ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ކަމަށާއި، މީގެ ތެރެއިން ބައެއް މަޝްރޫޢުގެ މަސައްކަތްތައް މި އަހަރުގެތެރޭގައި ނިންމާލެވޭއިރު، އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ ހަ ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީސްމީޑިއާ މަންސަތަކުގައި މިއަދު ޝާއިޢުކުރެވުނު މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.
މިއަދުގެ އެޕިސޯޑްގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މައުޟޫޢާ ގުޅިގެން އާންމު ރައްޔިތުން ފާޅުކުރެއްވި ޚިޔާލާއި ޝުޢޫރުތައް އަޑުއައްސަވާ، ރައްޔިތުން ފާހަގަކުރެއްވި ބައެއް ކަންކަމަށް ޖަވާބުދާރީވެވަޑައިގެންފައެވެ. ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ދުވެލި މަޑުޖެހިފައި އޮތްކަން ރައްޔިތުން ފާހަގަކުރެއްވިއިރު، ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ ޢަމަލީ މަސައްކަތްތައް އަލުން ފެށިގެންކުރިއަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާއި، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ތަންފީޒުކުރެއްވި ކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭނެ ވަކި ޚިދުމަތްތަކެއް ހުންނަ ކަމަށާ، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައްވެސް ހިނގަމުންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓުގެ ހަ ވަނަ އެޕިސޯޑްގައި ނޫސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އަވަސް މީޑިއާއިން ސީނިއަރ ޖަރނަލިސްޓް އަޙްމަދު ޝުޢާއުއެވެ. ނޫސްވެރިޔާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަރައްޤީގެ ރޭހުގައި މިހާރު ކުރިއަށްދާ މުހިންމު، ގިނަ މަޝްރޫޢުތަކެއްގެ އަދާހަމަ ހިއްސާކުރައްވާފައެވެ. އެގޮތުން، އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ ކައުންސިލް އިދާރާތައް ހުރީ ވަރަށް ނިކަމެތި ހާލެއްގައިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް ބިނާކުރެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރިއަށްގެންދަވާ މަޝްރޫޢުގެ މަސައްކަތްތައް ނިންމާ، އަންނަ އަހަރުގެ މެދަކާ ހިސާބުގައި މި އިދާރާތަކުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތްކަން ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް ކައުންސިލް އިދާރާތަކުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިނގާކަމަށާ، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި، 100 ވަރަކަށް ރަށުގައި، ކައުންސިލް އިދާރާތައް ހިނގަމުންދާނީ އައު އިމާރާތްތަކެއްގައި ކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ވަސީލަތްކަން ފާހަގަކުރައްވާ، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަކީވެސް އެކަމުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތައް އެކުލެވޭ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ރަނގަޅު ގޮތެއްގައި ކުރެވިއްޖެކަމުގައި ވަނީނަމަ، މިއީވެސް ދެކޮޅުޖެހޭނެ މަޝްރޫޢުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ ސަރަޙައްދުގައި ތަރައްޤީ ކުރަމުންދާ ތިލަމާލޭ ބްރިޖުގެ މަޝްރޫޢުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާޒީގައި މި މަޝްރޫޢު ހިނގަމުން ދިޔަ ގޮތަށް އަލިއަޅުއްވާލައްވާފައެވެ. އެއާ ޚިލާފަށް ހަލުވި ދުވެލީގައި މިމަޝްރޫޢު މިހާރު ކުރިއަށް އެބަދާ ކަމަށާއި، މާ ލަސްތަކެއްނުވެ، ބުރިޖުގެ މަޝްރޫޢު ނިމޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭ ސިޓީއަށްފަހު އެންމެ ގިނަ ޢަދަދަކަށް ދިވެހިރައްޔިތުން ވަޒަންވެރިވެފައިވާ އައްޑޫ ސިޓީގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާ ގުޅޭ ގޮތުން ނޫސްވެރިޔާ ކުރެއްވި ސުވާލުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަފްސީލީ ޖަވާބުތަކެއް ހިއްސާކުރައްވާފައެވެ.
"ދަ ޕަލްސް"ގެ މި އެޕިސޯޑް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން ކުރިއަށްގެންދަވާ އެންމެ ބޮޑު މަޝްރޫޢަކަށް ވާނީ، މާލެއިން ތިލަފުށްޓަށް ޕޯޓް ބަދަލުކުރުމުގެ މަޝްރޫޢުކަން ފާހަގަކުރައްވައޖ، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް މިކަން ފުރިހަމަވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.



advertisment