ސްރީލަންކާގެ މައި ޖަލުގައި ތިބޭ ގައިދީންްނަށް މަސްތުވާތަކެތި ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި އޮތް ބުޅަލެއް ޖަލުން ފިލައިފިއެވެ. މި ބުޅަލަކީ މަސްތުވާ ތަކެތީގެ އިތުރުން ފޯނާއި، ސިމް ކާޑުވެސް ގައިދީންްނަށް ފޯރުކޮށްދޭ ބުޅަލެއް ކަމަށް ތުހުމަތު ކުރެވެއެވެ.
ފުލުހުންގެ އޮފިޝަލުން ބުނާގޮތުގައި މި ބުޅަލުގެ ހަރަކާތްތައް ފެނިގެން ހައްޔަރުކޮށްފައި ވަނީ ވެލިކަޑަ ޖަލުގެ އިންޓެލިޖެންސް އޮފިޝަލުންނެވެ. އޮފިޝަލުންނަށް އެ ބުޅާ ފެނުނުއިރު އެސޮރުގެ ކަރުގައި ދެ ގްރާމު ހީރޮއިންއާއި ދެ ސިމް ކާޑާއި މެމޮރީ ކާޑެއްވެސް އެލުވާފައި އޮތެވެ.
މި މައްސަލައިގައި ކޮޓަރިއެއްގައި ބާއްވާފައި އޮއްވައި މި ބުޅާ މިއަދު ހެނދުނު ވަނީ ފިލައިފައެވެ. މިކަމާ ގުޅޭގޮތުން ޖަލުގެ ވެރިންގެ ބަހެއް ލިބިފައެއް ނުވެއެވެ.
މަސްތުވާ ތަކެތި ހިމެނޭ ކުދި ޕެކެޓްތަކާއި ފޯނާއި ފޯނު ޗާޖަރުތައް މިދިޔަ ހަފްތާތަކުގެ ތެރޭގައި އެ ޖަލުގައި ފެންނަލެއް ވަނީ އިތުރުވެފައެވެ.
މަސްތުވާތަކެތީގެ ވަބާ ބޮޑުވެފައިވާ ސްރީލަންކާގައި މަސްތުވާ ތަކެތި އުފުލުމަށް ބޭނުންކުރަމުންދިޔަ ބާޒެއްވެސް މިދިޔަ އޮގަސްޓް މަހު ވަނީ އަތުލައިގަނެފައެވެ.