Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ހަނގުރާމައިގެ ކަޅު ވިލާގަނޑުން ދިވެހި ޤައުމަށް ސަލާމަތްކަން ހޯދުން

ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ އެވްރެޖްކޮށް 15% އާއި 20% އާ ދެމެދުގެ އަދަދެއް އަންނަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ނުވަތަ ޔޫ.އޭ.އީގެ ބަނދަރުތައް މެދުވެރިކޮށެވެ. އަދި 7% އާއި 15% އާ ދެމެދުގެ އަދަދެއްގެ އިމްޕޯޓް އަންނަނީ މެދުއިރުމަތީގެ އެހެން ޤައުމެއް ކަމުގައިވާ އޮމާނުންނެވެ. އޮމާނުން މައިގަނޑު ގޮތެއްގައި ރާއްޖެ އަށް އިމްޕޯޓް ކުރަނީ ތެލެވެ. ތަފާސްހިސާބަށް ބަލާއިރު 2024 ވަނަ އަހަރު އޮމާނުން 268 މިލިއަން ޑޮލަރުގެ ޕެޓްރޯލް، ޑީސެލް އަދި އޭވިއޭޝަން ފިއުލް ރާއްޖެއަށް އިމްޕޯޓްކޮށްފައި ވެއެވެ. ދިވެހި ރާއްޖޭގެ އިމްޕޯޓުގެ 30% އާއި 40% އާ ދެމެދުގެ އަދަދެއް އަންނަނީ ކަނޑުމަގުން ނުވަތަ ވައިގެ މަގުން، މެދުއިރުމަތީގެ ބަނދަރުތަކުންނެވެ.

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް މިދިޔަ ހަފުތާގައި ފެށި ހަނގުރާމައިގައި މެދުއިރުމަތީގެ ވައިގެ އަދި ކަނޑުގެ ބަދަރުތައް ބަންދު ކުރުމުން ރާއްޖެ އަށް އެތެރެކުރާ ތައްޔާރީ ކާނާ، މޭވާ އާއި ތަރުކާރީ އަދި އެ ނޫންވެސް ތަފާތު އިމްޕޯޓް މުދަލުގެ ސަޕްލައި މަދުވެ، ފްރައިޓް ބޮޑުވުމުގެ ސަބަބުން މުދަލުގެ އަގު މިހާރުވެސް ވަނީ ބޮޑުވާން ފަށައިފައެވެ. ހަނގުރާމަ ދިގުލައިގެން ހިނގައްޖެ ނަމަ ރާއްޖޭގެ އިގްތިސޯދަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ދާނެއެވެ.

ފަތުރިވެރިކަމަށް ބަލާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ 35% ފަތުރުވެރިން އަންނަނީ ދުބާއީ، ދޯހާ، އަދި އަބޫދާބީ ފަދަ ވައިގެ މަރުކަޒުތައް މެދުވެރިކޮށެވެ. އިރާން ހަނގުރާމައިގެ ސަބަބުން ރާއްޖޭން ފުރަން ތިބި އެތައް ހާސް ފަތުރިވެރިން ނުފުރި ވެލާނާ އެއާޕޯޓުގައި ތާށިވިއެވެ. އަދި ރާއްޖެ އައުމުގެ މަގުމަތީގައި ތިބި އެތައް ހާސް ފަތުރުވެރިންނެއް މެދުއިރުމަތީގަ އާއި ދުނިޔޭގެ އެހެން ވައިގެ ބަނދަރުތަކުގައި ތާށިވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރިވެރިކަމުގެ ސިނާއަތަށް ކޮންމެ ދުވަހަކު އެތައް މިލިއަން ޑޮލަރުގެ ގެއްލުން ލިބެމުން އެބަދެއެވެ. ދައުލަތަށް ލިބޭ ޓީ.ޖީ.އެސް.ޓީ، އެއާޕޯޓް ޓެކްސް އަދި ބެޑް ޓެކްސް ފަދަ ޓެކްސް ތަކުން ލިބޭ އާމްދަނީ މަދު ވެއްޖެއެވެ. ޑޮލަރު ސަޕްލައި ދަށްވެ، ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގޮ ބޮޑުވެއްޖެ އެވެ.

ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިއްޖެ ނަމަ އެންމެ ފުރަތަމަ އަސަރު ކުރާނެ ސިނާއަތަކީ ފަތުރިވެރިކަމުގެ ސިނާއަތެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ އިގްތިސޯދުގެ 75% ގުޅިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތާއެވެ. އެ ސިނާއަތަށް އަންނަ ލޮޅުމަކުން ރާއްޖޭގައި ޑޮލަރުގެ އަގު ބޮޑުވެ، ކާބޯތަކެތީގެ އަގު އުފުލި، ޤައުމަށް ބޮޑު ކާރިސާ އަކަށް ވެގެންދެއެވެ.

ދެހާސް ވިހިން 2023 އަށް މުޅި ދުނިޔެއަށް އައި ކޮވިޑްގެ އާލަމީ ވަބާއާ ގުޅިގެން ވެސް ދިވެހި ރާއްޖެ އަށް ބޮޑެތި އިގްތިސޯދީ ދަތިތައް ދިމާވިއެވެ. އަދި 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެރި ސުނާމީ އަކީ ވެސް ދިވެހި ރާއްޖެ އަށް ދިމާވި އެފަދަ ބޮޑު ކާރިސާއެކެވެ. މިފަދަ ކާރިސާތައް މެނޭޖް ކުރުމުގައި އޮންނަނީ ދެ ގޮތެކެވެ. އެއް ގޮތަކީ ކަމެއް ދިމާވުމުން އެކަމަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރެވޭތޯ ފިޔަވަޅުތައް އެޅުމެވެ. މިއީ އިނގިރޭސި ބަހުން ކިޔާ ގޮތުން ނަމަ ކްރައިސިސް މެނޭޖްމެންޓެވެ. ދެވަނަ ގޮތަކީ ވަކި ކަމެއް ދިމާވެދާނެ ކަމަށް ބަލައި، އެފަދަ ކަމެއް ދިމާވިއަސް ލިބޭނެ ގެއްލުން ވީހާވެސް ކުޑަ ކުރުމަށްޓަކައި، ދުރާލާ ފިޔަވަޅުތައް އަޅައިގެން ތިބުމެވެ. މިދިޔަ ފެބްރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން މެދުއިރުރުމަތީގެ ވައިގެ ސަރަހައްދުން ބޮޑުބައެއް ބަންދުކުރިއެވެ. އެއާ އެކު ރާއްޖޭގައި ތާށިވި އެތައް ހާސް ފަތުރުވެރިންނަށް އެހީތެރިވުމުގައި ވެސް ދައުލަތުން ހަރަދު ކުރަން ޖެހުނެވެ. އަދި ރާއްޖެ އަންނަން އޮތް އެތައް ފްލައިޓެއް ކެންސަލްވެ، އެތައް ހާސް ފަތުރުވެރިންނަށް ރާއްޖެ ނާދެވުމުން ދިވެހި ދައުލަތަށާއި، އަމިއްލަ ވިޔަފާރިތަކަށް، ޖުމްލަކޮށް ކޮންމެ ދުވަހަކު މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ދަނީ ލިބެމުންނެވެ.

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން ނުވަތަ ޖީ.ޑީ.ޕީގެ ހަތަރުބައި ކުޅަ އެއް ބައި ނުވަތަ 25% ހިއްސާ ކުރަނީ ފަތުރުވެރިކަމެވެ. އަދި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރާއްޖޭގެ އިގްތިސޯދުގެ 75% ގުޅިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތާއެވެ. ފަތުރުވެރިން ރާއްޖެ އަންނަ ސަރަހައްދެއްގައި ހަނގުރާމައެއް ފެށުނަސް، ނުވަތަ ދުނިޔޭގެ އިގްތިސޯދު ދަށަށް ގޮސްގެން މީހުން ދަތުރުކުރާ މިންވަރު މަދުވިއަސް ރާއްޖޭގެ ފަތުރިވެރިކަމަށް ބޮޑު އަސަރެއް ކުރެއެވެ. އެއާއެކު ދައުލަތުގެ އާމަދަނީ ދަށްވެ ޤައުމުގެ އިގްތިސޯދަށް ލޯޑު ބޮޑުވެއެވެ. ވަކިން ހާއްސަކޮށް ކާބޯތަކެތި އެތެރެކުރުމުގެ އަގުތައް ބޮޑުވެ، އަސާސީ ކާނާގެ އަގު ބޮޑުވެ، ރައްޔިތުންނަށް ބޮޑެތި ތަކްލީފްތައް ދިމާވެއެވެ.

ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު ވަރުގަދަ ހަނގުރާމައެއް މިހާރުވެސް އެބަ ހިނގައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ރަޝިއާ އާއި ޔުކްރެއިނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ދަނީ ހިނގަމުންނެވެ. ސޫދާން، ލީބިޔާ، ސޮމާލިއާ ފަދަ ޤައުމުތަކުގައި ނިމުމެއް ނެތި ހަނގުރާމަ ދަނީ ހިނގަމުންނެވެ. އަދި 2023 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ދަނީ ފަލަސްތީނުގެ އައްޒާ އަށް ބޮން އަޅައި ސުންނާފަތި ކުރަމުންވެ. މުޅި ދުނިޔެ މިވަނީ ހަނގުރާމައިގެ ކަޅު ވިލާގަނޑެއްގެ ދަށުގައެވެ. އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިމުމުގެ އެއްވެސް ނިޝާނެއް އަދިއެއް ނުފެނެއެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެއް މަސް ދުވަހަށް ބޭނުންވާ ވަރަށް ރާއްޖޭގެ ރިޒާވްގައި ތެޔޮ އެބަހުރި ކަމަށެވެ. ނަމަވެސް އިރާން ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ގޮސް، ރާއްޖޭގެ އާމްދަނީ ދަށްވެ، އިރާނުން ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރުމުން ތެލުގެ ސަޕްލައި ދަށްވާނެއެވެ. ރާއްޖެއަށް މި ހާލަތު ކޮންޓްރޯލް ކުރެވޭނީ ވަކި ވަރަކަށެވެ. މިހާރުވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް 10% ބޮޑުވުމުން ރާއްޖޭގައި ވިއްކާ ތެލުގެ އަގުވެސް ވަނީ އެ ނިސްބަތުން ބޮޑުކޮށްފައެވެ. ހަނގުރާމަ، މިސާލަކަށް ތިން މަސް ދުވަހަށް ދިގުލައިގެން ދިޔައަސް ރާއްޖޭގެ އިގްތިސޯދީ ގިނަ ދާއިރާތައް ހުއްޓި، ތަކެތީގެ އަގު ބޮޑުވެ، ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ބޮޑުވެ، އިގްތިސޯދު ފުނޑޭނެއެވެ. ރައްޔިތުންގެ ބަޔަކު ބަނޑަށް ވެސް ޖެހޭނެއެވެ. މިފަދަ ހާލަތެއް މެދުވެރިވިއަސް ރައްޔިތުން ކުޑަމިނުން ބަނޑަށް ނުޖެހި އުޅެވޭ ވަރަށް ދުރާލައި ޕްލޭންކޮށް ފިޔަވަޅު އަޅަން ޖެހެއެވެ.

އެގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ދިވެހި ރައްޔިތުން ބަނޑަށް ނުޖެހި ކައިގެން ބޮއެގެން އުޅެވޭ ވަރަށް ރާއްޖޭގައި ކޮންމެވެސް ކަހަލަ އަސާސީ ކާނާތަކެއް ހެއްދުމެވެ. މިސާލަކަށް ކޮންމެ އަތޮޅަކުން ބިން ބޮޑު އެއް ރަށް ހިޔާރުކޮށް، އެރަށުގައި ބަނބުކެޔޮ، އޮޅު އަލަ، ދޮންކެޔޮ، ރުށް، މުރަނގަ ތޮޅި، ފަޅޯ، ކަރާ ފަދަ ރާއްޖޭގައި ފަސޭހައިން ހެއްދޭ ކާނާ ހެއްދުމެވެ. އެސްޓީއޯ ފަދަ ދައުލަތުގެ ހިއްސާވާ ކުންފުންޏަކުން، ޝޭމްޕޫ އާއި ލޯޝަން އިމްޕޯޓްކޮށްގެން އަމިއްލަ ވިޔަފާރިވެރިންނާ ވިޔަފާރީގެ ގޮތުން ވާދަކުރަން އުޅުމުގެ ބަދަލުގައި ދިވެހި ރައްޔިތުންނަށް މިފަދައިން ފުޑް ސެކިއުރިޓީ ހޯދައިދޭން ޤައުމީ މަޝްރޫއު ތަކެއް ހިންގުން މާ ރަނގަޅެވެ.

މިއީ މިހާރުންމިހާރަށް ވެސް ކުރަން ޖެހިފައިވާ ކަމެކެވެ. އެމެރިކާގެ ރައީސް ޓްރަމްޕާއި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މިވަނީ މުޅި ދުނިޔޭގައި ހަނގުރާމަ ހިންގުމުގެ ޕްލޭނެއް ފައްޓައިފައެވެ. ވެނަޒުއޭލާއިން ފެށިގެން ގޮސް ޕާކިސްތާނާއި އަފްގާނިސްތާނާއި ރަޝިއާގައި ވެސް ހަނގުރާމަ އެދަނީ ފުޅާވަމުންނެވެ. މިވަގުތު ދިވެހި ސަރުކާރުން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަނޑުވެރިކަން ކުރާނެ މިފަދަ ބޮޑު އެއް ރަށް ކަނޑައަޅައި، އެސްޓީއޯ ފަދަ ކުންފުންޏަކުން މިކަން ކުރުމެވެ. ދުނިޔެއަށް ކުރިމަތިވެދާނެ ބޮޑު ހަނގުރާމައެއް، ނުވަތަ ކޮވިޑް ފަދަ ބޮޑު ބަލިމަޑުކަމެއް، ނުވަތަ ސުނާމީ އާއި ބިންހެލުން ފަދަ ގުދުރަތީ ބޮޑު ކާރިސާއެއްގެ ސަބަބުން ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ކާބޯތަކެތި ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތި ވެދާނެއެވެ. ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހި ރާއްޖެ ކާބޯތަކެއްޗަށް ޖެހުނު އިރުވެސް ދިވެހީންނަށް ކިރިޔާވެސް ހިފަހައްޓާލެވުނީ އެދުވަސްވަރު ރާއްޖޭގެ ގިނަ ރަށްރަށުގައި ބަނބުކެޔޮ، އޮޅުއަލަ، ރުށް އަދި އެނޫންވެސް ކާބޯތަކެތީގެ ގިނަ ވައްތަރުތައް ހައްދާތީއެވެ.

ޒަމާން ބަދަލުވެ ވަރަށް މަދު ރަށެއްގައި މެނުވީ މިހާރު އޮޅުއަލައިގެ ދަނޑުވެރިކަމެއް ނުކުރެއެވެ. ހާއްސަކޮށް މާލޭގައި އަމުދުން އެއްވެސް ދަނޑުވެރިކަމެއް ކުރާނެ ބިމެއް ނެތެވެ. މާލޭގެ ހުސް ޕާކްތަކުގައި، މާފަންނު ސަހަރާ ހުރި ޕާކުގައި ޖަހާފަ އެހެރަ ގޮތަށް ބަނބުކެޔޮ، އަނބު ފަދަ ކާނާ އަޅާ ގަސްތައް ޖަހަންވީއެވެ. ދިވެހިންގެ ފުޑް ސެކިއުރިޓީ ކަށަވަރު ކުރަން ޗައިނާ ކުންފުންޏަކާ ގުޅިގެން އުތުރު ތިލަފަޅުގައި ހިންގަން މިސަރުކާރުން ކަނޑައެޅި މަޝްރޫއު އަވަސްކުރަން ޖެހެއެވެ.

ދިމާވެދާނެ އިގްތިސާދީ ތަދުމަޑުކަމަކަށް ތައްޔާރުވުމުގެ ގޮތުން ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމުގެ އިތުރުން، ހަމަ އެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އިގްތިސޯދުގެ ބިންގާ ފުޅާކޮށް، ޑޮލަރު ލިބޭނެ އެހެން އިގްތިސޯދީ ބިޔަ ސިނާއަތްތަކެއް ފަށަން ޖެހެއެވެ. ފަތުރުވެރިކަމަށް އެކަނި ބަރޯސާވެގެން ޤައުމުގެ އިގްތިސޯދު ކޮޅަށް ޖަހައިގެން ތިބި ތިބުމުގެ ނުރައްކާ މިހާރު މިދަނީ ފެންނަމުންނެވެ. އިރާން ހަނގުރާމަ ފަދަ ކަމެއް ދުނިޔޭގައި ހިނގުމާއެކު ފަތުރުވެރިކަމަށް ބުރޫއަރައި ޤައުމުގެ އިގްތިސޯދު އަޑިއަޅާލައެވެ. ދިމާވެދާނެ ކާރިސާއަކުން އަރައިގަނެވެންދެން ރައްޔިތުންނަށް ބަނޑުފުރާނަ މުއްތިކޮށްގެން ތިބެވޭ ވަރަށް ރާއްޖޭގައި ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، އިގްތިސޯދުގެ ބިންގާ ފުޅާކޮށް، އުތުރާއި ދެކުނުގައި ޓްރާންސްޝިޕްމެންޓު ބަނދަރު ހަދައި، ބައިނަލްއަޤްވާމީ ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ހަދައި، ބަލްކުކޮށް ތަކެތި އިމްޕޯޓް ކޮށްގެން ތަކެތި އުފައްދާ ފެކްޓަރީ ފަދަ ވިޔަފާރިތައް ރާއްޖޭގައި ފަށަންޖެހެއެވެ. އިގްތިސޯދު ފުޅާކޮށް، ފުޑް ސެކިއުރިޓީ ވަރުގަދަނުކޮށް ތިބެއްޖެ ނަމަ ދުނިޔޭގައި ހިނގާ ހަނގުރާމަތަކުން ދިވެހި ޤައުމާއި ރައްޔިތުންނަށް ހީނުކުރާވަރުގެ ބިކަކަމާއި ނިކަމެތިކަން ލިބި، ޤައުމުގެ އިގްތިސޯދަށް ފަސޭހައިން އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެން ހިނގައިދާނެއެވެ. މިފަދަ ނުރައްކަލުގެ ރަނގަބީލު އަޑުއަހައި، ފިޔަވަޅު އެޅުމުގެ ވަގުތު މިވަނީ ކުޑަތަން ވެފައެވެ.