Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އާ އޮއިވަރުތަކުގެ ފަހަތުން ނުދުވެ، ފުރަތަމަ ސަލާމަތްކުރަންވީ "ދިވެހި" ފުޓުބޯޅަ!

ހުރިހާ އެންމެން ޝާމިލުކުރުމުގެ ސިޔާސަތުތަކާއި، ސްޓްރެޓީޖިކް ކުށް ހީތަކާ ދެމެދު އޮންނަނީ ވަރަށް ހަނި ރޮނގެކެވެ. ބައި މިލިއަނަށްވުރެ ކުޑަ އާބާދީއެއް އޮތް، ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ، އަދި ނިސްބަތުން ވަރަށް ކުޑަ ކުޅިވަރު ބަޖެޓެއް އޮތް ކުޑަ ޖަޒީރާ ގައުމެއްގައި، އަޅުގަނޑުމެންގެ ގައުމީ ކުޅިވަރު ސިޔާސަތު ހިންގާ ގޮތުން ހީވަނީ މި ޤައުމަކީ މުއްސަނދި ބޮޑު އެމްޕަޔަރެއްގެ ވަސީލަތްތައް ހުރެގެން ކުޅިވަރު ކުރިއަރުވާ ޤައުމެއް ހެންނެވެ. އޮތީ ލިމިޓެޑް ބަޖެޓެކެވެ. ކުޅިވަރު ކުޅެންށާއި ސަޕޯޓުކުރަންވެސް ތިބީ މަދު އާބާދީއެކެވެ. ކުޅިވަރުތައް ތަރައްޤީ ކުރުމުގައި އިސްކަންދޭންޖެހޭ ކަންކަން ކަނޑަނޭޅުމުގެ ހިތި ނަތީޖާ، ބައިނަލްއަގުވާމީ މައިދާނުގައި އަޅުގަނޑުމެންނަށް ލިބެމުންދާ ދަށުދަރަޖައިގެ ނަތީޖާތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. ގައުމީ ފެންވަރުގައި ހިންގާ ކުޅިވަރު ސިޔާސަތުތަކުން މިއަދު ފެންނަނީ ހަގީގަތާ ދުރު، ކަރުދާސްމަތީގެ ކުރިއެރުންތަކެއް ހޯދުމަށް ކުރާ ބޭކާރު މަސައްކަތްތަކެކެވެ. މީގެ ސަބަބުން ގައުމުގެ މައިގަނޑު ކުޅިވަރުގެ ބިންގާ މިއަދު މިވަނީ ފަނާވެގެން ދިއުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

މޭ 25 އިން ޖޫން 6 އަށް އިންޑިއާގެ ގޯއާގައި ބޭއްވި ސާފް އަންހެނުންގެ ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގެ މެޗަށް އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމު ނުކުތެވެ. ނަތީޖާއަކީ އިންޑިއާ އަތުން 11-0 ގެ ލަދުވެތި، އަދި ހިތްދަތި، ބައްޔަކުން ބަލިވުމެވެ. އެއީ ދެ ޓީމެއްގެ މެދުގައި ކުޅުނު ވާދަވެރި މެޗެއް ނޫނެވެ؛ އެއީ އިންޑިއާ ޓީމުން ފަސޭހަކަމާއެކު އަޅުގަނޑުމެންގެ ޑިފެންސް ފުނޑާލައި، އެމީހުން ކުރިއަށްދިޔަ "ޕްރެކްޓިސް ސެޝަނެއް" ފަދައެވެ. މި ލިއުމާ ދެކޮޅު ފަރާތްތަކުން މިއީ ދިވެހި އަންހެން ޓީމު އެކަނި ކުށްވެރިކުރުން ކަމަށް ބުނެފާނެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ކުޅިވަރުގެ ހަގީގަތް ލިޔެވެނީ ނަތީޖާތަކުންނެވެ. މި ބޮޑު ބަލިވުމަކީ ދަނޑުމަތީގައި ތިބި އަންހެން ކުޅުންތެރިންގެ އަމިއްލަ ނާގާބިލުކަމެއް ނޫނެވެ. މިއީ އެކަށީގެންވާ އިންފްރާސްޓްރަކްޗާއެއް، ވާދަވެރި މާހައުލެއް، ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާނެ ސާފު މަގެއް ނެތް ކުޅިވަރުތަކަކަށް ދިެވހި ދައުލަތުން މިލިއަނުން ފައިސާ އޮއްސަމުންދާ ނިޒާމުގެ ނާކާމިޔާބީގެ ހެއްކެކެވެ. މިއީ ވަސީލަތްތައް މަދު ގައުމެއްގައި، މުހިއްމު ކުޅިވަރުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި، ބޭކާރު އެކި ކުޅިވަރުތަކަށް، އެކި ދިމަދިމާއަށް ބަޖެޓް ބަހާލުމުން ނުކުންނާނެ ހިތި ނަތީޖާގެ ސާފު މިސާލެކެވެ.

އާބާދީ ބޮޑު، ސަރަހައްދީ ޤައުމުތަކުގެ ހަގީގަތް

އަޅުގަނޑުމެންގެ ކުޅިވަރު އެޑްމިނިސްޓްރޭޓަރުންގެ ސަމާލުކަން އެކިއެކި ކުދި ކުޅިވަރުތަކަށް ބަހާލައިގެން ތިއްބާ، ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ޗާޓު އަންނަނީ ދުވަހަކުވެސް އަނބުރާ އިއާދަ ނުކުރެވިދާނެ ފަދަ ގޮތަކަށް ބަދަލުވަމުންނެވެ. އިންޑިއާ، ޕާކިސްތާން، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ ގައުމުތައް މިހާރު މިވަނީ ހޭލައިފައެވެ. މި ގައުމުތަކަކީ ބޮޑެތި އާބާދީތައް އޮތް، އަދި އަޅުގަނޑުމެންގެ މުޅި ގައުމީ ކުޅިވަރު ބަޖެޓަށްވުރެ ބޮޑެތި ކޯޕަރޭޓް ސްޕޮންސާޝިޕްތައް ހޯދަމުންދާ ގައުމުތަކެވެ. މިސާލަކަށް ބަލާނަމަ، ޕާކިސްތާނުން އެ ގައުމުގެ ބޭރުގައި އުޅޭ ކުޅުންތެރިންނާއި، އަލަށް ގާއިމުކުރި ޕްރޮފެޝަނަލް އިންފްރާސްޓްރަކްޗާގެ ބޭނުން ހިފައިގެން، މި ހިނގާ ޖޫން މަހުގެ ކުރީކޮޅު މާލޭގައި އަޅުގަނޑުމެންގެ ފިރިހެން ގައުމީ ޓީމު 3-0 އިން ބަލިކޮށްލިއެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ދިވެހިން ތަސައްވުރުވެސް ކުރި ކަމެއް ނޫނެވެ. ޕާކިސްތާނު އަތުން ރާއްޖެ މި ބަލިވީ 35 އަހަރު ފަހުންނެވެ. އެންމެ ފަހުން ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 1991ގެ ސާފް ގޭމްސް ފައިނަލްގައެވެ. ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް، ސަރަހައްދީ ތިން ޓީމަކަށް ދައުވަތު ދީގެން ގަލޮޅު ދަނޑުގައި ކުޅުނު ޑައިމަންޑު ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމަންޓުގައި އެއްވެސް މެޗަކުން މޮޅުނުވެ ރާއްޖެ ދިޔައީ ފުލަށެވެ. އެހެންކަމުން ރާއްޖޭގެ ފިރިހެން ޓީމަކީ ސަރަހައްދީ ގަދަ ބާރެއްގެ ގޮތުގައި އޮތް އޮތުން މިއަދު މިވަނީ ނެތިގެން ގޮސްފައެވެ.

މީގެ އިތުރުން، ދެކުނު އޭޝިއާގެ ފުޓްބޯޅައިން މިހާރު ފާހަގަކުރެވޭ އެހެން ބޮޑު ބަދަލެއް އެބައޮތެވެ. އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާއިން މިހާރު ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ، އެ ގައުމުތަކަށް ނިސްބަތްވާ މޮޅެތި ކުޅުންތެރިން ގައުމީ ޓީމުތަކަށް ނަގައި ކުޅުވަން ފަށައިފައެވެ. ސްރީލަންކާގެ ޓީމަށް އެކަނި ބަލައިލިޔަސް މިކަން ސާފުވާނެއެވެ. ޔޫރަޕްގެ ލީގުތަކުގައި ކުޅޭ، ސްރީލަންކާއަށް އުފަން ކުޅުންތެރިން ގެނެސްގެން އެ ޓީމު މިހާރު ވަނީ މުޅިން ބަދަލުކޮށްލައިފައެވެ. އެމީހުންގެ ކުޅުމުގެ ފެންވަރާއި ޓެކްޓިކަލް ވިސްނުން ހުރީ ދިވެހި ކުޅުންތެރިންނަށްވުރެ މާ މަތީގައެވެ.

ކުޅިވަރު ސިޔާސީކުރުމުގެ ހުތުރު ސަގާފަތް

ދިވެހި ފުޓްބޯޅަ މިއަދު މި އޮތް ފުން ވަޅުގަނޑަށް ވެއްޓުމުގެ އަސްލަކީ ހަމައެކަނި ބަޖެޓުގެ މައްސަލައެއް ނޫނެވެ. މިއީ ރާއްޖޭގައި އުފެދުނު ހުރިހާ ސަރުކާރުތަކަކުން ކުޅިވަރު، ޚާއްސަކޮށް ފުޓްބޯޅަ، އިންތިހާއަށް ސިޔާސީކޮށް، ދަށުދަރަޖައެއްގެ ސިޔާސީ ހަތިޔާރަކަށް ހެދުމުގެ ހިތި ނަތީޖާއެވެ. ކޮންމެ ވެރިކަމެއްގައިވެސް ފުޓްބޯޅަ ބޭނުންކުރީ ޒުވާނުންގެ ވޯޓު ހޯދުމަށާއި، ސިޔާސީ ނުފޫޒު ފެތުރުމަށެވެ. ސިޔާސީ ބޭނުމަށް ކްލަބްތައް ގަނެވިއްކައި، ފުޓުބޯޅަ ނީލަންކިއުމުގެ ސަބަބުން ދިވެހި ކުޅިވަރުގެ، ހާއްސަކޮށް ފުޓުބޯޅައިގެ މުޅި ނިޒާމު މިވަނީ ކޮރަޕްޝަނާއި، ވައްކަމާއި، އެސޯސިއޭޝަން ތަކުގެ ވަސީލަތްތަކުގެ ނާޖާއިޒު ބޭނުން ހިފުމުގެ ހާއްޔަކަށް ވެފައެވެ.

މާޒީ އަށް ބަލައިލުމުން މިކަން ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ސަރުކާރުތަކުން ސިޔާސީ ބޭނުމަށްޓަކައި، އެއްވެސް ސްޓްރެޓީޖިކް ވިސްނުމެއް ނެތި، ރަށްރަށުގައި ބޮޑެތި ޚަރަދުތައް ކޮށްގެން ސަތޭކައަށްވުރެ ގިނަ ޓާފް ދަނޑު އެޅިއެވެ. މަގްސަދަކީ ކުޅިވަރު ތަރައްގީކުރުމެއް ނޫނެވެ؛ މަގްސަދަކީ އިންތިޚާބުތަކާ ދިމާކޮށް ރަށްރަށުގެ ވޯޓު ކަށަވަރުކުރުމެވެ. ނަތީޖާއަކަށްވީ، އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައި ހުރި އެ ދަނޑުތައް މިއަދު މަރާމާތު ނުކުރެވި، ވިނަގަނޑު ހަލާކުވެ، ބޭނުންނުކުރެވޭ މުދަލަށް ވުމެވެ. އެ ފައިސާއިން ގައުމީ ފެންވަރުގެ އެކަޑަމީތަކެއް ބިނާކުރިނަމަ، މިއަދު ދިވެހި ފުޓްބޯޅަ އޮންނާނީ މުޅިން އެހެން ހިސާބެއްގައެވެ.

ހަމަ އެއާއެކު، ސަރުކާރުގެ ބާރުގެ ދަށުގައި ހުންނަ ކުންފުނިތައް މެދުވެރިކޮށް، ސިޔާސީ ނުފޫޒުން ކްލަބްތަކަށް ފައިސާ ބެހުމުގެ ނާޖާއިޒު އޮއިވަރެއް އުފެއްދިއެވެ. ވަކި ސަރުކާރަކަށް ތާއީދުކުރާ ކްލަބްތަކަށް މިލިއަނުން ފައިސާ ލިބުނުއިރު، ސިޔާސީ ގޮތުން ބާރެއް ނެތް ކްލަބްތައް ނެތިގެންދިޔައެވެ. އަދި ވެރިކަން ބަދަލުވުމާއެކު، އެއްވެސް ހަމައެއް ނެތް ގޮތުގައި އެ ފަންޑުތައް ކަނޑައިލުމުން، މުޅި ފުޓުބޯޅަ ލީގުތައް އެއްކޮށް ބަނގުރޫޓުވެގެން ދިޔައެވެ.

ކުޅިވަރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރަނީ ގާބިލުކަމަށް ބަލައިގެންނެއް ނޫނެވެ؛ އެފަދަ މަޤާމްތައް ވެފައިވަނީ އެކި މީހުން ސިޔާސީ ޕާޓީތަކަށް ކޮށްދޭ ބޭކާރު ޚިދުމަތްތަކުގެ ހަދިޔާގެ ގޮތުގައި ދޭ މަޤާމްތަކަކަށެވެ. މި ހުތުރު ސިޔާސީ ކުޅިގަނޑުގެ ސަބަބުން ފުޓްބޯޅައިގެ ޕްރޮފެޝަނަލްކަން ގެއްލި، މުޅި ކުޅިވަރު މިވަނީ ސިޔާސީ މީހުންގެ ފޮނިދެއްކުމުގެ މައިދާނަކަށް ބަދަލުވެފައެވެ.

ފަޅުވަމުންދާ ދަނޑުތަކާއި ގެއްލިފައިވާ ރަންޒަމާން

ފުޓްބޯޅަ ހަލާކުވަމުންދާކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ މިއަދު އަޅުގަނޑުމެންގެ ލޯކަލް ލީގު މެޗުތައް ކުޅޭއިރު ގަލޮޅު ދަނޑުން ފެންނަ ހިތި މަންޒަރެވެ. ދަނޑުތައް އޮންނަނީ މުޅިން ކަހަލަ ގޮތަކަށް ފަޅަށެވެ. މެޗުތައް ބަލާނެ ސަޕޯޓަރަކު، ފޮލޯވަރަކު މިއަދަކު ނެތެވެ. ހަތްދިހައާއި އަށްޑިހައިގެ އަހަރުތަކުގައި، އަދި ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ދިވެހި ފުޓްބޯޅައިގައި އޮތް ފޯރިއާއި ޖޯޝް މިއަދު މިވަނީ މުޅިން ފަނާވެފައެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ލެގޫންސް، އޭދަފުށި، ހުރާ ފަދަ ކްލަބްތަކުގެ ވާދަވެރިކަމުން މުޅި ގައުމު ބައިބަޔަށް ބަހާލައި، ގަލޮޅު ދަނޑު ފުރާލި ރަންޒަމާން މިއަދު ތާރީޚީ ވާހަކައަކަށް ވެއްޖެއެވެ. އެ ދުވަސްވަރު ދިވެހިންގެ ދިރިއުޅުމުގެ އެއް ބައަކީ ފުޓްބޯޅައެވެ. ކޮންމެ މެޗަކީ ގައުމީ އީދެއް ފަދަ ފޯރިއެއް އޮތް ކަމެކެވެ.

އެ ދުވަސްވަރު ދިވެހި ފުޓްބޯޅައިގެ ވިންދަކީ ދަނޑަށް ވަންނަ އެތައް ހާސް ސަޕޯޓަރުންނެވެ. އެ ފޯރިއާއި އެ ލޯކަލް ސަޕޯޓް އަނބުރާ ނުގެނެސް، ދިވެހި ފުޓްބޯޅައަށް ކުރިއަށްދާނެ އެއްވެސް މަގެއް ނެތެވެ. ސަރަހައްދީ ބޮޑެތި ބާރުތަކާ އަޅުގަނޑުމެންނަށް ވާދަކުރެވޭނީ، ފުރަތަމަ ގައުމީ ފެންވަރުގައި ފުޓްބޯޅައަށް އޮތް އާންމުންގެ އިތުބާރާއި ޝައުގުވެރިކަން ދިރުވައިގެންނެވެ. ނަމަވެސް، މިއަދު ދިވެހި ޕްރިމިއާ ލީގު އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައެވެ. ކްލަބްތަކަށް މާލީ އެހީތެރިކަން ދޭނެ ނިޒާމެއް ނެތެވެ. ސުޕަ ޔުނައިޓެޑް ފަދަ ކްލަބްތައް ބަނގުރޫޓުވެގެން ލީގުން ވަކިވާންޖެހުނުއިރު، އަޅުގަނޑުމެންގެ ލީގުގެ ޓޮޕް-ސްކޯރާ ލިސްޓުން އަދިވެސް ފެންނަނީ 40 އަހަރުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި 37 އަހަރުގެ އަލީ ފާސިރު (ސެންޓޭ) ފަދަ ލެޖެންޑުންނެވެ. މިއީ އާ ޖީލެއް ބިނާކުރުމުގެ ނިޒާމު މުޅިން ހަލާކުވެ، ޔޫތު އެކަޑަމީތައް ހުއްޓިފައިވާ ކަމުގެ ހިތާމަވެރި ހެއްކެކެވެ. އާ ކުޅުންތެރިން އުފެދޭ މިންވަރު ވަރަށް ބޮޑުތަނުން މަދު ވެއްޖެއެވެ. އެފަދަ ކުޅުންތެރިން އުފެދޭނެ މާހައުލެއްވެސް ނެތެވެ. ސަޕޯޓަރުން އަދި އަމުދުން ނެތެވެ. ކްލަބްތައް ބަނގުރޫޓު ވެއްޖެއެވެ. ހަރުދަނާ ކުޅިވަރުގެ ސިޔާސަތެއް ނެތެވެ.

ކަރުދާސްމަތީގެ ކުރިއެރުމާއި ބޭކާރު ޚަރަދުތައް

ކޮންމެ ބޮޑު ކްލަބަކަށް އަސާސީ ޓާފް ދަނޑަކާއި ޒަމާނީ ޖިމް ފެސިލިޓީއެއް ވެސް ހޯދޭނެ ނިޒާމެއް ނެތް ޤައުމެއްގައި، ވޯޓާ-ޕޯލޯއިން ފެށިގެން ގޮސް ސޫމޯ ރެސްލިން އާއި ޕެރަލިމްޕިކްސްއާ ހަމައަށް ހުރިހާ ކުޅިވަރަކުން ދާއިމީ ކުރިއެރުމެއް ހޯދިދާނެއޭ ހީކުރުމަކީ ބިއުރޯކްރެޓިކް މޮޔަކަމެކެވެ. ބައިނަލްއަގުވާމީ ލިޔެކިޔުންތަކުގައި "ހުރިހާ ކުޅިވަރެއް އާލާކުރާ" ގައުމެއްގެ ގޮޅިއަށް ފެތުމަށްޓަކައި، ދިވެހި ކުޅިވަރާ ބެހޭ ވުޒާރާއިން ކަބައްޑީ ނުވަތަ ސުމޯ ރެސްލިން ތައާރަފުކުރިޔަސް ހައިރާންވާކަށް އަޅުގަނޑު ނެތީމެވެ. މިއީ ހަގީގީ ރިއަލިޓީއާ ދުރު، ހަމައެކަނި ރިޕޯޓުތަކުގައި ފާހަގަޖަހާލުމަށް ކުރާ ކަންކަމެވެ. މިއީ ސިޔާސީ ގޮތުން "ހުރިހާ ދިމާއަކަށް ހަމަހަމަ" ކަމަށް ދެއްކުމަށް ކުރާ ބޮޑު އިސްރާފެކެވެ. މިކަމުގެ ހުރިހާ ގެއްލުމެއް ލިބެނީ ދިވެހި ކުޅިވަރަށެވެ. ހާއްސަކޮށް ދިވެހިން އެންމެ ފޯރިހުންނަ ފުޓުބޯޅައަށެވެ.

ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދުކޮށްގެން އަންހެން ފުޓްބޯޅަ ފަދަ، ބައިނަލްއަގުވާމީ ފެންވަރުގައި އެއްވެސް ވާދަވެރިކަމެއް ނުދެވޭ ކުޅިވަރުތަކަށް ފަންޑު ދިނުމަކީ ސްޓްރެޓީޖިކް ގޮތުން ހެދޭ ބޮޑު ގޯހެކެވެ. އަޅުގަނޑުމެންގެ އަތުގައި ހުރި މަދު ފައިސާކޮޅު މިފަދަ ކަންކަމަށް ބަހާލުމުން، އެއްވެސް ކުޅިވަރަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭނެއެވެ. ޖެހެނީ ދެ މީދާ ފެހި ބުޅަލަށް ޖެހުނު ހާލެވެ. އަންހެން ފުޓުބޯޅައިން ވެސް ސުމެއް، އަދި ފިރިހެން ފުޓުބޯޅައިންވެސް ސުމެކެވެ. އަންހެން ފުޓްބޯޅައަށް ކުރާ ޚަރަދުން ލިބޭ ހަމައެކަނި ނަތީޖާއަކީ ބައިނަލްއަގުވާމީ މައިދާނުގައި ލިބޭ ބޮޑެތި ބަލިވުންތަކެވެ. މިއީ ކުޅުންތެރިންގެ ކުށެއް ނޫނެވެ؛ އެ ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ އަސާސީ ބިންގަލެއް ނެތް ގައުމެއްގައި، ހަމައެކަނި މުބާރާތްތަކަށް ޓީމުތައް ފޮނުވުމަކީ ބޭކާރު ކަމެކެވެ.

"ހުރިހާ ކުޅިވަރެއް ކުރިއެރުވުމުގެ" މި ހާސިލުނުކުރެވޭނެ ވަހުމުގެ ސަބަބުން، ދައުލަތަށް މިވަނީ މާލީ ބޮޑު ބުރައަކަށް ވެފައެވެ. ކޮންމެ ކުޅިވަރަކަށް ބަޖެޓުން ބައިއެޅުމުގެ ނަތީޖާއަކީ، ގައުމުގެ މައިގަނޑު ކުޅިވަރު—ފިރިހެން ފުޓްބޯޅަ—އެތެރެއިން އެތެރެއަށް ކުނިވެ ފުޅައެޅުމެވެ. މީގެ ބަދަލުގައި، އަޅުގަނޑުމެންގެ ސަމާލުކަން ބަހައްޓަންވީ އެންމެ ދާއިރާއަކަށެވެ. އެއީ ތާރީޚީ ގޮތުންވެސް ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދިން ފިރިހެން ފުޓްބޯޅަ އާއި ބެޑްމިންޓަން، އަދި ވޮލީ ފަދަ ކުޅިވަރުތަކަށެވެ. އެހެން ހުރިހާ ކުދި ކުޅިވަރުތަކަށާއި ނަތީޖާ ނުނެރެވޭ އަންހެން ފުޓްބޯޅަ ފަދަ ދާއިރާތަކަށް ދޭ ބަޖެޓްތައް ކަނޑާލައި، އެ ފައިސާ ފިރިހެން ފުޓްބޯޅަ ފަދަ ބޮޑެތި ކުޅިވަރުތަކަށް ހުސްކުރަންޖެހެއެވެ.

އަމިއްލަ ފައިމައްޗަށް ތެދުވުމާއި ފަންނީ މާހިރުންގެ ބޭނުން ހިފުން

ދިވެހި ފުޓްބޯޅަ އަބަދު ސަރުކާރުގެ ސަބްސިޑީތަކަށާއި، ކުންފުނިތަކުގެ މަޖުބޫރު ސްޕޮންސާޝިޕްތަކަށް ނުވަތަ ހިލޭ އެހީތަކަށް ބަރޯސާވެގެން އޮތް އޮތުން ނިމުމަކަށް އަންނަންޖެހެއެވެ. ފުޓްބޯޅައަކީ އަމިއްލަ ޒާތުގައި ފައިސާ އުފެއްދޭނެ، މާކެޓް ކުރެވޭނެ އަދި ފަންޑު ހޯދޭނެ ފަދަ ވިޔަފާރީގެ ބޮޑު ސިނާއަތަކަށް ހެދިދާނެ ކުޅިވަރެކެވެ. ނަމަވެސް އެކަން ކުރެވޭނީ މިހާރު މިއޮތް އަމާޒެއް ނެތް އިދާރީ އޮނިގަނޑު މުޅިން ބަދަލުކޮށް، ގައުމުގައި ތިއްބެވި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ބޭނުން ހިފައިގެންނެވެ. އަޅުގަނޑުމެންގެ ގައުމުގައި ދިވެހި ފުޓްބޯޅަ ބަދަލުކޮށްލެވޭނެ ފަދަ ފުންނާބުއުސް، ގާބިލު މާހިރުން އެބަތިއްބެވިއެވެ. ހާމިދު އަބްދުލްޣަފޫރު، ކުޑަ ހުސައިން، މަރުޒޫގް، ޒިނާން، އަދި "ހަވީރު" ނޫހުގެ ކުރީގެ ކުޅިވަރު އެޑިޓަރު މޫސާ ލަތީފް ފަދަ ބޭފުޅުންނަކީ ދިވެހި ފުޓްބޯޅައިގެ އެތެރެއާއި ބޭރު އެންމެ ފުރިހަމައަށް ދެނެވަޑައިގަންނަވާ، ބައިނަލްއަގުވާމީ ތަޖުރިބާ ހުރި ފަރާތްތަކެކެވެ. ދިވެހި ފުޓްބޯޅަ އަލުން ބައްޓަންކުރުމަށްޓަކައި އެފްއޭއެމްގެ ދަށުން، މުސާރައެއް ނުނަގާ ގޮތަށް މަސައްކަތްކުރާ ޚާއްސަ ކޮމިޝަނެއް، މިފަދަ ބޭފުޅުންނާ އެކު އެކުލަވާލަންޖެހެއެވެ. މިފަދަ ކޮމިޝަނެއްގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ފުޓްބޯޅައިގެ އިދާރީ ނިޒާމު އިސްލާހުކުރުމާއި، ވަރުގަދަ މާކެޓިން އަދި ޕަބްލިކް ރިލޭޝަންސް ކެމްޕޭންތަކެއް ހިންގައިގެން އަނބުރާ ދަނޑަށް ސަޕޯޓަރުންނާއި ކްރައުޑް ވެއްދުމެވެ. ސަޕޯޓަރުން ދަނޑަށް ވަދެ، ކުޅިވަރުގެ ފޯރި ހިފުމުން، އަމިއްލަ ވިޔަފާރިތަކުން ދައުލަތުގެ މަޖުބޫރުކަމެއް ނެތް ގޮތުގައި ފުޓްބޯޅައަށް އިންވެސްޓްކުރަން ފަށާނެއެވެ.

ކަންކަން އިސްކުރުމުގެ ސިޔާސަތެއް

ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދިވެހި ކުޅިވަރު ސަލާމަތްކުރަން ބޭނުންނަމަ، ދައުލަތުން ޖެހޭނީ ހަރުދަނާ، އަދި ފަސްޖެހުމެއްނެތް "އިސްކަންދިނުމުގެ ސިޔާސަތެއް" ގެންގުޅޭށެވެ. އަޅުގަނޑުމެންގެ އަތުގައި ހުރި ޖިއޮގްރަފިކް އަދި މާލީ ލިމިޓް ތަކަށް އެއްބަސްވެ، ތަނަވަސްކަމުގެ ވަހުމުން ބޭރުވާންޖެހެއެވެ. އެކި އެކި ކުދި ކުޅިވަރުތަކަށް ބަޖެޓް ކޮށާލުމާއި، ކުޅިވަރުގެ ތެރެއަށް ސިޔާސީ އަތްތައް ބޭނުން މުޅިން ހުއްޓާލަންޖެހެއެވެ.

ކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، ދާދިފަހުން އެފްއޭއެމް 150 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ދަރަނިވެރިވެ، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ބަދުނާމުވުމުން ފީފާ (ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަން) އިން ނޯމަލައިޒޭޝަން ކޮމިޓީއެއް ހަދަންޖެހުނު ހިސާބުން ފެށިގެން، ދިވެހި ފުޓްބޯޅަ އިދާރީގޮތުން އޮތީ ސުންނާފަތިވެފައެވެ. ސަރުކާރުގެ ކުންފުނިތަކަށާއި، ހޮސްޕިޓަލްތަކަށާއި، ހޮޓާތަކަށް އެފްއޭއެމް އިން ދައްކަންޖެހޭ ދަރަނި، މިލިއަނުން އެބަހުއްޓެވެ. މިއީ މުޅި ފުޓުބޯޅައިގެ ނިޒާމުގެ އިތުބާރު ގެއްލިފައިވާ ކަމުގެ ހެއްކެކެވެ. މިފަދަ ދަނޑިވަޅެއްގައި، ކުޅިވަރުގެ ބަޖެޓް އެކި ކަހަލަ ބޭކާރު ކަންކަމަށް ހޭދަކުރުމަކީ ގައުމީ ޖަރީމާއެކެވެ.

ދައުލަތުން މިލިއަނުން ރުފިޔާ ޚަރަދުކޮށްގެން އަންހެން ފުޓްބޯޅަ ފަދަ ނަތީޖާ ނުނެރެވޭ ކަންކަމަށް ސަބްސިޑީ ދިނުން މުޅިން ހުއްޓާލަންޖެހެއެވެ. އަދި އެ އަގުހުރި ފައިސާ، ފިރިހެން ފުޓްބޯޅަ ކޮޅަށް ޖެހުމަށް މިއަދުން މިއަދަށް ބަދަލުކުރަންޖެހެއެވެ. ފިރިހެން ފުޓްބޯޅައަކީ ދިވެހި ކުޅިވަރުގެ ވިންދެވެ، ތާރީޚެވެ، އަދި ވިޔަފާރީގެ ގޮތުންވެސް އަމިއްލައަށް ކުރިއެރުވޭނެ އެންމެ ބޮޑު ކުޅިވަރެވެ. މިއީ ސަރަހައްދީ ކާމިޔާބީ ހޯދައި، ރާއްޖޭގެ އާންމުންގެ ހަގީގީ ޝައުގުވެރިކަން މިހާތަނަށް ދަމައިގަނެވުނު ހަމައެކަނި ދާއިރާއެވެ.

އެފްއޭއެމްގެ ފޮރެންސިކް އޮޑިޓްތަކާއި އިދާރީ މައްސަލަތައް ހަމަޔަކަށް އެޅުވުމަށްފަހު، ދެން ކުރަންވީ ކަމަކީ ފިރިހެން ފުޓްބޯޅައިގެ ޔޫތު އެކަޑަމީތައް ބިނާކުރުމާއި ދިވެހި ޕްރިމިއާ ލީގުގެ މާލީ ދުޅަހެޔޮކަން އަނބުރާ ހޯދުމަށް ހުރިހާ ރައުސްމާލެއް އޮއްސާލުމެވެ. ކުޅިވަރުން ސިޔާސީ ނުފޫޒުތައް ދުރުކޮށް، މި ދާއިރާ ހިންގުން ގައުމުގެ ފަންނީ ތަޖުރިބާކާރުންނާ ހަވާލުކުރަންޖެހެއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައި، ދައުލަތުގެ ބަޖެޓުން ހިންގާ ކުޅިވަރުގެ ބޭކާރު "ސިޔާސީ ފޮނި ދެއްކުމުގެ" ހަރަދުތައް ހުއްޓާލަންވީ ވަގުތު މިއޮތީ އައިސްފައެވެ. އަޅުގަނޑުމެންގެ ސަރަހައްދީ ވާދަވެރިން—އެމީހުންގެ ބޮޑެތި އާބާދީތަކާއި ބޭރުން ގެންނަ ކުޅުންތެރިންނާއެކު—އަޅުގަނޑުމެން ފަހަތަށް އެއްލާލުމުގެ ކުރިން، ގައުމުގެ ފަޚުރާއި، ވަގުތާއި، ފައިސާ އަޅުގަނޑުމެންގެ ހަމައެކަނި ބާރަށް އޮއްސާލަން އެބަޖެހެއެވެ. ފުރަތަމަ ފުޓްބޯޅަ ސަލާމަތްކުރަމާ ހިންގަވާށެވެ.