ވަފާތެރިކަމުގެ މިންގަނޑަކީ އެއީ ބަސްމަގުގެ ރައްދެއްނޫން
ތަފާތެއް ނެތި ކުރާ ހަދިޔާތަކުން އޮވެދާނެ ހައްދެއް ނޫން
ނިޔަތް ނުރަނގަޅު ނިފާޤެއްގައި ދުލަށް ކުޅަދާނަ ފަހިމަގަކުން
ކިޔަން އުޅުނަސް ސަނާ އަމުދުން އެއީ ނޭގޭނެ އަރަތެއް ނޫން
ތިމާ ކައިރީ ވެދާ ހެވަތާ ދުރަށް ދިއުމުން އެވާ ނިޔަތާ
ދިމާ ދެކޮޅަށް ހިނގާނަމައީ އެއީ ރުހެވޭނެ މިތުރެއް ނޫން
ހަސަދަ ހިތުގައި ހިނގާނަމައީ މަކަރުވެރިކަމުގެ ފޭރާމުން
އަސަރު ފޮރުވަން ހިތާ އުޅުނަސް އެއީ ފޮރުވޭނެ ދިލައެއް ނޫން
ތިބާ އަށް ނުލިބި އަނެކާ އަށް ލިބޭ ނިޢުމަތުގެ ނަފުރަތުގައި
ހިނގާނަމައީ ކުރަން ޝަކުވާ އެއީ ލިބިދާނެ ޝަރަފެއް ނޫން
އެއީ އަލިފާނެކޭ އަންދާ އެއީ ހަޑި ޢަމަލެކޭ ގެންދާ
އެއީ ދެހަޔާތަކުންވެސް ރާހަތެއް ފެނިދާނެ ޢަމަލެއް ނޫން
