ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ސްރީލަންކާއަށް ފައްޓަވާ ހަތަރު ދުވަހުގެ ފުރަމާނަ ދަތުރުފުޅަކީ ހަމައެކަނި ދެ ބޭފުޅުން ފޮޓޯގަނޑެއް ނަންގަވަން ނުވަތަ ރަސްމީ ޑިޕްލޮމެސީ ފުރިހަމަ ކޮށްލެއްވުމަށް ކުރައްވާ ދަތުރުފުޅަކަށް ވެގެން ނުވާނެއެވެ. މި ދަތުރުފުޅަކީ އެއަށްވުރެ ފުން މާނައެއް އެކުލެވޭ ދަތުރުފުޅަކަށް ވާންޖެހެއެވެ.
ޒަމާނުއްސުރެ ދިވެހިން ޤަބޫލު ކުރަނީ ދިވެހި ރާއްޖެއަކީ އާބާދީ މަދު، ކުޑަ ޤައުމެއް ކަމަށެވެ. އެއާ އެކު ރާއްޖެއިން ސަރަޙައްދީ ޚާރިޖީ ގުޅުންތަކުގައި ގެންގުޅެމުން އައިސްފައިވަނީ ވަރަށް ބޮޑަށް ދޫދިނުމުގެ ސިޔާސަތެކެވެ. އިންޑިއާ ވިއަސް، ޕާކިސްތާނު ވިއަސް، އަދި ލަންކާ ވިއަސް، ދިވެހި ޤައުމުގެ ގިނަ ވެރިން ޤަބޫލު ކުރަނީ ސަރަހައްދީ ޤައުމުތަކުގެ ކުރިމަތީގައި ދިވެހި ރާއްޖެ އަކީ އެއްވެސް ބައެއް ނޫން ކަމަށެވެ. މިފަދަ ވިސްނުން ދުނިޔެއަށް މާނަކުރެވިގެން ގޮސްފައިވަނީ ރާއްޖޭގެ ބަލިކަށިކަމެއްގެ ގޮތުގައެވެ.
ދުބާއީ އަކީ ވެސް އާބާދީގެ ގޮތުން ރާއްޖެއާ ދާދި އެއްވަރުގެ ޤައުމެކެވެ. ދުބާއީގައި އުޅޭ ބިދޭސީން ހިމަނައިގެން އެ ޤައުމުގެ އާބާދީ ބޮޑުވިއަސް، ދުބާއީގެ އަސްލު އާބާދީ އަކީ އެންމެ ހަތަރު ލައްކަ އެވެ. ނަމަވެސް ބޮލަކަށް 45،000 އެމެރިކާ ޑޮލަރުގެ ބިޔަ އާމްދަނީ އަކާ އެކު ދުބާއީ އަކީ މުއްސަންތި، އިގްތޮސޯދު ބިޔަ، "ބޮޑު" ޤައުމެކެވެ. ރާއްޖޭގެ އާބާދީގައި ފަސް ލައްކަ ހަމަނުވުމަކީ "ކުޑަ" ޤައުމަކަށް ވުމެއް ނޫނެވެ. ރާއްޖެ އަކީ ދުނިޔޭގެ ޗާޓުން ބޮޑު ސަރަހައްދެއް ލިބިފައިވާ، ކަނޑުގެ މުއްސަނދިކަން ބޮޑު ޤައުމެކެވެ.
ރާއްޖެއަކީ އެއްވެސް ހާލެއްގައި ކުޑަ ޤައުމެއް ނޫނެވެ، އަދި ބަލިކަށި ގައުމެއް ވެސް ނޫނެވެ. ރާއްޖެ އޮތީ އިންޑިއާ ކަނޑުގެ މުހިންމު ޝިޕިން ޗެނެލް ތަކުގެ މެދުގައެވެ. ދުނިޔޭގެ އެންމެ ފައިދާ ބޮޑު އެއް ފަތުރުވެރިކަމުގެ ސިނާޢަތް ކޮންޓްރޯލް ކުރަނީ ވެސް ދިވެހި ރާއްޖެއިންނެވެ.
ދިވެހީންގެ ޒަމާންވީ ވިސްނުން ބަދަލުކޮށް، މިއީ ވެސް ބޮޑު، ބާރުގަދަ ޤައުމެގެ ގޮތުގައި ދިވެހި ލީޑަރުނާއި ރައްޔިތުން ވިސްނަންވީ ވަގުތު އަތުވެއްޖެ އެވެ. މިއީ ދުނިޔޭގައި ރާއްޖޭގެ ދައުރު ބަދަލުކޮށްލަންޖެހޭ ވަގުތެވެ. ސްރީލަންކާ އަށް ރައީސް މުއިއްޒު މިއަދު ފައްޓަވާ ދަތުރުފުޅަކީ، ލަންކާ އަށް ދިވެހި ޤައުމު ބަރޯސާވެފައިވާތީ އެކަމުގެ ޖިޒީ ދައްކަވަން ކުރައްވާ ދަތުރެފުޅެއް ނޫނެވެ! މިއީ ހަމަހަމަ ދެ ދައުލަތެއްގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ.
ރައީސްގެ ލަންކާ ދަތުރުފުޅުގައި ވިޔަފާރި، ފަތުރުވެރިކަން، ތަޢުލީމް، ސިއްޙަތު އަދި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ ތެރެއިން ގިނަ އެއްބަސްވުން ތަކަކީ ގާތްގަނޑަކަށް ރަމްޒީ ކަންކަމެވެ. އެމް.އޯ.ޔޫ ތަކުގައި ސޮއިކުރުމާއި ފޮޓޯ ނެގުމަށްވުރެ މުހިންމު ސުވާލެއް މިދަތުރުފުޅާ ގުޅިގެން އެބައޮތެވެ: ރާއްޖެއާއި ލަންކާގެ ގުޅުމުގައި ބޮޑަށް ފައިދާވަނީ ލަންކާ އަށްތޯއެވެ؟ ނުވަތަ ރާއްޖެ އަށްތޯއެވެ؟ މީޑިއާގެ ފަލަ ސުރުޚީއަށް ނާރާ ބައެއް ތަފާސްހިސާބުތަކަށް ބަލާލަމާ ހިންގަވާށެވެ. ލަންކާގެ އިގްތިސޯދީ ތަޖުރިބާކާރެއް ކަމަށްވާ ސުދޭޝް މެންޑިސް ވިދާޅުވާ ގޮތުގައި، 21،000 އަށްވުރެ ގިނަ ލަންކާ ރައްޔިތުން ރާއްޖޭގައި ވަޒީފާ އަދާކުރެއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. މި މީހުން އަހަރަކު ގާތްގަނޑަކަށް 129 މިލިއަން އެމެރިކާ ޑޮލަރު، ރާއްޖެއިން ލަންކާއަށް، ރެމިޓެންސްގެ ގޮތުގައި ފޮނުވައެވެ. މިއީ ކުޑަ މިންވަރެއް ނޫނެވެ. މިއީ ލަންކާގެ އިގްތިސާދަށް ލިބޭ މުހިންމު ދިރުމެކެވެ. ހަމަ އެއާއެކު، ރާއްޖޭގެ ރިސޯޓްތަކަށާއި ފިހާރަތަކަށް މުދަލާއި ޚިދުމަތް އެކްސްޕޯޓްކޮށްގެން ލަންކާގެ ވިޔަފާރިތަކަށް އެތައް މިލިއަން ޑޮލަރުގެ ބޮޑު ފައިދާ ލިބެއެވެ. މާލެއާއި ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތަކުން ސްރީލަންކަން އެއަރލައިންސް ފަދަ ލަންކާގެ ކުންފުނިތަކަށް ބޮޑު ނަފާއެއް ލިބެއެވެ. މީގެ އިތުރުން، ސިއްހީ ފަރުވާއަށާއި، ތަޢުލީމު ހޯދުމަށާއި، ދިރި އުޅުމަށާއި، ވިޔަފާރިކުރުމަށް ދިވެހިން ކޮލަމްބޯގައި ހޭދަކުރާ ފައިސާއަކީވެސް އެގައުމަށް ލިބޭ ފައިދާއެކެވެ. މި ފައިސާ މަދުވެއްޖެނަމަ، އޭގެ އަސަރު ލަންކާއަށް ވަގުތުން ކުރާނެއވެ.
ލަންކާ ސަރުކާރުގެ އަންދާޒާތަކުން ދައްކާގޮތުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ އަދަދު 2019 ގެ ކުރިން ހުރި 17،000 އިން 1،400 އަށް ތިރިވުމުގެ ސަބަބުން، އެގައުމުގެ އިގްތިސާދަށް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ ގެއްލުންވެއެވެ. މިއީ ހަމައެކަނި ހީއެއް ނޫނެވެ. މިއީ ލަންކާއިން އަމިއްލައަށް ގަބޫލުކުރާ ހަގީގަތެކެވެ. ނަމަވެސް، އަބަދުވެސް ދެކެވޭ ވާހަކައަކީ ރާއްޖެ ބަރޯސާވަނީ ލަންކާއަށް ކަމަށެވެ. ހަގީގަތަކީ މީގެ އިދިކޮޅެވެ. ބައެއް ގޮތްގޮތުން އަޅުގަނޑުމެންގެ ޤައުމުގެ އިގްތިސާދަށް ލަންކާ ބަރޯސާވާ މިންވަރު މާ ބޮޑެވެ. ދިވެހި ޤައުމަށް ލިބިފައި މިވާ އިގްތިސޯދީ ލިވަރޭޖް ނުވަތަ އިގްތޮސޯދީ ބާރުގެ ބޭނުން ހިފުމުގެ ކުރިން ދިވެހި ޤައުމުގެ ވެރީން އެ ބާރު ދެނެގަންނަން ޖެހެއެވެ.
އިގްތިސޯދީ ނުކްތާތަކުގެ އިތުރުން، އަޅާނުލާ ދޫކޮށްނުލެވޭނެ އެހެން ކަންބޮޑުވުންތަކެއް ވެސް ރާއްޖެއާއި ލަކާއާ ދެމެދު އެބަހުއްޓެވެ. ރާއްޖެއިން ލަންކާ އަށް ކަނޑައަޅާފައިވާ ސަފީރު މަސްޢޫދު އިމާދު ހިމެނޭހެން ދިވެހި އޮފިޝަލުން ވަނީ ވިސާގެ ދަތިތަކާއި، ލަންކާގެ އިމިގްރޭޝަނުން ދިވެހިންނަށް ކުރާ އިހާނެތި މުޢާމަލާތްތަކާ ގުޅޭގޮތުން ތަކުރާރުކޮށް ޝަކުވާ ހުށަހަޅުއްވާފައެވެ. މި ވާހަކަތައް ސަފީރު މަސްއޫދު އިމާދު ވަނީ އެކިއެކި ފޯރަމްތަކުގައި ދައްކަވައިފައެވެ. މިފަދަ ކަންކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަންޖެހޭ އިހްތިރާމާއި ހަމަހަމަކަމާ ފުށުއަރާ ސީރިއަސް މައްސަލަތަކެކެވެ. ދިވެހިންގެ އިގްތިސާދީ ތަނަވަސްކަމުގެ ސަބަބުން ބޭރު ގައުމުތަކުގައި ދިރިއުޅުމުގެ ފުރުސަތު ދިވެހިންނަށް ލިބިފައިވާ ނަމަ، އޭގެ ބަދަލުގައި އެ ގައުމުތަކުން ދިވެހި ރައްޔިތުންނަށް ހައްޤު އިހްތިރާމް ދޭން ޖެހެއެވެ. ސަބަބަކީ، ދިވެހިން އެ ޤައުމުތަކުގައި އުޅެނީ ހިލޭ ނުވަތަ ރެފިއުޖީންގެ ގޮތުގައި ނޫންކަމެވެ. ލަންކާގެ ކޭސްއަށް ބަލާ ނަމަ ހަމައެކަނި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ވެސް އެޤައުމަށް އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބެއެވެ. މިއީ އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ލަންކާ މީހުންގެ އަތުން ލިބޭ ރެމިޓެންސް އާމްދަނީ ނުލައެވެ. އަދި ލަންކާގެ ވިޔަފާރި ތަކުން ރާއްޖެ އަށް ކުރާ އެކްސްޕޯޓުގެ ނަފާ ވެސް ނުލައެވެ. އަދި ލަންކާ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ލަގްޒަރީ ރިސޯޓު ތަކުގެ ނަފާ ވެސް ނުލައެވެ. މި ހުރިހާ އެއްޗެއް ޖުމްލަކޮށް ހިމެނުމުން ރާއްޖޭގެ އިގްތިސޯދުން ލަންކާ އަށް ލިބޭ ސީދާ އަދި ނުސީދާ ނަފާ، އަހަރަކު 1000 ވަރަކަށް މިލިއަން (އެއް ބިލިއަން) ޑޮލަރަށް އަރާނެއެވެ. އެއީ އެވެރެޖް ކޮށް ދުވާލަކު ތިން މިލިއަން ޑޮލަރެވެ.
މީގެ މާނައަކީ ސްރީލަންކާއާ ދިވެހިން ދެކޮޅުވެރިވުމެއް ނޫނެވެ. ނަމަވެސް ދިވެހި ލީޑަރުން ނާއި ޑިޕްލޮމެޓުން ލަންކާގައި މިވާހަކަތައް ސީދަލަށް، ސާފުކޮށް ބުނެދޭން ޖެހެއެވެ. ލަންކާ ދަތުރުފުޅުގައި ރައީސް މުއިއްޒު ދެއްވަންވީ ވަރަށް ސާފު އަދި ވަރުގަދަ މެސެޖެކެވެ: ރާއްޖެއަކީ ހަމައެކަނި ބޭރު މީހުންނަށް އޮތް ވަޒީފާގެ ބާޒާރެއް ނޫނެވެ. ނުވަތަ މިއީ ލަންކާ މީހުންނާއި ބޭރު މީހުން އައިސް އުޅޭ އާދައިގެ މަންޒިލެއް ނޫނެވެ. ރާއްޖެއަކީ މި ސަރަޙައްދުގައި ބަރުދަން ހުރި އިގްތިސާދީ ބައިވެރިއެކެވެ. އެހެންކަމުން ދެ ޤައުމުގެ ގުޅުންތައް ދަމަހައްޓަންވާނީ ހަމަހަމަކަމާއި އިހްތިރާމާ އެކުގައެވެ.
ރައީސް މުއިއްޒުގެ މި ފުރަމާނަ ދަތުރުފުޅަށް ބަލަން ތިބީ ހަމައެކަނި ލަންކާއެއް ނޫނެވެ. އިންޑިއާ، ޗައިނާ އަދި އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުންވެސް މި ދަތުރުފުޅުގެ ކޮންމެ އިޝާރާތަކަށް ފާރަވެރިވާނެއެވެ. ރައީސް މުއިއްޒުގެ ބޮޑީ ލެންގުއޭޖާއި، ބަސް މަގާއި، މުއާމަލާތް ކުރައްވާ ގޮތާއި، ސޮއި ކުރައްވާ އެގްރީމެންޓު ތަކުން ގިނަ މެސެޖްތަކެއް ދުނިޔެއަށް ލިބިގެން ދާނެއެވެ. ދިވެހި ލީޑަރުންގެ މޫނުމަތިންނާއި ބަސްމަގުން އިތުބާރު ފެންނަން ޖެހެއެވެ. އެ އިތުބާރުން ރަމްޒުކޮށްދޭން ޖެހެނީ މި ޤައުމުގެ އަމިއްލަވަންތަކަމާއި ތަސައްރަފު ފުދިފައިވާ މިންވަރެވެ. ބަލިކަށިކަމާއެކު ވެވޭ ހިނިތުންވުން ތަކުން ދައްކައިދޭނީ ބަލިކަށިކަމާއި ނިކަމެތިކަމެވެ. ބާރުވެރިކަމެއް ނޫނެވެ. އެފަދަ އަމަލުތަކުން އެހެން ގައުމުތަކަށް ލިބޭނީ ނުބައި މެސެޖެކެވެ.
ހަގީގަތަކީ، ލަންކާގެ ވިޔަފާރިވެރިންވެސް ގަބޫލުކުރާ ގޮތުގައި ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި ޚާއްޞަ އެއް ފަތުރިވެރިކަމުގެ މަންޒިލެވެ. ރެޔަކަށް އެތައް ހާސް ޑޮލަރަށް އެންމެ ކޮޓަރިއެއް ވިއްކޭ ފަދަ ރިސޯޓްތައް ހުރި ގައުމަކުން، ތިމަންނާމެންނީ ބަލިކަށި ގައުމެއް ކަމަށް ދެކިގެން ނުވާނެއެވެ. އިންޑިއާ ކަނޑުގެ މުހިންމު ޝިޕިން ލޭންތަކުގެ މެދުގައި އޮތް، ދުނިޔޭގެ އެންމެ ފައިދާ ބޮޑު އެއް ފަތުރުވެރިކަމުގެ ސިނާޢަތް އޮތް، ކަނޑުގެ އަޑީފަށަލައިގެ ދަށުގައި ގުދުރަތީ ގޭހާއި ތެޔޮ ފަދަ މައުދަންތައް ހުރި ޤައުމަކުން ހާރިޖީ ގުޅުންތަކުގައި ފަސްޖެހިގެން ނުވާނެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވާން ޖެހުމުން ހަމައިސްކޮޅަށް ތެދުވެ ދިވެހި ދައުލަތުން ކޮމަންވެލްތު ޖަމާއަތާ ގުޅުން ކަނޑާލިއެވެ. ހާރިޖީ ގުޅުންތަކުގައި އެމްޑީޕީން ގެންގުޅޭ ފަދަ ބޭރު މީހުންނަށް އަޅުވެތިވުމުގެ ހާރިޖީ ސިޔާސަތު ދޫކޮށްލަން ޖެހެއެވެ. ދިވެހި ޤައުމަށް ބާރު އެބައޮތެވެ. މަދުވަނީ އެ ބާރު ދައްކާލަން ކެރޭ ފަދަ ހިކްމަތްތެރި ލީޑަރުންނެވެ. ރައީސް މުއިއްޒަށް އެކަން ކުރެއްވިދާނެއެވެ.
ޑިޕްލޮމެސީއަކީ ވެރީން ޕޯޑިއަމް އަކަށް އަރުއްވާފައި ޤައުމީ ސަލާމް އަޑުއިއްވާލާފައި، ދެ ޤައުމުގެ ދިދައިގެ ކުރިމަތީގައި ރީތި މަންޒަރުތަކެއް ޓީވީތަކުން ދައްކާލެއްވުމެއް ނޫނެވެ. ޑިޕްލޮމެސީއަކީ ދިވެހި ޤައުމުގެ ރައްޔިތުންނާއި މި ޤައުމުގެ ވެރިން ދުނިޔެއަށް ފެންނަ ގޮތްވެސްމެއެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ވަފުދުން ދުނިޔެއަށް ދައްކަވަންޖެހެނީ އެހީއަށް އެދިގެން ލަންކާ އަށް ދާ ކުޑަ ގައުމެއްގެ ގޮތުގައެއް ނޫނެވެ. އަޅުގަނޑުމެން ދުނިޔެއަށް ފެންނަންޖެހޭނީ ހަމަހަމަ، މުއްސަނދި، ވަސީލަތް ގިނަ، ސަރަހައްދީ ނުފޫޒު ގަދަ، އީޖާދީ، އަމިއްލަ އަގު ވަޒަންކުރާ ރައްޔިތަކު ތިބި، ޤާބިލް ލީޑަރުންތަކެއް ތިބި ޤައުމެއްގެ ގޮތުގައެވެ.
ރާއްޖޭގެ ޑިޕްލޮމެސީގެ ގުޅުންތައް އެއްކޮޅަށް ބަރުވެފައި އޮންނަތާ މާ ގިނަ ދުވަސްވެއްޖެ އެވެ. މިހާތަނަށް ދިވެހި ރާއްޖެ އޮތީ ހަމައެކަނި މުދާ އެތެރެކުރާ، އަދި އެހެން މީހުންނަށް ފައިދާ ލިބޭ ބާޒާރެއްގެ ގޮތުގައެވެ. އެހެން ޤައުމުތަކާ އެކު ހަމަހަމަ ކަމެއް ނެތް ގުޅުންތައް ބަދަލުކުރަން ޖެހޭ ވަގުތަކީ މިއީ އެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދިވެހި ރާއްޖެއިން ދުނިޔެއަށް ވަރަށް މުހިއްމު އުސޫލެއް ސާފުކޮށްދޭންޖެހެއެވެ: ދިވެހި ރާއްޖެއިން ލަންކާ އަށް ވެސް އަދި އެހެން ޤައުމުތަކަށް ވެސް އެއްބާރުލުން ދޭނެއެވެ. އޭގެ ބަދަލުގައި ހަމަހަމަ ފައިދާ ވެސް ރާއްޖެ އަށް ލިބެން ވާނެއެވެ. ހަމައެކަނި ޒިޔާރަތްކޮށްލާ މަންޒިލެއްގެ ގޮތުގައެއް ނޫނެވެ. ނުވަތަ، ހަމައެކަނި ވަޒީފާދޭ މާކެޓެއްގެ ގޮތުގައެއް ނޫނެވެ. މި ހަމަހަމަ ކަމާ އެކު، ރާއްޖެ އަކީ އަޅުގަނޑުމެން އެހެން ޤައުމުތަކަށް ދޭ މިންވަރަށް، އެހެން ޤައުމުތަކުން އަޅުގަނޑުމެންނަށް ވެސް ލިބޭ ބައިވެރިއެއް ކަމަށް ދެފަރާތުން ޤަބޫލު ކުރުމުގެ އުސޫލެވެ. އެނޫން ކޮންމެ ގޮތަކީ ދިވެހީން އެހެން މީހުންނަށް ބަރޯސާވުމެވެ. ބަރޯސާވުމުގެ ފިކުރަކީ ދިވެހި ރާއްޖެއިން މިހާރު ދޫކޮށްލަންޖެހޭ ފިކުރެކެވެ. ދިވެހި ރާއްޖެ އަކީ އަމިއްލަވަންތަ، ތަނަވަސް، ވަސީލަތްތައް ގިނަ، "ބޮޑޫ" ޤައުމެއް ކަމުގައި ދިވެހި ރައްޔިތުން ޤަބޫލު ކުރަން ޖެހެއެވެ. ރައްޔިތުންނަށް އެކަން ޤަބޫލު ކުރެވޭނީ ވެރިން އެކަން ޤަބޫލުކޮށް، އަމަލުން އެކަން ދެއްކެވި ދުވަހަކުންނެވެ. ރައީސް މުއިއްޒުގެ ލަންކާ ދަތުރުފުޅަކީ މި ޓްރާންސްފޮމޭޝަން ނުވަތަ ވިސްނުމުގެ މި އިންޤިލާބީ ބަދަލު ދިވެހީންގެ ކިބައިން ދުނިޔެއަށް ދެއްކުމުގެ ފެށުން ކަމުގައި ހަދަމާތޯއެވެ؟
