ދުޅަހެޔޮ ދިރިއުޅުމާ ގުޅިގެން އެކި ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ "ކޯޕަރޭޓް ރަން"ގެ ޓައިޓަލް ސްޕޮންސަރަކަށް ބީ.އެމް.އެލް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހު މި ހަރަކާތް އިންތިޒާމުކޮށް ކުރިއެރުވުމަށް ބީ.އެމް.އެލް އިން ވީރަން މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ކުންފުނިތަކާއި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ވީރަން މޯލްޑިވްސް އިން ބާއްވާ ފުރަތަމަ ދުވުން މިއަހަރު ބާއްވާނެއެވެ.
"މި ހަރަކާތަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި، މުއައްސަސާތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ، ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭ، ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރު ދުވަންޖެހޭ ރިލޭ ރޭހެކެވެ. މި ރޭހަކީ ކުޅިވަރުގެ ވާދަވެރިކަމާއި ކޯޕަރޭޓް ވަކިވަކި ސިފަތައް އެކުލެވޭ، ޓީމް ރޫހު ވަރުގަދަކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށް ލިބޭ ފުރުސަތެކެވެ." ބީ.އެމް.އެލް އިން ބުނެއެވެ.
"ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ގައުމީ ފެންވަރުގެ މަޝްރޫޢުތަކާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތަކާއި، ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި ދުޅަހެޔޮކަން އިތުރުކުރުމާއި، މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ."



advertisment

