Support Us

ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް މާފަރު އެއާޕޯޓުގައި މޫސުމީ އޮބްޒަވޭޓަރީއެއް ގާއިމުކުރަނީ

ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ބޭނުންވާ މައުލޫމާތު ދޭ މޫސުމީ އޮބްޒަވޭޓަރީއެއް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކުރުމުގެ ފަހުމްނާމާއަކާއި ހިދުމަތުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އެވިއޭޝަން ސާވިސަސް (އައި.އޭ.އެސް) ލިމިޓެޑާއި ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމް.އެމް.އެސް)އިން މި ގޮތަށް ނިންމުމުން ރާއްޖޭގެ އުތުރު ސަރަހައްދުގައި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ހަރުދަނާކޮށް، ވައިގެ ދަތުރުފަތުރުގެ އޮޕަރޭޝަންތައް ވަރުގަދަކުރެވޭނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ އައި.އޭ.އެސްގެ މައި އޮފީހުގައެވެ. ރަސްމިއްޔާތުގައި އައި.އޭ.އެސް އާއި އެމް.އެމް.އެސްގެ އިސް އޮފިޝަލުން ބައިވެރިވިއެވެ.

އެއްބަސްވުމުގައި އައި.އޭ.އެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އެމް.އެމް.އެސްގެ ފަރާތުން އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަބްދުﷲ ވާހިދެވެ.

އެއްބަސްވުމުގެ ދަށުން އެމް.އެމް.އެސްއިން މާފަރު އެއާޕޯޓްގައި މޫސުމާ ގުޅޭ އާ އޮބްސަވޭޓަރީއެއް ގާއިމުކުރާނެއެވެ. އެ ތަނުން ސަރަހައްދުގެ މޫސުމާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ބޭނުންވާ މޫސުމާ ގުޅޭ މައުލޫމާތުގެ ހިދުމަތްތައް ވަރުގަދަކުރާނެއެވެ. އޮބްސަވޭޓަރީން ދޭނެ ހިދުމަތްތަކުގެ ތެރޭގައި ފުރިހަމަ، ރަނގަޅު އަދި ފްލައިޓްތަކުގެ ރައްކާތެރިކަމަށް ބޭނުންވާ މޫސުމާ ގުޅޭ މައުލޫމާތު ހިމެނެއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތައް ބެލުމާއި މޫސުން ކުރިއަށް ލަފާކުރުމާއި މޫސުމީ ނުރައްކާތަކުގެ އިންޒާރުތައް ދިނުމާއި ފްލައިޓް އޮޕަރޭޓް ކުރުމުގެ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންވާ އިރުޝާދު ދިނުން ހިމެނެއެވެ.

"މި ގުޅުމަކީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާކުރުމާއި މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ހިންގުން އިތުބާރު ކުރެވޭ ހިދުމަތަކަށް ހެދުމަށް ގާއިމުކުރެވުނު ޕާޓްނަޝިޕެއް،" އިޔާސް ވިދާޅުވިއެވެ.

"ރަނގަޅު އަދި ވަގުތުން ދޭ މޫސުމާ ބެހޭ މައުލޫމާތަކީ ޕައިލެޓުންނަށާއި އެއާ ޓްރެފިކް ބަލަހައްޓާ ކޮންޓްރޯލަރުންނަށާއި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ކޮންމެހެން މުހިންމު މައުލޫމާތު. އަދި މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްގައި ހިފެހެއްޓުމުގައި އަޅުގަނޑުމެންނަށް ދެމިހުރެވޭނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"ވައިގެ ދަތުރުފަތުރަށް ހާއްސަ މޫސުމާ ބެހޭ މައުލޫމާތު ދިނުމުން އެއާޕޯޓްގެ ހިންގުމުގެ ރައްކާތެރިކަން ހަރުދަނާކުރެވުމުގެ އިތުރުން ގޮންޖެހުންތަކުން އަރައިގަތުމާއި އެއާޕޯޓްގެ ހިންގުން އިތުރަށް ކުރިއެރުވޭނެ. މީގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާތަކުގެ ކުރިއެރުން ދެމެހެއްޓުމުގެ އެހީއަކަށްވާނެ،" ވާހިދު ވިދާޅުވިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މިހާރު ވެފައިވަނީ ރާއްޖޭގެ އުތުރުގައި އޮތް، ބައިނަލްއަގުވާމީ އަދި އެތެރޭގެ ވައިގެ ދަތުރުފަތުރުގެ މައި ދޮރާށްޓަކަށެވެ. ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ރައްކާތެރިކަމަށް ބޭނުންވާ މޫސުމީ މައުލޫމާތުގެ ހިދުމަތް ދޭން ފެށުން ވާނީ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ، އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކޭއޯ)އިން ކަނޑައަޅައިފައިވާ ވައިގެ ދަތުރުފަތުރުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ފައިހަމަކުރުމަކަށެވެ. އަދި މި ހިދުމަތް ވެގެންދާނީ ވައިގެ ދަތުރުފަތުރުގެ ތަރައްގީއަށް ރާއްޖެއިން ކަށަވަރުކުރާ ރައްކާތެރި އަދި ދެމެހެއްޓެނި މިންގަނޑުތަކުގެ އެހީއަކަށެވެ.