އޮފީސްތަކާއި ކުންފުނިތަކުގެ މީޑިއާ/ ޕީ.އާރް އޮފިސަރުންނަށް އަމާޒުކޮށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގަން ޝަހީބު މީޑިއާ އިން ނިންމައިފިއެވެ.
ޝަހީބު މީޑިއާ އިން ބުނީ އޯގަސްޓް 23 އިން ސެޕްޓެމްބަރު 3 އަށް ހިންގާ "މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމަ"ކީ ރައްޔިތުންނާ ގުޅުންހުރި އެކިއެކި މަޝްރޫއުތަކާއި އިވެންޓުތަކާއި ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ތާޒާކަމާއެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެކިއެކި މުވައްސަސާތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ މީޑިއާ/ ޕީ.އާރް އޮފިސަރުން ތާޒާކޮށް އަދާހަމަކުރުމުގެ އިތުރުން، އެ މުވައްޒަފުންނަކީ ދިވެހި މީޑިއާއަށް އަހުލުވެރި، މީޑިއާއާ ގުޅުން ބަދަހިކުރުމުގެ ހުނަރާއި ވައްޓަފާޅިއަށް އަހުލުވެރިވަމުން އަންނަ ބަޔަކަށް ހެދުމަށް ހިންގާ 20 ގަޑިއިރު ތަމްރީނެއް ކަމަށެވެ.
ރޭގަނޑު 8- 10 އަށް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނީ ފާއިތުވީ ފަންސަވީހަކަށް އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގައި އެންމެ ގިނަ ނޫސްވެރިން ތަމްރީނުކޮށް އަމަލީ މައިދާނަށް ނެރެފައިވާ، ދިވެހި ނޫސްވެރިކަމުގެ 35 އަހަރުގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު ޝަހީބެވެ. އޭނާއަކީ ޝަހީބު މީޑިއާގެ ޕްރެޒިޑެންޓުގެ އިތުރުން އަދިވެސް އޮންލައިންގެ ސީ.އީ.އޯ އަދި އެޑިޓަރެވެ. މީގެ އިތުރުން މި ތަމްރީނު ޕްރޮގްރާމު ބައިވެރިންނަށް، ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފު (މުންދު) ހާއްސަ ތަގްރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަދުވެގެން 20 ގަޑިއިރު ކިޔަވައިދޭ، "މީޑިއާއަށް އަހުލުވެރިކުރުވުމުގެ މަތީފެންވަރުގެ ތަމްރީނު ޕްރޮގްރާމު"ގައި ބައިވެރިވުމުގެ ފީއަކީ 3،500ރ. އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި، ބައެއް މުވައްސަސާތަކަށް ހިލޭ ފުރުސަތު ވެސް ވަނީ ދީފައެވެ. މި ތަމްރީނު ޕްރޮގްރާމުުގައި ބައިވެރިވުމަށް އެކިއެކި އޮފީސްތަކާއި ކުންފުނިތަކަށް މިހާރު އަންނަނީ ދައުވަތު ފޮނުވަމުންނެވެ.

ތަމްރީނު ޕްރޮގްރާމުގެ މަގުސަދު:
- ބޮޑެތި މަޝްރޫއުތަކާއި އިވެންޓްތަކާއި ޕްރޮޑަކްޓުތަކަށް މީޑިއާ ކަވަރޭޖް ހޯދާނެ ހުނަރުވެރިކަން އިތުރުކޮށްދިނުން
- ޚަބަރު/ ނޫސް ބަޔާން ތައްޔާރުކުރުމުގެ ހުނަރުވެރިކަން އިތުރުކޮށްދިނުން
- މީޑިއާއާ ގުޅުން ބަދަހިކުރާނެ ގޮތްތައް އަދާހަމަކޮށްދިނުން
- ޑިޖިޓަލް/ ސޯޝަލް މީޑިއާ ކަވަރޭޖްގެ މުހިންމުކަން ދެނެގަތުން
ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނެ ގޮތް
- މި ތަމްރީނު ޕްރޮގްރާމްގައި މަދުވެގެން 20 ގަޑިއިރު ކިޔަވައިދޭނެއެވެ.
- ކިޔަވައިދޭނީ ރޭގަނޑު 8-10 އަށެވެ.
- ކިޔަވައިދޭނީ ކްލާހަށް ހާޒިރުވެގެންނެވެ.
- ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނީ 100% ހާޒިރީންނަށެވެ.



advertisment