ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި "ބޭޔަރ"ގެ ފާމަސޫޓިކަލް އުފެއްދުންތައް އެސްޓީއޯ ހެލްތުކެއާ އިން މިއަދު ތައާރަފުކޮށްފިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެސްޓީއޯ ހެލްތުކެއާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި އުފެއްދުންތައް ތައާރަފުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާއި، ސިއްހީ ދާއިރާގެ މާހިރުންނަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ޕްރޮގްރާމް ކުރިއަށްދިޔައީ މާލޭގެ ހޮޓެލް ޖެންގައެވެ.
މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ އިސް ބޭފުޅުންނާއި، ރާއްޖޭގެ ސިއްހީ މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓީއޯ ހެލްތުކެއާގެ އަމާޒަކީ ބަލިތަކަށް ފަރުވާކުރުމުގައި ބޭނުންކުރާ އެންމެ ފަހުގެ އީޖާދީ ވަސީލަތްތައް ރާއްޖެއަށް ތައާރަފުކުރުމެވެ. މިގޮތުން މިއަދުގެ ބައްދަލުވުމުގައި ހިތުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ހޯމޯންއަށް އަންނަ ބަދަލުތަކާ ގުޅޭ ބަލިތަކާއި، އެތެރެހަށީގެ ބަލިތަކުގެ އިތުރުން އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން ހޯދިފައިވާ ކުރިއެރުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރިއެވެ.
މިއަދު ތަޢާރަފްކުރެވުނު ފަރުވާތަކަކީ ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ބޭނުންކުރަމުންދާ، ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ބަލިމީހުންގެ ފަރުވާގެ ނަތީޖާ ރަނގަޅުކުރުމުގައި ކާމިޔާބުކަން ސާބިތުވެފައިވާ އީޖާދީ ފަރުވާތަކެކެވެ. މި ފަރުވާތައް ރާއްޖެއަށް ތައާރަފްކުރީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހަރުދަނާ އަދި އިތުބާރު ހުރި އުސޫލުތަކުގެ ތެރެއިން ރަޖިސްޓްރީކުރެވިގެން ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.
"އެސްޓީއޯ ހެލްތުކެއާ އާއި ބޭޔަރ ކުންފުނި ގުޅިގެން ފެށި މި މަސައްކަތަކީ ރާއްޖޭގެ ގައުމީ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދެ ފަރާތުން ކުރާ މަސައްކަތުގެ ހެއްކެކެވެ. މި ފެށުނު ގުޅުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.



advertisment

