އަހަރަކަށް ހިޖުރީގޮތުން އައު ޖެހުނު ހިނދު ޖީލުން ފަށާން
ރަހަތަކުން ފޮނި މަރުހަބާ ކިޔަމުން އަހަރު ވީ އަދު ފަށާން
ކާބަފައިން އެޅި ފިޔަވަޅަށް ތަސްލީމުގައި ތާއީދުކޮށް
ލާބަޔާ މަންފާގެ ދޮރުތައް ހުޅުވުމަށް ވީ އަދު ފަށާން
ބިންތަކަށް ގަދަރާއި ހުރުމަތް ތާއަބަދު އޮންނާނެހެން
އިންތަކަށް ރައްކައުވެ ތިބެ ދަނޑުތައް ކޮށަންވީ އަދު ފަށާން
އުލްފަތާ ލޯބީގެމޭވާ އަތްތަކުން ބިނދެވޭނެހެން
ސުލްހައާ މަސްލަހަތުގައި ގަސްތައް ރުވަންވީ އަދު ފަށާން
ބަރަކަތާ ރަޙުމަތުގެ ފޭރާމުން ވެދާ ޒީނަތް އޮމާން
ހަރަކަތާއި މުރާލިކަން ދީބުން އަލުން ވީ އަދު ފަށާން
ދަރުސްތައް ހިޖުރީ ގެނެސްދިން އިބުރަތާއި ފިލާވަޅުން
ފުރުސަތެއް އަރުތައިގެ ހޯދަން ދަތުރަކަށް ވީ އަދު ފަށާން
