މިއަދު ހަވީރު 4:00 އާ ހަމަ އަށް ވޯޓު ލީ މީހުންގެ ނިސްބަތަށް ބަލާއިރު މިއަދުގެ އިންތިހާބުގައި، ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 75% ވޯޓުލާނެ ކަމަށް ލަފާކުރެވެއެވެ. ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމުގެ ރެފަރެންޑަމަށް މަޖުލީހުގައި ވޯޓު ދިން އިރު މަޖުލިސް މެމްބަރުންގެ 72 ވޯޓު އެއްކޮޅަށް ލިބުނު އިރު ދެކޮޅަށް ލިބިފައި ވަނީ އެންމެ ވޯޓެކެވެ. އެހެންކަމުން މިއީ މަޖުލީހުގެ ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ފާސްވެގެން ރައްޔިތުންނާ ހަމައަށް އައި ހިޔާލު ހޯދުމުގެ ވޯޓެކެވެ. ސަރުކާރު ހިންގާ ޕީ.އެން.ސީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ސަން ސިޔާމްގެ އެމް.ޑީ.އޭ އާއި އަދާލަތު ޕާޓީގެ އިތުރުން، އަކްރަމް ކަމާލުއްދީނާއި ސަރަނގު އާދަމް މަނިކު ފަދަ އެމްޑީޕީގެ ވަރަށް އިސް ބޭފުޅުން ވެސް ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއިދު ކުރައްވައިފައެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުން އިންތިހާބުތައް ބާއްވަން ކުރަންޖެހޭ ހަރަދު ކުޑަވުމުގެ އިތުރުން ކޮންމެ ފަސް އަހަރަކުން އައު މަޖުލީހަކާއި އައު ރައީސެއް ހޮވުމުގެ ބާރު ރައްޔިތުންނަށް ލިބޭނެ ބަދަލަކަށް މިކަން ވެގެން ދާނެއެވެ.
މަތީގައިވާ ނުކްތާތަކަށް ބަލާއިރު، އަދި ހާއްސަކޮށް ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 75% މީހުން ވޯޓުލާނެ ކަމަށް ލަފާކުރެވޭ އިރު، މިއަދުގެ ރިފަރެންޑަމްގައި، ނޫނެކޭ ބުނަނީ ހަމައެކަނި އެމްޑީޕީ ކަމަށް ބަލާއިރު، ރެފަރެންޑަމްގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް 60% އަދި ވަކިވަކިން ބާއްވަން 40% ވޯޓު ލިބޭނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެއެވެ.

މި އިންތިހާބުގައި އެންމެ ވާދަވެރި ގޮނޑިއަކީ މާލޭގެ މޭޔަރު ކަމުގެ ވޯޓެވެ. މިހާރުގެ މޭޔަރ، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމާއި އަމިއްލަ ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު، އަދި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ބަލާއިރު، މާލޭގެ މޭޔަރުކަމުގެ އިންތިހާބުގެ ނަތީޖާ ވަރަށް ޓައިޓްވާނެ ކަމަށް ބެލެވެއެވެ. ރައްޔިތުންގެ ހިޔާލް ހުރި ގޮތް ބެލުމަށް އަޅުގަނޑު އަމިއްލަ އަށް ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި މާލޭގެ މޭޔަރު ކަމުގެ ވޯޓުގެ 40% މޫސާ ޖަލީލަށް، 35% އާދަމް އާޒިމަށް އަދި 25% ޒަރިޔަންދަށް ލިބޭނެ އެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ވެސް ހަމަ އެހާ ވާދަވެރިވާނެއެވެ. ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ވާދަކުރައްވާ މުޝްރިފާއި އެމްޑީޕީގެ ކެންޑިޑޭޓު، މިހާރުގެ މޭޔަރު އަލީ ނިޒާރު ވަރަށް ގާތުން ވާދަ ކުރައްވައި މި ވޯޓުގެ ނަތީޖާ ދާނީ 50-50 ގައެވެ. އެންމެ ފަހު ވަގުތު ކޮންމެ ކޮޅަކަށް ދިޔަ އަސް ދާނީ ވަރަށް ކުޑަ ތަފާތަކުންނެވެ.
މުޅި އިންތިހާބަށް ބަލާއިރު ކައުންސިލްތަކުގެ މެޖޯރިޓީ ގޮނޑިތައް ޕީއެންސީ އަށް ލިބޭނެ ކަމަން ގާތްގަނޑަކަށް ޔަޤީނެވެ. ލަފާކުރެވޭ ގޮތަށް، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ރެފަރެންޑަމް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްވެ، ކައުންސިލް ތަކުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ އަށް ލިބި، އަދި ވަކިން ހާއްސަކޮށް ވެރިކަން ކުރާ ރަށް، މާލޭގެ މޭޔަރުކަމުގެ ގޮނޑި، ޕީ.އެން.ސީ އަށް ލިބިއްޖެ ނަމަ މިއީ ރާއްޖޭގެ ސިޔާސީ މައިދާނަށް އަންނަ ވަރަށް ބޮޑު އިންޤިލާބީ ބަދަލަކަށް ވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ސިޔާސީ މައިދާނުން އެމްޑީޕީ ބާކީވެ ރައްޔިތުން އެމްޑީޕީ އަށް ބުނާ ވަރަށް ބޮޑު "ނޫނެކޭ" އަކަށް ވެގެން ދާނެއެވެ. މިގޮތަށް ވޯޓުތަކުގެ ނަތީޖާ ނިކުމެއްޖެ ނަމަ މިކަން ވެގެން ދާނީ އަވަސް ކުރިމަގެއްގައި އަރައިނުގަނެވޭ ފަދަ ސިޔާސީ ވަޅުގަނޑަކަށް އެމްޑީޕީ ވެއްޓޭ ވެއްޓުމަކަށެވެ.
އަޅުގަނޑުގެ ފައިނަލް ފޯކާސްޓަކީ ރެފަރެންޑަމަށް ރައްޔިތުންގެ 60% އާނއެކޭ ބުނުމާ އެކު، ކައުންސިލްތަކުގެ މެޖޯރިޓީ ޕީ.އެން.ސީ އަށް ލިބި، އަދި ވަކިން ހާއްސަކޮށް މާލޭގެ މޭޔަރުކަމުގެ ގޮނޑި، ޕީ.އެން.ސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ލިބުމެވެ. އައްޑޫ ސިޓީގެ ގޮނޑި އެންމެ ފަހު ވަގުތު ކޮންމެ ކޮޅަކަށް ވެސް ހިނގައިދާނެއެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ޕީ.އެން.ސީ އަށް ނުލިބުނަސް، ރެފަރެންޑަމަށް ރައްޔިތުން އާނއެކޭ ބުނެ، މާލޭގެ މޭޔަރުކަން ޕީ.އެން.ސީ އަށް ލިބުމަކީ މި އިންތިހާބުން ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބެކެވެ.
މި ކާމިޔާބީގެ އުފަލުގައި މާދަމާ، އާދީއްތަ އަދި ހޯމަ ދުވަސް ވެސް ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުން އަޅުގަނޑު އެދެމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ!
