ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދުމަށް ބައި މިލިއަން މިޔަރު މަރަން ޖެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޖަނަވާރުންނާ ބެހޭ މާހިރުން ބުނެފިއެވެ.
މިޔަރުގެ ޗިސްމޭގައި އުފެދޭ ތެލެއް ކަމަށްވާ ސްކުއަލީނަކީ ބޭސް ހެދުމަށް ބޭނުންކުރާ ތެލެއްގެ އިތުރުން ވެކްސިންތަކުގެ ބާރު ގަދަކުރުމަށް ބޭނުންކުރަމުންދާ އެއްޗެކެވެ. މިގޮތުން ކޮވިޑް-19 ގެ ވެކްސިންތަކުގެ ޓެސްޓު ހެދުމުގައިވެސް މި ތެޔޮ ބޭނުންކުރަމުން ދެއެވެ.
ކޮވިޑް-19 އަށް ހެދޭ ވެކްސިންގައި މި މާއްދާ ހިމެނޭ ނަމަ، ދުނިޔޭގެ ކޮންމެ މީހަކަށް އެއް ޑޯޒް ދިނުމަށް މަދުވެގެން 250،000 މިޔަރު މަރާލަން ޖެހޭނެ ކަމަށް ޝާކް އެލައިސް ގްރޫޕުން އަންދާޒާކުރެއެވެ. އަދި ބައެއް ވެކްސިންތައް މަސައްކަތް ކުރާގޮތަށް މީހަކަށް ދެ ޑޯޒް ދޭންޖެހިއްޖެނަމަ މި އަދަދު ދެ ގުނަ ބޮޑުވާނެ ކަމަށްވެސް އެ ގްރޫޕުން ލަފާކުރެއެވެ.
"ގިނައިން ނުވިހާ، ބޮޑު ޖަނަވާރެއްގެ ގައިން އެއްޗެއް ނެގުމަކީ އެއްވެސް ހާލެއްގައި ހައްލެއް ނޫން. އަހަރުމެން މި އެދެނީ ވެކްސިން އަށް މަސައްކަތް ކުރުން ހުއްޓާލާކަށް ނޫން. ނަމަވެސް އަހަރުމެން މި އެދެނީ މިޔަރުން ނޫން ގޮތަކަށް ސްކުއަލީން ލިބޭނެ ގޮތަކާ މެދު ދިރާސާކުރުމަށް،" ސްޓެފަނީ ބްރެންޑްލް އޭނާގެ ފޭސްބުކްގައި ޕޯސްޓްކުރިއެވެ. ސްޓެފަނީ އަކީ ޝާކް އެލައިސްގެ ފައުންޑަރ އަދި އެގްޒެކެޓިވް ޑިރެކްޓަރެވެ.
"ކޮންމެ އަހަރަކު ބިލިއަނުން ވެކްސިން އުފައްދާއިރު، މުހިންމު ކަމެއް އެއީ ޖަނަވާރަކަށް ބަރޯސާނުވެ ވެކްސިން ހެދުން. މިފަދަ ބޭނުންތަކަށް މިޔަރު ބޭނުމަކީ ދެވޭ އަނިޔާއެއް،" ސްޓެފަނީ އިތުރަށް ބުންޏެވެ.
މި ގްރޫޕުން މިހާރު ވަނީ މިކަމާ ދެކޮޅަށް ޕެޓިޝަނެއް ހަދައިއެވެ. އެ ގްރޫޕުން 10،000 ސޮޔަށް ޓާގެޓް ކޮށްފައިވާއިރު، މިހާރު 9500 ސޮއި ވަނީ ލިބިފައެވެ.