ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޢާޒިމާ ޝަކޫރަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. ޢާޒިމާ ޝަކޫރަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. އަދި ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައިވެސް އެކަމަނާ ޚިދުމަތް ކުރައްވާފައިވެއެވެ. އެކަމަނާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރައްވާފައެވެ.
ޢާޒިމާ ޝަކޫރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ހާސިލްކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިގެންވާ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ. ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޚިދުމަތުގައި އެކަމަނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ޤާނޫނުއަސާސީ އަދި ޤާނޫނު އިސްލާޙުކުރުމާއި ޤާނޫނީ ދިރާސާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މީގެތެރޭގައި 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި އިސްލާޙީ އެޖެންޑާ އެކުލަވާލައި ތަންފީޒުކުރުމުގައި އެކަމަނާ އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްލެވެއެވެ.



advertisment