Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މޮރިޝަސް އިން ސިޔާސީ ގުޅުން އެއްކޮށް ކަނޑާލިއަސް ރާއްޖޭގެ ހައްޤުތައް ދިވެހީން ދުކޮށްނުލާނެ!

މީލާދީ ސަނަތުން 17 ވަނަ ޤަރުނުގައި މޮރިޝަސްގައި އެންމެ ފުރަތަމަ މީހުން އާބާދުވުމަށް ފަހު އެތަނުގައި ކުރަމުންއައި އުއްދަނޑިން ހަކުރު އުފެއްދުމުގެ ދަނޑުވެރިކަމުގައި މަސައްކަތް ކުރުމަށް، މީލާދީން 1834 އާއި 1920 އާއި ދެމެދުގެ އަހަރުތަކުގައި، އާދައިގެ ލޭބަރުގެ ގޮތުގައި އިންޑިއާގެ ބިހާރު، އުއްތަރު ޕްރަދޭޝް އަދި ޓެމިލް ނާޑޫ އިން މީހުން ގެންދިޔައެވެ. އެގޮތުން އިންޑިއާއިން މޮރިޝަސް އަށް ގެންދިޔަ މީހުންގެ ދަރިފަސްކޮޅު އިތުރުވެ، މޮރިޝަސްގެ އާބާދީގެ 70% އަކީ މިހާރު އިންޑިއާ ނަސްލުގެ މީހުންނެވެ. މޮރިޝަސްގެ އާބާދީ 1.3 މިލިއަނަށް އަރާއިރު އޭގެ ތެރެއިން އިންޑިއާ ނަސްލުގެ މީހުންގެ ޖުމްލަ، އެއް މިލިއަނާއި ގާތްކުރާ އަދަދަކަށް އަރައެވެ. މީގެ ދެއަހަރު ކުރިން މޮރިޝަސްގެ ރައީސް ކަމަށް ވަޑައިގަތް، އިންޑިއާ ނަސްލުގެ ދަރަމްބީރު ގަހޫލް އަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ސިޔާސީ ގޮތުން ވަރަށް ގާތް ބޭފުޅެކެވެ. މިދިޔަ އަހަރު މާޗް މަހު މޯދީ ވަނީ މޮރިޝަސް އަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ވާހަކަ މަޝްވަރާ ކުރައްވާފައެވެ.

މޮރިޝަސްގެ އަގެލެގާ އައިލޭންޑުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް

މޮރިޝަސްގެ އަގެލެގާ އައިލޭންޑުގައި 2021 ވަނަ އަހަރު ރަސްމީކޮށް ހުޅުވި އިންޑިއާގެ އަސްކަރީ މަރުކަޒަކީ އިންޑިއާ ކަނޑުގައި އިންޑިއާގެ ނުފޫޒާއި ބާރު ފެތުރުމަށް ހުޅުވި މަރުކަޒެކެވެ. މޮރިޝަސް އަށް ފޯޅަވަހި ލިބިއްޖެ ނަމަ މޮރިޝަސްގައި އޮތް އިންޑިއާގެ އަސްކަރީ މަރުކަޒުގެ އިތުރުން، އެމެރިކާގެ ޑިއަގޯގާޝިއާ މަރުކަޒުވެސް ވެގެންދާނީ މޮރިޝަސްގެ ބަޔަކަށެވެ. އެފަދަ ހާލަތެއްގައި ދުނިޔޭގެ ތަފާތު ދެޤައުމެއްގެ އަސްކަރީ މަރުކަޒު އެއް ޤައުމެއްގައި އޮތުމަކީ ދިފާއީ ގޮތުން ދެކޮޅުޖެހޭ ކަމަކަށް ނުވާނެއެވެ. އެހެންވެއްޖެ ނަމަ އެމެރިކާ އާއި ހުޅަނގުގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާގެ ނުފޫޒު ފޯރާނެއެވެ. މޮރިޝަސް އަށް ފޯޅަވަހި ދިނުމަށް އެމެރިކާއިން ދެކޮޅުހަދާ މައިގަނޑު ސަބަބަކީ މިއީ އެވެ.

އެމެރިކާގެ ރިޕަބްލިކަން ޕާޓީތެރޭގައި ވެސް ވިސްނުން އޮތީ ރާއްޖެ ކޮޅަށް

އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލް އިން ރިޕޯޓު ކޮށްފައި ވާގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ހަތަރު ސެނެޓަރަކު އިއްޔެ ވަނީ އެމެރިކާ ސަރުކާރަށް ސިޓީއެއް ފޮނުއްވައި، މޮރިޝަސް އަށް ފޯޅަވަހި ދިނުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެފައެވެ. އަދި މޮރިޝަސް އަށް ފޯޅަވަހި ދިނުމަކީ ޑިއަގޯ ގާޝިއާގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކުރިމަގަށް ވެސް ހުރަސް އެޅިދާނެ ކަމެއް ކަމަށް އެ ސެނެޓަރުންގެ ސިޓީގައި ވެއެވެ. އިނގިރޭސީ އިސްތިއުމާރުގެ ދަށުގައި އޮތް ފޯޅަވަހީގެ 60 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއަގޯ ގާޝިއާ، އިނގިރޭސިން ވަނީ 1966 އިން ފެށިގެން އެމެރިކާ އަށް ކުއްޔަށް ދީފައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އެންމެ 10 އަހަރެވެ. މިހާރު އޮތް އެގްރީމެންޓުގެ ދަށުން އެމެރިކާއިން ކުއްޔަށް ހިފާފައިވާ ޑިއަގޯ ގާޝިއާގެ ކުލީގެ މުއްދަތު 2036 ވަނަ އަހަރަށް ހަމަވާނެއެވެ. މޮރިޝަސް އަށް ފޯޅަވަހި ލިބިއްޖެ ނަމަ އިންޑިއާގެ ނުފޫޒާއި ބާރުގެ ސަބަބުން އެމެރިކާއިން ޑިއަގޯ ގާޝިއާ ދުކޮށްލަން މަޖުބޫރު ވެދާނެއެވެ. މިއީ މި މައްސަލާގައި އެމެރިކާ ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ފޯޅަވަހި ބޭނުންވެގެން އުޅެނީ އަސްލު އިންޑިއާ

މޮރިޝަސް އަށް ފޯޅަވަހި ހޯދައިދިނުމަށް އެންމެ ބާރުއަޅާ ޤައުމަކީ އިންޑިއާ އެވެ. ސަބަބު ވަރަށް ސާފެވެ. މޮރިޝަސް އަކީ އިންޑިއާގެ އަމިއްލަ ސްޓޭޓެއް ފަދަ ތަނެކެވެ. އާބާދީގެ 70% އަކީ އިންޑިއާ ނަސްލުގެ މީހުންނެވެ. އިންޑިއާގެ ބޮޑު ވަޒީރު މޯދީ މި ފެބްރުއަރީ މަސްތެރޭ އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މިކަމުގައި އިޒްރޭލުގެ ތާއިދު ހޯއްދަވައިގެން އެމެރިކާ އަށް ޕްރެޝަރު ކުރައްވަން ކަމަށް ބެލެވެއެވެ. ޗާގޯސް ނުވަތަ ފޯޅަވެއްސަކީ މީގެ 1000 އަހަރަށް ވުރެ ކުރީ ޒަމާނުގައި ވެސް ދިވެހީން ދަތުރުކޮށް، އެތަނުގެ ރަށްތަކުން ރުށް އަރައި، އެ ސަރަހައްދުން މަސްވެރިކަންކޮށް އުޅުނު ރަށްތަކެކެވެ. ދިވެހި ބަހުން ލިޔެފައި ހުރި 900 އަހަރު ކުރީގެ ހިރިގަލުގެ މަހާނަގާ މިހާރު ވެސް ފޯޅަވެހީގެ ބައެއް ރަށްރަށުގައި އެބަހުއްޓެވެ. ފޯޅަވެއްސަކީ ދިވެހި ރާއްޖެއާ މާބޮޑަށް ވެސް ތާރީހީ ގޮތުން ގުޅުން އޮތް ތަނެއް ކަމަށާއި، މީގެ އެންމެ 400 ވަރަކަށް އަހަރު ކުރިން އުފެދުނު ޤައުމެއް ކަމުގައިވާ މޮރިޝަސް އަށް އެތަން ލިބެންޖެހޭ ސަބަބެއް ނެތް ކަމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސްގެ މި ވިދާޅުވުމަށް ތާއީދު ކުރައްވާ ބޭފުޅުން އިނގިރޭސި ވިލާތުގެ ޕާލިމެންޓުގައި ވެސް އެބަ ތިއްބެވިއެވެ. އެފަދަ ބޭފުޅުން ގެންދަވަނީ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމަށް އަމަލު ނުކުރުމަށް އިނގިރޭސި ސަރުކާރަށް ޕްރެޝަރު ކުރައްވަމުންވެ.

މޮރިޝަސް އިން ކުއްލިއަކަށް ރާއްޖެއާ ގުޅުން ކަނޑާލީ ކީއްވެ؟

ހާލަތު މިހިސާބަށް ގޮސްފައި ވަނިކޮށް، ފޯޅަވަހި ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ އަދި ސިޔާސީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން ވަރަށް ކުއްލި ގޮތަކަށް އިއްޔެ ނިންމިއެވެ. ދުނިޔޭގެ ވަރަށް ގިނަ ދޭދޭ ޤައުމުތަކުގެ މެދުގައި ސަރަހައްދީ މައްސަލަތަކުގައި ހިޔާލު ތަފާތު ވުމާއި، ހަނގުރާމަ ވެސް ހިނގައިފައި ވެއެވެ. ނަމަވެސް އާއްމު ގޮތެއްގައި އެފަދަ މައްސަލަތަކާ ގުޅިގެން ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ސިޔާސީ ގުޅުން ކަނޑައެއް ނުލައެވެ. ސުވާލަކީ މޮރިޝަސް އިން މިހާ ބޮޑު ފިޔަވަޅެއް ކުއްލިއަކަށް އެޅީ ކީއްވެގެން ބާވައެވެ؟ މިގެން ދޭހަވަނީ ފޯޅަވަހި ހޯދުމަށް އިންޑިއާ ބޭނުންވެފައިވާ މިންވަރެވެ. މޮރިޝަސްގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ރާއްޖެއާ އެކު އޮތް ހުރިހާ ހާރިޖީ އަދި ސިޔާސީ ގުޅުމެއް މޮރިޝަސް އިން ވަގުތުން ވަގުތަށް ސަސްޕެންޑު ކޮށްފައިވާ ކަމަށާއި، އެކަން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެބަޔާނުގައި ވަނީ މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ ރަށްތަކަށް އޮތްކަމަށް ޤަބޫލުކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ނިންމުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބާތިލްކޮށް، މޮރިޝަސްގެ ސިޔާދަތީ ބާރު ފޯޅަވަހީގެ ރަށްތަކަށް އޮތްކަމަށް ދިވެހި ސަރުކާރުން ޤަބޫލު ކުރަން ދެކޮޅު ހެދުމެވެ.

މޮރިޝަސް އިން ދެކެނީ މިއީ ހަނގުރާމައިގެ އަމަލެއް ކަމަށް

މި ފެބްރުއަރީ މަހު ރައްޔިތުންގެ މަޖުލިސް އާ ދައުރަކަށް ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ އ.ދގެ އިޓްލޮސް އިން މިމައްސަލާގައި މޮރިޝަސް ކޮޅަށް ބުރަވެ ނިންމި ނިންމުމުގައި، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު (އެމް.ޑީ.ޕީ ސަރުކާރުން ވިއްކާލި) ގާތްގަނޑަކަށް 5،000 އަކަ ކިލޯމީޓަރުގެ ސަރަހައްދަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަށާއި އެ ސަރަހައްދު ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމަށެވެ. އެއާއެކު އެމެ.އެން.ޑީ.އެފްގެ މަނަވަރު ހުރަވީ ވަނީ އެ ސަރަހައްދު ޕެޓްރޯލްކޮށް ބޭރުގެ މަސް ބޯޓު ތަކެއް އެސަރަހައްދުން ހިފްހައްޓައިފައެވެ. މޮރިޝަސް އިން ދެކެނީ މިއީ ހަނގުރާމައިގެ އަމަލެއް ކަމަށެވެ.

ފޯޅަވަހި އެހެން ގައުމަކާ ހަވާލުކުރާ ނަމަ ހަވާލުކުރަން ޖެހޭނީ އެ ތަނުގެ ހައްގުވެރި ގައުމު ކަމަށްވާ ދިވެހިރާއްޖެއާ

ރާއްޖެއާ އެކު އޮތް ސިޔާސީ ގުޅުން ސަސްޕެންޑު ކުރަން މޮރިޝަސްއިން މި ނިންމި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ވަކާލާތު ކުރައްވާ ކުރެއްވުން ތަކުރާރު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ، ކުރީ ޒަމާނުގައި ވެސް ޗާގޯސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށާއި އެތައް ގަރުނެއް ކުރިން ފޯޅަވަހީގެ ނަން އެ ގައުމަށް ދިނީ ވެސް ދިވެހިން ކަމަށެވެ. އެހެން ގައުމުތަކުން އެކި ނަންތައް ދޭން ފެށީ ފަހުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ތަން އެއްވެސް ގައުމަކާ ހަވާލުކުރާ ނަމަ އެ ތަނުގެ ރައިޓްފުލް އޯނާއަކީ ދިވެހިރާއްޖެކަން އަޅުގަނޑު މިދަނީ ދިވެހި ސަރުކާރު ފަރާތުން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވަމުން. އެއީކީ އެއްވެސް ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ނޫން. އިނގިރޭސި ވިލާތުން އެ ތަން އެހެން ގައުމަކާ ހަވާލުކުރާ ނަމަ ހަވާލު ކުރަން ޖެހޭނީ އެ ތަނުގެ ހައްގުވެރި ގައުމު ކަމަށްވާ ދިވެހިރާއްޖެއާ. އެކަން އަޅުގަނޑުމެން ވާނީ ދެ ފަހަރަކު ދެ ސިޓީއެއް ފޮނުވައިގެން އިނގިރޭސި ސަރުކާރުގައި ދަންނަވާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރަސްމީކޮށް އަނބުރާ ގެނެސް، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށް ދިވެހި ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެ މިކަމުގައި އަމަލު ކުރަނީ އެމެރިކާގެ އިރުޝާދުގެ ދަށުން

ފޯޅަވަހި މައްސަލާގައި ދިވެހި ސަރުކަރުން މިވަރުގެ ބޮޑެތި ނިންމުންތަކެއް ނިންމާނީ ފޯޅަވައްސަކީ މިވަގުތު އެންމެ ބޮޑު ބާރެއް އޮތް އެމެކާގެ ރުހުން ލިބިގެން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެމެރިކާގެ އަސްކަރީ މަރުކަޒަކާ އެހާ ކައިރިއަށް ދިވެހި މަނަވަރު ހުރަވީ ދަތުރުކޮށް، އިޓްލޮސް އިން މޮރިޝަސް އަށް ދީފައިވާ ކަނޑުގެ ސަރަހައްދަށް ވަދެ ދިވެހި ސިފައިން ޕެޓްރޯލް ކުރާނީ އެމެރިކާގެ ރުހުން އޮވެގެންކަން ކަށަވަރެވެ. ފޯޅަވަހި ހޯދުމުގައި ދިވެހި ރާއްޖެ ކޮޅަށް އެމެރިކާ އޮތުމަކީ މި ޑީލް ކާމިޔާބު ކުރުމަށް ދިވެހި ރާއްޖެއަށް އޮތް އެންމެ ބޮޑު ބާރެވެ.

އެމް.ޑީ.ޕީގެ ވެރީން މިހާރުވެސް ވިދާޅުވަނީ ފޯޅޮވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް

ދިވެހި ރާއްޖެއާ އެކު އޮތް ހާރީޖީ އަދި ސިޔާސީ ގުޅުން މޮރިޝަސް އިން ސަސްޕެންޑު ކުރުމަކުން ދިވެހި ރާއްޖެ އަށް މިވަގުތަށް ލިބޭނެ ގެއްލުމެއްނެތެވެ. ނަމަވެސް ފޯޅަވަހި މޮރިޝަސް އަށް (ނުވަތަ އިންޑިއާ އަށް) ދިނުމަށް ޑީލް ހެއްދެވި އެމް.ޑީ.ޕީގެ ވެރީން މިހާރުވެސް ދަނީ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ވަރަށް ފާޅުގައި ވިދާޅުވަމުންނެވެ. އެމް.ޑީ.ޕީ އަކީ އަބަދުވެސް ދިވެހީންގެ މަސްލަހަތަށް ވުރެ ބޭރު ޤައުމުތަކުގެ މަސްލަހަތު އިސްކޮށްގެން ވެރިކަން ކުރި ޕާޓީ އެކެވެ. ފޯޅަވަހި މައްސަލާގައި ރައީސް މުއިއްޒު އަމަލު ކުރައްވަމުން އެ ވަޑައިގަންނަވާ ގޮތަށް ދިވެހީންގެ ގިނަ ބަޔަކު ތާއީދު ކުރެއެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ. ޤައުމީ ކަމަކެވެ.

ދިވެހީން އަތުން މަލިކު ބީވެގެން ދިޔަ ގޮތަށް އިންޑިއާގެ ބާރުގެ ދަށަށް ފޯޅަވަހި ވެސް ދިއުން ވާނީ ވަރަށް ބޮޑު ބޭއިންސާފަކަށް

މޮރިޝަސް އިން ރާއްޖެއާ އެކު ސިޔާސީ ގުޅުން ސަސްޕެންޑު ކުރިއަސް، ނުވަތަ ގުޅުން ޑައުންގްރޭޑް ކުރިއަސް، ނުވަތަ އެއްކޮށް ގުޅުން ކަނޑާލިއަސް، ދިވެހި ރާއްޖެއަށް ލިބެން ޖެހޭ ހައްޤުތައް ދިވެހީން ދޫކޮށެއް ނުލާނެއެވެ. މިއީ ތާރީހު ހެކިދޭ، ވަރަށް ސާފުކޮށް ފެންނާން އޮތް މައްސަލައެކެވެ. ދިވެހި ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީއާ އެންމެ 300 މޭލު ދުރުގައި އޮތް ފޯޅަވައްސަކީ ދިވެހި ރާއްޖެ މިއޮތް ރިޖްގައި އޮތް ސަރަހައްދެކެވެ. މަލިކު ވެސް އޮތްފަދައިންނެވެ. ދިވެހީން އަތުން މަލިކު ބީވެގެން ދިޔަ ގޮތަށް އިންޑިއާގެ ބާރުގެ ދަށަށް ފޯޅަވަހި ވެސް ދިއުން ވާނީ ވަރަށް ބޮޑު ބޭއިންސާފަކަށެވެ. އެމެރިކާ އާއި ޔޫރަޕްގެ މަސްލަހަތުވެސް އޮތީ ދިވެހި ރާއްޖެ އަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ދިނުމުގައެވެ. މޮރިޝަސް އަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ދިނުމަކީ ތަބަކަކަށް ލާފައި އިންޑިއާ އަށް މުޅި އިންޑިއާ ކަނޑު ދިނުމެވެ. ދިވެހީންގެ ހައްޤު ދިވެހީން ހޯދަން ޖެހެއެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ އެކު، ދިވެހި ޤައުމުގެ ސަލާމަތާއި އިގްތިސޯދީ ކުރިމަގު ގުޅިފައިވަނީ މި ޑީލާ އެވެ.