އަހުރެންގެ ގައުމާ ދީނަށާ އަހުރެންގެ ލޭ ހަދިޔާ ކުރީން
ފަހު ވަގުތުވެސް އެ"ހުވާ"މަތީ ސާބިތުވެ ކެރިގެން ދެމި ހުރީން
ދިޔަޔަސް ފުރާނަ މި ހަށިގަނޑުން ވަރިހަމަކަމަށް ބުނެ ހަރުއަޑުން
ޅަޔަކަސް ބިރެއްނެތި ޚާއިނުން ފައްސާލުމަށް ހިތްވަރު ކުރީން
އައިނައި ތަނެއް ރަނގަޅަށް ނުއެނގި ހަމަލާ އެއައި ހަމަ ވަގުތުގައި
ހައި ކޮށްނުލައި ހުރެ ރައްދުގައި ޙަމަލާ ބަދަލު ކެރިގެން ކުރީން
ސިހިގެން ފަހަތަކަށް ނުޖެހެމޭ ބިރަކުން ފިލާކަށް ނުދުވަމޭ
މި ހިތާ މެޔާ އަށްޑަނަޔަކަށް ހިނިތުންވުމާ އެކު ދިއްކުރީންް
ނަސްރާ ނަސީބުގެ އަޞްރަކަށް އެދިގެން އިލާހީ ރަޙުމަތަށް
ގަސްދާ ނިޔަތް އޮވެގެން ތެދަށް ތަކުރާރުކޮށް މަ ދުޢާ ކުރީން
މާޒީގެ ތާރީޚުން މަށަށް ދަސްވީ ފިލާވަޅުތައް ބަލައި
ޣާޒީ ރަދުންގެ އެ ސީރަތުން ޖޯޝުން މި ގައުމީ ހިތް ފުރީން
ތިލަދުންމަތީގެ އެ ލޭ ހިނގައި ތިލަދުންމަތީ ދަރިއެއް ކަމުން
ގިލަނުން ނަޖާ ކޮށް ދިނުމުގައި ޖާނާ ފުރާނަ ހިލޭ ކުރީން
ތެދުވެރިވެ ތިބެ ދީނަށްޓަކައި އެކުވެރިވެ ތިބެ ވަޠަނަށްޓަކައި
ތެދުވަން ދިވެހި ލޮބުވެތި ދަރީން ރޮއެފައި އެދުހު އާދޭސް ކުރީން
