞާދު ފުޅާކުރުން ކަމަށާއި، ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނު ކަމުގައި ވީނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ރޭގެ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫޢު ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ތިލަމާލެ ބްރިޖުގެ ފެންވަރާމެދު ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވަމުން، އެ މަޝްރޫޢުގެ ކޮލިޓީ ކަށަވަރުކުރަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު 'އާރޮޕް' ކުންފުނިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާލެއާއި ވިލިމާލެ މިހާރު ގުޅާލެވިފައިވާއިރު، އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިންޖިނިއަރިން އަދި ސައިންސްގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަންވެސް ފާހަގަކުރައްވާފައެވެ. ރޭގެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިޔަފާރިއާއި ޤާނޫނީ ދާއިރާއަށް ދާ ދަރިވަރުން ގިނަ ނަމަވެސް، ޤައުމީ ތަރައްޤީއަށް ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނޭރުން ބޭނުންވާ ކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިގުތިޞާދީ އަދި އުމްރާނީ ތަރައްގީގެ ކަންކަން ކުރިއަށްގެންދެވުމުގައި އެމަނިކުފާނުގެ ސަރުކާރުން އަމަލުކުރާ އުސޫލުތައް ތަފްސީލުކޮށްދެއްވިއެވެ. އިގުތިޞާދީ އިސްލާހުތަކާއި، ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫޢުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން، އިންޖިނިއަރިން ފަދަ މުހިންމު ދާއިރާތަކުން ދިވެހިން ތަމްރީނުކުރަން އިސްކަންދިނުމަކީ ގައުމުގެ މުސްތަގުބަލު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ދުރުވިސްނުން ރަމްޒުކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.