ތ. ކިނބިދޫގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ޤައުމުގެ މުސްތަގުބަލާ މެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި ސިޔާސީ ހުށަހެޅުއްވުމެއް ހުށަހަޅުއްވައިފައެވެ. ނަޝީދު ހުށަހެޅުއްވީ ރާއްޖޭގައި ހުރި ފަންނީ މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމުގެ ނަމުގައި، ބޭރު ގައުމުތަކުގެ މީހުން ގެނެސް ދިވެހި ރައްޔިތަކަށް ވުމުގެ ފުރުސަތު (ސިޓިޒެންޝިޕް) އެމީހުންނަށް ދިނުމަށެވެ. ނަޝީދަކީ އަބަދުވެސް ދުނިޔެއަށް ހުޅުވާލެވިފައިވާ، ވިޝަނަރީ ތަސައްވުރެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ދެއްކެވި ނަމަވެސް، މި ހުށަހެޅުއްވުމަކީ ނަޝީދު އެ ވިދާޅުވާ ފަދަ "ބޮޑު ބަދަލެއް" ނޫނެވެ. މިއީ ދިވެހި މުޖުތަމައުގެ އިޖުތިމާއީ، ދީނީ އަދި އިގްތިސާދީ ބިންގާ ފުނޑުފުނޑުވެ، އަމިއްލަ ޤައުމުގައި ދިވެހީން މިހާރުވެސް ބާކީވެފައިވާ މިންވަރަށް ވުރެ ބޮޑަށް، އިތުރަށް، ބާކީވެދާނެ ފަދަ ނުރައްކާތެރި ހުށަހެޅުއްވުމެކެވެ. މިއީ ބޭރުގެ ކޮންމެވެސް ޖަމާތްތަކަކުން ނުވަތަ ޤައުމުތަކަކުން ބުނެގެން، ދިވެހި ރާއްޖޭގެ އެއްބައިވަންތަކަން ރޫޅާލުމަށް ނަޝީދު އިސްވެ ހުންނަވާ ހިންގަވާ "މިޝަނެއްގެ" ފެށުން ކަމަށް ވެސް މާނަކުރެވިދާނެއެވެ. އެހެން ހީވާ ވަރަށް ނަޝީދު މި ވާހަކަ އެކި ގޮތްގޮތަށް އެބަ ދައްކަވައެވެ.
1. އޮސްޓްރޭލިއާގެ ފޭލްވެފައިވާ މިސާލާއި ޖިއޮގްރަފީގެ ހަގީގަތް
ނަޝީދު އެމަނިކުފާނުގެ ހުއްޖަތް ބިނާކުރެއްވީ 2009 ވަނަ އަހަރު އޮސްޓްރޭލިއާއިން ފަސް މިލިއަން މީހުންނަށް ރައްޔިތުކަން ދީގެން އޮސްޓްރޭލިއާ އަށް ގެންދިއުމަށް ހިންގި ސިޔާސަތާ އަޅައިކިޔުއްވަމުންނެވެ. ނަމަވެސް، މިއީ އުޑާއި ބިމާހާ ތަފާތު ދެ ހާލަތެކެވެ. އޮސްޓްރޭލިއާއަކީ 7.7 މިލިއަން އަކަކިލޯމީޓަރުގެ ބިޔަ ބައްރެކެވެ. އެ ގައުމުގައި މީހުން ވަޒަންވެރިކުރާނެ ހުސް ބިން އެބައޮތެވެ. ރާއްޖޭގެ ހާލަތަކީ ކޮބައިހެއްޔެވެ؟ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑެވެ. ހިކިފަސްކޮށް އޮތީ އެންމެ 300 އަކަކިލޯމީޓަރެވެ.
ރާއްޖޭގެ ވެރިރަށް މާލެއަކީ ތޮއްޖެހުމުގެ ގޮތުން ދުނިޔޭގެ ރެކޯޑެކެވެ. އެންމެ އަކަކިލޯމީޓަރަކަށް 100,000 އަށްވުރެ ގިނަ މީހުން ޖަމާވެގެން ދިރިއުޅެމުންދާއިރު، ބޭރު މީހުންނަށް ރައްޔިތުކަން ދީގެން އެމީހުން ބައިތިއްބާނީ ކޮންތާކު ހެއްޔެވެ؟ މިއީ ހަމައެކަނި ލޮޖިސްޓިކަލް މައްސަލައެއް ނޫނެވެ. މިއީ ދިވެހި ދަރިންގެ ބޯހިޔާވަހިކަމުގެ ހައްގަށް އަރައިގަތުމެވެ. އޮސްޓްރޭލިއާގެ މޮޑެލް ރާއްޖޭގައި ހިންގަން އުޅުމަކީ ކަނޑު އޮޅެއްގައި މާލޭގެ އާބާދީ ވަޒަންވެރިކުރުން ފަދަ މަންތިގީ ގޮތުން ފެއިލްވެފައިވާ ސިޔާސަތެކެވެ.
2. އައްޑޫ ސިޓީގެ ސެޓްލްމަންޓް: ވަކިވެގަތުމުގެ ބިރުވެރިކަން:
އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑު ބަދަލުކުރުމާ މެދު (ފޭދޫ، ހުޅުދޫ، އަދި މީދޫ ވަކި ކައުންސިލްތަކަކަށް ހެދުމާ މެދު) 25 އޮކްޓޯބަރު 2025 ގައި ބޭއްވި އާންމު ވޯޓާ ދިމާކޮށް މިދިޔަ އޮކްޓޯބަރު މަހު ނަޝީދު ވަނީ އައްޑޫ ސިޓީއަށް ބޭރު މީހުން ގެންގޮސް، އެތަނުގައި އެމީހުން ދާއިމީކޮށް ވަޒަންވެރިކުރުވުމަށް ގޮވާލައްވައިފައެވެ. މި ހުށަހެޅުއްވުމުގެ ފަހަތުގައި އޮތީ ސިޔާސީ ކޮން މަގްސަދެއް ބާވައެވެ؟ ރާއްޖޭގެ ދެކުނުގެ އެންމެ މުހިންމު ސްޓްރެޓީޖިކް ސަރަހައްދުގައި ބޭރުގެ އާބާދީއެއް އުފެއްދުމަކީ، ގައުމުގެ މައި ސަރުކާރުގެ ނުފޫޒު ކުޑަކޮށް، ބޭރުގެ ބާރުތަކަށް އެ ސަރަހައްދުގައި ފައިތިލަ ސާބިތުކުރުމަށް ދެވޭ ދައުވަތެކެވެ. މިއީ ތާރީޚީ ގޮތުން ބަލާއިރު، އިސްތިއުމާރީ ބާރުތަކުން ގައުމުތައް ބައިބައިކުރުމަށް ގެންގުޅޭ ސިޔާސަތާ އެއްގޮތް ކަމެކެވެ.
އައްޑޫގެ ރައްޔިތުންނަށް ވަޒީފާއާއި ތަރައްގީ ބޭނުންވާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް އެ ތަރައްގީ ގެންނަންވާނީ ދިވެހިންގެ ޤައުމުގައި ދިވެހީން ބާކީވާ ގޮތަށް އައްޑޫގައި ބިދޭސީން ވަޒަންވެރި ކުރުވައިގެންނެއް ނޫނެވެ. މިފަދަ ކަމެއް ކޮށްފިނަމަ މިކަން ވެގެން ދާނީ އައްޑޫގެ އަމިއްލަވަންތަކަން ގެއްލުވާލައި، އެ ސިޓީއަކީ ބޭރު މީހުންގެ ކޮލޮނީއަކަށް ހެދުމުގެ ފެށުމަށެވެ.
އައްޑޫ ސިޓީގެ އިދާރީ އޮނިގަނޑާ މެދު ނަގަން އުޅުނު ވޯޓާ ދިމާކޮށް، ނަޝީދު ދެއްކެވި ވާހަކައިގައި އައްޑޫގެ އާބާދީ އިތުރުކުރުމަށްޓަކައި ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދީ، އެމީހުން އެތަނުގައި ވަޒަންވެރިކުރުމަށް ގޮވާލެއްވުމަކީ، ރާއްޖޭގެ ދެކުނުގެ އެންމެ މުހިންމު ސަރަހައްދުގެ ދިވެހިވަންތަކަން ގެއްލުވާލައި، ބޭރުގެ ނުފޫޒުތަކަށް އައްޑޫގައި ފައި ހަރުކުރުމަށް މަގުފަހިވާ ގޮތަށް ނަޝީދު ދެއްވި ނުރައްކާތެރި އިރުޝާދެކެވެ.
3. ލަންކާއާއި ރާއްޖޭގެ ބޯޑަރު ހުޅުވާލުން: އިގްތިސާދީ ދޮރު ފޫވައްޓާލުން
ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ވިސާގެ ހުރަސްތައް ނައްތާލައި، "ވޯކް ޕާމިޓެއް" ނެތި ދެގައުމުގެ މީހުންނަށް މިނިވަންކަމާއެކު ވަޒީފާ އަދާކޮށް އުޅެވޭނެ ގޮތް ހެދުމަށް ވެސް ނަޝީދު މިދިޔަ މަހު ވަނީ ގޮވައިލައްވައިފައެވެ. މިއީ ބަލާބެލުމަށް "ރަނގަޅު" ކަމެއްގެ ގޮތުގައި ފެނުނަސް، މީގެ ނަތީޖާ ދިވެހި މަސައްކަތްތެރިންނަށް ހިތްދަތިވާނެއެވެ. ލަންކާއަކީ 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ. ރާއްޖެއަކީ އެންމެ ފަސް ލައްކައެއްހާ މީހުންގެ ގައުމެކެވެ. ބޯޑަރު ހުޅުވާލުމާއެކު، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވަޒީފާތައް ލަންކާގެ މަސައްކަތްތެރިންގެ އަތްމައްޗަށް ދާނެއެވެ. މިއީ ދިވެހި ޤައުމު ނީލަން ކިއުން ފަދަ ކަމެކެވެ. ދިވެހި ޒުވާނުން ވަޒީފާ ނެތް ބިކަ ބަޔަކަށް ހެދުމުގެ ސިއްރު ރޭވުމެކެވެ. އެހެންވެ ނަޝީދުގެ މި ހުށަހެޅުއްވުމަކީ ދިވެހީންނަށް ވުރެ ބޮޑަށް ބޭރު މީހުންގެ މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހި ޤައުމުގެ އިގްތިސާދީ ސިޔާދަތީ ބާރު ބޭރު މީހުންގެ އަތްމައްޗަށް ގެންގޮސް ދެއްވުމަށް ކުރައްވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
4. ރައްޔިތުކަމަކީ "ބޯނަސް" އެއް ނޫން: ރައްޔިތުކަމަކީ ގައުމިއްޔަތުގެ އަގު:
ނަޝީދުގެ ލޮޖިކަކީ، ނުވަތަ މަންތިގަކީ ބޭރުގެ އިންޖިނިއަރުންނާއި ޑޮކްޓަރުން ގެނައުމަށް ދޭ "ސައިނިން ބޯނަސް"އެއްގެ ގޮތުގައި ރައްޔިތުކަން ބޭނުންކުރުމެވެ. މިއީ ދިވެހިވަންތަކަމުގެ އަގު ވައްޓާލުމެކެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ހަމައެކަނި ވަޒީފާއަކަށްޓަކައި ގައުމުގެ "ތަޅުދަނޑި" ދުލެއް ނުކުރެއެވެ. އަދި 1953 ގެ ރެފިއުޖީ ކޮންވެންޝަނާ މިކަން ގުޅުވުމަކީ ގާނޫނީ ގޮތުން އޮޅުންބޮޅުން ބޮޑު ކަމެކެވެ. އެ ކޮންވެންޝަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އިންސާނުންނަށް ހަމްދަރުދީވުމުގެ އުސޫލެކެވެ. އެއީ ރަށު ކައުންސިލްތަކަށް ބޭނުންވާ ޓީޗަރުން "އޯޑަރު" ކުރަން އޮތް ވަސީލަތެއް ކަމަށް ނަޝީދު ވަކާލާތު ކުރެއްވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަސައްރަފް ނުފުދުން، ނުވަތަ ގަސްތުގައި ދިވެހި ރައްޔިތުން ބޮލަށް ޗިޕް ޖައްސަވައިގެން ޤައުމުގެ އިސްތިޤްލާލު ބިދޭސީންގެ އައްމައްޗަށް ދޫކޮށްލެއްވުމަށް ރޭއްވެވުމެވެ.
ދިވެހި ރައްޔިތުކަން ބިދޭސީންނަށް ދިނުމަކީ އެމީހުންނަށް ހަމައެކަނި ދިވެހި ޕާސްޕޯޓެއް ދިނުމެއް ނޫނެވެ. އެއީ ދިވެހި ދައުލަތުން އެމީހުންނަށް ދޭންޖެހޭ ސަބްސިޑީއާއި، ހިލޭ ބޭސްފަރުވާއާއި، ތައުލީމާއި އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއަށް އެމީހުން ވައްދައި، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރުމެވެ. ރާއްޖެއަކީ މިހާރުވެސް ދަރަނީގެ ބޮޑު ބުރައެއް އުފުލަމުންދާ ގައުމެކެވެ. މިފަދަ ހާލަތެއްގައި، އިތުރު "ރައްޔިތުން" އުފެއްދުމަކީ ދިވެހި ދައުލަތުގެ މާލީ ނިޒާމު އިނދަޖައްސާލާނެ ކަމެކެވެ. މީގެ އިތުރުން، ބޭރުން އައިސް ރައްޔިތުކަން ހޯދާ ބަޔަކަށް ވޯޓުލުމުގެ ހައްގު ލިބުމުން، ރާއްޖޭގެ ސިޔާސީ ނިންމުންތައް ނިންމުމުގައި ދިވެހިންގެ ބާރު ކުޑަވެގެންދާނެއެވެ.
5. އިޖުތިމާއީ އަދި ދީނީ އެއްބައިވަންތަކަމަށް އޮތް ނުރައްކާ:
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމެކެވެ. އަޅުގަނޑުމެންގެ ސަގާފަތާއި އެއްބައިވަންތަކަން ބިނާވެފައިވަނީ އެއް ދީނަކާއި އެއް ބަހެއްގެ މައްޗަށެވެ. ކުޑަ އާބާދީއެއްގެ ތެރެއަށް ކުއްލިއަކަށް އެތައް ހާސް ބޭރު ބަޔަކު އިތުރުވުމަކީ، މި އެއްބައިވަންތަކަން ގެއްލޭނެ ކަމެކެވެ. އައްޑޫން ފެށިގެން ކިނބިދޫއާ ހަމައަށް ނަޝީދު މި ގެންގުޅުއްވާ "ހުޅުވާލެވިފައިވާ" ސިޔާސަތުތަކުން ދޭހަވަނީ އެއް ކަމެކެވެ: އެމަނިކުފާނުގެ މިޝަނަކީ ދިވެހި ގައުމިއްޔަތުގެ ބިންގާ ބަލިކަށިކޮށް، ރާއްޖެއަކީ ވަކި ސިފައެއް ނެތް "ބައިނަލްއަގުވާމީ މަރުކަޒަކަށް" ހެދުމެވެ. މިއީ ދިވެހި ރައްޔިތުން އެމީހުންގެ އަމިއްލަ ގައުމުގައި ބާކީވުމަށް މަގުފަހިވާނެ ކަމެކެވެ. ނަޝީދަށް ރާއްޖޭގެ ވެރިކަން ދެން ލިބިވަޑައިގެންފި ނަމަ މިފަދަ ބަދަލުތައް ޤާނޫނު އަސާސީއަށް ގެންނަވާނެކަން ކަށަވަރެވެ. އެގޮތަށް އެކަން ވެއްޖެނަމަ އިޖުތިމާއީ ފިތުނައާއި، ތަފާތު ފިކުރުތައް ރާއްޖެއަށް ތައާރަފްވެ، އަޅުގަނޑުމެންގެ ދީނާއި އާދަކާދަތައް ފަނާވެގެންދާނެކަން ޔަޤީނެވެ.
6. ވަގުތާއި ހާލަތާ ނުބައްދަލު ސިޔާސަތެއް!
އެމްޑީޕީގެ ލީޑަޝިޕަށް ނުވަތަ ސިޔާސީ ބާރުވެރިކަމަށް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިއީ، އެމަނިކުފާނަކީ އީޖާދީ، ވިޝަނަރީ ލީޑަރެއް ކަމަށް ރައްޔިތުނަނަށް ވިސްނައިދެއްވަން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ބެލެވެއެވެ. ނަމަވެސް ތަސައްވުރެއް ހުރުމާއި ނުރައްކާތެރި ވާހަކަ ދެއްކެވުމާ ދެމެދު ވަރަށް ހަނި ރޮދިފަށެއް އޮވެއެވެ. ނަޝީދު އެ ގެންދަވަނީ އެ ހަނި ރޮދިފަށަށް ވާން ކުރައްވަމުން ރައްޔިތުންނަށް އޮޅުވާލައްވަމުންނެވެ. މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކާ ރާއްޖެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، އިސްކަންދޭންވީ މިހާރު ތިބި ރައްޔިތުން ބާރުވެރިކުރުވުމަށެވެ. ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ދީ، ދިވެހި އާއިލާތައް ބޮޑުކުރުމަށް ހިތްވަރުދީ، އަމިއްލަ ފައިމައްޗަށް ތެދުކުރުވުމަށެވެ. "އިމްޕޯޓް" ކުރާ ހުނަރަށްވުރެ "ލޯކަލް" ހުނަރު ކުރިއެރުވުމަކީ މާ ބޮޑަށް ވެސް ދެމެހެއްޓެނިވި ކަމެކެވެ. އަޅުގަނޑުމެންގެ ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ދިވެހިވަންތަ ކުރަންވީ ވަގުތުގައި، ބޭރު މީހުންނަށް ރައްޔިތުކަން ދީގެން އެ ދާއިރާތައް ހިންގަން އުޅުމަކީ ގައުމީ ދަރިންގެ ކުރިއެރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. މިއީ ނަޝީދު ދިވެހި ޕްރޮފެޝަނަލުންގެ އަގު ވަޒަންނުކުރައްވާކަން ދޭހަވާ މިސާލެކެވެ. މި ޤައުމުގައި އިޖުތިމާއީ ފިތުނަ އުފެދި، ތަފާތު ފިކުރުތައް ރާއްޖެއަށް ތައާރަފްވެ، އަޅުގަނޑުމެންގެ ދީނާއި އާދަކާދަތައް ފަނާކުރުމަށް ފަހު ޤައުމު "ރީސެޓް"ކޮށް، ސެކިއުލަރ ޤައުމެއް އުފެއްދުމަކީ ނަޝީދު ބޭނުންފުޅުވާ "އަނެއް ދިވެހި ރާއްޖެ" އަށް ދިވެހީން ގެންދިއުން ކަމުގައި ވެދާނެއެވެ.
ނިންމުން: މިއީ "ބޮޑު" ނަމަވެސް "ގަދަ" ބަދަލެއް ނޫން!
ރައްޔިތުކަމަކީ އިންސާނަކާ އޭނާގެ ވަޒަނާ ދެމެދު އޮންނަ މުގައްދަސް ގުޅުމެކެވެ. އެއީ ވިޔަފާރި މުދަލެއް ނޫނެވެ. އައްޑޫ ސިޓީގައި ބޭރު މީހުން ވަޒަންވެރިކުރުވުމާއި، ލަންކާއަށް ދިވެހި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި، ބޭރު މީހުންނަށް ރައްޔިތުކަން ދިނުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ހަލާކުކޮށްލުމަށް ކުރެވޭ "ސިލްސިލާ" މަސައްކަތެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. ރައީސް ނަޝީދުގެ މި "އޮސްޓްރޭލިއާ ހުވަފެނަކީ" ރާއްޖެއަށް އޮތް ބިރުވެރި ހުވަފެނެކެވެ. މިއީ ގައުމުގެ މިނިވަންކަމާއި، ސަގާފަތާއި، އަދި އިޖުތިމާއީ ހަމަޖެހުމަށް ދެވޭ ވަރަށް ބޮޑު ހަމަލާއެކެވެ. ބައެއް ބަދަލުތަކަކީ "ބޮޑު" ބަދަލަކަށް ވެދާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެއީ "ގަދަ" ބަދަލަކަށް ވުމެއް ނޫނެވެ. ނަޝީދު ހުށަހަޅުއްވާ މި ބަދަލަކީ ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކެތްކުރެވޭނެ ބަދަލެއް ނޫނެވެ.
ދިވެހިރާއްޖެއަކީ ދިވެހިންގެ ތަނެކެވެ. މިތަން ބޭރުގެ "ލޭބަރ މާކެޓަކަށް" ހެދުމުގެ ފުރުސަތެއް ދިވެހި ރައްޔިތުން ނުދޭނެއެވެ. މިއީ ދިވެހި މުޖުތަމައުގެ އިޖުތިމާއީ، ދީނީ އަދި އިގްތިސާދީ ބިންގާ ފުނޑުފުނޑު ކޮށްލުމަށް، ބޭރުގެ ފަރާތްތަކަކާ ގުޅިގެން ނަޝީދު ރާއްވަވާ ނުރައްކާތެރި ރޭވުމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހެނީ ދިވެހި ދަރިންގެ މުސްތަގުބަލަށެވެ. ބޭރުގެ ހުވަފެންތަކުން ގައުމު ފަނާކޮށްލުމަކީ އެއްވެސް ދިވެއްސަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ.

2 Responses
އަންނި ނަޝީދު އެންމެއިސްކަންދޭ ހުވަފެނަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބަދަލުކޮށްގެންވިޔަސް މިރާއްޖޭގައި ޣައިރުއިސްލާމީ މުޖުތަމަޢުތަކަށް ޖާގަދިނުން. އެކަންވާންއޮތް ހަމައެކަނިގޮތަކީ މުސްލިމްނޫން މީހުން ރަށްވެހިކުރެވޭނެ ކުޑަވެސްޖާގައެއް އޮތްތޯބަލާފަ އެޖާގަ ފުޅާކުރުން. ބިދޭސީން ރަށްވެހިކުރެވޭނެ ގޮތެއް ހޯދިއްޖެނަމަ އަންނި ނަޝީދުގެ ހުވަފެން ހަގީގަތަކަށްވުމަކީ ކައިރިކަމެއް. އަންނި ކީއްކުރަން، އެމްޑީޕީގެ އެކަކުވެސް މިރާއްޖޭގެ ވެރިކަމަށް ގެންނަން ހެޔޮނުވާނެ.
ވަރަށް މުނާސަބު ޥަގުތެއްގައި އެހަަމެ ބޭނުންތެރި މައުލޫމާތުތަކެއް އެއްކުރައްވާފައިވާ މަޒްމޫނެއްކަން ފާހަގަ ކުރަމެވެ. މިމަޒްމޫނުގައި ލިޔުއްވާފައި ވާގަދައިން އަޅުގަނޑުމެން ރާއްޖޭގެ ސިޔާސީ މަޝްރަހުން މި ފެންނަ މޫނު ތަކަކީ އެމީހުންގެ ހަގީގީ ކުލަ ފޮރުވައިގެން އުޅޭ ގިނަ ބަޔަކު އުޅޭ މަޝްރަހެއް ކަން ފާހަގަ ކުރަން ޖެހެއެވެ. އެފަދަ މީހުން ހަގީގަތުގައިވެސް އެ މަސައްކަތް ކުރަނީ ހަމަ މި ދިވެހިރާއްޖެއަށް ދިވެހި ރައްޔަތުންނަށް ހެވާ ލާބަ ހޯދައިދޭން ކުރާ މަސައްކަތް ތަކެއްބާވައެވެ؟ ޢެހެނީ ވެރިކަމުގެ ނިޡާމް ބަދަލު ކުރި ފަހުން މިހިނގައި ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ދަރަނި ދުވަހެއް ދުވަހަކަށް މި އަންނަނީ ބޮޑު ވަމުންނެވެ. އަމިއްލަ ނުވަތަ ސްޓޭޓް އޯންޑް ކުންފުނިތަކުގެ މޭޖަރ ޝެއަރ ބޭރުމީހުންނަށް ވިއްކައިފިއެވެ. އެންމެ ބޮޑު އެއާރޕޯޓު ބޭރުގެ ކުންފުންޏަކަށް ހަދިޔާކޮށްފިއެވެ. އެތައްގިނަ ފަޅު ތަކެއް ހަދިޔާ ކޮށްފިއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދުރާއްޖެ ތެރޭގައި ބޭރު ގައުމެއްގެ ނުފޫޒު ފޯރުވޭ ގޮތަށް ބިްނތަކާއި އެއަރޕޯޓު ތައް ދީ އެމީހުން ގާއިމް ވުމުގެ ފުރުޞަތު ދީފިއެވެ. މިހާރު މި އިވެނީ ރައްވެހިކަންވެސް ދޭންވީ ކަމަށް ވަކާލާތު ކުރާވާހަލައެވެ. މި ކޮންމެ ކަމަކީ އެކަމަކުން ދިވެހި ރައްޔަތަކަށް ލިބޭ މަންފާއަކާއި ހެވަކަށްވުރެ ބޮޑަށް ބޭރުގެ ކޮންމެވެސް ބަޔަކަށް އެކަންކަމުގެ ލާބައާއި މަންފާ ލިބޭ އަދި ލިބޭނެ ކަންކަމެވެ. ނަމަވެސް އެންނެ ބޮޑު ހިތާމަޔަކީ މިހުރިހާ ކަމެއް އެބުނާ ސިޔާސީ ލީޑަރުން އެކުރަނީވެސް ހަމަ ދިވެހިރައްޔަތުންނަށް އަދި ދިވެހިރާއްޖެއަށް ހެޔޮގޮތާއި ތަރައްގީ ގެނެސް ދިނުމަށް ކަމަށްބުނެ ދައްކާ ވަަހަކަތަކަށް ގިނަ ރައްޔަތުން ހެއްލޭ ކަމެވެ.