ފްރެންޑް-4 ސަޕްލައި ދޯންޏަށް ދިޔަވެ އަޑިއަށްދާކަމުގެ ޚަބަރު ލިބިގެން މީހުން ސަލާމަތްކުރުމަށް ޤައުމީ ޚިދުމަތުގައި އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު، 39، އާއި ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު، 33، އަދި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން، 35، ގަދަވެ ސަލާމަތުން ތިއްބައި ފެނުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ. އަދި މި ޢާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރާއި ސާބިތުކަން ދެއްވާށިއެވެ.
އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި ދޯންޏަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް، ދޯނީގެ މީހުން ސަލާމަތްކުރުމަށްޓަކައި ދޯންޏަށް އަރަައި ހަރަކާތްތެރިވެފައިވަނީ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި ސާޖަންޓް އަސްރާރު ޢަލީއާއި އެމްއެންޑީއެފްގެ އޮގްޒިލަރީ ފަޔަރމަން، ޢަބްދުﷲ ޝަފީޤާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން ޕޮލިސް ސާޖަންޓް ޢަލީ ސައިފެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހަކު ވަނީ ސިފައިންނާއި ފުލުހުން ސަލާމަތްކޮށްފައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރކްރާފްޓް 108 އާއި ޕޮލިސް 52ގެ އިތުރުން އޭޑީކޭ ލޭންޑިން ކްރާފްޓް "އުއްލާނި"އެވެ.
ދޯނި ބަންޑުން ޖަހަައިލީ ލޭންޑިން ކްރާފުޓްގައި ކަފުޖަހާގައި ހުއްޓައެވެ. މި ދޯނި ބަންޑުން ޖަހައިލި ވަގުތުގެ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. ގެއްލިގެން ހޯދަމުންދާ ތިން މީހުން ވެސް އެ ވަގުތު ތިބީ ދޯނީގައި ކަމަށާއި، ދޯނީގެ ދިޔަގަނޑު ހިއްކުމުގެ މަސައްކަތުގައި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. މި ދޯނި އަޑިއަށްދިޔަ ސަރަހައްދުގެ ފުންމިނުގައި، ގާތްގަޑަކަށް 1،645 މީޓަރު ހުންނާނެ ކަމަށް އެމްއެންޑީއެފުން ލަފާކުރެއެވެ.
ގެއްލިފައިވާ ތިން މީހުން ހޯދުމަށް ޓަކައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގަމުންދާ މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ވަނީ ބަލައިފައެވެ. އެގޮތުން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެމްއެންޑީއެފް އެއަރ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައެވެ.
އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސްގެ އިތުރުން ފުލުހުންގެ ދެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައޖފައެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ހޯދަމުންދާ ތިން މީހުން އަދި ފެނިފައެއް ނުވެއެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން
ގްރެފިކްސް: އެމްއެންޑީއެފް



advertisment