Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ލާދީނީ ފިކުރާއި މަސްތުވާތަކެތީގެ ވަކާލާތު- ރައީސް ނަޝީދުގެ ސިޔާސީ ނެރޭޓިވްގެ އަނދިރި ފަރާތް!

"ދީނީ ގޮތުން ހައްދުފަހަނަޅައިފައިވާ މުސްލިމުން އަތުގައި ކޮންމެ ކަމަކަށް ޖަވާބެއް އޮވޭ! ކަލޭމެން އެމީހުންނަށް މެންދަމު ގަޑީގައި ގުޅައިލައިފައި، ޝައިޚްއޭ، މިއުޅެނީ ނުނިދިގެންނޭ ބުނުމުން، ޝައިޚް ބުނާނެ (ކިޔައިދޭނެ) ކީރިތި ޤުރުއާނުގެ ކޮންމެވެސް އާޔަތެއް، ނުވަތަ ރަސުލާގެ ޙަދީޘެއް، ނުވަތަ ރަސޫލާ ޢަމަލުކުރެއްވި ކޮންމެވެސް ގޮތެއް، ނުވަތަ މެންދަމު ނުނިދުމުން ޢަމަލުކުރަން ކަލާނގެ އަންގަވާފައިވާ ގޮތެއް! (ޝައިޚް) މިހެން ބުނުމާއެކު އެއްކަލަ މީހާ ވަގުތުން ނިދާ! އަހަރެމެން އަތަކު ނެތް (ދީނީ މި ޙައްލުގެ ބަދަލުގައި) ދޭނެ ހެލްޕްލައިނެއް. އަހަރެމެން އަތަކު ނެތް އޯލްޓަނޭޓިވް ނެރޭޓިވްއެއް (މި ދީނީ ކަންކަމުގެ ބަދަލުގައި ދެއްކޭނެ ހުއްޖަތެއް). މިފަދަ އޯލްޓަނޭޓިވް ނެރޭޓިވްއެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން. އިސްލާމްދީނުގެ ލިބަރަލް ވައްތަރެއް."

މިއީ ރާއްޖޭގެ ޑިމޮކްރަސީއާ ބެހޭގޮތުން، 2013 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވި ތަޤުރީރެއްގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެކެވެ. މި ބަސްކޮޅުން އެންމެ ފުރަތަމަވެސް ފާހަގަވަނީ، ދިރިއުޅުމުގެ ކަންކަމުގައި މުސްލިމުން ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ސުންނަތުންނާއި ޙަދީޘްފުޅުތަކުން ޙައްލު ހޯދުމަކީ، ނަޝީދުގެ ނަޒަރުގައި "ހައްދުފަހަނައެޅުން" ކަމެވެ. ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ އިރުޝާދުތަކުން މީހަކަށް ހިތްހަމަޖެހުން ލިބި، ނިދާ ވާހަކަ ވިދާޅުވެ، ރައީސް ނަޝީދު އެ ފުރައްސާރަ ކުރެއްވީ ސީދާ މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާ އަށާއި، މުޤައްދަސް ކަލާމްފުޅު (ކީރިތި ޤުރުއާން) އަށެވެ.

ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކިތަންމެ ވަރަކަށް މި ޙަޤީޤަތް އޮޅުވައިލަން އުޅުނަސް، އަދި ނޭނގޭ ކަމަށް ހެދިގެން ތިއްބަސް، މިއީ ފޮރުވޭނެ ހެކިތަކެއް ނޫނެވެ. ކޮންމެ އިންސާނަކީވެސް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އޮތްކަން ހަނދާންކުރަން ޖެހޭނެ މީހެކެވެ. މިއީ ހަމައެކަނި ސިޔާސީ ބަހުސެއް ނޫނެވެ. މިއީ ޢަޤީދާގެ މައްސަލައެކެވެ. މާތްﷲ އަށާއި ދީނުގެ މުޤައްދަސް ޝިޢާރުތަކަށް މިފަދަ ފާޅުކަން ބޮޑު ގޮތެއްގައި ހަޖޫޖަހައި، އިސްލާމްދީނާ އަދާވާތްތެރި ޑެންމާކުގެ ބޭރުގެ ޖަމާޢަތްތަކުގެ ކުރިމަތީގައި، އިސްލާމްދީނުގެ ހިދާޔަތުގެ މަގު ނޫން އެހެން "އޯލްޓަނޭޓިވް ނެރޭޓިވް" އެއް (މިނޫން ގޮތެއް) ހޯދަންޖެހޭ ކަމަށް ވިދާޅުވެ ނަޝީދު އެ އާދޭސްކުރެއްވީ އިސްލާމްދީނުގެ ޢަދާވާތްތެރިންގެ ގާތުގައެވެ.

ދެން އޮތީ މިއަށްވުރެ ވެސް ސީދާކޮށް ދީނުގެ އަސާސްތަކަށް ގޮންޖެއްސެވި އެހެން ވާހަކައެކެވެ. އެއީ 2008 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި، އެމަނިކުފާނުގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން މުޒާހަރާ ކުރަމުންދިޔަ ދުވަސްވަރެކެވެ. ލޮނުޒިޔާރަތްކޮޅުގައި ރައްޔިތުންގެ ބޮޑު މުޒާހަރާއެއް ހަވީރު ކުރިއަށްދަނިކޮށް، ހަމަ އެ ވަގުތު އާޓިފިޝަލް ބީޗުގައި ސަރުކާރުން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވި ބަސްކޮޅެއްގެ ހަނދާން އާކޮށްލަމާ ހިންގަވާށެވެ. އެދުވަހު ނަޝީދު ދިވެހި ރައްޔިތުންނާ ކުރިމަތިކުރެއްވި ސުވާލުތަކަކީ: "އަންހެންކުދިން ޚިތާނުކުރަން ޖެހޭތޯ؟ ނުވަ އަހަރުގެ ކުދިން ކައިވެނިކުރުވުން އެއީ ރަނގަޅު ކަމެއްތޯ؟ ޖާރިޔާއިން ގެންގުޅެވެން ޖެހޭތޯ؟" މިއެވެ.

މީގެ ތެރެއިން އެންމެ ނުރައްކާތެރި އަދި ފާހަގަކޮށްލެވޭ ނުކުތާއަކީ، އިސްލާމީ ތާރީޚާއި ޙަދީޘްތަކުގައި ސާފުކޮށް އެނގެން އޮތް ގޮތުން، މާތް ނަބިއްޔާ ﷺ، އުންމުލް މުއުމިނީން ޢާއިޝަތުގެފާނާ ކައިވެނި ބެއްލެވި އިރު އެކަމަނާގެ އުމުރުފުޅަކީ ނުވަ އަހަރު ކަމަށް ވާއިރު، މި ސުވާލުގެ ނިވާފަތްގަނޑުގައި ހުރެ ރައީސް ނަޝީދު އެ ޖަދަލުކުރެއްވީ ސީދާ ރަސޫލާ ﷺ އާއި ޢާއިޝަތުގެފާނުގެ މާތް ކައިވެނިފުޅަށްކަމެވެ. ނުސީދާ އިބާރާތުން ހަޖޫޖައްސެވީ އެ މުޤައްދަސް ކައިވެނިފުޅަށެވެ.

އެވަރުންވެސް، ލޯމަރާލައިގެން، ނޭނގޭ ކަމަށް ހަދައިގެން، މުނާފިޤުކަމާއެކު ނަޝީދަށް ތާއީދުކުރަން ތިބި ބައެއް ދިވެހިން ބުނާނީ އެއީ ނަޝީދު އެ މާނައިގައި ވިދާޅުވި ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް މިއީ ވީޑިއޯ އަދި އޯޑިއޯ ރެކޯޑިންތަކާއެކު ތާރީޚުގައި ސާފުކޮށް ލިޔެވި، ފެންނަން ހުރި ޙަޤީޤަތްތަކެވެ. މިއީ އެމަނިކުފާނު ބަދުނާމުކުރަން ދައްކާ ދޮގު ވާހަކަތަކެއް ނޫނެވެ. މިފަދަ ބޭފުޅަކަށް ލާ ވޯޓަކާއި، ނުވަތަ އެމަނިކުފާނަށް ތާއީދުކޮށް ބުނާ ބަހަކާ މެދު، ﷲގެ ޙަޟްރަތުގައި ހުއްޓި ހުންނަންޖެހޭ ދުވަހު ޖަވާބުދާރީވާން ޖެހޭނެކަން ހަނދާންކުރަންޖެހެއެވެ. މިއީ ދިވެހި މުސްލިމުންގެ ދީނަށާއި، މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ފާޅުގައި ގޮންޖަހައި، ތަކުރާރުކޮށް ފުރައްސާރަކުރައްވާ ސިޔާސީ ބޭފުޅެއްގެ ނުރައްކާތެރި ވާހަކަތަކެކެވެ.

ރައީސް ނަޝީދުގެ މިފަދަ ދީނީ ފިކުރުތަކުގެ އިތުރުން، އިސްލާމްދީނުގައި މާތްﷲ ކަނޑައަޅުއްވާފައިވާ މުޤައްދަސް ޙައްދުތަކާއި ޤާނޫނުތަކަށް އިންކާރުކުރައްވައި ދެއްކެވި ވާހަކަފުޅުތައްވެސް ތާރީޚަށްޓަކައި ރެކޯޑުކުރެވިފައި އެބަހުއްޓެވެ. ރާއްޖޭގެ ޤާނޫނުލްޢުޤޫބާތާ ބެހޭގޮތުން ވާހަކަދައްކަވަމުން ނަޝީދުގެ ވެރިކަމުގައި ވިދާޅުވެފައިވެއެވެ:

"އަޅުގަނޑުގެ ނަޒަރުގައި ބުއްދިވެރި ގޮތަކީ މީހެއްގެ ފުރާނަ ހިފުން އެއީ ޤާނޫނުލްޢުޤޫބާތުގައި އޮންނަ އުޤޫބާތަކަށް ނުވުން. މީހުން މެރުން އެއީ ޤާނޫނީ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ނެތުން. އަޅުގަނޑު އުއްމީދުކުރަން މަޖިލީހުން މި ފިކުރާއެކުގައި ބިލް (ޤާނޫނު) ފާސްވެގެންދާނެ ކަމަށް. ހަމަ އެހެންމެ އަޅުގަނޑުމެން ރާއްޖޭގައި އަތްކެނޑުންވެސް އެއީ މިހާތަނަށް އައިއިރުގައި ޢާއްމުކޮށް ކުރަމުން އައި ކަމެއް ނޫން. އެކަން ކުރެވުނު ދެ ފަހަރެއްގައިވެސް އެކަމާ ގުޅިގެން ނިކުތް ނޭދެވޭ ކަންކަން އެހާމެ ފުޅާ. އަޅުގަނޑުގެ ނަޒަރުގައި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ލިޔެވިގެން އެކަން ކުރަމުންދާ ގޮތަށް އޮންނަންޖެހޭކަމެއް ކަމަކަށް (ނުދެކެން)."

މި ބަސްކޮޅުން އެނގެނީ، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ބަޔާން ކުރެވިފައިވާ ޤިޞާޞް ހިފުމާއި، ވައްކަންކުރުމުން އަތްކެނޑުން ފަދަ ﷲ ތަޢާލާ ބާވައިލެއްވި މުޤައްދަސް ޙައްދުތަކަށް ނަޝީދު ފާޅުގައި ގޮންޖައްސަވައި، އެ ނޫން ގޮތްގޮތަށް ކަންކަން ބަދަލުކުރަން ވަކާލާތު ކުރެއްވި ކަމެވެ. ﷲގެ ޝަރީޢަތަށްވުރެ ތިމަން މަނިކުފާނުގެ އަމިއްލަފުޅު ފިކުރު މޮޅުކޮށް ވާހަކަ ދެއްކެވި ކަމެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން މިއަށް ބުނާނީ ކީކޭބާވައެވެ؟ ﷲ ގެ ކޯފާއަށް ބިރުވެތިވާށެވެ! މިފަދައިން ﷲގެ ދީނުގެ ޙައްދުތަކަށް ފާޅުގައި އިންކާރުކުރާ ފަރާތްތަކަށް ބާރާއި ތާއީދު ދިނުމަކީ އާޚިރަތް ދޫކޮށްލައި ދުނިޔެ ހޯދުމަށް ބާޒާރުކޮށްލުން ފަދަ ކަމެކެވެ.

ދީނީ ކަންކަމުގެ އިތުރުން، މުޖުތަމަޢު ހަލާކުކޮށްލާ މަސްތުވާތަކެއްޗާ ގުޅޭގޮތުން ނަޝީދު ގެންގުޅުއްވި "ލިބަރަލް" ސިޔާސަތުތަކަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ބެހޭގޮތުން ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވިއެވެ: "(ދިވެހި ޒުވާނުން) ހަކުރުން (ހެރޮއިންއިން) އެއްކައިރިކޮށް، ދެން އެހެން ކޮންމެ އެއްޗެއް ބުއި ނަމަވެސް އެ، ސަލާމަތް ކުރެވޭތޯ ބެލުމަކީ މީގައި، ކޮންމެވެސް ކަހަލަ މިންގަނޑެއްގެ ގޮތުގައި ބެހެއްޓުމަކީ މުހިންމު ކަމެއް."

މިތަނުގައި ނަޝީދު ވަރަށް ސާފު އިބާރާތުން އެ ވިދާޅުވަނީ ހެރޮއިން ނޫން "ދެން އެހެން ކޮންމެ އެއްޗެއް ބުއި ނަމަވެސް" އެންމެ ރަނގަޅު ކަމަށެވެ. މިއީ ފާޅުގައި މަސްތުވާތަކެއްޗާއި، ހަޝީޝް އަދި ރާ ބުއިމަށް ރައީސް ނަޝީދު ތަފާތު އެކި ފަހަރުމަތިން ހިތްވަރުދެއްވައި ދައްކަވާފައިވާ ނުރައްކާތެރި ވާހަކަފުޅުތަކުގެ ތެރެއިން ވާހަކަ ކޮޅެކެވެ.

ހަމަ އެރޭގެ ޖަލްސާގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނާއި އެކުދިންގެ އާއިލާތަކުގެ ކުރިމަތީގައި ނަޝީދު ވިދާޅުވިއެވެ: "އަޅުގަނޑުމެންނަށް ބައެއް ފަހަރު ހީވަނީ ދޮންމީހުން ވެއްޖެއްޔާ ބޯނެއޭ. އެމީހުން އުޅޭ ގޮތަށް އުޅެން ނުވާނެއޭ. އަޅުގަނޑުގެ އިލްތިމާސަކީ ދޮންމީހުން އުޅޭ ގޮތަށް އުޅެފިއްޔާ އަޅުގަނޑުމެންނަށް ސަލާމަތް ވެވިދާނެއޭ."

ނަޝީދު މި ވިދާޅުވީ ކީކޭތޯއެވެ؟ ދިރިއުޅުމުގެ ކަންކަމުގައި ކީރިތި ޤުރުއާނާއި ސުންނަތުން ޙައްލު ހޯދުމަކީ ހައްދުފަހަނައެޅުން ކަމަށް ބޭރުގެ ނަޞާރާއިންގެ ކުރިމަތީގައި ވިދާޅުވި ނަޝީދު، ރާއްޖޭގެ ޒުވާނުންގެ ކުރިމަތީގައި މި ވިދާޅުވަނީ "ދޮންމީހުން" (ހުޅަނގުގެ މީހުން) އުޅޭ ގޮތަށް އުޅެގެން، އެމީހުންގެ ސަގާފަތް ކޮޕީކޮށްގެން، ދިވެހިންނަށް ސަލާމަތްކަން ހޯދޭނެ ކަމަށެވެ. މިވަރުންވެސް ރައީސް ނަޝީދުގެ ޙަޤީޤީ އެޖެންޑާ ސާފުނުވާ މީހަކަށް ދެން ބުނެދޭނީ ކޮން ވާހަކައެއް ތޯއެވެ؟

އަދިވެސް އެހެން ރަސްމީ ޖަލްސާއެއްގައި، ޓައި އަޅުއްވައިގެން، ރަސްމީ ޕޯޑިއަމް މަތިން ނަޝީދު ވިދާޅުވި ބަސްކޮޅެއް ތާރީޚުގައި އެބައޮތެވެ: "ބޯން ޖެހޭނެ. ބޮވެން އެބަ ޖެހޭ. ނުބޮއެ އެކުދިންނަށް ސަލާމަތެއް ނެތް." މިތަނުގައިވެސް އެމަނިކުފާނު ވަކާލާތު ކުރެއްވީ ދިވެހި ޒުވާނުންނަށް ސަލާމަތްކަން އޮތީ ހެރޮއިންގެ ބަދަލުގައި ހަޝީޝް އޮއިލް އާއި، މަރިޖުއާނާ އަދި ރާ ފަދަ ތަކެތި ހުއްދަކުރެވި، އެ ތަކެތި ބޮވިގެން ކަމަށެވެ. ﷲ ޙަރާމްކުރެއްވި މަސްތުވާތަކެތި ހުއްދަކުރުމަށް ހިތްވަރުދެއްވައި ނަޝީދު ވާހަކަދެއްކެވީ އެއްފަހަރަކު ނޫނެވެ.

ޓައީ އަޅުއްވައިގެން، ރަސްމީކޮށް ދެއްކެވި ވާހަކަތައް ރައްޔިތުން ޤަބޫލުނުކޮށްފާނެތީ، ސަގާފީ ދުވަހެއްގެ ނިވާފަތްގަނޑުގައި މުންޑާއި ޓީޝާޓު ތުރުކުރައްވައިގެން ހުންނަވައިވެސް ނަޝީދު މިވާހަކަތައް ދައްކަވައިފައިވެއެވެ.

ވިދާޅުވިއެވެ: "އެންމެނަކު ކޮންމެހެން އަބަދުގައި ހަމައިގައި ތިބެދާނެ ކަމަށް އަޅުގަނޑުމެން ހަމައިގައި ތިބޭ މީހުން ދެކޭނެ ކަމެއް ނެތޭ. އެންމެނަކު އަބަދަކު ހަމައިގައި ތިބެން އެންމެން ބޭނުން ނުވެދާނެއޭ. އެހެންވީމާ ކޮންމެވެސް އެއްބަޔަކު އަބަދުވެސް ހަމަބުއްދިން ނެއްޓޭ ގަޑިގަޑި، ނެއްޓޭ އިރުއިރު، އަންނާނެ ކަމަށް އަޅުގަނޑުމެން ދެކެން ޖެހޭނެއޭ. ހަމައިން ނެއްޓެން ބޭނުންވާ މީހާ އެކަން ކުރާން އޮތް ހަމައެކަނި ވަސީލަތަކީ ހަކުރަށް ވީމަ، ދެން ހަކުރު ގިނަވެއޭ."

މަތީގައި އެވަނީ މާތް ﷲ އާއި، އެކަލާނގެ ރަސޫލާ ﷺ އާއި، ކީރިތި ޤުރުއާނާއި، އިސްލާމީ ޝަރީޢަތުގެ ޙައްދުތަކަށް ގޮންޖައްސަވައި، އަދި މުޖުތަމަޢުގައި މަސްތުވުމާއި، ފާޙިޝް ކަންކަން ޢާއްމުކުރަން ރާއްޖޭގެ އެންމެ މަތީ ވެރިކަމުގައި ހުންނަވައިގެން ނަޝީދު ދައްކަވައިފައިވާ ފާޅުކަން ބޮޑު ވާހަކަތަކެވެ. ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ކިތަންމެ ވަރަކަށް މި ޙަޤީޤަތް އޮޅުވައިލަން އުޅުނަސް، އަދި ނޭނގޭ ކަމަށް ހެދިގެން ތިއްބަސް، މިއީ ފޮރުވޭނެ ހެކިތަކެއް ނޫނެވެ. ކޮންމެ އިންސާނަކީވެސް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އޮތްކަން ހަނދާންކުރަން ޖެހޭނެ މީހެކެވެ. މިއީ ހަމައެކަނި ސިޔާސީ ބަހުސެއް ނޫނެވެ. މިފަދަ ފިކުރަކަށް ވޯޓުލައި، ތާއީދުކޮށް، ދިފާޢުކުރާ ދިވެހި މުސްލިމުން ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ މުހިންމު ކަމަކީ، ދުނިޔޭގައި، މީސްތަކުންގެ ކުރިމަތީގައި މުނާފިޤުކަމާއެކު އޮޅުވާލައިގެން ޖަވާބެއް ދެވުނަސް، އެންމެ ޢަދުލުވެރި ﷲ ގެ ދަރުބާރުގައި އެއްވެސް ކަމެއް އޮޅުވައިނުލެވޭނެ ކަމެވެ!

އެހެންކަމުން، މި ހޫނު ސިޔާސީ ބަހުސާއި ވަކާލާތާ ދެކޮޅަށް، ސިޔާސީ ޕޯޑިއަމެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގެ ހަރުދަނާ ޝަޚުޞިއްޔަތެއް ވިދާޅުވި ބަސްކޮޅަކުން މި ލިޔުން ނިންމާލާނަމެވެ: "ކާކަށްތޯ ނޫނެކޭ ބުނަން މި އުޅެނީ؟ ނޫނެކޭ ބުނަން މި އުޅެނީ ގ. ކެނެރީގޭ ލާދީނީ މުޙައްމަދު ނަޝީދަށް. އަޅުގަނޑު މިހެން ގޮވުން ނުހުއްޓާނަން. ހެޔޮ ހުރިހާ ދިވެހި ރައްޔިތުން ހުއްޓާލިޔަސް، އަޅުގަނޑެއް ނުހުއްޓާނަން."

އަޅުގަނޑުގެ ފަހު ބަހަކީ:

ގުލްޒާރުގާ ނަޔާ މަގޭ ނޫރާނީމާ ފޮޅޭނެތޯ؟ ލާދީނީ ފިކުރުގެ ވެރިއަކު ހުރެގެން އެ ނޫރު ދޭނެތޯ؟

ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ދީނުގެ މާތް އަލިކަން، ފޮރުވާލަން އުޅޭ މީހަކަށް މި ޤައުމު ފެހިކުރެވޭނެތޯ؟

އެންމެން ހުއްޓާލިޔަސް މި ދޫ ނުހުއްޓޭނޭ ޙައްޤުގެ މަގުގައި، ސާބިތުވެ މި ވަޠަނަށްޓަކައި އަޑުއުފުލާނަމޭ އަބަދުމެ ހިތުގައި.

ނޫނެކޭ ބުނަން ކެރޭނެޔޭ ފަސްނުޖެހި ބިރުވެތިކަމެއް ނެތި، ނޫރާނީމާ ފޮޅުވަން އެދޭނަމަ އެ ފިކުރު ބާކީކުރަން ޖެހޭނެނުންތޯ؟