Support Us

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު (ކ) މި ދިޔަ އަހަރު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅެއްގައި އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއާ ބައްދަލުކުރައްވަނީ. މިއީ ބީ.ބީ.ސީ ރިޕޯޓްގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނިސްބަތްވާ ފޮޓޯއެއް.

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރާ ޑީލް ބަލައިނުގަންނަ ކަމަށް ރާއްޖެއިން އިނގިރޭސި ވިލާތަށް އަންގައިފި

އިނގިރޭސި ވިލާތުން ޗާގޯސް ޖަޒީރާތައް (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރާ ޑީލް ބަލައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ގޮތުން އިނގިރޭސި ވިލާތަށް އަންގަވައިފިއެވެ.

އެ ޑީލާމެދު "ފުން ކަންބޮޑުވުމެއް" އޮތް ކަމަށް ވާތީ އެ ކަމާ އިއުތިރާޒުކުރައްވާކަން ދެ ފަހަރު ލިޔުމުން އަދި އެއް ފަހަރު އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީއަށް ކުރެއްވި ފޯން ކޯލެއްގައި ދަންނަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބީ.ބީ.ސީއަށް ބުންޏެވެ.

ދުނިޔޭގެ ޓްރޮޕިކްސްގައި އިންޑިއާ ކަނޑުގައި އޮންނަ ގައުމު (ރާއްޖެ)އިން އަންނަނީ ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އަދި ރާއްޖެއިން މި ކުރާ ދައުވާ ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ގޮތުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބިރުދައްކަމުންނެވެ.

އިނގިރޭސި ވިލާތުގެ ހާރިޖީ ވުޒާރާގެ ޖޫނިއާ މިނިސްޓަރު ސްޓީވަން ޑައުޓީ ވިދާޅުވީ ޗާގޯސްގެ ސިޔާދަތުގެ މައްސަލައަކީ އިނގިރޭސި ވިލާތާއި މޮރިޝަސްގެ ކަމެއް ކަމަށާއި ރާއްޖެއާ ގުޅޭ ކަމެއް ނޫން ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ މަސްދަރަކުން ބުނީ ޗާގޯސްގެ ސިޔާދަތުގެ ސުވާލަށް ބައިނަލްއަގުވާމީ ކޯޓްތަކުން ބަލައިފައިވާ ކަމަށާއި އެ ކޯޓްތަކުން ބުރަވީ މޮރިޝަސް ކޮޅަށް ކަމަށެވެ.

ރަސްމީ ގޮތުން ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީ.އައި.އޯ.ޓީ) ކިޔާ ޗާގޯސްއަކީ އިންޑިއާ ކަނޑުގައިވާ ޖަޒީރާތަކެކެވެ. އެ ތަން 19 ވަނަ ގަރުނުން ފެށިގެން ކޮންޓްރޯލްކުރަމުން އައީ އިނގިރޭސި ވިލާތުންނެވެ.

ޗާގޯސްގެ ކޮންޓްރޯލް މޮރިޝަސްއަށް ދޭން އިނގިރޭސި ސަރުކާރުން މި ދިޔަ އަހަރު މޮރިޝަސްއާ އެއްބަސްވިއެވެ. އެއީ ޗާގޯސްގެ އެންމެ ބޮޑު ޖަޒީރާ (ޑިއެގޯ ގާސިއާ)ގައި އިނގިރޭސީންނާއި އެމެރިކާއިން ގުޅިގެން ހިންގާ އަސްކަރީ މަރުކަޒުގެ ހިންގުން ކުރިއަށް ގެންދިއުމަށް ކުލީގެ ގޮތުގައި ކޮންމެ އަހަރަކު 101 މިލިއަން ޕައުންޑް (133 މިލިއަން ޑޮލަރު ނުވަތަ ދެ ބިލިއަން ރުފިޔާ) މޮރިޝަސްއަށް ދޭ ގޮތަށެވެ.

ޗާގޯސް ހޯދުމަށް މޮރިޝަސްއިން ދައުވާކުރާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އަދި އެ ގޮތުން ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް މަސައްކަތްކޮށްފައިވެއެވެ.

(އިނގިރޭސި ވިލާތުގެ ވެރިކަންކުރާ) ލޭބާ ޕާޓީގެ މިނިސްޓަރުން ބުނެފައިވާ ގޮތުގައި މޮރިޝަސްއާއެކު ޑީލެއް ނުހަދައިފިނަމަ އަސްކަރީ މަރުކަޒުގެ ކުރިމަގަށް ބައިނަލްއަގުވާމީ ގާނޫނީ ހުކުމްތަކުން ހިޔަނި އެޅޭނެއެވެ.

އެކަމަކު އިނގިރޭސި ވިލާތުގެ ގާނޫނުގެ ތެރެއަށް ޑީލް އަދި ނުވަދެއެވެ. އަދި ފެންނަނީ ވަކި މުއްދަތެއް ނެތި ތަންފީޒުނުކުރެވި މަޑުޖެހިފައިވާ ޑީލެއްގެ ގޮތުގައެވެ. އެއީ ޗާގޯސް ދޫކޮށްނުލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ އަރިހުން އެދިވަޑައިގަތުމުންނެވެ.

މޮރިޝަސްއިން ޗާގޯސް ކޮންޓްރޯލްކުރުމާ ރާއްޖެއިން ދެކޮޅެވެ. އަދި ރާއްޖެއިން ބުނަނީ އެތައް ގަރުނެއްގެ ތާރީހީ ގުޅުމެއް ރާއްޖެ އާއި ޗާގޯސްއާ ދެމެދު ވާ ކަމަށެވެ.

ބީ.ބީ.ސީއަށް ފޮނުވި ތަފުސީލީ ބަޔާނެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ޗާގޯސްއާމެދު ރާއްޖެ ގެންގުޅޭ އުސޫލާއި އިނގިރޭސި ސަރުކާރާއި ރާއްޖެއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތަކަށް އަލިއަޅުވައިލައިފައެވެ.

މޮރިޝަސްއާއެކު އިނގިރޭސީން ހެދި ޑީލާ ރަސްމީ ގޮތުން އިއުތިރާޒުކުރާކަމުގެ ލިޔުން ރާއްޖެއިން އިނގިރޭސި ސަރުކާރަށް ނޮވެމްބަރު 2024 ގައާއި ޖެނުއަރީ 2026 ގައި ވަނީ ފޮނުވައިފައެވެ.

"މި ޑިޕްލޮމެޓިކް މުއާމަލާތްތަކުން ހާމަކޮށްދެނީ ސަރުކާރުގެ ދެގޮތެއްނުވާ އުސޫލު. އެއީ، ރާއްޖޭގެ މަސްލަހަތަށް ނުބަލައި މޮރިޝަސްއާ އެކަނި ވާހަކަދައްކަން އިނގިރޭސި ސަރުކާރުން ނިންމުމަކީ ފުން ކަންބޮޑުވުމެއް އޮތް ކަމެއްކަން،" ބަޔާނުގައި ބުނެފައިވެއެވެ.

"ނަތީޖާއެއްގެ ގޮތުން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން ބަލައިނުގަންނަކަން ރާއްޖެއިންވާނީ (އިނގިރޭސި ވިލާތަށް) ރަސްމީކޮށް އަންގައިފައި. ރާއްޖޭގެ މި އުސޫލު ބިނާކޮށްފައިވަނީ ބޮޑު ތާރީހީ އަދި އިދާރީ ގުޅުންތަކެއް ރާއްޖެ އާއި ޗާގޯސްއާ ދެމެދު ވާތީ. އަދި މީގެ އިތުރުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ބަދަލުކޮށްފިނަމަ ރާއްޖޭގެ ސިޔާދަތަށްކުރާނެ ފާހަގަކުރެވޭ އަސަރުތަކަށް ބަލައިފައި،" ބަޔާނުގައި ބުނެފައިވެއެވެ.

މި ދިޔަ ޑިސެމްބަރުގައި ލެމީއަށް ކުރެއްވި ފޯން ކޯލެއްގައި (ރައީސް) މުޢިއްޒު އިންޒާރު ދެއްވީ "ޗާގޯސްގެ ސިޔާދަތު އެއްވެސް ގޮތަކަށް ބަދަލުކުރުމުގައި ރާއްޖޭގެ މަސްލަހަތަށް ބަލަން ޖެހޭނެ" ކަމަށެވެ.

އަޅައިފައިނެ ގާނޫނީ ފިޔަވަޅު

(ދުނިޔޭގެ ކަނޑުތަކާ ބެހޭ ކޯޓް) އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން 2023 ގައިކުރި ހުކުމަކުން މޮރިޝަސްއިން ޗާގޯސްގެ މައްޗަށްކުރާ ދައުވާވަނީ ވަރުގަދަވެފައެވެ. އެއީ (ދުނިޔޭގެ އިންސާފާ ބެހޭ ކޯޓް) އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން 2019 ގައި އެރުވި އިސްތިޝާރީ ލަފައެއްގެ މައްޗަށް ހުކުމްކުރީމައެވެ.

އައި.ސީ.ޖޭގެ ހުކުމުގައި ބުނެފައިވަނީ 1965 ގައި އިނގިރޭސީން ޗާގޯސް މޮރިޝަސްގެ އަތުން ވަކިކޮށްލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ވީ އެންމެ އަވަހަކަށް ޗާގޯސްގެ އިދާރީ ކަންކަމުން އިނގިރޭސި ވިލާތުން ދުރުވާން ޖެހޭނެ ކަމަށެވެ.

ތަންފީޒުކުރަން ނުޖެހުނަސް އައި.ސީ.ޖޭގެ އިސްތިޝާރީ ލަފައަކީ ގާނޫނީ ބުރަދަން ހުރި އެއްޗެކެވެ. އަދި މި ކަމާ ގުޅިގެން އދ.ގެ އާއްމު މަޖިލީސް 2019 ގައި ގާތްގަނޑަކަށް އެއްކޮށްހެން އިއްތިފާގުވެ، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުގެ ކިބައިން އެދުނެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަނީ މި ގާނޫނީ ހުކުމްތައް ރިވިއުކުރަމުންނެވެ.

"ދިވެހި ސަރުކާރުން ގަބޫލުކުރަނީ ތާރީހީ އަދި (ދުނިޔޭގެ ބިން އޮތް ގޮތް ކަމަށްވާ) ޖޯގްރަފީގެ ގޮތުން ޗާގޯސްއާ ރާއްޖެ ގާތްކަމުން، އެހެން އެއްވެސް ދައުލަތަކަށްވުރެ ކުރިން ޗާގޯސްގެ މައްޗަށް އޮތް ސިޔާދަތީ ހައްގުތައް ލިބިގެންވަނީ ރާއްޖެއަށް ކަމަށް. އެ ގޮތުގެ މަތިން، ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އެއްވެސް ގައުމަކަށް ދޭނަމަ އެ ހައްގު އޮތީ ރާއްޖެއަށް،" ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން އައި.ސީ.ޖޭއަށް "ރަސްމީ ދައުވާއެއް ހުށަހެޅުމަށް ހުރިހާ މަގެއް ބަލާނެ" ކަމަށާއި "ރާއްޖޭގެ ގައުމީ މަސްލަހަތް ނެގެހެއްޓޭނެ ހުރިހާ ގާނޫނީ ވަސީލަތްތައް ދިސާރާ ކުރަމުންދާ" ކަމަށެވެ.

"އަހަރެމެން އަދިވެސް އުއްމީދުކުރަނީ އަހަރެމެންގެ ޒަމާންވީ ބައިވެރިއެއްގެ ގޮތުން އިނގިރޭސި ވިލާތުން، ދެ ގައުމުގެ ދެމެދުގައި އޮތް އިހްތިރާމާއި ތާރީހީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް އެ ރޫހުގައި މި މައްސަލަ ހައްލުކުރުމަށް މާނަވީ ވާހަކަތަކުގައި ބައިވެރިވާނެ ކަމަށް،" ބަޔާނުގައި ބުންޏެވެ.

ރާއްޖެއިން ގާނޫނީ ދައުވާއެއް ކޮށްފިނަމަ އިނގިރޭސި ވިލާތުން މޮރިޝަސްއާއެކު ހެދި ޑީލަށް އިތުރު މައްސަލަތަކަކާ ކުރިމަތިވާނެއެވެ.

ޓްރަމްޕް މިހާރު ވެސް ވަނީ ޑީލް ޝައްކުގެ ތެރެއަށް ވައްޓައިލައްވައިފައެވެ. އެއީ ފެބްރުއަރީގައި އޭނާގެ (ސޯޝަލް މީޑިއާ މަންސަ) ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި "މި ބިން (ޗާގޯސް) އިނގިރޭސި ވިލާތުގެ ކިބައިން ނަގައިގެން ނުވާނެ" ކަމަށް ވިދާޅުވުމުންނެވެ.

އެ ވިދާޅުވުން އައިސްފައިވަނީ އެމެރިކާގެ ދިފާއީ ވުޒާރާއިން އިނގިރޭސި ސަރުކާރުގެ ރޭވުމަށް ރަސްމީ ގޮތުން ތާއީދު ވެސް ކޮށްފައިވަނިކޮށެވެ.

ޗާގޯސްގެ ގިނަ އަދަދެއްގެ ރައްޔިތުން ދެކެނީ މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން އިނގިރޭސީން ހެދި ޑީލަކީ ހިޔާނާތެއްގެ ގޮތުގައެވެ. އަދި ބޭނުންވަނީ ޗާގޯސްގެ މައްޗަށް އިނގިރޭސީންގެ ސިޔާދަތު ދެމެހެއްޓުމަށެވެ. އެއީ ކޮންމެވެސް ދުވަހަކުން އަނބުރާ ވަޒަނަށް އައުމަށްޓަކައެވެ.

(އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ) ކޮންޒަވެޓިވް ޕާޓީ އާއި (އިދިކޮޅު) ރިފޯމް ޔޫކޭ ޕާޓީން ވެސް މި ޑީލާ ދެކޮޅެވެ.

ނޯޓް: މިއީ އިނގިރޭސި ވިލާތުގެ ދައުލަތުގެ މީޑިއާ، ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީ.ބީ.ސީ)އިން މިއަދު ޝާއިއުކުރި ރިޕޯޓެއްގެ ތަރުޖަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *