މި މަންޒަރު ހިތަށް ގެންނަވާށެވެ؛ ސްރީލަންކާ، އިންޑިއާ، ބޫޓާން، ފިލިޕީންސް ނުވަތަ ބަންގްލަދޭޝް ފަދަ ޤައުމެއްގެ ކަންމަތީ ފިހާރައެކެވެ. ސޭޓަކަށް އިނީ ދިވެއްސެކެވެ. އެއިން ޤައުމެއްގެ ފަހާ ތަނަކަށް ވަނތްއިރު ފަހަން އިނީ ދިވެއްސެކެވެ. އަދި ސައިކަލް މަރާމާތުކުރާ ގަރާޖަކަށް ވަނތްއިރު ސައިކަލް މަރާމާތުކުރަން ހުރީ ވެސް ދިވެއްސެކެވެ. ކެފޭއަކަށް ވަނތްއިރު ކައްކާއިންނާއި، ވެއިޓަރުންނަށް އަދި ސާފުކުރަން ވެސް ތިބީ ހަމަ ދިވެހީންނެވެ. އޮންލައިންކޮށް ކާއެއްޗަކަށް އޯޑަރުކޮށްލުމުން ޑެލިވަރީ ކުރަން އައީ ދިވެއްސެކެވެ. ހަފްތާ ބަންދުގައި އެއިން ޤައުމެއްގެ ރިސޯޓަކަށް ދިއުމުން، އެތަނުގައި ވެސް ދިވެހި މުވައްޒަފުން އެހާ ގިނައެވެ. އެ ޤައުމުތަކުގެ އެތައް ކެފޭއަކާއި، ފަހާ ތަންތަނާއި، ގަރާޖްތަކާއި ކަންމަތީ ފިހާރަތައް ހިންގަނީ އެ ޤައުމުތަކުގެ މީހުންގެ ނަމުގައި ދިވެހީންނެވެ!
މިއީ ބިރުވެރި ހުވަފެނަކުން ވެސް ނުފެންނާނެ ފަދަ ކަމެކެވެ. މިއިން އެއްވެސް ޤައުމެއްގައި ދިވެހީން ކީއްކުރަންތޯއެވެ، ބިދޭސީ އެއްވެސް ޤައުމެއްގެ މީހަކަށް އެހާ ފަސޭހަކަމާއެކު މަސައްކަތްތަކެއް ނުވަތަ ވިޔަފާރިތަކެއް ނުކުރެވޭނެއެވެ. ލިޔަންކިޔަން ނުދަންނަ ބިދޭސީން އައިސް ދިވެހިރާއްޖޭގެ މާހައުލަށް ހޭނި، ދިވެހީންގެ ގޮތް ދަސްކޮށް، އެހާ ފަސޭހައިން، ޤަވާއިދާ އެއްގޮތަށާއި ޤަވާއިދާ ޚިލާފަށް މަސައްކަތާއި ވަޒީފާ ހޯދައި، އަމިއްލަ ވިޔަފާރި ފުޅާކުރަމުންދާއިރު، ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި ބޭރު މީހުންނަށް އެހާ ފާޅުގައި، އެހާ ކެރިގެން، "ގަޓު" ހުރެގެން މިފަދަ ކަންކަމެއް ނުކުރެވޭނެއެވެ.
ގާނޫނުގެ ނިވާފަތްގަނޑާއި ހަގީގަތް:
އޯކިޑުމަގުން ހިނގައިލައިފައި ގޮސް، އިވްނިން މާޓް ނުވަތަ އިވްނިން ކެފޭ ފަދަ ތަނަކަށް ވަދެބަލާށެވެ. ސޭޓަކަށް އިންނާނީ ނިތްކުރީގައި ތިކި ޖަހައިފައި ހުރި ހިންދޫ އަންހެނެކެވެ. ވިޔަފާރީގެ ވެރިފަރާތަކަށް ދިވެއްސެއްގެ ނަން އޮވެދާނެއެވެ. ނަމަވެސް މިފަދަ ގިނަ ވިޔަފާރިތަކަކީ ހަމަ ސީދާ ބިދޭސީން ހިންގާ ވިޔަފާރިތަކެވެ. އެތާ ކައިރިން ކެފޭއަކަށް ވަނަސް، ކޮފީ ކޯނަރަކަށް ވަނަސް، އެއިން ތަނަކުން ދިވެއްސަކު ނުފެންނާނެއެވެ. ޚިދުމަތް ދޭނީ ވެސް، ކޭޝިއަރުކަން ކުރާނީ ވެސް، ކައްކާނީ ވެސް އަދި ތަން ހިންގާނީ ވެސް ބިދޭސީންނެވެ. ރީޓެއިލް ވިޔަފާރި ކުރުމަކީ ބިދޭސީންނަށް (ނަމަކަށް) މަނާ ކަމެކެވެ! ޤާނޫނުގެ ނިވާފަތްގަނޑުގައި ފިލާ ތިބެ، ދިވެހީންގެ ނަމުގައި ކުރިއަށްގެންދާ މި ގައިރު ޤާނޫނީ ކަންކަން ހުއްޓުވޭނެ ފޯމިއުލާއެއް ދިވެހި ސަރުކާރުން ހޯދަން އެބަޖެހެއެވެ.
ރާއްޖޭ ސަރަހައްދުގެ ފްރެންޗައިޒްތައް ވެސް ލަންކާ، އިންޑިއާ މީހުން އަތުގައި:
ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކުގެ ފްރެންޗައިޒް، ދިވެހިރާއްޖެ ހިމެނޭ ގޮތަށް، ދެކުނު އޭޝިއާ ސަރަހައްދަށް ނަގައިގެން ތިބެނީ ލަންކާ، އިންޑިއާ ފަދަ ޤައުމުތަކުގެ މީހުންނެވެ. މިއީ ވެސް ދިވެހި ސަރުކާރުން ހަދާ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ބަދަލު ކުރެވިދާނެ ކަމެކެވެ. ރާއްޖޭގައި ޚިދުމަތްދޭ ފްރެންޗައިޒެއް ނަމަ، އެ ފްރެންޗައިޒް ވާންޖެހޭނީ ދިވެއްސެއްގެ ނަމުގައި ނަގައިފައިވާ އެއްޗަކަށްކަން ޤާނޫނަކުން ލާޒިމް ކުރެވިދާނެއެވެ. އެހެން ނުހަދާހާ ހިނދަކު، ރާއްޖޭގައި ކުރާ މިފަދަ ފްރެންޗައިޒްތަކުގެ ވިޔަފާރީގެ ބޮޑު މަންފާއެއް ދާނީ ލަންކާ އާއި އިންޑިއާ ފަދަ ޤައުމުތަކަށެވެ.
އިގްތިސޯދީ އަދި އާބާދީގެ ސުނާމީއެއް:
ފަހާ ތަނަކަށް، ސައިކަލް މަރާމާތުކުރާ ތަނަކަށް، ކެފޭއަކަށް، ތަރުކާރީ ވިއްކާ ތަނަކަށް ނުވަތަ ކަންމަތީ ފިހާރައަކަށް ވަދެބަލާށެވެ. ކައުންޓަރުގައި ފައިސާ ބަލައިގަންނަން، ނުވަތަ ފޮތިގަނޑުގައި ފާހަގަޖަހަން އިންނާނީ ހިންދީ، ބަންގާޅީ ނުވަތަ ފިލިޕީންސްގެ ބަހުން ވާހަކަދައްކާ ބިދޭސީއެކެވެ. ދިވެހިބަސް ބަރާބަރަށް އެނގުނަސް، އެއީ މި ފަސްގަނޑަށް އުފަން، މި ޤައުމުގެ ކުރިމަގާ މެދު ވިސްނާނެ މީހެއް ނޫނެވެ. މިއީ މިއަދު މާލޭގެ ކޮންމެ މަގަކުން ފެންނަން އޮތް، އާންމު ކަމަކަށް ވެފައިވާ ހަގީގަތްތަކެކެވެ. ބޭރުފުށުން މި ފެންނަ ސާދާ މަންޒަރުގެ އަޑީގައި އޮތީ ބިރުވެރި، ނުރައްކާތެރި އިގްތިސޯދީ އަދި އާބާދީގެ ސުނާމީއެކެވެ. މިއީ ދިވެހީންގެ އަމިއްލަ ވަޒަނުގައި ދިވެހީން ބާކީވެ، ޤައުމުގެ މާލީ ބާރުވެރިކަން މުޅިން އެހެން ބައެއްގެ އަތްމައްޗަށް ބަދަލުވަމުންދާ ކަމުގެ ބިރުވެރި ރަނގަބީލެކެވެ.
ދިވެހި ޒުވާނުން ކަންނެތް ކަމަށް ބުނާ ބުހުތާނު ދޮގު:
ޒަމާނުއްސުރެ ދިވެހި ވިޔަފާރިވެރިން ދައްކަމުން އައީ އެއް ވާހަކައެކެވެ. ދިވެހި ޒުވާނުން ކަންނެތީއެވެ؛ ވަޒީފާއަށް ފަރުވާކުޑައީއެވެ؛ އަވަސްއަވަހަށް ސަލާމް ބުނަނީއެވެ. އެހެންކަމުން ބިދޭސީން ގެނެސް ކައުންޓަރުތަކާއި ވިޔަފާރިތަކުގައި ބޭތިއްބުން ނޫން ގޮތެއް ނެތީއެވެ. ނަމަވެސް، ޕެންޝަން އޮފީހުގެ ރަސްމީ ތަފާސްހިސާބުތަކުން މި ބުހުތާނު ދޮގު ހާމަވެއެވެ. ރާއްޖޭގައި ރަޖިސްޓްރީވެގެން ވަޒީފާ އަދާކުރާ 116،000 އެއްހާ ދިވެހީންގެ ތެރެއިން 25% މީހުންނަކީ (ދައުލަތުގެ) ސިވިލް ސާވިސްއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނެވެ. ސިޔާސީ ބޭނުމަށްޓަކައި، މާ ބޮޑު މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ލިބޭ އޮފީސް ވަޒީފާތަކުގެ ދަލުގައި ދިވެހި މަސައްކަތްތެރިން ޖައްސައި، ދައުލަތުން ވަނީ މުޅި ޕްރައިވެޓް ސެކްޓަރ ދިވެހި ޒުވާން މަސައްކަތްތެރީންގެ ހުނަރުން މަހްރޫމް ކޮށްފައެވެ. ވިޔަފާރިވެރިން މި ފުރުސަތުގެ ބޭނުންހިފާ، ދިވެއްސަކަށް ދޭންޖެހޭ ދިރިއުޅުމުގެ އަސާސީ މުސާރައަށް ވުރެ މާ ހެޔޮއަގުގައި ބިދޭސީން އެތެރެކޮށް، ކުރު މަގުން ބޮޑު ފައިދާ ހޯދަނީއެވެ. މިކަން ހުއްޓުވޭނީ ސިވިލް ސާވިސް މުއައްޒަފުން މަދުން ލައިގެން ހެ އިދުމަތްތައް ދެވޭނެ އެފިޝެންޓު ގޮތެއް ހޯދައި، ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމް، ވޮކޭޝަނަލް ނިޒާމަކަށް ބައްޓަން ކޮށް، ދިވެހި މަސައްކަތްތެރީން އުފައްދައިގެންނެވެ.
ބޭރު މީހުން، ވެއިޓަރުކަމުން ސިއްރު މިލިއަނަރުންނަށް:
ބިދޭސީންނަކީ ނުކިޔަވާ ތިބި ނިކަމެތި މަސައްކަތްތެރިން ތަކެއް ކަމަށް ދިވެހީން ދުށްކަމުގައި ވިއަސް، އެމީހުން ދިވެހީންނަށްވުރެ މާ ބުއްދިވެރިއެވެ. މާލޭގެ ކެފޭއެއްގެ ވެއިޓަރަކަށް، މަހަކު 200 ޑޮލަރުގެ މުސާރައަކަށް އަންނަ ބަންގްލަދޭޝް މީހާ ދާދި އަވަހަށް ބަދަލުވަނީ ސިއްރު މިލިއަނަރަކަށެވެ. ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އެޖެންޓު ފީ ދައްކައި ނިމި، ދިވެހި މާހައުލަށް ލޯހުޅުވުމުން ދެން ފެންނަނީ އަސްލު ވަޒީފާއިން ފިލައިގެންދާ ތަނެވެ. އޭގެ ފަހުން ހުއްދައެއް ނެތި، ގަވާއިދާ ޚިލާފަށް އިމާރާތްކުރުމުގެ ދާއިރާއިން ފެށިގެން ގޭގެއަށް ގޮސް ކައްކައިދިނުމާ ހަމައަށް ހުރިހާ ނުރަސްމީ މަސައްކަތެއް ބޮޑު އަގުގައި އެމީހުން ކުރެއެވެ. މަހަކު 15،000ރ. އަށް ވުރެ ގިނައިން ހޯދައި، ފައިސާ އެއްކޮށް، ބަންގްލަދޭޝްގެ ނުރަސްމީ ކުދި މައިކްރޯ ބޭންކުތަކުން ކުދި ލޯނު ހޯދައިގެން، ދިވެއްސެއްގެ ނަން ކުރިއަށް ނެރެ، ސިޑިދަށުން ކުޑަ ބިންކޮޅެއް ކުއްޔަށް ހިފައެވެ؛ އަމިއްލަ ވިޔަފާރި ފެށުމަށެވެ. މިކަމުގައި ދިވެހީންގެ ޒިންމާ ކުޑައެއް ނޫނެވެ. މިކަން ފަހިކޮށްދެނީ ހަމަ ދިވެހީންނެވެ. މި ޤާނޫނީ "ލޫޕް ހޯލް" ތައް ބައްދާނެ ގޮތެއް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު ފަސީހާއި، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ހޯމް މިނިސްޓަރ އަލީ އިހްސާން ހޯއްދަވަން ޖެހެއެވެ.
ކަޅު އިގްތިސޯދާއި ޖަރީމާތަކުގެ ވިއުގަ:
މިގޮތަށް އުފެދޭ ކެފޭތަކަކީ ހަމައެކަނި ސަޔާއި ކޮފީ ވިއްކާ ތަންތަނެއް ނޫނެވެ. މިފަދަ ގިނަ ތަންތަނުން ޖީ.އެސް.ޓީ ވެސް ނުދައްކައެވެ. އަދި މާ ބޮޑު އެހެންކަމެކެވެ! މިފަދަ ތަންތަނަކީ ޖީ.އެސް.ޓީ ނުދެއްކުމަށް ވުރެ މާ ނުރައްކާތެރި ޖަރީމާތަކެއްގެ ފެށުމެވެ. މިއަދު މި ނެޓްވޯކްތައް ވަނީ ފަތުރުވެރިކަމުގެ ހުއްދައިގެ ނިވަލުގައި އިންސާނީ ވަގުފާރީގެ ބޮޑެތި މާފިއާތަކަކަށް ބަދަލުވެފައެވެ. ލަންކާ، ނޭޕާލް، އިންޑިއާ ފަދަ އެކި ގައުމުތަކުން، "އޮން އެރައިވަލް" ޓޫރިސްޓް ވިސާގައި ކަސްބީ އަންހެނުން ގެނެސް، 30 ދުވަހުގެ މުއްދަތަށް ހަށިވިއްކުމުގެ ބާޒާރުތައް ހިންގައެވެ. އެއިން ހޯދާ ކަޅު ފައިސާ ދޮންނަނީ ވެސް ހަމަ އެމީހުން ކޮންޓްރޯލްކުރާ ފައިސާ މާރުކުރާ (މަނީ އެކްސްޗޭންޖް) ތަންތަނާއި، (ވެސްޓަން ޔޫނިއަން ފަދަ) ފައިސާ ފޮނުވައިދޭ އެޖެންޓުންގެ އެހީގައެވެ.
ކަޅު ބާޒާރުން ގަންނަ، ބޭނުންކުރި ތެލުން ދިވެހީންގެ ސިއްހަތު ފުނޑާލުން:
ރިސޯޓުތަކުން އުކާލާ ބޭނުންކުރި ތެޔޮ، ބަންގާޅީން ހިންގާ ކެފޭތަކުން ކަޅު ބާޒާރުން ގަނެގެން ހެދިކާ ހަދައި، ދިވެހީންގެ ސިއްހަތު އެދަނީ ސުންނާފަތި ކުރަމުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވިއުގަ ފުޅާވެ، ބިދޭސީން ނިދާ ކޮޓަރިތަކާއި، ކަންމަތީ މާޓުތަކާއި، ގަވާއިދާ ޚިލާފު ފައިސާ މާރުކުރާ ތަންތަން ހުޅުވައި، ސިއްރު ނާސިގެތައް ހިންގައެވެ. މިއަދު އެފަދަ ބިދޭސީންގެ އަމާޒަކީ ރާއްޖޭގެ ވެރިރަށް މާލޭގެ ބާޒާރާއި ރިސޯޓުތަކަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ސަޕްލައިކުރުމުގެ މުޅި ނެޓްވޯކް ކޮންޓްރޯލް ކުރުމެވެ. މިހާރު ވެސް އެ ނެޓްވޯކްގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ.
އާބާދީ ހިސާރުކުރުމުގެ ރޭވުން:
މި ހުރިހާ ކަމަކަށް ވުރެ ވެސް ބިރުވެރިކަމާއެކު ބިދޭސީ ނެޓްވޯކްތަކުން މިހާރު ބޭނުންކުރަމުންދާ އުކުޅަކީ، ދިވެހި އަންހެނުންނާ ކައިވެނިކޮށްގެން ގައުމުގެ އެތެރެއަށް ފެތުރިގަތުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަހަކު އެވްރެޖްކޮށް ތިރީހަކަށް ބަންގާޅީން ދިވެހި އަންހެނުންނާ ކައިވެނިކުރެއެވެ. އެއްވެސް ތައުލީމެއް ނެތް މިފަދަ މީހުން ދިވެހި އަންހެނުންގެ ބޭނުން ހިފަނީ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިންގާ ހިފެހެއްޓުމަށެވެ. އަންހެންމީހާގެ ނަމުގައި ފިހާރަތަކާއި މާޓުތައް ހުޅުވައި، ނަމެއްގައި ދިވެހި ވިޔަފާރިއަކަށް ހެދިޔަސް، އޭގެ ހުރިހާ ބާރަކާއި ފައިސާއެއް އޮންނަނީ ބިދޭސީ "ފިރި" މީހާއަށެވެ. ނަތީޖާއަކީ އެމީހުންނަށް ލިބޭ ދަރިންނަކީ ޤާނޫނީގޮތުން ދިވެހި ދަރިންނަށް ވުމެވެ. މާލޭގައި ނުފޫޒުގަދަ ބިދޭސީއެއް ކަމުގައިވާ "ރާނާ" ފަދަ މީހުން މިއަދު ވަނީ މިގޮތަށް ހޯދި ފައިސާއިން ބޮޑެތި މުއްސަނދިންނަށް ވެފައެވެ. އޭނާގެ ދަރިންނަށް އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލުކޮށްދެމުން، މިއަދު އޭނާ ފާޅުގައި ފޮނިކަނޑަމުން ދަނީ، ކުރިއަށް އޮތް ތަނުގައި އޭނާގެ ދިވެހި-ބަންގާޅީ ދަރިން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހޮވައި، ގައުމުގެ ސިޔާސީ ބާރުވެރިކަން މުޅިން އަތުލާނެ ކަމަށެވެ. މިއީ ދުރުގައި އޮތް "ހުވަފެނެއް" ނޫނެވެ. މިއީ ސީދާ ގައުމު ހިސާރުކުރުމުގެ ރޭވުމެކެވެ.
ދޭސީ-ބިދޭސީ މާފިއާ ހިމާޔަތް ކުރަނީ ރިޝްވަތު ލިބޭ ބާރުގަދަ ދިވެހީން:
މި ހުރިހާ ކަމެއްގެ ނިވަލުގައި ކަޅު ފައިސާ ދޮވުމާއި، ސްޕާތަކުގެ ނަންބޯޑުގެ ފުރަގަހުގައި ނާސިގެ ހިންގުމާއި، މަސްތުވާތަކެތީގެ ކަޅު ބާޒާރު ހިންގާއިރު، މުއައްސަސާތަކުގެ ވެރިންނާއި، ފުލުހުންނާއި، އިމިގްރޭޝަނާއި ސިޔާސީ މީހުންނަށް މަހު މުސާރައާއި ރިޝްވަތު ދީގެން މި ދޭސީ-ބިދޭސީ މާފިއާ އޮންނަނީ ހިމާޔަތްކޮށްފައެވެ. މަގުމަތީގައި ދިވެހީން ކައިރީ ކުޑަވެގެން ތިބެފައި، ދިވެހީން ފަސްއެނބުރުމުން އެމީހުން ދިވެހީންނަށް މަލާމާތް ކޮށްފައި ހެނީ ދިވެހީންގެ ޖާހިލުކަމާއި މޮޔަކަމާ ހެދިއެވެ. މި ކަޅު އިގްތިސޯދުގެ ސަބަބުން ދިވެހިރާއްޖޭގެ ޑޮލަރުގެ މާކެޓް ވަނީ ސުންނާފަތިވެފައެވެ. ކަޅު ބާޒާރުގައި ޑޮލަރެއް 21ރ. އަށް އަރައިގެންދާއިރު ވެސް ބޭރު މީހުން ތިބެނީ ކޮންމެ އަގެއްގައި ވެސް ޑޮލަރު ގަންނަން ތައްޔާރަށެވެ. ސަބަބަކީ ދިވެހި ގައުމަށް ވަންނަ ހުރިހާ ޑޮލަރެއް ކަހަލަ ގޮތަކަށް ކަހާލައިގެން އެމީހުންގެ ޤައުމުތަކަށް ފޮނުވަން ޖެހޭތީއެވެ.
ކޭޝިއަރުން ދިވެހިކުރުން، ބޮޑު އިމްތިހާނެއް:
ދާދިފަހުން ސަރުކާރުން އިއުލާން ކުރި، ކުރިއަށް އޮތް އަހަރުގެ ފެބްރުއަރީ މަހުގެ ފަހަކުން ފެށިގެން ބިދޭސީންނަށް ކޭޝިއަރުކަން ނުކުރެވޭ ގޮތަށް ހެދުމުގެ ސިޔާސަތަކީ މި ކަން ހައްލުކުރުމަށް އޮތް ވަރަށް ބޮޑު އިމްތިހާނެކެވެ. މުޅި ރާއްޖެއިން 25،000 ކޭޝިއަރުންގެ ވަޒީފާ ދިވެހި ކުރެވިއްޖެ ނަމަ، އެވްރެޖްކޮށް މަހަކު 187 މިލިއަން ރުފިޔާ ދިވެހި އިގްތިސޯދުގެ ތެރޭގައި ހިފެހެއްޓޭނެއެވެ. މިއީ މިހާރު ކޮންމެ މަހަކު ގައުމުން ބޭރަށް އޮހިގެންދާ ފައިސާއެވެ.
ނަމަވެސް ސުވާލަކީ، ވަގުތު ޖެހުމުން ބައެއް ވިޔާފާރިވެރިންނާއި، ރިޝްވަތުގައި ހިފާ މާފިއާތަކުގެ ނުފޫޒާއެކު މި ގަވާއިދު ތަންފީޒުކުރުން ފަސްނުކޮށް ހިފަހައްޓާލެވޭނެ ބާވައެވެ؟ މިކަން މިގޮތަށް ލަސްނުކުރައްވައި ފެބްރުއަރީ 2027 ގައި ތަންފީޒު ކުރެއްވުމަށް ރައީސް މުއިއްޒަށާއި ހޯމް މިނިސްޓަރ އިހްސާނަށް އަޅުގަނޑު، މި ދިވެހި ޤައުމުގެ ހައްޤުގައި އިލްތިމާސް ދަންނަވަމެވެ.
އާބާދީގެ ބޮޑު ބޮން:
ދިވެހި އިގްތިސޯދީ ލޭނާރުން ބޭރުވަމުން މިދާ ލޭ ބޭރުވުން ހުއްޓުވައި، ދިވެހި މަސައްކަތްތެރިން ތަމްރީނުކޮށް ބާރުވެރި ނުކުރުވައިފި ނަމަ، ދިވެހީންގެ ކުރިމަތީގައި އޮތް އާބާދީގެ ބޮޑު ބޮމުގެ ހަގީގަތް ވަރަށް ބިރުވެރިއެވެ. ރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ދިވެހިރާއްޖޭގައި ދިވެހީންގެ އާބާދީ، މިހާރު މިއޮތްގޮތަށް ކުރިއަށް ދާނަމަ، ދުވަހަކު ވެސް 500،000 އަކަށް ނާރާނެއެވެ. އަދި 2040ގެ ފަހުކޮޅު އާބާދީ 428،000 ގައި އެންމެ މައްޗަށް ދިއުމަށްފަހު، ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރު ދަށަށްދާން ފަށާނެއެވެ. ސަބަބަކީ ދިވެހި އަންހެނުން ކުދިން ހޯދާ ނިސްބަތް ދަށަށް ދިއުމެވެ. އެ ހިސާބަށް ދާއިރު، ވިހާ ދިވެހި ދަރީންނަށް ވުރެ މަރުވާ މީހުން ގިނަވުމުގެ ނަތީޖާއެވެ. މިއީ މާޒީގައި ހިންގި ދޭތެރެ ދުރުކުރުމުގެ މޮޔަ ޕްރޮގްރާމްގެ ހިތި ނަތީޖާއެވެ. ދިވެހީންގެ އާބާދީ މަދުވެ، އުމުރުން ދުވަސްވީ މީހުން ގިނަވެ، ވަޒީފާ އަދާކުރާ ޒުވާން ދިވެހީން މަދުވެ، މާލޭ ސަރަހައްދުގައި ހިއްކާ ބިންތައް ގިނަވުމުގެ ސަބަބުން، ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ދިވެހި އާބާދީގެ 60% މީހުން އުޅޭނީ މާލޭ ސަރަހައްދުގައެވެ. މާނައަކީ ރަށްރަށް ފަޅުވެ، ރާއްޖެތެރޭ ރަށްރަށުގެ ސްކޫލްތަކާއި އަސާސީ ޚިދުމަތްތައް ބަންދުކުރަން ޖެހުމެވެ.
ރާއްޖޭގެ އަތޮޅުތައް ބޭރު ބައެއްގެ މުށުތެރެއަށް ދިއުން:
ތަފާސްހިސާބުތަކުގެ ރިޕޯޓް ބުނާގޮތުން 2062 ވަނަ އަހަރު އަންނައިރު، މިސާލަކަށް، ވ. އަތޮޅުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވާނީ ބިދޭސީންނެވެ. އައްޑޫ ސިޓީގެ ކޮންމެ ތިން މީހަކުން އެކަކު ވާނީ ބިދޭސީއަކަށެވެ. ރަށްރަށުގައި ދިވެހީން ނެތި، އެތަންތަން ބިދޭސީންގެ ބާރު ހިނގާ ސަރަހައްދުތަކަށް ބަދަލުވެ، ރާއްޖޭގެ ބައެއް ސަރަހައްދުތައް ބޭރު ޤައުމެއްގެ ބާރުގެ ދަށަށް ދިއުން އޮތީ މާ ދުރަކު ނޫނެވެ. ދިވެހި ދައުލަތުން މަލިކު ބީވެގެން ދިޔަ ގޮތަށް، އަދި ފޯޅޮވަހީގެ މިލްކުވެރިކަން ނުލިބި ދިޔަ ގޮތަށް، ރާއްޖޭގެ އަތޮޅުތައް ބޭރު ބައެއްގެ މުށުތެރެއަށް ދިއުމަކީ، މިފަދަ ހާލަތެއްގައި ވުން ދުރުކަމެއް ނޫނެވެ. އެންމެ ބިރުވެރި ތަފާސްހިސާބަކީ، 2062 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ ވަޒީފާ އަދާކުރާ އާބާދީގެ ތެރެއިން، އުމުރުން 25 އާއި 29 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނަށް ވުރެ އިތުރަށް 40،000 ޒުވާން ބިދޭސީން ތިބޭނެ ކަމެވެ. މީގެ އިތުރުން، ރާއްޖެއަކީ އުމުރުން ދުވަސްވީ މީހުން އާދަޔާ ޚިލާފަށް ގިނަ ގައުމަކަށް ބަދަލުވެ، ކޮންމެ ހަތަރު ދިވެއްސަކުން އެކަކީ މުސްކުޅިއަކަށް ވާނެއެވެ. ގައުމުގެ ހަގީގީ ބާރަކީ ޒުވާނުން ކަމަށްވާއިރު، ކުރިމަގުގެ އާބާދީގެ ގިނަ ޒުވާނުންނަކީ ބިދޭސީންނަށް ވެ، ދިވެހީންނަކީ ހަމައެކަނި އެނދުމަތީގައި ތިބޭ މުސްކުޅި އާބާދީއަކަށް ވުން އޮތީ ދުރަކު ނޫނެވެ. ދިވެހިރާއްޖޭގެ އެތެރެހަށި މިދަނީ މަޑުމަޑުން ހަލާކުވެ، ފުޅަ އަޅަމުންނެވެ.
ބޭނުންވަނީ ރައީސް ނާސިރު ފަދަ ލީޑަރެއް:
މި ބިރުވެރި ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރާނަމަ، ސިޔާސީ ޕާޓީތަކުގެ ފޯރިގަދަ ޒުވާބުތައް ހުއްޓާލަން ޖެހެއެވެ. މިއަދު މި ޤައުމަށް ބޭނުންވަނީ މާޒީގައި ވޯރާ ވިޔަފާރިވެރިންގެ ކިބައިން ދިވެހި އިގްތިސޯދު ސަލާމަތްކޮށްދެއްވުމަށް ރައީސް ނާސިރު ކުރެއްވި ފަދަ ހިކުމަތްތެރި، ތެދުވެރި މަސައްކަތެއް ކުރެއްވޭނެ ލީޑަރޝިޕެކެވެ. ރިޝްވަތު ދީގެން މުޅި ރާއްޖޭގެ ވިޔަފާރި މުށުތެރެއަށްލައިގެން ތިބި ވޯރާ ވިޔާފާރިވެރިން ގައުމުން ބޭރުކޮށް، ރައީސް ނާސިރު ހޯއްދަވައިދެއްވި އިގްތިސޯދީ މިނިވަންކަން މިއަދު ވަނީ ގެއްލިފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތާ އެކު، މިހާރުން މިހާރަށް ފަށަންވީ އިގްތިސޯދު ސަލާމަތްކުރުމުގެ ބުރަ މަސައްކަތެވެ. އެންމެ ފުރަތަމަ ކަމަކަށް، ސިވިލް ސާވިސް ޑިޖިޓަލްކޮށް، ސަރުކާރު ވަޒީފާތަކުގައި ތިބި ދިވެހި މަސައްކަތްތެރިންގެ އާބާދީގެ ނިސްބަތް 20% އަށް ވުރެ ދަށަށް ތިރިކުރަން ޖެހެއެވެ. މިސްކިތްތަކަށް ތިން ހަތަރު އިމާމުން ލުމާއި، މަސައްކަތެއް ނުކޮށް ހަމައެކަނި ސޮއިކޮށްލާފައި މުސާރަ ލިބޭ ބޭކާރު ސިޔާސީ މަގާމުތައް އުވާލައި، ދިވެހި ރިސޯރޓުތަކުގައި މަދުވެގެން 50% ދިވެހިން ތިބެންޖެހޭ ޤަވާއިދު ހަރުކަށިކޮށް ތަންފީޒު ކުރަން ޖެހެއެވެ. ހަމައާއެކު، އާބާދީ އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް ފަށައި، ތިންވަނަ އަދި ހަތަރުވަނަ ދަރިއަށް އުމުރުން 18 އަހަރު ވަންދެން ދައުލަތުން ބޮޑު އެލަވަންސެއް ދީގެން، ދިވެހި އާބާދީ އެއް މިލިއަނަށް އަރުވަން އަމާޒު ހިފަން ޖެހެއެވެ.
ޤައުމުގެ މައިގަނޑު އަމާޒު:
މަގުމަތީގައި އުޅޭ ބިދޭސީ މީހާގެ އެއްވެސް ކުށެއް ނެތެވެ. އޭނާ އެ ބޭނުންކުރަނީ ދިވެހި ދައުލަތުގެ ބަލިކަށިކަމާއި، ވިޔަފާރިވެރިންގެ ދަހިވެތިކަމުން ހުޅުވިފައި އޮތް ފުރުސަތުތަކެވެ. ކުރުރާސްތާގެ ފައިދާއަށް ވިސްނާ ވިޔަފާރިވެރިންނާއި، އަމިއްލަ ސިޔާސީ މަންފާއަށް އެކަނި ލޯހުޅުވިފައިވާ ރައީސް ނަޝީދު ފަދަ ސިޔާސީ "ޕެރެސައިޓުން"ގެ ކިބައިން މި ޤައުމު ސަލާމަތް ކުރަންޖެހެއެވެ. އިމިގްރޭޝަނާއި، ފުލުހުންނާއި އެކި އެކި މިނިސްޓްރީތަކުގެ މުވައްޒަފުންގެ ކިބައިން ކޮރަޕްޝަން ނައްތާލައި، އޮސްޓްރޭލިއާ ފަދަ ކުރިއަރާފައިވާ ޤައުމުތަކުގައި އޮންނަ ފަދަ ކޮރަޕްޝަން-ފްރީ މާހައުލެއް ޤާއިމްކުރަން ޖެހެއެވެ. ދިވެހިރާއްޖެއިން ބިދޭސީން ހޯދާފައިވާ ލޫޕް ހޯލްތައް ބަންދުކޮށް، ދޭސީ-ބިދޭސީ މާފިއާގެ ވަކިތަކުން މި ޤައުމު ސަލާމަތް ކުރުމަކީ ރައީސް މުއިއްޒުގެ މި ދައުރުގެ ބާކީ އޮތް ދެ އަހަރު ދިވެހީންގެ މައިގަނޑު އަމާޒަކަށް ހަދަން ޖެހެއެވެ. މި ޤައުމަށް، ބްރިޖާއި އެއާޕޯޓާއި ޓަނަލްތަކަށް ވުރެ މުހިންމީ މިކަމެވެ. ހަމައެކަނި އިންތިޚާބާއި ވޯޓަށް ވިސްނާ ސިޔާސީ މީހުންގެ ކުރު، ކޮށި ވިސްނުމުގެ ސަބަބުން ޤައުމު މިދަނީ ވިއްސިވިހާލިވެ، ދިވެހީންގެ ބާރުވެރިކަން ދިވެހި ޤައުމުން ބޭރުވަމުންނެވެ. އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، މީގެ 30 އަހަރު ފަހުން ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖޭގެ ނަން އޮވެދާނެއެވެ. ނަމަވެސް އެއީ ދިވެހީންގެ ރާއްޖެއަކަށް ނުވާނެއެވެ.

2 Responses
މިގޮތަށް ނޫހެއްގައި އާޓިކަލެއް ލިޔެލެއްވުމުގެ އިތުރަށް ދެން ކުރެއްވެން އޮތީ ކޮން ކަމެއްތޯ ބައްލަވައި އެކަމެއް ކުރާނެ ބަޔަކު ތެދުވުމަކީ މިހާރު ގައުމީ ވާޖިބަކަށްވެއްޖެ ނޫންބާވަޔޭ ހިތަށްއަރާ. ކިތަންމެ ހައްގު ވާހަކަޔަކަށްވިޔަސް، "ކަންހިންގަން ތިބި" ވެރީންނަށް މިިކަހަލަ ލިޔުމެއް ބައްލަވާލައްވަން ނުވަތަ ވިދާލުވެލައްވަން ވަގުތުކޮޅެއް ހުސްކޮށްލެއްވިދާނެޔެކޭ ހިތެއްނުބުނޭ.
ޒުވާން ޚަޠީބުން ފަދައިން ޒުވާން ކޭޝިއަރުން ވެސް، މިހާރު އުފައްދަން ވެއްޖެ. އަދި އެހެނިހެން މަސައްކަތްކަތަށްވެސް ޒުވާނުން ނެރެންޖެހޭ.