ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި އަމިއްލަފުޅު ދަތުރުފުޅަކަށްފަހު ހުންނެވީ ކަރަންޓީންގައި ކަމަށާއި ފޮރިން މިނިސްޓްރީން ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގަތީ ހާއްސަ ހުއްދައެއްގެ ދަށުން ދައުލަތުގެ ޒިންމާއެއް އަދާކުރަން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައި މިވަނީ ދުބާއީއަށް ޝާހިދު ކުރެއްވި ދަތުރުފުޅަށްފަހު މިމަހުގެ 19 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގެން ޖެހިގެން އައި ދުވަހު، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓްރެޜަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާ ގުޅުން ހުރި ރަސްމިއްޔާތެއްގައި ޝާހިދު ބައިވެރިވެވަޑައިގަތުމާ ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
އިދިކޮޅު ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންނަށް އެއް އުޞޫލެއް، ބޮޑުންނަށް ވަކި އުޞޫލެއް އޮންނަ އޮތުން ވަގުތުން ދޫކޮށްލައި، މިނިސްޓަރަކަސް މަޖިލީހުގެ ރައީސަކަސް މިފަދަ ޢާންމު ޞިއްޙަތާ ގުޅޭ ކަންކަމުގައި އޮންނަންވާނީ ރައްޔިތުންނާ އެއް އުސޫލެއް ކަމަށެވެ.
އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޖެންސީގެ ސްޕޯކްސްޕާސަން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވަކި ހާއްސަ ހާލަތްތަކެއްގައި އާއްމު ފަރާތްތަކަށް ވެސް ބައެއް ކަހަލަ ކަންކަމުގައި ކަރަންޓީނުގައި ހުންނަ އިރުވެސް ވަކި އުސޫލެއްގެ ދަށުން ހުއްދަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރައްވަން ޖެހޭ ޒިންމާއެއް އަދާކުރެއްވުމަށް މިނިސްޓަރ ޝާހިދަށް ވެސް ހުއްދަދީފައިވާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
"ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަށް ދެވުނު ހާއްސަ ހުއްދައެއް އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ އެކު ކުރިއަށް ގެންދިއުމަށް. މިގޮތަށް ކުރިންވެސް އާއްމު ފަރާތްތަކަށް ވެސް ހުއްދަ ދޫކޮށްފައިވާނެ،" ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ވަކި ކަހަލަ ހާލަތްތަކުގައި އާއްމު ފަރާތްތަކުން ވެސް އެޗް.އީ.އޯ.ސީއަށް މެއިލްކުރުމުން ހާއްސަ ހުއްދަ ލިބޭނެ ކަމަށެވެ.



advertisment
One Response
ކޮވިޑަށް ވެސް އެނގޭނެތާ ދޮގެއްތޯ، ރަސްމީ ޒިންމާއެއް އަދާކުރާން އުޅޭ އިރު، އެ މީހުންނާ ބެހިގެން ނުވާނެކަން ދޮގެއްތޯ؟ އަދި އެ މީހުންގެ ގައިގައި ތިބޭ ވައިރަސްތައް ވެސް ބަސް އަހައިގެން ތިބޭނެ ދޮގެއްތޯ؟ ދެން ކީއްވެބާވައޭ ހިތަށް އެރީ އެ މީހުން މާސްކު އެޅީ؟ އަދި ބައެއް ގައުމުތަކުގެ ބޮޑު ވަޒީޒުން ދައުލަތުގެ ވާޖިބު އަދާކުރައްވާން އުޅުއްވަނިކޮށް އެ ބޭފުޅުންނާ ކޮރޯނާ ބެހިގަތީ ކީއްވެބާ؟ އޮޅިގެން ދޮގެއްތޯ؟ މައާފަށް އެދުނީމާ އޯކޭ ވާނެތާ ދޮގެއްތޯ؟ އެކަމަކު ދަންނަވައިލާން ބޭނުންވަނީ އެޗްޕީއޭ އަށް އިތުބާރު ކުރަނީ ދިވެހި ރައްޔިތުންގެ ތެރެއިން ވަރަށް މަދު ބަޔެކޭ. މިއީ ވަރަށް ނުރައްކާތެރި ކަމެއް. އެހެންވީމާ ޖޫރިމާނާއަށް ބިރުން ނޫނީ އެޗްޕީއޭ ދައްކާ ވާހަކައަކަށް މިހާރަކު ދިވެހިން ސަމާލުކަމެއް ނުދޭ. ވަރަށް ސަލާން