މި މަހު ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި، ރެފަރެންޑަމްގެ ނަތީޖާއިން އިދިކޮޅު އެމްޑީޕީ އަށް ބޮޑެތި ކާމިޔާބީތަކެއް ލިބުމަކީ ރައްޔިތުން އެމްޑީޕީއަށް ބޮޑެތި ޒިންމާތަކެއް ހަވާލުކުރުން ކަމުގައި ސިފަކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިހަށްރޭ ދެއްކެވި ވާހަކަފުޅަކީ ސިޔާސީގޮތުން އެމަނިކުފާނު އަމިއްލަފުޅު ކަރަށް މަހާލެއްވި މަޅިއެކެވެ. ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.
ރައީސް ޔާމީނު ވެސް "އަނެއް ދިވެހި ރާއްޖެ" އަށް
މިހާރު ދިވެހީން ބޭނުންވަނީ "އަނެއް ދިވެހި ރާއްޖެ އަށް" ދާން ކަމުގައި ވިދާޅުވެ އެ ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ އޭޕްރިލް ހަތަރެއްގެ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބުނީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޕީއެން.ސީ ސަރުކާރާ މެދު ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި ދަނޑިވަޅުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށްވުމުންނެވެ.
"ޕީއެންސީއަށް ވޯޓުނުދޭށޭ އަޅުގަނޑުމެން ބުނީމާ، އަޅުގަނޑުމެންގެ ބަސް ގަބޫލުކުރާ ބަޔަކާއި، ރައްޔިތުންގެ ތެރޭން ޕީއެންސީން ވެރިކަމުގައި ތިބެގެން މިކުރި ކަންތަކާ މެދު ހިތްހަމަނުޖެހޭ މީހުން ވޯޓުލާން އޮތީ، ވަށިގަނޑަށް ވޯޓު އެއްލާނުލަންޏާ، ދެން ލާން އޮތީ އެމްޑީޕީއަށް ދެއްތޯ؟ އެހެންވީމާ އެމްޑީޕީއަށް ނޫން ބަޔަކަށް ވޯޓެއް ނުލިބޭނެނޫންތޯ!" ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީ އަށް ލިބުނު މި ކާމިޔާބީއާ އެކު ބޮޑެތި ޒިންމާތަކެއް ވެސް އެ ޕާޓީއާ ހަވާލުވާނެކަން އެމްޑީޕީން ދަންނަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ޔާމީން ވިދާޅުވީ، ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތައް ސަރުކާރުގެ ނުފޫޒާއި ބާރުގައި ތާށިވެފައި އޮތް އޮތުން ހައްލުކުރުމުގެ ބާރު ރައްޔިތުން މިހާރު ދީފައިވަނީ އެމްޑީޕީއަށް ކަމަށާއި، ސަރުކާރާ ހެދި ހުއްޓިފައި އޮތް ހުރިހާ ކަމެއް ނިއުޅާލުމުގެ ބާރު މިހާރު އެމްޑީޕީގެ އަތުގައި އޮންނާނެ ކަމަށެވެ. އަދި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައްޔިތުންގެ ގާތަށް ދިއުމުގެ ހައްގު އެމްޑީޕީއަށް ލިބޭނީ މިފަދަ މައްސަލަތައް ހައްލުކޮށްދީގެން ކަމަށާއި، "ކުރިއަށް އޮތް ދެ އަހަރު ތެރޭ މި ކަންކަން ހައްލުކޮށްނުދީ ރައްޔިތުންގެ ގާތަށް 2028 ގައި އެމްޑީޕީ ގޮސްގެން ނުވާނެ" ކަމަށެވެ.
ރައީސް ޔާމީނުގެ ޒައާމަތުގައި ހިންގި ކަންތައްތަކަށް ޔާމިނު ޒިއްމާދާރު ކުރުވުމުގައި އެމްޑީޕީ ވީ ފެއިލް
ލޯކަލް ކައުސިލް އިންތިހާބުގައި އެމްޑީޕީ އަށް މިދިޔަ ހަފުތާގައި ލިބުނު ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް 2018 ވަނަ އަހަރު ލިބުނެވެ. އެއީ، ރައީސް ޔާމީނުގެ ސަރުކާރާ ވާދަކޮށް، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެންނެވެ. އެ ކާމިޔާބަކީ ޔާމީނުގެ ސަރުކާރުން ކުރި ކަމަށް އެމްޑީޕީން އެއިރު ބުނަމުން ދިޔަ ޤާނޫނާ ހިލާފް ކަންކަމަށް ރައީސް ޔާމީނު ޒިއްމާދާރު ކުރުވަން ރައްޔިތުން އެމްޑީޕީއާ ހަވާލުކުރި ކުރުމެއް ނޫންތޯއެވެ؟ ރައީސް ޔާމީނު މިހާރު އެ ދައްކަވާ ވާހަކައިން ދޭހަވަނީ 2018 ގައި އެމްޑީޕީއާ ރައްޔިތުން ހަވާލުކުރި ޒިއްމާ އެމްޑީޕީން އަދާނުކުރާ ކަމަށެވެ. އެހެން ވީއިރު ރައީސް ޔާމީނުގެ ސަރުކާރުން ކުރި ކަމަށް އެމްޑީޕީން އެއިރު ބުނި ޤާނޫނާ ހިލާފް ކަންކަމަށް ރައީސް ޔާމީނު ޒިއްމާދާރު ކުރުވުމުގައި އެމްޑީޕީ އެވަނީ ފެއިލްވެފައެވެ.

އަދީބުގެ 20 އަހަރުގެ ޖަލު ހުކުމުގެ އެންމެ ތިން އަހަރު ފާއިތުވީތަނާ، ރައީސް ސޯލިހުގެ ވެރިކަމުގެ ފަހު ތިންވަނަ ދުވަހު ދެއްވީ ރިއާސީ މާފެއް!
ރައީސް ޔާމީނުގެ ޒައާމަތުގައި، އެއިރުގެ ނައިބު ރައީސް އަހުމަދު އަދީބު، އެމްއެމްޕީ.އާރް.ސީގެ 220 މިލިއަން ޑޮލަރު، ނުވަތަ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ހިޔާނާތް ހިންގެވި އިރު ރައީސް ޔާމީނަށް ހަމަ ރޭކާވެސް ނުލާތޯއެވެ؟ ރޭކާނުލާ ކަމުގައި ވަނީ ނަމަ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ޔާމީނު ކުފޫ ހަމައެއްނުވޭ ނޫންތޯއެވެ؟ އެ މައްސަލައާ ގުޅިގެން، އެމްޑީޕީގެ ވެރިކަމުގައި، ރައީސް ޔާމީނުގެ މައްޗަށް ކުރެވުނީ އެންމެ އެއް މިލިއަނެއްހާ ޑޮލަރުގެ، ނިސްބަތުން ކުޑަ ދައުވާއެކެވެ. ހަތަރު ބިލިއަނުގެ ހިޔާނާތް ދިޔައީ ވަޔަށް އަރައިގެންނެވެ. ޔާމީން އެ ވިދާޅުވާ "ޒިއްމާދާރު" އެމްޑީޕީން އެ މައްސަލާގައި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލެއް ނުހޯދައެވެ. އެ މައްސަލައިގެ އަޑީގައި ހުންނެވި އެންމެ އިސް މޭސްތިރިޔާ، އަދީބަށް ކޯޓުން އިއްވި 20 އަހަރުގެ ޖަލު ހުކުމުގެ އެންމެ ތިން އަހަރާއި އެއް މަސް ދުވަސް ފާއިތުވީތަނާ، އެމް.ޑީ.ޕީގެ ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން އެންމެ ތިން ދުވަހަށް ވެފައި ވަނިކޮށް ރިޔާސީ މާފެއް ދެއްވީއެވެ. މިއީ އެމްޑީޕީން ޤައުމީ ކަންކަމުގައި ޒިއްމާ ނަގާ ވަރެވެ!
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން އުއްތަމަ ފަނޑިޔާރު ހައްޔަރުކުރި މައްސަލަ ވެސް ކާޕެޓް ދަށަށް
ރައީސް ޔާމީނުގެ ވެރިކަމުގައި، ފެބްރުއަރީ 2018 ގައި، ސިޔާސީ ނުވަ ހައްޔަރީން ދޫކޮށްލަން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެ ހުކުމަށް ރައީސް ޔާމީނު ތަބާނުވެ، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނައްޓައިގެން އެ ކޯޓަށް ސިފައިން ވައްދައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި މައްސަލައަކީ ވެސް 2018 ގެ ނޮވެމްބަރުގައި އެމްޑީޕީ އަށް ވެރިކަން ލިބުމުން ޒިއްމާދާރުކަމާއެކު ބަލަންޖެހޭ މައްސަލައެކެވެ. އެކަމަކު އެމްޑީޕީން އެ ޒިއްމާ ވެސް އަދައެއް ނުކުރިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުގެ ކުރިން، ޤާނޫނީ ހައިސިއްޔަތުން ބޭރުން، ކުއްލި ހާލަތު އިއުލާން ކުރައްވައި، ޤާނޫނު އަސާސީ އަށް އަމަލު ކުރުން މަޑުޖައްސާލައްވައި، އިދިކޮޅު ފަރާތްތައް ޖަލަށް ލައިގެން، ހާއްސަކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށް ލައިގެން ރައީސް ޔާމީން ވެރިކަން ކުރެއްވި ކުރެއްވުމަކީ ވެސް އެމްޑީޕީ އަށް ވެރިކަން ލިބުމުން ޒިއްމާދާރުކަމާއެކު ބަލަންޖެހޭ މައްސަލައެކެވެ. އެކަމަކު އެމްޑީޕީން އެ ޒިއްމާ ވެސް އަދައެއް ނުކުރިއެވެ.
މަޖުލިސް މެމްބަރުންތައް ފާރުމަތިން އުކާލުމުން ވެސް އެމްޑީޕީން ޔާމީނު ޒިއްމާދާރެއް ނުކުރުވާ
ރައީސް ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖުލިސްކުރާގެ ބަންދުކޮށް، މަޖުލިސް މެމްބަރުންނަށް މަޖުލިސް ކުރާ ގެއަށް ވަދެވަޑައިގެން ނުދެއްވައި، ބައެއް މެމްބަރުން މަޖުލިސް ކުރާ ގެއަށް ވަދެވަޑައިގަތުމުން ހަތަރެސްފައިގައި ހިފައި، ހަނޑޫ ބަސްތާތަކެއްހެން ފާރުމަތިން ނަގައި މެމްބަރުންތައް މަގުމައްޗަށް އުކައިލި އެވެ. އެ ހާދިސާ އަށް ފަހު، ބަދަލަކަށް އެދިގެން ދިވެހި ރައްޔިތުން އެމްޑީޕީ އަށް ވެރިކަން ދިނީ ކުރީ ދައުރުގައި ހިންގި މިފަދަ ހުރިހާ ޖަރީމާތަކެއް ޒިއްމާދާރުކަމާ އެކު ތަހްޤީގްކޮށް، ޝަރީއަތްކޮށް، ޒިއްމާ އަދާކުރާނެ ކަމުގެ ޔަޤީންކަމާ އެކުގައެވެ. އެކަމަކު އެމްޑީޕީން އެ ޒިއްމާ އަދައެއް ނުކުރިއެވެ. ދެން ރައީސް ޔާމީނު މިހާރު މި ދައްކަވަނީ އެމްޑީޕީން ކޮން ޒިއްމާއެއް އަދާކުރާ ވާހަކައެއްތޯއެވެ؟
ހުރިހާ ކަމެއް ހައްލުވަންދެން އެކި މުއައްސަސާތަކުގެ ފަހަތުން އެމްޑީޕީން ދުވަންޖެހޭ ކަމަށް ވިދާޅުވުން
ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވިއެވެ: "އެހެންވީމާ އަޅުގަނޑު އެމްޑީޕީއަށް ދޭން ބޭނުންވާ މެސެޖަކީ، އެމްޑީޕީ މިއަދު ތިޔަ ތިބީ ޒިންމާދާރު މަގާމެއްގައޭ. މި ސަރުކާރުން ހިންގާ ގޯސްކަންތައްތައް ރައްޔިތުން މިތިބީ ބަލާށޭ، އެމްޑީޕީން މިސަރުކާރު ޖަވާބުދާރީ ކުރުވާތަން."
ޔާމީން ވިދާޅުވީ، ސަރުކާރުގެ ނުފޫޒާ ހެދި އޭސީސީ އާއި ކޯޓުތަކުގައި މަޑުޖެހިފައި ހުރި މައްސަލަތައް ބަލައި އެފަދަ ހުރިހާ ކަންކަމެއް ހައްލުވަންދެން އެ މުއައްސަސާތަކުގެ ފަހަތުން އެމްޑީޕީން މިއަދުން ފެށިގެން ދުވަންޖެހޭ ކަމަށެވެ. އެމްޑީޕީ އަށް 2018 ވަނަ އަހަރު ވެރިކަން ލިބުމުން އެއްވެސް މުއައްސަސާއެއްގެ ފަހަތުން ނުދުވެ، އިންސާފު ހޯދައިދެވެން އޮތް ކަންކަމުގައި އިންސާފު ހޯދައިނުދެވުނު ޕާޓީ އަކަށް މިހާރު، އެކި މުއައްސަސާތަކުގެ ފަހަތުން ދުވެގެން ހޯދައިދެވޭނީ ވަކި ކޮން އިންސާފެއް ބާވައެވެ؟
"މިހާރު އެމްޑީޕީ އެއްގޮތަކަށް ވެސް މަޑުމަޑުން ތިބޭނެ ކަމެއް ނެތް. މިހާރު އެބަޖެހޭ މިހެން ހުރި ހުރިހާ މައްސަލަތައް ހައްލުކުރަން. ލިބޭ ކޮންމެ ބާރުވެރިކަމަކާ އެކީ ޒިންމާތަކެއް ހަވާލުވާކަން ގަބޫލުކުރަންވާނެ. އެހެންވީމާ އެ މީހުންގެ ޒިންމާއެއް މިއަދު މިއޮތީ، މާދަމާ އެބަޖެހޭ އެމްޑީޕީން ނުކުމެ މި މައްސަލަތައް ނިމެންދެން މި މުއައްސަސާތަކުގެ ފަހަތުން ދުވަން،" ރައީސް ޔާމީނު ވިދާޅުވި އެވެ.
ޔާމީނާއި އަދީބަކީ އެމްޑީޕީގެ ގައިރު ޒިއްމާދާރު ކަމުގެ ދިރި ހުރި މިސާލެއް
ހަތަރު ބިލިއަން ރުފިޔާގެ ހިޔާނާތުގެ އިސް މޭސްތިރިޔާ، ރައީސް ޔާމީނުގެ ނައިބު ރައީސް އަހްމަދު އަދީބު 20 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވާތާ އެންމެ ތިން އަހަރު ވީތަނާ، ރައީސް ސޯލިހު، 2023 ގެ ރިއާސީ އިންތިހާބުން ބަލިވެވަޑައިގެން، ދައުރުގެ އެންމެ ފަހު ތިން ދުވަހުގެ ތެރޭ، އަދީބަށް ރިއާސީ މާފެއް ދެއްވި ދެއްވުމަކީ އެމްޑީޕީން ޤައުމަށް ވި ބޮޑުވެގެންވާ ހިޔާނާތެކެވެ. ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސް އަށް ދޫކޮށްލައްވައި، ރާއްޖޭގެ ދެކުނު ކަނޑުން އެތައް ހާސް އަކަ ކިލޯމީޓަރެއްގެ ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ވިއްކާލެއްވި ހިޔާނާތްތެރި ޕާޓީ އަކީ އެމްޑީޕީ އެވެ. އަދި ހިޔާނާތްތެރި ރައީސަކީ އެ ޕާޓީގެ އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އިންސާފު ހޯއްދަވައިދެއްވުމުގެ ޒިއްމާ އަދާކުރާނެ ކަމަށް ރައީސް ޔާމީނު މި އުއްމީދު ކުރައްވަނީ އެމްޑީޕީގެ ފަރާތުންނެވެ. އެމްޑީޕީ އަކީ ޤައުމަށްޓަކައި ގޯސް ކަންކަން ރަނގަޅު ކުރުވުމުގައި ޒިއްމާދާރު ޕާޓީއެއް ނަމަ ރައީސް ޔާމީނު މިއަދު އެ ވާހަކަ ދައްކަވަން ސިޔާސީ ގޮނޑިއެއްގައި ނީންނެވީހެވެ. އަދި އެމްޑީޕީ އަކީ ޒިއްމާދާރު ޕާޓީއެއް ނަމަ އަދީބު ޔޫ.އޭ.އީގެ މަލްޓިމިލިއަން ޑޮލަރުގެ ޕެންތައުސްއެއްގައި ކޮކްޓެއިލް ހިއްޕަވާކަށް ވެސް ނީންނެވީހެވެ. އެމްޑީޕީ އަކީ ޔާމީނު އެވިދާޅުވާ ފަދަ ޒިއްމާ އަދާކުރާ ޕާޓީ އެއް ނޫނެވެ. އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަން ހޯދީ ރައީސް މައުމޫންގެ ތާއިދުހޯދައި، އެމްޑީޕީގެ ޖަގަހަ ތަކުގައި "ތިޔައީ ޒައީމޭ އަދު ޤައުމު ފަހުރުވެރިވާ" މި ލަވަ ޖަހައިގެންނެވެ. އަދި 2028 ގައި އެމްޑީޕީން ވެރިކަން ހޯދަން ރާވަނީ ރައީސް ޔާމީނުގެ ތާއިދު ހޯދައިގެން، ޔާމީނު "އަނެއް ދިވެހި ރާއްޖެ" އަށް ގެންގޮސްގެންނެވެ. އަދި 2028 ގައި އެމްޑީޕީ އަށް ވެރިކަން ލިބުނަސް ޔާމީނު އެ ވިދާޅުވާ ފަދަ ޒިއްމާއެއް އެމްޑީޕީން އަދައެއް ނުކުރާނެއެވެ. އަދީބާއި ޔާމީނަކީ އެމްޑީޕީގެ ގައިރު ޒިއްމާދާރު ކަމުގެ ދިރި ހުރި މިސާލެކެވެ.
