Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ސަރުކާރު ވައްޓާލަންށޭ ކިޔައިފައި ޤައުމުގައި ހުޅުޖެހިޔަދީގެން ނުވާނެ!

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް، އެމްޑީޕީ އިސްވެ އޮވެ 2004 ވަނަ އަހަރު ފެށި މުޒާހަރާތަކުގެ ތެރެއިން މީހުން ހައްޔަރު ކުރަމުން ދިޔަ ދުވަސްވަރު، އެއިރުގެ ހުރަވީ ބިލްޑިންގް އޮފީސް އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ރައީސް މައުމޫނުގެ ސަރުކާރުން ބުނީ އެއީ އެމްޑީޕީގެ އެކްޓިވިސްޓުން ރާވައިގެން ހިންގި ހުޅުޖެހުމުގެ އަމަލެއް ކަމަށެވެ. އެމްޑީޕީން އެކަމާ އެއްބަހެއް ނުވެއެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު އޮކްޓޯބަރު މަހު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، މާސްކް އަޅައިގެން ތިބި ގޭންގަކުން، އެމްޑީޕީ އަށް ތާއީދުކުރާ ރާއްޖެ ޓީވީ އޮފީހަށް ވަދެ އެ އިމާރާތުގައި ހުޅުޖެހިއެވެ. ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ބުނީ އެ ހާދިސާ އަކީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ ރޭވުމުގެ ދަށުން ގޭންގެއްގެ މެމްބަރުން ލައްވާ ކުރުވި ކަމެއް ކަމަށެވެ. ޑރ. ވަހީދުގެ ސަރުކާރުން ބުނީ އެ ހުޅުޖެހުމަކީ އެ އަހަރު ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ސިމްޕަތީ ވޯޓު ހޯދަން ވެގެން އެމްޑީޕީން ގަސްތުގައި ކުރި ކަމެއް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޔާމީނުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިސްވެ އޮވެ ކުރަމުންދިޔަ އިހްތިޖާޖްތަކުގެ ތެރެއިން، 2015 އަދި 2017 ވަނަ އަހަރު، މާލޭގެ ބާމުދާ ވިއްކާ ގުދަން ފިހާރައިގައި ހުޅުޖެހިއެވެ. ސަރުކާރުން ތުހުމަތުކުރި ގޮތުގައި އެއީ ސަމާލުކަން ހޯދުމަށާއި، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި އެމްޑީޕީ އަޑީގައި އޮވެގެން ހިންގި ހުޅުޖެހުމުގެ އަމަލެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި، 2023 ވަނަ އަހަރު ވެސް، ބާމުދާ ވިއްކާ ގުދަން ފިހާރަތަކާއި އެތަނާ ޖެހިގެން ހުރި އެކަމަޑޭޝަން ބްލޮކެއް އެއްކޮށް އަނދައި އަޅިއަށްވެ، 160 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި، ހާލުގައި ޖެހުނެވެ. މިއީ ވެސް ސިޔާސީ މަޤްސަދެއްގައި، ބަޔަކު އަޑީގައި ތިބެގެން ހިންގި ޖަރީމާއެއް ކަމަށް ވާހަކަ ދެކެވުނެވެ. ނަމަވެސް އެއްވެސް ބައެއްގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.

އޭގެ ފަހުން، 2024 ވަނަ އަހަރު ހައުސިން މިނިސްޓްރީ އާއި އެންވައަރަމެންޓް މިނިސްޓްރީ ހުރި އިމާރާތުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި މުޅި އިމާރާތާއި އެތަނުގައި ހުރި ވަރަށް ގިނަ ލިއެކިއުމާއި، ކޮމްޕިއުޓަރުތަކާ އެއްކޮށް އަނދައި ނެތިގެން ދިޔައެވެ. މިކަމާ ގުޅޭ ގޮތުން ވެސް ވެރިކަން ކުރާ ޕީއެންސީ އާއި އެމްޑީޕީއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ ވެރިކަމުގައި، ހުޅުލޭ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ވިއްކާލުމުން އެކަމާ ދެކޮޅަށް ކޯލިޝަން އަކުން ކުރަމުން ދިޔަ މުޒާހަރާތަކުގެ ޕްރެޝަރު ބޮޑުވެ، 7 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ޖެހިގެން އައި ދުވަހު އެމްޑީޕީން މާލެ އާއި ރަށްރަށުގެ މަގުތަކަށް ނިކުމެ، މުޅި ޤައުމުގައި ހިންގި މުޒާހަރާ ތަކުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށުގެ ޕޮލިސް ސްޓޭޝަން ތަކާއި، ކޯޓު ތަކާއި، ސިޔާސީ ޕާޓީތަކުގެ އޮފީސް ތަކާއި، އެނޫންވެސް ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހައި، ލިއެކިއުމާއެކު އަންދައިލިއެވެ. މިގޮތުން ހުޅުޖެހުމުގެ ހާދިސާ އެންމެ ބޮޑަށް ހިންގީ އައްޑޫ ސިޓީ، ފުވައްމުލަށް އަދި ލާމު އަތޮޅުގައެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަކީ ބަގާވާތެއްގެ ގޮތުގައި ސިފަކޮށް އެމްޑީޕީން މަގުތަކަށް ނިކުމެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހިކަމުގައި ވިއަސް މިކަމާ ގުޅިގެން ތަހުޤީގު ފުރިހަމައެއް ނުކުރެވެއެވެ. އަދި އެމްޑީޕީގެ މައްޗަށް މި ހާދިސާއާ ގުޅިގެން ކުށެއް ސާބިތެއްވެސް ނުވެއެވެ.

މިއަހަރު އޭޕްރިލް 04 ގައި ނަގަން ހަމަޖެހިފައިވާ، ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި ރިޔާސީ އަދި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓާ ދިމާކޮށް މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާތައް ވަރަށް ގިނަވެއްޖެއެވެ. އެގޮތުން، މިދިޔަ ބުދަ ދުވަހު ހެނދުނު ގަލޮޅު މޯޗަރީ ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އެ ގޭގައި ރޯވުމުގެ އިރުކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާކަން ސީސީޓީވީ ފުޓޭޖުން ވަނީ ފެނިފައެވެ. އެ ގޭގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގީ އޭނާ އެ ގެއަށް ވަދެ ކުރި ކަމެއްގެ ސަބަބުންނެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އަލިފާން ރޯވުމުގެ 10 ވަރަކަށް މިނިޓު ކުރިން ވޭވް ސައިކަލެއްގައި އިން ފިރިހެނަކު، މީހުން ނޫޅޭ އެ ގޭގެ ކައިރިއަށް ގޮސް ސައިކަލު ޕާކުކޮށް، އެ ގެއަށް ވަދެ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓު އެ ގޭގައި ހޭދަކުރެ އެވެ. އެ މީހާ އެ ގެއިން ނުކުމެގެން ސައިކަލަށް އެރުމުގެ ކުރިން، ފަސް އެނބުރި އިމާރާތަށް ބަލާ ތަން ވެސް ސީސީ ޓީވީން ފެނެ އެވެ. އަލިފާން ރޯވެ، ދުން އަރަން ފެށީ އެ މީހާ އެ ގެއިން ނުކުތްތާ މިނިޓެއްހާއިރު ފަހުންނެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުޤީގު ކުރަމުންނެވެ.

މި ހާދިސާ ހިނގީ ބުދަދުވަހު ހެނދުނެވެ. އެ ދުވަހުގެ ރޭ 10 ޖަހާ އެހާކަންހާއިރު، މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިލްކްޝަންސް ސެންޓަރު އޮފީހާ ޖެހިގެން ހުރި ގަސްކާނާ އާއި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ރޯވެ މުޅި ގުދަން އެއްކޮށް، މުދަލާއެކު އަނދައިގެން ދިޔައެވެ. ގުދަނާ ޖެހިގެން ހުރި އިލެކްޝަންސް ސެންޓަރުން މުވައްޒަފުން ހުސްކޮށް ކޮމްޕިއުޓަރު ތަކާއި ލިއެކިއުންތައް ސަލާމަތްކުރަން ޖެހުނެވެ. މި ހާދިސާ ހިނގި އިރުވެސް ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުމުގެ ހަރަކާތައް އެ އޮފީހުގައި ހިނގަމުން ދިޔައެވެ. މިއީ އިންތިހާބަށް ހުރަސް އެޅުމަށް ނުވަތަ އިންތިހާބު ލަސްކުރުމަށް، އަދި ސަރުކާރުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަށް ނުސީދާ ނުފޫޒު ފޯރުވަން އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ހުޅުޖެހުމުގެ އަމަލެއް ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެއެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ ދިމާއަށް ބައެއް މީހުން އިނގިލި ދިއްކުރަމުން ދިއުމަކީ މި ހާދިސާ ތަހުޤީގް ކުރަން ފެށުމުގެ އެއް ސަބަބެވެ. ފުލުހުން ބުނީ އަލިފާނުގެ އެ ހާދިސާގެ ސީން ޕްރޮސެސްކޮށް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ހާއްސަ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ. އަދި އެ ގުދަނަކީ ގަސްކާނާ އާއި ޕެސްޓިސައިޑްސް އާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއް ހުރި ތަނެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މިއީ ސިޔާސީ ހުޅުޖެހުމުގެ އަމަލެއް ބާވައެވެ؟

ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރަން 2004 ވަނަ އަހަރު އުޅުނު އިރުވެސް، އަދި 2012 ވަނަ އަހަރު ރައީސް ނަޝީދުގެ އިސްތިއުފާ އަށް ފަހު އެމްޑީޕީން މަގުތަކަށް ނިކުމެ ހިންގި މުޒާހަރާތަކާ ގުޅިގެން ދައުލަތުގެ އެތައް އިމާރާތެއްގައި ހުޅުޖެހި އަމަލަށް ބެލިކަމުގައި ވިއަސް، ރާއްޖެ އަކީ ސިޔާސީ ކަންކަމަށް ސަމާލުކަން ހޯދުމަށް، ސިޔާސީ ނިޔަތުގައި ހުޅުޖެހުމުގެ އަމަލު ފުދޭވަރަކަށް ހިންގައިފައިވާ ޤައުމެކެވެ. އަދި 1800 ގެ އަހަރުތަކުގެ ފަހުކޮޅާއި 1900 ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ އެކި ތަންތަނުގައި ހުޅުޖެހުމުގެ ގޮތުން ހިންގި "ބޮޑުހުޅު"ގެ ހާދިސާ ތަކަކީ ވެސް ސިޔާސީ ގޮތުން ހުޅު ޖެހުމުގައި ދިވެހި ރާއްޖޭގައި ހިނގައިފައި ހުރި ކަންކަމެވެ.

އަންނަ އޭޕްރިލް ހަތަރެއްގައި ނަގަން އުޅޭ ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމުގެ ރެފަރެންޑަމަކީ ޤައުމުގެ ސިޔާސީ ކުރިމަގާ ވަރަށް ބޮޑަށް ގުޅިފައިވާ އިންތިހާބެކެވެ. ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމަށް ޖުމްހޫރީ ޕާޓީ، އެމް.ޑީ.އޭ އާއި އަދާލަތު ޕާޓީ އަދި ވެރިކަން ކުރާ ޕީއެންސީން ތާއީދުކުރާއިރު މިކަމާ ދެކޮޅަށް ވަކާލާތު ކުރަނީ ހަމައެކަނި އިދިކޮޅު އެމްޑީޕީން އެކަންޏެވެ. މި އިންތިހާބް މިހާ ކައިރިވެފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ އޮފީހަކާ އިންވެގެން ހުރި ގުދަނެއްގައި ރޯވުމަކީ ޝައްކު އުފެދޭނެ ކަމެކެވެ. މިއީ ސިޔާސީ ނިޔަތެއް އޮވެގެން ގަސްތުގައި ބަޔަކު ހިންގި ހުޅުޖެހުމުގެ އަމަލެއް ކަމަށް ވުމަކީ ދުރު ކަމެއް ނޫނެވެ. ފުލުހުން މި ހާދިސާ ތަހްޤީގް ކުރަނީ ވެސް މި ސަބަބަށްޓަކައި ކަމަށް ބެލެވެއެވެ. ނަމަވެސް ރާއްޖޭގައި ހިނގާ ސިޔާސީ ހުޅުޖެހުމުގެ ގިނަ ހާދިސާތައް ފަދައިން މި ހާދިސާގެ ތަހްޤީޤްވެސް ވަޅުޖެހި، ކޮޅެއްގައި ނުޖެހި ނިމިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. ކޮންމެ ގޮތެއް ވިއަސް މެދުއިރުމަތީގައި ހިނގަމުންދާ ބޮޑު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ، އަދި ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި، އަދި ސިޔާސީ އިންތިހާބެއް ބޯމަތިވެފައިވާ ދުވަސްވަރެއްގައި ޤައުމުގައި ހުޅުޖެހުމުގެ ހާދިސާތަކެއް ކުއްލިއަކަށް ގިނަވުމަކީ ބިރުވެރިކަމަކެވެ. ފުލުހުންނާއި ސަރުކާރުން މިކަމާ މެދު ވިސްނައި، މިފަދަ ހާދިސާތައް ނުހިގާނެ ގޮތެއް ހޯދަން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ، ތިން އަހަރު ނުވާ ސަރުކާރު ވައްޓާލަންށޭ ކިޔައިފައި ނުކުމެ، ވަކި ބައެއްގެ އަމިއްލަ ފައިދާ އަށް ޤުއުމުގެ ހަރުމުދަލުގައި ހުޅުޖެހިޔަ ދީގެން ނުވާނެއެވެ. އެ ފުރުސަތު އޮވެގެން ނުވާނެއެވެ.