Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މިފަހަރުގެ ސިޔާސީ ބޮންވެސް ވީ ހަމަ ސައިބޯނި ބޮތްކަކަށް!

ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، 26 ސެޕްޓެމްބަރ 2023 ގައި އޮންލައިން ނޫހަކުން ސިޔާސީ ބޮޑު ޑްރާމާއެއް ކުޅުނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޮން މަންމާފުޅު، ސްރީލަންކާގެ ރައްޔިތެއް ކަމުގައިވާ ސްކީލާން ހުސެއިނަށް، މުއިއްޒުގެ ބައްޕާފުޅުގެ ތަރިކަ މުދަލުން ލިބެންޖެހޭ ފުރިހަމަ ބައި ނުދެއްވައި، މުއިއްޒުގެ މިނިސްޓަރުކަމުގެ ބާރުގެ ބޭނުން ކުރައްވައިގެން ސްކީލާން ދިވެހި ރާއްޖެއިން ޑީޕޯޓްކޮށްލެއްވީ ކަމަށް ބުނެ އެ ނޫހުން "ސްކީލާން"ގެ ނަމުގައި ހެދި ޑޮކިއުމެންޓަރީ އަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ.

ސްކީލާން ޑްރާމާ ވީ ސިޔާސީ ސައިބޯނި ބޮތްކަކަށް

ނުރަސްމީކޮށް "ދޮން-އަމާ"ގެ ނަމުގައި މަޝްހޫރުވި މި ޑޮކިއުމެންޓަރީގެ ސަބަބުން ރައީސް މުއިއްޒަށް އިންތިހާބު ނާކާމިޔާބު ވެވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ޔަޤީންކުރިއެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ސިޔާސީ އެފަދަ ޑްރާމަތަކުން ރާއްޖޭގެ ވޯޓުލާ ރައްޔިތުންނަށް މާބޮޑު އަސަރެއް ނުކުރާ ކަމެވެ. ސްކީލާން ޑްރާމާ ވީ ސިޔާސީ ބޮމަކަށް ނޫނެވެ. ސިޔާސީ ސައިބޯނި ބޮތްކަކަށެވެ.

މިއީ އިސްލާމް ދީނުގައި މިފަދަ ކަންކަން ކުރަން އޮންނަ ގޮތެއް ނޫން

އެ ނޫހަކީ އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ނޫހަކަށް ވެފައި، އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބައެއް ވެރިންނަކީ ބޮޑެތި އެތައް ކުށަކަށް އަރާވަޑައިގެންފައި ތިއްބެވި ބޭފުޅުން ކަމަށް ވާހަކަ ދެކެވޭ އިރު މިފަދަ އެއްވެސް ކަމެއް ތަހުޤީޤު ކުރަން އެ ނޫހުގެ "އިންވެސްޓިގޭޓިވް ޖާނަލިސްޓުން" ދުވަހަކު ވެސް އުޅޭތަނެއް ނުފެނެއެވެ. އަންނަ ހޮނިހިރުގައި ބާއްވާ ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ބޯމަތިވެފައި ވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެ ނޫހުން އަނެއްކާވެސް ސިޔާސީ ބޮޑު ޑްރާމާއެއް ކުޅެފިއެވެ. ރައީސް އޮފީހުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކާއެކު ރައީސް މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ހިންގެވި ކަމަށް ތުހުމަތުކޮށް، އެ ނޫހުން ހެދި ވީޑިއޯގައި އެ ބުނާ ވާހަކަ އަށް އޮތް ހަމައެކަނި ހެއްކަކީ އެކަމެއް ކުރިކަމަށް ބުނާ އަންހެން މީހާގެ ބަހެވެ. އަންހެނަކު އޭނާ އަމިއްލަ އަށް ޒިނޭ ކުރިކަމަށް އެއްބަސްވުމުން އެ ނޫހުން އެކަން އިސްތިހާރުކޮށްދިނީއެވެ. އެ އަންހެން މީހާ ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމަކީ، މިސާލަކަށް ތެދަކަށް ވިއަސް، މިއީ އިސްލާމް ދީނުގައި މިފަދަ ކަންކަން ކުރަން އޮންނަ ގޮތެއް ނޫނެވެ. ފާފައެއް ކޮށްފައި އެކަން އިޝްތިހާރު ކުރުމަކީ އަދި އެއަށް ވުރެ ބޮޑު ފާފައެކެވެ. އެކަމަށް ހިއްވަރު ދިނުމުގެ ގޮތުން މުޅި ޤައުމަށް އެ ހަބަރު ފެތުރުމަކީ ކުރި ވަރަށް ޒިއްމާދާރުކަން ކުޑަ ކަމެކެވެ.

ޒިނޭކުރިކަމަށް މުޅި ޤައުމުގެ ކުރިމަތީ އެއްބަސްވި އަންހެނެއްގެ ބަސް، ތެދު ހެއްކެއްގެ ގޮތުގައި ބަޔަކު ބަލައިވެސް ނުގަންނާނެ

މި ލިއުމުގެ ބޭނުމަކީ ރައީސް މުއިއްޒު ދިފާއު ކުރުމެއް ނޫނެވެ. މި ލިއުމުގެ ބޭނުމަކީ ސިޔާސީ ބޭނުމަށް މިފަދަ ހުތުރު ވާހަކަތައް، އެއްވެސް ސާބިތު ހެއްކެއް ނެތި، ޒިނޭއަށް އިއުތިރާފްވި މީހެއްގެ ބަހަށް އެކަނި ބަރޯސާވެގެން، ފެތުރުމަކީ މުޖުތަމައު އިތުރަށް ފަސާދަވާނެ ކަމެއްކަން ފާހަގަކުރުމެވެ.

ފައިސާކޮޅެއް ދިނުމުން ދިން އިންޓަވިއުއަކުން، ޒިނޭކުރިކަމަށް މުޅި ޤައުމުގެ ކުރިމަތީ އެއްބަސްވި އަންހެނެއްގެ ބަސް، ތެދު ހެއްކެއްގެ ގޮތުގައި ބަޔަކު ބަލައިވެސް ނުގަންނާނެއެވެ. އެންމެންވެސް ބުނަނީ ފައިސާކޮޅެއްގެ ދަހިވެތިކަމުގައި ކުރި ކަމެއްގެ ގޮތުގައެވެ.

ސްކީލާންގެ ނަމުގައި ގޮއްވަން އުޅުނު ސިޔާސީ ބޮން އަތަށް ގޮވުމުން އަނެއްކާވެސް ސިޔާސީ ބޭނުމަށް، އޭޕްރިލް ހަތަރެއްގެ ވޯޓާއި ރެފަރެންޑަމް ފެއިލްކޮށްލުމުގެ މަޤްސަދުގައި ފެތުރި މި ރިޕޯޓު ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެއްވެސް ވަރަކަށް ވަޔަކު ނުހިފިއެވެ. ދެހާސް ތޭވީހުގައި ވީ ގޮތަށް މި ޑޮކިއުމެންޓްރީން ހާސިލްކުރަން ބޭނުންވި މަޤްސަދު ވެސް ހާސިލްނުވެ، ނަތީޖާ ނިކުންނާނީ އިދިކޮޅާ އިދިކޮޅަށް ކަމަށް ވެސް ވެދާނެއެވެ.

ޔޫސުފް އަލައިހިއްސަލާމްގެ ވާހަކައިން ފިޅާވަޅު ހޯދުން

އިސްލާމީ ތާރީހުގައި ހިނގި މިފަދަ ހާދިސާތަކުގެ ތެރެއިން ޔޫސުފް އަލައިހިއްސަލާމްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އެޅުވުމަށް އަންހެނަކު ހެދި ދޮގުވެސް މިތަނުގައި ޒިކުރުކޮށްލުން ހަމަ ރަނގަޅެވެ. މިފަދަ ތާރީހީ ވާހަކަތަކުން އިބްރަތް ހާސިލްކޮށް، ސާބިތު ހެއްކެއް ނެތި އަބުރު ކަތިލަން ކުރާ ސިޔާސީ މަސައްކަތުން ނަތީޖާ ނިކުންނާނީ ހީކުރާ ގޮތާ އިދިކޮޅަށް ކަމަށް ޤަބޫލުކުރަން ޖެހެއެވެ.

"ސްކީލާން" ޑޮކިއުމެންޓްރީ ފަދައިން މީތިވެސް މިވީ ހަމަ ސިޔާސީ ސައިބޯނި ބޮތްކަކަށް

ރައީސް އޮފީހުގައި މިދިޔަ އަހަރު މަސައްކަތް ކުރި މުވައްޒަފަކަށް ރަސްމީ ގަޑިން ބޭރުން ރައީސް ފޮނުއްވި މެސެޖްތަކެއްގެ ޗެޓްލޮގް ފެނިފައިވާ ކަމަށް އެ ނޫހުގެ ހަބަރުގައި ވެއެވެ. އެކަމަކު އެންމެ ދެކޮޅޮނުޖެހޭ ކަމަކީ ހަމަ އެ ޕެރެގްރާފުގައި "…އަދި އޭނާއަށް ރައީސް ފޮނުވާފައި ވަނީ ވަކި ގަޑިއެއްގެ ތެރޭގައި އަމިއްލައަށް ފުހުވޭ ވައްތަރުގެ މެސެޖު" ކަމަށް އަމިއްލަ އިއުތިރާފުން ބުނެފައިވާ ބުނުމެވެ. އެހެންވި އިރު އޭގެން އެއްވެސް މެސެޖެއް މިހާރު ފޯނަކު ނޯންނާނެއެވެ. އަމިއްލަ އަށް ފުހެވޭ ޒާތުގެ މެސެޖުތައް، ފޮނުވި ގަޑިއެއްވެސް ނޭނގޭނެއެވެ. މެސެޖެއް ފޮޮނުވި ކަމެއްވެސް ނޭނގޭނެއެވެ. (މެސެޖެއް ފޮނުވިކަން އެނގޭނީ އަމިއްލައަށް ޑިލީޓްކޮށްލުމުން އެކަންޏެވެ.) އެހެންކަމުން އެ ޑޮކިއުމެންޓްރީގައި ދެއްކީ ޑްރާމާގެ ބޭނުމަށް ފަހުން ހަދައިފައިވާ ޗެޓްލޮގެއްކަން ވެސް އަމިއްލައަށް ސާބިތުކޮށްދިނީއެވެ.

ހަދައިފައިވާ އެ ޗެޓްލޮގުން ވެސް އެނގެނީ ރަސްމީ ގަޑިން ބޭރުން އެ އަންހެން މުވައްޒަފަށް ރައީސް މެސެޖް ކުރެއްވިކަން އެކަންޏެވެ. އެ ޗެޓްލޮގުގައި އެއްވެސް ގޯސް ވާހަކައެއް ހުރިނަމަ އެ ޗެޓްލޮގް ވެސް މިހާރު ވާނީ ހާމަކޮށްފައި ކަމަށް ޤަބޫލު ކުރެވެއެވެ. މިހާތަނަށް އެ ޗެޓްލޮގް ހާމަނުކުރާ މައިގަނޑު ސަބަބަކީ އޭތި ނެތުމެވެ. އަދި އޭގައި އެއްވެސް ގޯސް ވާހަކައެއް ވެސް ނެތުމެވެ. އެހެން ކަމުން ޒިނޭ ކުރިކަމަށް އަމިއްލައަށް އިއުތިރާފްވި އަންހެނެއްގެ ބަސް އެއީ ތެދުކަމަށް ޤަބޫލްކުރާކަށް ދިވެހި ރައްޔިތުންނަކަށް ނުޖެހެއެވެ. މިއީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބާއި ރެފަރެންޑަމަށް ކަނޑައެޅިގެން ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ތައްޔާރުކުރި ސިޔާސީ އެޓޮމިކް ބޮމެކެވެ. އެކަމަކު އެ "ބޮމުން" ނިކުތް ނަތީޖާ އަށް ބަލާއިރު "ސްކީލާން" ޑޮކިއުމެންޓްރީ ފަދައިން މީތިވެސް މިވީ ހަމަ ސިޔާސީ ސައިބޯނި ބޮތްކަކަށެވެ. ގޮވީ އަތަށެވެ. މީ އަޅެފަހެ ދޮގެއްތޯއެވެ؟