Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދެ އިންތިހާބު އެއް ދުވަހަކަށް ތާއީދު!

ރިޔާސީ އިންތިހާބާއި މަޖުލިސް އިންތިހާބް އެއްދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތިންގެ ހިޔާލު ހޯދަން އަންނަ އޭޕްރިލް ހަތަރު ވަނަ ދުވަހު ނަގާ ވޯޓާ ދިމާކޮށް އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މިކަމާ ދެކޮޅަށް ދައްކާ ވާހަކައިން ހީވަނީ ރާއްޖެއަކީ ދުނިޔޭގައި މިފަދަ ގޮތަކަށް ދެ ވޯޓު އެއް ދުވަހަކު ލާން އުޅޭ ހަމައެކަނި ޤައުމުހެންނެވެ.

އިންޑޮނިޝިއާ އާއި ބްރެޒިލްގައި ވެސް ރިޔާސީ އިންތިހާބާއި ޕާލިމެންޓަރީ އިންތިހާބް ބާއްވަނީ އެއްދުވަހެއްގައި

އެއޮއް އާބާދީ ބޮޑު އިންޑޮނިޝިއާގައިވެސް 2019 ވަނަ އަހަރުން ފެށިގެން ރިއާސީ އިންތިހާބާއި ޕާލިމެންޓަރީ އިންތިހާބް ބާއްވަނީ މުޅި ޤައުމުގައި އެއް ދުވަހެއްގައެވެ. ދުނިޔޭގެ ބާރުގަދަ ބޮޑެތި ޤައުމުތައް ކަމުގައިވާ ބްރެޒިލް، އާޖެންޓިނާ، މެކްސިކޯ އާއި، ރާއްޖެ ފަދަ ކުޑަ ޤައުމެއް ކަމުގައިވާ ކޮސްޓަރިކާގައިވެސް މި ދެ އިންތިހާބް ބާއްވަނީ އެއް ދުވަހަކު އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއްގެ ހަރަދު ކުޑަވެ، އިންތިހާބުތަކުގެ ސަބަބުން އުފެދޭ ސިޔާސީ ނުބައި އޮއިވަރު މަދުވެ، ތަރައްޤީއަށް މަސައްކަތް ކުރަން ސަރުކާރަށާއި ރައްޔިތުންނަށް އިތުރު ވަގުތު ލިބޭނެއެވެ.

އަހަރު ދެކޮޅު އިންތިހާބު ބޭއްވުމުން ޤައުމަށާއި ރައްޔިތުންނަށް ހުރީ ކޮން ފައިދާއެއް؟

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ދެ ދުވަސްވަރެއްގައި ބޭއްވުމަކީ ގައުމުގެ ހަމަޖެހުން ގެއްލިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށެވެ. މިކަމާ ދެކޮޅަށް ކުރާ ކެމްޕެއިނުގެ ތެރެއިން އެމްޑީޕީން މަޖީދީމަގުގައި ދަމާފައި ހުރި ބެނާ ތަކުގެ ތެރެއިން ބޭނާއެއްގައި ލިޔެފައިވެއެވެ:

"ދެ އިންތިހާބު އެއްކޮށްލުމުން ދެން އިންތިހާބެއް އޮންނާނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު"! މައްސަލައަކީ ކޮބައިތޯއެވެ؟ އަހަރު ދެކޮޅު އިންތިހާބު ބޭއްވުމުން ޤައުމަށާއި ރައްޔިތުންނަށް ހުރީ ކޮން ފައިދާއެއްތޯއެވެ؟ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ޓަކައި މިހާރު ހިނގާ ރައްޔިތުންގެ މަޖިލިސްގެ ދައުރު ކުރުކޮށްލެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެހެންވެ އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނަ ކައުންސިލް އިންތިހާބުގެ ވޯޓާއެކު، މި ދެ ވޯޓު އެއް ދުވަހަކު ބާއްވަން ފެނޭތޯ ވެސް ރައްޔިތުންނާ ސުވާލު ކުރާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ވެސް ވިދާޅުވަނީ ދެ އިންތިހާބް އެއްދުވަހުގެ ބޭއްވުމުގެ ފައިދާ މާ ބޮޑުކަމަށް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހުގެ ބޭއްވުމުގެ ފައިދާ ސިޔާސީ ޕާޓީތަކަށް ވެސް ލިބޭނެ ކަމަށާއި އެއް ދުވަހެއްގައި ވޯޓު ލައިގެން ރައްޔިތުންގެ އަތްމައްޗަށް ލިބިފައިވާ ބާރެއް ދޫވެގެން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. ޝިހާބު ވިދާޅުވީ، އިރުއިރުކޮޅާ އިންތިހާބު ބޭއްވުމަކީ ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑަށް ދެންނެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އަދި ލޯކަލް ކައުންސިލް އިންތިހާބު ވެސް، މި ހުރިހާ އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވިއްޖެ ނަމަ ގައުމަށް ވަރަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެއޭ،" އެމްޑީޕީގެ ކުރީގެ ދެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝިހާބު ވިދާޅުވި އެވެ.

އިންތިހާބެއް ބާއްވަން ދައުލަތުން ކުރާ ސީދާ ހަރަދުގެ އިތުރަށް، ނުސީދާކޮށް އެތައް ހަރަދެއް ކުރަންޖެހެއެވެ. އޭގެ ތެރޭގައި ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުންނާއި ސިފައިން ކުރާ ހަރަދާއި، އިންތިހާބުތަކުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުން ޕްރައިމަރީ ބޭއްވުމާއި ކެމްޕޭނު ކުރުމާއި ދަތުރުފަތުރުގެ ހަރަދުތައް ފަދަ އެތައް ހަރަދެއް ދެގުނަވެގެން ދެއެވެ. މި ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ވަރަށް ބޮޑުތަނުން ހަރަދު ކުޑަވެ، ޤައުމުގެ ހަމަޖެހުން އިތުރުވެ، ތަރައްޤީ އަށް ފޯކަސް ކުރަން ވަގުތު ލިބިގެން ދާނެއެވެ. އެއީ ކަށަވަރު ކަމެކެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިބާހު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް، އެމްޑީޕީން މިހާރު ނުކުމެފައިވާއިރު، އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންދަނީ ގާނޫނުއަސާސީގެ ދަށުން ސީދާ ރައްޔިތުންނަށް ލިބިފައިވާ ބާރެއް ހަނިވާކަމަށް ބުނެ އެވެ. ނަމަވެސް، ވަކި ދުވަހެއްގައި އިންތިހާބުތައް ބާއްވަން ގާނޫނުއަސާސީގައި ބުނެފައި ނުވާއިރު، އެއް ދުވަހެއްގައި ވިޔަސް ރައްޔިތުން ލާ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ މެމްބަރުން އިންތިހާބު ކުރާ ނަމަ، ރައްޔިތުންގެ ބާރެއް ހަންޏެއް ނުވާނެއެވެ.

ޤާސިމާއި ސަން ސިޔާމްގެ ތާއީދު ވެސް އެބައޮތް

ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ވެސް ވަނީ ދެ އިންތިހާބް އެއް ދުވަހަކު ބޭއްވުމުން ޤައުމަށާއި ރައްޔިތުންނަށް ބޮޑުތަނުން ފައިދާވާނެ ކަމަށް ވިދާޅުވެ ސަރުކާރުގެ މި ނިންމުމަށް ތާއީދު ކުރައްވައިފައެވެ. މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅައިފައިވާ އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު އެ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރުމުގެ ކުރިން، އެކަން ކުރަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހޭތީ، އޭޕްރީލް ހަތަރެއްގައި ބާއްވާ ކައުންސިލް އިންތިހާބާ އެކު ހިޔާލު ހޯދުމުގެ ވޯޓު ވެސް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ޤާސިމް އިބްރާހިމްގެ އިތުރުން މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ (ސަން ޓްރެވެލް) އަހުމަދު ސިޔާމް ވެސް ވަނީ ދެ އިންތިހާބް އެއް ދުވަހަކު ބޭއްވުމަށް ތާއީދު ކުރައްވާފައެވެ. ސިޔާމްގެ ޕާޓީ އެމްޑީއޭ އިން އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ ދެ އިންތިހާބު އެއްކޮށް ބާއްވަން ސަރުކާރުން ނިންމި ނިންމުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށާއި އެއީ އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ސުލްހަމަސަލަސް ކަމަށް ބަލާއިރު ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޤާސިމާއި ސިޔާމްގެ އިތުރުން ކާށިދޫ ދާއިރާގެ ކުރީގެ މަޖުލިސް މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވެސް ވަނީ ދެ އިންތިހާބް އެއް ދުވަހަކު ބޭއްވުމުން ޤައުމަށާއި ރައްޔިތުންނަށް ފައިދާވާނެ ކަމަށް ވިދާޅުވެ މިކަމަށް ތާއީދު ކުރައްވާފައެވެ. މަޖުލީހުގެ ކުރީގެ ރައީސް ޝިހާބާއި، މިހާރުވެސް މަޖުލިސް މެމްބަރުކަން ކުރައްވާ، އަދި ރާއްޖޭގެ އެންމެ އިސް ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާސިމް އިބްރާހިމާއި ސަން ޓެރެވެލް ސިޔާމް ފަދަ ބޭފުޅުން މި ދެ އިންތިހާބް އެއް ދުވަހަކު ބޭއްވުމަށް ތާއީދު ކުރެއްވީ ސަރުކާރުން ޕްރެޝަރު ކޮށްގެން ނުވަތަ ސަރުކަރުން އެއްޗެއް ދީގެން ކަމަކަށް ނުބެލެވެއެވެ. ސަން ސިޔާމްގެ ޕާޓީ އަކީ ސަރުކާރުގެ ސިޔާސަތުތަކާ ދޭތެރެ ދޭތެރެއިން ޗެލެންޖްކުރާ ޕާޓީއެކެވެ. ރިސޯޓުތަކުން އެމް.އެމް.އޭ އަށް ޑޮލަރު މާރުކުރުމާ ދެކޮޅަށް ވެސް ނުކުތެވެ. މި ވޯޓުގެ ކަންކަމުގައި ސަރުކާރާ އެއްގަލަކަށް އަރަން އެމްޑީއޭ އިން ނިންމައި ނެރުނު ބަޔާނުގައި އެ ޕާޓީން މި ނިންމުން ނިންމި ސަބަބު ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ.

އެމްޑީޕީ އަށް ރަނގަޅުވާނީ ރައްޔިތުން އަބަދުވެސް ސިޔާސީ ގޮތުން ވަޖިދު ވައްދާފައި ބޭތިއްބުމުން

ރިއާސީ އިންތިހާބާއި މަޖުލިސް އިންތިހާބަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ދެ އިންތިހާބެވެ. ރިއާސީ އިންތިހާބަށް ފަހު އެކެއް ނުވަތަ ދެއަހަރު ފަހުން މަޖުލިސް އިންތިހާބު ބޭއްވުމުން މުޅި ޤައުމު އޮންނަނީ އަބަދުވެސް އިންތިހާބީ ބަހުސެއްގެ ތެރޭ، ސިޔާސީ ހަމަނުޖެހުމުން އަރައިނުގަނެވިފައެވެ. އެމްޑީޕީ ފަދަ އެކްޓިވިސްޓުންގެ ޕާޓީއަކަށް ރަނގަޅުވާނީ ރައްޔިތުން އަބަދުވެސް ސިޔާސީ ގޮތުން ވަޖިދު ވައްދާފައި ބޭތިއްބުމުންނެވެ.

ލެޓިން އެމެރިކާގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސޯދު އޮތް، އަހަރަކު ޖީޑީޕީ އަށް 2.3 ޓްރިލިއަން ޑޮލަރު ޖެހޭ، 221 މިލިއަން މީހުންގެ ބިޔަ އާބާދީއެއް އޮތް ބެރެޒިލްގައި ރިއާސީ އިންތިހާބާއި ޕާލިމެންޓް އިންތިހާބް އެއްކޮށް، އެއްދުވަހެއްގައި ބޭއްވުމަކުން އެޤައުމުގެ ރައްޔިތުންގެ ބާރެއް ނުގެއްލެއެވެ. ޑިމޮކޮރްސީ ބަލިކައްޓެއް ނުވެއެވެ. ޖީޑީޕީގައި 1.4 ޓްރިލިއަން ޑޮލަރު ޖެހޭ، 285 މިލިއަން މީހުންގެ އާބާދީ އެއް އޮތް ބިޔަ ބޮޑު އިންޑޮނީޝިއާގައި ވެސް މި ދެ އިންތިހާބު އެއްކޮށް ލުމަކުން އެޤައުމުގެ ރައްޔިތުންގެ ބާރެއް ނުގެއްލެއެވެ. އަދި އެ ޤައުމުގެ ޑިމޮކްރެސީ ބަލިކައްޓެއް ވެސް ނުވެއެވެ. އެހެން ކަމުން އެމްޑީޕީގެ އަމިއްލަ މަސްލަހަތެއް އޮވެގެން، ރައްޔިތުން އަބަދު އިންތިހާބީ އޮއިވަރުގައި ޖައްސާފައި ބޭތިއްބުމުގެ މަޤްސަދުގައި، މިކަމާ ދެކޮޅަށް ވަކާލާތު ކުރުމުން ދޭހަވަނީ އެމްޑީޕީ އަކީ ޤައުމާއި ރައްޔިތުންގެ މަސްލަހަތަށް ވުރެ އަމިއްލަ ޕާޓީގެ މަސްލަހަތު އިސް ކުރާ ޕާޓީއެއް ކަމަވެ.

މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. މިއީ ޤައުމީ ވާހަކައެކެވެ.

މި ދެ އިންތިހާބް އެއް ދުވަހަކު ބާއްވަން އަޅުގަނޑު ތާއިދު ކުރަނީ ހަމަ ގައިމު ވެސް ސަރުކަރުން އެއްވެސް އެއްޗެއް ނުވަތަ އެއްވެސް މަޤާމެއް ނުވަތަ އެހެން ކަމެއް ވެސް ލިބިގެންނެއް ނޫނެވެ. އަދި ލިބޭނެ ކަމަކަށް ވެސް ނޫނެވެ. މި ދެ އިންތިހާބް އެއްކޮށްލަން އަޅުގަނޑު ތާއީދު ކުރަނީ މިއީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ފެންނާތީ އެވެ. ރައީސް ޑރ. މުއިއްޒު އާ ހިޔާލް ތަފާތު ވިއަސް، އަދި ޕީއެންސީގެ ސިޔާސަތުތަކާ ހިޔާލް ތަފާތު ވިއަސް، އޭޕްރިލް ހަތަރު ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހަކު ބާއްވަން ވޯޓު ދިނުމަކީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތެވެ. މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. މިއީ ޤައުމީ ވާހަކައެކެވެ. ޤައުމީ ކަމެކެވެ.