Support Us

ކޮލަމް: ތަޖޫގެ ދުލުން

މަށަކީ ފިނޑިއެކެވެ.

މަށަކީ ފިނޑިއެކެވެ. މަށަކީ ނުކުރޭ މީހާއެވެ. ކެރޭ މީހަކު ހޯދާފައި ކަލޭ ތި ނަސޭހަތް އޭނާއަށް ދޭށެވެ. މަށަށް ރަނގަޅީ މަ ބިޒްނަސް މައިންޑަކަށް ހަދައިދޭން ކަލޭ ނޫޅުނިއްޔާއެވެ. ތިޔަ ބުނާ ނަސީބެއް މަގޭ އަތުގައި ނުހިފިއަކަސް މަށަށްހެވެ. މަ މީ އަންއެޑިޔުކޭޓެޑް މީހެކެވެ. ގަމާރެކެވެ. މަ ގަޅީއެވެ. މަ ޑަޑެވެ. މަގޭ ޑަޑްކަންމަތީ މަ ބަހައްޓާށެވެ. އޯކޭ ނޫން ހެއްޔެވެ؟

ކަލޭ މަށަށް ކިތަންމެ ވަރަކަށް ވިސްނައިދޭން އުޅުނަސް މަށަކަށް ނުވިސްނޭނެއެވެ. ވައްކަމަކަށް ނުރުހެވޭނެއެވެ. ރިޝްވަތެއް ނުކެވޭނެއެވެ. އަހަރެންގެ މައިންބަފައިން އަހަރެން ގެންގުޅެ ބޮޑުކުރީ ހަރާންތަކެތި ކާންދީގެނެއްނޫނެވެ. މަގޭ އެންމެ ގުނަވަނެއްގައި ވެސް ހަރާން މަސްކޮޅެއް ޖަހައިފައި ނުހުންނާނޭ ޔަގީންކަމާއެކު މަށަށް ބުނަންކެރޭނެއެވެ. މަގޭ ފަގީރު ހާލަތާއިމެދު މަނުވާ ކަންބޮޑުވުމެއް ކަލޭ ތިވާ ސަބަބެއް މަށަކަށް ނޭނގެއެވެ.

ކަލޭ ތިބުނާހެން މަށަށްވެސް މުއްސަންޖަކަށް ވެވިދާނެއެވެ. އެކަމަކު މަ އެގޮތެއް ބޭނުމެއްނޫނެވެ. މަގޭ މާޒީ މަށަށް އެބަފެނެއެވެ. އަހަރެން ބޮޑުވެފައި މިހުރީ ފެން ގަރުދިޔަ ކޮޅަކާއި ރޭ ހުރި ބަތްކޮޅުވެސް ކައިގެންނެވެ. މީހުންގެ ދަރީންލާ ބާކޮށްފައި ހުންނަ އަންނައުނު ވެސް ލައިގެންނެވެ. މަ އެކަމާ ލަދެއް ނުގަންނަމެވެ. ދެރައެއް ވެސް ނުވަމެވެ. މަގޭ ދަރީންނަށް ވެސް މަ މި ދަސްކޮށްދެނީ އެ ގޮތެވެ. ހުސް ގަރުދިޔަފޮދު ވެސް އެކުދީންނަށް އޯކޭ ވާނެއެވެ. މަސްކޮޅެއް ނެތިގެން ޝަކުވާއެއް ނުކުރާނެއެވެ. "ގަރުދިޔަފޮދެކޭ" ބުނީމާ ކަލޭ އަނގައަށް ތިޔޮއް ހަދައިލި ގޮތެއްދޯއެވެ؟ ދެ ދުވަސް ކުރީން މީހަކު ބާނާފައި އެއްލައިލައިފައި އޮންނަ ފާނައެއްގެ އަނގަވެސް ތިޔަށްވުރެ ތާހިރުވާނެއެވެ.

ކަލޭ މިހާރު ހާދަ ފޮނިވެއްޖެއެވެ. އަހަރެންގެ ބޮޑުބޭބެގެ ދަރިއަކުލާ ބާކޮށްފައި އޮތް ޖިންސުގަނޑެއް ކަލޭ ލައިގެން ހުއްޓާ މަގޭ މި ދެލޮލުން ދުށީމެވެ. މިހެން ބުނީމާ ކަލޭ ބުނާނެއެވެ. އެއީ މާ ކުރިއެވެ. އޭރު އެންމެން ވެސް އުޅުނީ އެހެންނެވެ. މިހާރަކަށް އެ ގޮތެއް ކަމަކު ނުދާނެއެވެ. މިހާރު ލާރި ލިބެއެވެ. ފައިސާ ހޯދަނީ އުފަލުގައި ދިރިއުޅޭށެވެ. އަރާމުގައި ދިރިނޫޅެވެންޏާ ކީއްކުރާ ފައިސާއެއް ހެއްޔެވެ؟

ރަނގަޅެވެ. މަސައްކަތްކުރަންވީއެވެ. ފައިސާ ވެސް ހޯދަންވީއެވެ. އެކަމަކު އެއީ ޙަލާލު ފައިސާދޯއެވެ؟ ހަށިވިއްކައިގެންނާއި ރިޝްވަތު ކައިގެންނާއި ވައްކަންކޮށްގެންނާއި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދީމަކާ އަދި ކަމަކު ނުދާނެދޯއެވެ؟ މަމީ ސަރުކާރުގައި މެދުނުކެނޑި 21 އަހަރުވަންދެން އުޅެފައި ހުރި މީހެކެވެ. ހަމަ އެންމެ ބޮޑު މުސާރައާއި އިނާޔަތްތައް މަށަށް ވެސް ލިބުނެވެ. މަގޭ ގެގަނޑު އެ އޮތީ ބޮލަށް ވެއްޓިފައެވެ. ކަލޭ ސަރުކާރަށް ވަންތާ އަދި ދެ އަހަރުނުވެއެވެ. ކަލޭ ދިރިއުޅޭ އެޕާޓްމަންޓަށް 23 ހާސްރުފިޔާ މަހު ކުއްޔަށް ދައްކައިފައި ދެ މަހުން ދެ މަހުން ފޯނު އާކޮށްފައި އަހަރަކު ސައިކަލެއް ތިގަންނަ ތިއަރީ އަޅެ މަށަށް ބުނެދީބަލާށެވެ. މަހަކު ދެތިން ފަހަރު މަޖާކޮށްލަން ރިސޯޓުތަކަށް ތި ދާގޮތަކާއި އަހަރަކު ތިން ހަތަރު ފަހަރަށް ބެންކޮކަށް، ލަންކާއަށް ތި ޖައްސާލާ ގޮތެއް މަށަށް ކިޔައިދީ ބަލާށެވެ. ދުވާލަކު ދިހަބާރަ ކޮފީ ބިލް ތި ކަނޑައިލާ ގޮތެއް މަށަށް ބުނެދީބަލާށެވެ. ކަލެއަކީ ހަމަގައިމު ވެސް ޖާދޫގަރެއްނޫނެވެ. ސިހުރުވެރިއެއް ވެސް ނޫނެވެ. ހަމަ ގައިމުވެސް ތަށިމަތީ އިށީންނަ ކޮންމެ ފަހަރަކު ފައިސާއެއް ނުފައިބާނެދޯއެވެ؟

މަ އެންމެ އަޖައިބުވަނީ ކަލޭ ރިޝްވަތެއް ނުހިފަމޭ ބުނާތީއެވެ. ރަނގަޅެވެ. ކަލޭ އެއްފަހަރު ވެސް "މީ ރިޝްވަތޭ" ކިޔާފައި ފައިސާއެއް ނުނަގައެވެ. އެކަމަކު 'ސަޔަށް' އެއްޗެއް ނަގަމެއް ނޫންހެއްޔެވެ؟ ކަލޭ ތިޔަ އުޅޭ އޮފީހުން ޚިދުމަތެއް ހޯދަންވެގެން މަގޭ ރައްޓެއްސަކު ހިނގާހިނގާ އުކުޅުވަޅު ފާރުވީފަހުން އެކަން ވާނެގޮތެއް ބަލައިލަދީބަލާށޭ ކަލޭގާތު ބުނީމާ ކަލޭ ކަންތައް ކުރި ގޮތް ހަނދާން އެބަހުރިހެއްޔެވެ؟ "ވަންނައިރު ކަނާއަތްފަޅީ މޭޒުކައިރީ އިއްބެކިޔާ ކަޅުވަރެއްގެ ސޮރެއް އިންނާނެއޭ އެ ސޮރާ ތިޔަ ފޯމު ޙަވާލުކޮށްލާށޭ 24 ގަޑިއިރުތެރޭ ކަންނިމޭނެޔޭ. އެ ސޮރު ހަތަރުހާސް ރުފިޔާ ސަޔަކަށް ނަގާނެޔޭ، ކޮންމެހެން މަ މިހެން ބުނިކަމަށް ނަހަދައްޗޭ" ކިޔާފައި އޭނަ އެ އިބްރާހީމްގެ ގާތަށް ފޮނުވައިގެން ކަލޭ ހަތަރުހާސް ރުފިޔާ ނަގައިގެން ކޭކަން މަ ދެނަހުރީމެވެ. އެއަށް ރިޝްވަތު ނުކިޔާ ކިޔޭނެ ނަމެއް އޮތްތޯ ބަސްކޮމެޓީން އަޅެ ސާފުކޮށްބަލާށެވެ.

ހަށިވިއްކުމުގެ ވިޔަފާރީން ވެސް ކަލޭ ފައިސާ ނަގާކަން މަށަށް އިނގެއެވެ. މަ މިހެން ބުނީމާ ކަލޭ ބުނާނެއެވެ. އެއީ ގަވާއިދުން ރެޖިސްޓްރީ ކޮށްގެން ހިންގާ މަސާޖުޕާލާއެކެވެ. އެތަނުން މަށަށް ލާރި އެ ލިބެނީ މަ ކުރި އިންވެސްޓަކަށެވެ. މަގޭ ޝެއަރއަށް މަށަށް ލިބޭ އެއްޗެއް ހަލާލުވާނެއެވެ. ހަމަ ގައިމުވެސް މަށެއް ހަށިވިއްކާކަށް ނުދަމެވެ.

ރަނގަޅެވެ. ކަލޭތީ ފިރިހެނެކެވެ. އަދި ހަށިވިއްކާކަށް ފިރިހެނުން ނުކުންނަ ހިސާބަކަށް މިރާއްޖޭގެ ކަންކަމެއް ނުދެއެވެ. އެކަމަކު އެތަނަށް ތިން މަހުން ތިން މަހުން ލޯކުޑަ ކުދިންނާއި ލޯބޮޑު ކުދިން ތިގެންނަނީ ކީއްކުރަން ކަން ކަލެއަށް ނޭނގިއެއް ނުހުންނާނެދޯއެވެ؟ މަ މިހެން ބުނީމާ ކަލޭ ބުނަން އޮންނާނީ އެ ފައިސާއަކުން މަގޭ އަނބިދަރީންނަކަށް ހަރަދެއް ނުކުރަމެވެ. ތި ދެފައިސާ އެއްކޮށްލުމަށް ފަހު ވަކިކުރަން އެނގުން ވެސް ތިއީ ވަރަށްބޮޑު އަޖައިބެކެވެ. އަނެއްކާ ކަލެއަށް ލިބޭ ހަރާން ފައިސާގައި "މީ ހަރާން ފައިސާ" އޭ ބުނަން ދުލެއްލައިފައި އޮންނަނީ ހެއްޔެވެ؟

އެކުވެރިޔާއެވެ! ކަލޭ ތި ޑީލް ކަޓްކުރަން ވާހަކަ ދައްކަން ދެން މިގޭ ދޮށަށް ނާންނައްޗެވެ. މަ ދުވަހަކު މުއްސަނދި ނުވިޔަސް ވަރިހަމައެވެ. ފެންގަރުދިޔަކޮޅުން މަގޭ އަނބިދަރިންނަށާއި މަށަށް ކެވޭނެއެވެ. އާދައިގެ ފޯނުގަނޑަކާއި މަ މި ދުއްވާ ބާ ސައިކަލްގަނޑު މަށަށް ފުދެއެވެ. މަގޭ އަނބިދަރިންގެ އަރުތެރެއަށް ލާކަށް އަލިފާން ހޯދައިގެނެއް މަށެއް ގެއަކަށް ނުގެންނާނަމެވެ. މަ އަންއެޑިޔުކޭޓް ކަންމަތީ ބަހައްޓާށެވެ. މަށަކީ ފިނޑިއެކެވެ.