Support Us

ހިޔާ ޓަވަރު 13، 14، 15 ގައި ހަރުކުރި އިތުރު ލިފްޓުތައް އާންމުންނަށް ހުޅުވައިލައިފި

ހުޅުމާލޭ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކޮށް އާންމުންނަށް ހުޅުވައިލައިފިއެވެ.

އެޗް.ޑީ.ސީން ބުނާގޮތުގައި މިހާރު ކުރިއަށްދަނީ ނުނިމި ހުރި ހަމައެކަނި ޓަވަރު ކަމަށްވާ 16 ވަނަ ޓަވަރުގެ ދެ ލިފްޓުގެ މަސައްކަތެވެ.

"ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީކުރިއިރު އެ ތަންތަނުގައި ހަރުކޮށްފައިވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ." އެޗް.ޑީ.ސީން ބުންޏެވެ.

"އެގޮތުން ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރާ އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެއެވެ."