Support Us

މިފްކޯގެ އުފެއްދުންތައް ލަންކާގައި ތައާރަފުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް، ސްރީލަންކާގައި ތަޢާރަފުކުރުމުގެ ގޮތުން ކޮލަމްބޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަގާފީ 'މަލާފަތެއް' ވަނީ ތަޢާރަފުކޮށް ދައްކައިލައިފައެވެ. މިއީ މިފްކޯގެ "ވެލިއު-އެޑެޑް" މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ވިޔަފާރީގެ ގުޅުމަށް މި އިސްނެގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކާބޯތަކެތި ތައްޔާރުކޮށް ދައްކައިލުމަށް ޚާއްޞަ ކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، މިފްކޯގެ ބްރޭންޑްގެ ދަށުން ފޯރުކޮށްދެވޭ އުފެއްދުންތައް ބައްލަވައިލައްވައި، ތައްޔާރުކޮށްފައިވާ ބައެއް ކާނާގެ ރަހަ ބައްލަވައިލައްވައިފައެވެ.

މި ހަރަކާތް ބޭއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.