Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދިއްލީގެ ރޭވުންތަކާއި 2028ގެ "ސިޔާސީ ސުނާމީ"- ރައީސް މުއިއްޒު ހޭފުޅުލައްވަން މާ ލަސްވެއްޖެބާވައެވެ؟

އިންޑިއާގެ ވެރިރަށް ނިއު ދިއްލީން މި ފެންނަނީ ހަމައެކަނި ބައިނަލްއަގުވާމީ ކޮންފަރެންސްތަކާއި، "ޑައިލޮގް" ތަކެއް ނޫނެވެ. ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ ކަންކަމަށް ފުންކޮށް ބަލައިލައިފި ނަމަ ފެންނަން އޮތީ ބިރުވެރި މަންޒަރެކެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މުސްތަގުބަލު އިންޑިއާގެ ބާރުގެ ދަށަށް އަލުން ގެންދިއުމަށްޓަކައި އެ ގައުމުގެ ޚާރިޖީ ވަޒީރާއި، ޖާސޫސީ އިދާރާ "ރޯ" ގުޅިގެން ފަރުމާކުރަމުންދާ މާސްޓަރ ޕްލޭނެއްގެ ފެށުންކަމަށް ލަފާކުރެވެއެވެ. މި ތޫފާނުގެ އެންމެ ކުރީ ސަފުގައި، "ދިއްލީގެ އެންމެ އިތުބާރު ހުރި ދިވެހި ލީޑަރު"ގެ ގޮތުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ސުވާލަކީ، މި ބިރުވެރި "ސިޔާސީ ސުނާމީ" ރާއްޖޭގެ އައްސޭރިފަށަށް ބިންދާލުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިކަމުގެ ނުރައްކާ ރޭކާލައްވާނެ ބާވައެވެ؟

ނަޝީދުގެ އިންޑިއާއިން އެނބުރި ވަޑައިގަތުން: އިގުތިސޯދީ "ސަބޮޓާޖް" އެއްގެ ފެށުން

އިންޑިއާގެ ދަތުރު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން އެއާޕޯޓުގައި ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ ސީދާ ދިވެހި ދައުލަތުގެ ބާރު ކަނޑުވާލައްވަން ދެއްވި އިގުތިސޯދީ ހަމަލާއެކެވެ. އިންޑިއާއަށް ދިވެހި ދައުލަތުން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑެއް ދެއްކޭނެ ގާބިލުކަން ރާއްޖޭގެ ރިޒާވްގައި ނެތް ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ މާލީ މާކެޓުގައި ރާއްޖޭގެ އަގު ވައްޓާލައްވަން ނަޝީދު ވަނީ އިންތިހާއަށް މަސައްކަތް ކުރައްވައިފައެވެ. ދައުލަތުގެ ސިއްރު މައުލޫމާތުތަކާއި، ގައުމުގެ މާލީ ހާލަތާ ބެހޭގޮތުން ބޭރުގެ މީޑިއާތަކުގެ ކުރިމަތީގައި ނަޝީދު ފެތުރި ބިރުވެރިކަމަކީ، ރާއްޖެއަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތައް ފަސްޖައްސުވައި، ގައުމު ބަނގުރޫޓު ކޮށްލުމަށް ހިންގެވި ވަރަށް ނުރައްކާތެރި، ގައިރު ޒިންމާދާރު އަމަލެކެވެ. ސަރުކާރުގެ ވެސް އަދި އެމްޑީޕީގެ ވެސް އެއްވެސް މަޤާމެއް މިވަގުތު ނަޝީދުގެ ނެތް އިރު، ނަޝީދަކީ މިފަދަ ވާހަކައެއް ދައްކަވަން މިވަގުތު އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއްވެސް ނޫނެވެ.

ދިވެހި ސަރުކާރުން ފައިސާ އިސްރާފުކުރާ ކަމަށް ވިދާޅުވެ، ރާއްޖެއަށް އެހީދޭ ގައުމުތަކުގެ އިތުބާރު ކަނޑުވާލައްވަން ނަޝީދު ކުރެއްވި މި މަސައްކަތުން އެނގެނީ، އެމަނިކުފާނުގެ އަމިއްލަ ސިޔާސީ މަގުސަދު ހާސިލުކުރެއްވުމަށްޓަކައި ގައުމުގެ އިގުތިސޯދު ގުރުބާންކޮށްލައްވަން ވެސް ނަޝީދު ފަސްޖެހިވަޑައިނުގަންނަވާނެ ކަމެވެ. ދިއްލީގައި ހުންނަވައިގެން، ރާއްޖޭގެ މާލީ ހާލަތާ ބެހޭގޮތުން އިންޑިއާގެ އޮފިޝަލުންނާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވުމަކީ، ރާއްޖޭގައި އޮތީ "ދެ ސަރުކާރެއް" ކަމަށާއި، އޭގެ ތެރެއިން އެއް ސަރުކާރެއްގެ ވެރިއަކީ ނަޝީދުކަމަށް ދުނިޔެއަށް ދެއްކެވުމަށް ކުރެއްވި މަސައްކަތެކެވެ.

މޮރިޝަސްގެ އެޖެންޑާ: ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަން ހޯދަން ރާއްޖެއިން ކުރާ މަސައްކަތަށް ހިޔަނި އެޅުން

ޗާގޯސް ނުވަތަ ފޯޅަވަހި މައްސަލައިގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ގައުމީ ސިޔާސަތަކީ ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. ނަމަވެސް، ނަޝީދު މިއަދު ވަނީ މޮރިޝަސްގެ ދިފާއުގައި ވާހަކަފުޅު ދައްކަވައި، އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވި ކަމުގެ "އުފާވެރި" ޚަބަރު ދިވެހިންނަށް ދެއްވައިފައެވެ. ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ބަލައިނުގަތުމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރާތީ، މޮރިޝަސްއިން އަމިއްލައަށް ރާއްޖެއާ ގުޅުން ކަނޑައިލައިފައި ވަނިކޮށް، ނަޝީދު އެ ގައުމުގެ "އޭޖެންޓެއްގެ" ގޮތުގައި މަސައްކަތް ކުރެއްވުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ ބޮޑު ހިޔާނާތެކެވެ.

މިއީ ސީދާ ރާއްޖޭގެ ރަސްމީ "މޯލްޑިވްސް ފަސްޓް" ސިޔާސަތަށް ގޮންޖައްސަވައި، ބޭރުގެ ބާރުތަކުގެ ކުރިމަތީގައި ދިވެހި ސަރުކާރު ބަލިކަށިކޮށްލައްވަން ހިންގެވި ނުސީދާ ބަގާވާތެއް ފަދަ އަމަލެކެވެ. ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނަކީ މި ނުރައްކަލުގެ އިންޒާރަށް ދިން ޖަވާބެކެވެ. ދައުލަތުގެ އިސް މަގާމުތައް އަދާކޮށްފައިވާ ބޭފުޅުން، ޚާރިޖީ މިންގަނޑުތަކާ ހިލާފަށް ދައްކަވާ މިފަދަ ވާހަކަތަކަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ބިރެކެވެ.

ދިއްލީގެ ބައްދަލުވުންތައް: ނަޝީދާއި ސޯލިހު "އެއްގަލަކަށް" އަރުވަން އިންޑިއާގެ މަސައްކަތް

ނަޝީދު ދިއްލީގައި ހުންނަވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ކުއްލި ގޮތަކަށް އިއްޔެ ދިއްލީއަށް ވަޑައިގަތުމަކީ އިއްތިފާގެއް ނޫނެވެ. މިއީ އެމްޑީޕީގެ ތެރޭގައި އޮތް ފެކްޝަންތައް ސުލްހަކޮށް، 2028ގެ އިންތިޚާބަށް އެ ޕާޓީ "އެއްގަލަކަށް" އެރުވުމަށް އިންޑިއާއިން ކުރާ މަސައްކަތްތަކުގެ ބައެއް ކަމަށް ބެލެވެއެވެ. އަންނަ ޖޫން މަހުގެ 12 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގައި ނަޝީދާއި، އިބޫ ތާއީދުކުރައްވާ މީކާއިލް އަހުމަދު ނަސީމާ ދެމެދު އޮތް ވާދަވެރިކަން ކުޑަކޮށް، އެމްޑީޕީގެ ގުޅިފައިވާ މޫނުމައްޗެއް ދެއްކުމަށް އިންޑިއާއިން ދަނީ ބާރުއަޅަމުންނެވެ.

އިންޑިއާގެ ބޭނުމަކީ 2028 ގައި ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ނެރެ، އޭނާގެ ރަނިންމޭޓަކަށް އިންޑިއާގެ އެންމެ އިތުބާރު ހުރި "ލެފްޓިނަންޓް" އަބްދުﷲ ޝާހިދު ހަމަޖެއްސުން ކަމަށް ބެލެވެއެވެ. އިންޑިއާގެ މި "ޑްރީމް ޓީމް" ބިނާކުރުމަށްޓަކައި، އިބޫ ސޯލިހުގެ ފެކްޝަންގެ ތާއީދު ހޯދައިދިނުމަށް ދިއްލީން ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ނަޝީދު ޕްރޮމޯޓްވާ ފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތައް ރާވައި، އެފަދަ ބައދަލުވުންތަކުގެ އެންމެ މުހިއްމު ތަޤްރީރު ދެއްވުމުގެ ފުރުސަތު ދިއްލީން ދަނީ ނަޝީދަށް ހޯދައިދެމުންނެވެ. މިއީ ހަމައެކަނި ޕާޓީއެއްގެ އެތެރޭގެ ކަމެއް ނޫނެވެ؛ މިއީ ބޭރުގެ ބާރަކުން ރާއްޖޭގެ ވެރިކަމުގެ "ރިމޯޓް ކޮންޓްރޯލް" ހޯދަން ކުރާ މަސައްކަތެކެވެ.

ނާޒިމް ސައްތާރަށް ދިން ހަމަލާ: ސިމްޕަތީ ހޯދުމުގެ "އޯލްޑް ޓްރިކް"؟

މި ނާޒުކު ދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި، ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް މާލޭ މަގުމަތިން ދިން ހަމަލާއަކީ ވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. އެއީ ފައިސާ ފޭރުމުގެ އަމަލެއް ކަމަށް އާއިލާއިން ބުންޏަސް، ސިޔާސީ ގޮތުން ނާޒުކު ވަގުތެއްގައި މިފަދަ ހާދިސާތައް ހިނގުމަކީ، އާންމުންގެ "ސިމްޕަތީ" ނުވަތަ ހަމްދަރުދީ ހޯދުމަށް ބޭނުންކުރާ ސިޔާސީ އުކުޅަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އިންތިޚާބުތަކާ ދިމާކޮށް މިފަދަ "ޑްރާމާ"ތައް ފެންމަތިވުމަކީ، ގައުމުގެ އަމާންކަން ގެއްލިފައިވާކަން ދައްކައި، ސަރުކާރުގެ އަގު ވައްޓައިލުމަށް، ބާރުގަދަ ބަޔަކު އަޑީގައި ތިބެގެން ކޮށްފާނެ ފަދަ ކަންކަމެވެ.

އިންޑިއާގެ ސިއްރު ސިފައިން، "ރޯ" ގެ ވިއުގަ އާއި ނުފޫޒު ރާއްޖޭގައި

އިންޑިއާގެ ޖާސޫސީ އިދާރާ، "ރޯ" އިން ރާއްޖޭގައި ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ރާއްޖޭގެ އެކި ދާއިރާތަކުގައި ޑޮކްޓަރުންނާއި، ޓީޗަރުންނާއި، އެކައުންޓެންޓުންގެ ނަމުގައި މަސައްކަތްކުރާ އިންޑިއާގެ ބައެއް މީހުންނަކީ، ހަގީގަތުގައި ދިވެހި ސަރުކާރާއި ހައި-ޕްރޮފައިލް ދިވެހިންގެ މަޢުލޫމާތު އެއްކުރާ އޭޖެންޓުންނެވެ. މިފަދަ ގިނަ އަދަދެއްގެ ރޯ އެޖެންޓުން މާލޭގެ އިތުރުން އައްޑޫ ފަދަ ރާއްޖޭގެ ސިޓީތަކުގައި ހަރަކާތްތެރިވާކަމުގެ ހެކިތައް އެބަހުއްޓެވެ.

މީގެ އިތުރުން، އިންޑިއާ އެމްބަސީން ދިވެހި ބައެއް ނޫސްވެރިންނަށް ސިއްރުން "ޕޭރޯލް" ދީގެން، ސަރުކާރާ ދެކޮޅަށް ޕްރޮޕެގެންޑާ ފެތުރުމަކީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ. މީޑިއާގެ މި ނުރައްކާތެރި ވިއުގަ ބޭނުންކުރަނީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ބަލިކަށިކޮށް، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށެވެ. އެމްޑީޕީގެ އިސް ބައެއް މެންބަރުން ގަވާއިދުން އިންޑިއާ އެމްބަސީއަށް ހާޒިރުވެ، ގައުމީ ސިޔާސަތުތައް ބޭރުގެ ބާރެއްގެ ފައިބުޑަށް ތިލަކުރަމުންދާ ދިއުމަކީ ދިވެހި ތާރީޚު ދެކޭ ލަދުވެތި މަންޒަރެކެވެ.

ރައީސް މުއިއްޒުއަށް އޮތް ނުރައްކާ: ވަގުތު ފާއިތުވަނީ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ ބައިނަލްއަޤްވާމީ ސިޔާސީ މައިދާނުގައި، އިތުބާރު ހިފޭ، ގާތް ރަހްމަތްތެރިއެއް ކަމަށް ރައީސް މުއިއްޒު ގަބޫލުކުރައްވައިގެން ހުންނެވިއިރު، އެމަނިކުފާނުގެ ފަހަތްޕުޅުން މޯދީ ގެންދަވަނީ 2028 ގައި މުއިއްޒުގެ ވެރިކަން ނިންމާލެއްވުމަށް "ސިޔާސީ ލަޝްކަރެއް" ތައްޔާރުކުރައްވަމުންނެވެ. އިންޑިއާއިން މިހާރު ފަންޑުކުރަމުންދަނީ މުއިއްޒުގެ ސިޔާސަތުތަކަކަށް ނޫނެވެ؛ އެމީހުން ފަންޑުކުރަނީ އެމްޑީޕީގެ ކެމްޕެއިނަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވަވަން މަސައްކަތް ކުރެއްވި ނަމަވެސް، އިންޑިއާގެ އަސްލު އަމާޒަކީ ރާއްޖޭގެ ވެރިކަމަށް އިންޑިއާގެ ހަންފަތުރައިދޭނެ ބަޔަކު އަލުން އިސްކުރުމެވެ. އެކަމުގެ މާލިމީއެއްގެ ގޮތުގައި އިންޑިއާ އިން މިވަގުތު އިތުބާރު ކުރަނީ ރައީސް ނަޝީދަށެވެ.

މިއީ ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް އިންތިހާ ދަރަޖައިގެ ބޮޑު ގޮންޖެހުމެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ "އޯޑަރަށް" ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގި ގޮތަށް، އަލުން އެ ދުވަސްތައް އިއާދަކުރުމަށް އިންޑިއާއިން މިފަހަރު އަންނާނީ މާ ވަރުގަދަ އަޒުމަކާއެކުގައެވެ. އެމްޑީޕީ އާއި ނަޝީދު ގުޅިގެން، އިންޑިއާގެ އެހީގައި މިފަހަރު ވެރިކަން ލިބިވަޑައިގެންފި ނަމަ، ކުރީގެ ތަޖުރިބާ އަށް ބަލައި، އިންޑިއާގެ ވަކިތަކުން ރާއްޖެއަށް ދެން ސަލާމަތެއް ނުވެވޭނެއެވެ. ބޭރުގެ ބާރަކަށް ދިވެހި ދައުލަތުގެ ތަޅުދަނޑި ހޯއްދަވައި ދެއްވަން ނިކުމެވަޑައިގެން ހުންނެވި ބޭފުޅަކަށް ދިވެހީންގެ ތެރެއިން ބަޔަކު ތާއީދު ކުރާ ކަމީ ހައިރާންވެ، ހިތާމަކުރަން ޖެހޭ ފަދަ ބިރުވެރި ކަމެކެވެ.

އިދިކޮޅު ފަރާތްތަކާއި، ބޭރުގެ ޖާސޫސީ އިދާރާތަކާއި، އަދި ރާއްޖޭގެ މީޑިއާގެ ތެރޭގައި ފެތުރިފައިވާ މި ނުރައްކާތެރި ވިއުގައަށް ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ހޭފުޅުލައްވަން ޖެހެއެވެ. ދިއްލީގެ މޫނުމަތީގެ ހިނިތުންވުންތަކާއި، ބޮޑުވަޒީރު މޯދީގެ ބައްދަލުވުންތަކަކީ ހަމައެކަނި "ޝޯ" އެއް ކަމަށް ބެލާނެ ޖާގަ އެބައޮތެވެ. އަސްލު ކުޅިގަނޑު އޮތީ ފަރުދާގެ ފުރަގަހުގައެވެ. މި ބިރުވެރި "ސިޔާސީ ސުނާމީ" އިން ގައުމު ސަލާމަތް ކުރެވޭނީ، އިދިކޮޅު ފަރާތްތަކުގެ މި ހަރަކާތްތަކަށް ހޭލުންތެރިވެ، "ވަކްތުން ވަކްތަށް" ފިޔަވަޅު އަޅައިގެންނެވެ. ވަގުތު ފާއިތުވުމުގެ ކުރިން ގައުމު ސަލާމަތް ކުރައްވާށެވެ!