އޯކިޑުމަގުގެ މާލޭ އޮޕްޓިކަލްސް ކައިރީ ހުރި މާޓަކަށް ވަނީމެވެ. ކައުންޓަރުގައި ފައިސާ ކަނޑަން އިނީ މެދު އުމުރުގެ އިންޑިއާ އަންހެނެކެވެ. ނިއްކުރީގެ މެދުގައި ހުރި ތިކިން އެއީ ހިންދޫއެއް ކަމަށް ލަފާ ކުރެވުނެވެ. ދިވެހި ބަސް ބަރާބަރަށް އެނގެއެވެ. ޖެހިގެން ހުރި އަނެއް ފިހާރައާއި، އެތާ ކައިރީ ހުރި ރެސްޓޯރެންޓުން ވެސް ފެންނަނީ މުޅިން ވެސް އިންޑިއާ މީހުންނެވެ. އެ ސަރަހައްދުގެ ގިނަ މާޓުތަކާއި، ކަންމަތީ ފިހާރަތަކުގެ ކައުންޓަރުގައި ވެސް ތިބެނީ މުޅިންވެސް ބިދޭސީންނެވެ. އިންޑިއާ، ބަންގާޅު، ނޭޕާލް، ބޫޓާން ފަދަ ޤައުމުތަކުގެ އަންހެނުންނާއި ފިރިހެނުންނެވެ.
ކޭޝިއަރުކަމާ އެކު ކުދި ވިޔަފާރިތަކުގެ ވެރިކަމާއި ހިންގުން ވެސް ބިދޭސީންގެ އަތްމައްޗަށް
މާލޭގެ އެންމެ ބިޒީ އެއް ފިހާރަ ކަމުގައިވާ އެސްޓާސް އަށް ވަނުމުން ފެންނަނީ ހުރިހާ ކައުންޓަރު ތަކެއްގައި ޕިލިޕީންސް، ބޫޓާން ފަދަ ޤައުމުތަކުގެ އަންހެނުން ތިބި ތަނެވެ. ވިލާ މާޓް، ޗެކްމާކް މާޓް ފަދަ މާޓުތަކާއި، އާޓިފިޝަލް ބީޗުގައި ހުންނަ "ކޮކޯ-ހަޓް" ފަދަ ތަންތަނުން ވެސް ފެންނަނީ މުޅިންވެސް ބިދޭސީ މުއައްޒަފުންނާއި ބިދޭސީ ކޭޝިއަރުންނެވެ. ހުރިހާ ދިމާލަކުންވެސް ކޭޝިއަރުކަން މިވަނީ ބޭރު މީހުންގެ އަތްމައްޗަށް ގޮސްފައެވެ. ހަމައެކަނި ކޭޝިއަރުކަމެއް ނޫނެވެ، ކޭޝިއަރު ކަމާ އެކު އެފަދަ އެތައް ތަނެއްގެ ވެރިކަމާއި ހިންގުން ވެސް ވަނީ ބިދޭސީންގެ އަތްމައްޗަށް ގޮސް ނިމިފައެވެ.
އަންނަ އަހަރުގެ ފެބްރުއަރީ 5 އިން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭނެ
މި ފެބްރުއަރީ މަހުގެ 5 ވީ، ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖުލީހުގައި ދެއްވި ރިއާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ތަފާތު އެތައް ވާހަކައިގެ ތެރެއިން ފާހަގަވި އެއް ވާހަކަ އަކީ އަންނަ އަހަރުގެ ފެބްރުއަރީ 5 އިން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި ވާހަކައެވެ. ބާރަ މަސް ދުވަސް ފަހުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޭޝިއަރުންގެ ގޮތުގައި ދެން މަސައްކަތް ކުރެވޭނީ ހަމައެކަނި ދިވެހިންނަށެވެ. މިއީ އުސޫލެއްގެ ގޮތުން ވަރަށް ރަނގަޅު ބަދެލެކެވެ. ނަމަވެސް، ސުވާލަކީ، ރާއްޖޭގައި މިފަދަ ވަރަށް ގިނަ ކަންކަމުގައި ވާގޮތަށް، ވަގުތު އައިސް ޖެހުމުން، އަދި ތައްޔާރު ނުވެވެޔޭ ކިޔައިފައި ޤަވާއިދު ތަންފީޒު ކުރުން ފަސް ނުކުރާނެ ބާވައެވެ؟

ގިނަ ވިޔަފާރިވެރިން ބޭނުމީ ބިދޭސީ ކޭޝިއަރުން
ގިނަ ވިޔަފާރިވެރީން ބޭނުންވަނީ މިހާރު އޮންނަ ގޮތަށް ބިދޭސީން ގެނެސް ކައުންޓަރުގައި ބައިތިއްބާށެވެ. ސަބަބެއް ކަމަށް ވިޔަރީވެރިން ބުނަނީ ދިވެހީން ވަޒީފާއަށް ފަރުވާތެރި ނުވުމާއި، ގިނަގިނައިން ސަލާމް ބުނުމާއި، އަވަސްއަވަހަށް ވަޒީފާއިން ކެނޑުމެވެ. ބިދޭސީންނަށް ދޭންޖެހޭ ވޯކް ވިސާ ފީ އާއި، އަހަރަކު އެއްފަހަރު އެމީހުންގެ ޤައުމަށް ދާން ދެކޮޅު ޓިކެޓު ދިނުމާއި، އެކަމަޑޭޝަނާއި ކެއުން ފަދަ ހަރަދުތައް ލުމުން ދިވެއްސެއްގެ މުސާރައިގެ ދެގުނަ ބޭރު މީހާ އަށް ގިނަފަހަރަށް ދޭން ޖެހެއެވެ. އެހެންކަމުން ބިދޭސީ މީހާގެ މައްޗަށް އަސްލު ހިނގާ ހަރަދާ އެއްވަރަށް ދިވެހި މީހާ އަށް މުސާރަ ދޭނަމަ ރަނގަޅު ދިވެހީން ވާނެކަމަށް ޤަބޫލު ކުރެވެއެވެ. ސަރުކާރު ހިއްސާވާ އެމް.ޓީ.ސީ.ސީ، އެސްޓީއޯ ފަދަ ކުންފުނިތަކުގައި ކޭޝިއަރުންގެ ގޮތުގައި ދިވެހީން ހަރުލައެވެ. އެހެންކަމުން މިއީ ދިވެހި މުއައްޒަފުންގެ މައްސަލައަކަށް ވުރެ ބޮޑަށް ދިވެހި ވިޔަފާރިވެރިންގެ މައްސަލައެކެވެ.
ބިދޭސީ ކޭޝިއަރުން މެދުވެރިކޮށް މަހަކު 187 މިލިއަން ރުފިޔާ ދިވެހި އިގްތިސޯދުން ބޭރަށް
މި ޤަވާއިދަށް އަމަލު ކުރަން ފެށުމުން މުޅި ރާއްޖޭގައި 25،000 ވަޒީފާ ދިވެހީންނަށް އިތުރުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އަދަދަށް ވަޒީފާ އުފެދިގެން ދިއުމަކީ، ބިދޭސީން ރާއްޖެއިން ބޭރުކުރާ ޑޮލަރު މަދުވެ، ވިޔަފާރިތަކުގެ ކޮންޓްރޯލް ދިވެހީންނަށް އަލުން އަނބުރާ ކޮންމެވެސް ވަރަކަށް ލިބި، ދިވެހި އިގްތިސޯދުގައި އެނބުރޭ ފައިސާ އިތުރުވާނެ ބޮޑު ބަދަލެކެވެ. މި 25،000 ވަޒީފާ އަކީ، އެވްރެޖްކޮށް ކޮންމެ ކޭޝިއަރަކަށް މަހަކު 7،500ރ.ގެ މުސާރައެއް ކަމަށް ބެއްޔަސް، މަހަކު 187 މިލިއަން ރުފިޔާ އެވެ. މި 187 މިލިއަން ރުފިޔާ މިހާރު ކޮންމެ މަހަކު އެދަނީ ބިދޭސީ ކޭޝިއަރުން މެދުވެރިކޮށް ދިވެހި އިގްތިސޯދުން ބޭރަށެވެ. ނަމަވެސް ބިދޭސީންނަށް ކޭޝިއަރުކަން ނުކުރެވޭ ޤަވާއިދު ތަންފީޒު ކުރަން ފެށުމުން އެ ފައިސާ ދިވެހި ރާއްޖޭގެ އެތެރޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެއެވެ.
ޤައުމީ މަޝްރޫއެއް ހިންގައިގެން ރާއްޖޭގެ އާބާދީ އިތުރުކުރުން
މިކަން ކާމިޔާބު ކަމަކަށް ހެދުމަށްޓަކައި ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، މީހުން ބިނާކުރުމާއި، ވަޒީފާއަށް ފަރުވާތެރިކަން ބެހެއްޓުމާއި، ވަޒީފާގެ އަހުލާގާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމާއި، ވިޔަފާރިވެރިންނާ ގުޅިގެން އެ ވިޔަފާރިވެރިން މިކަމަށް ތައްޔާރުވުމަށް ދެވެންހުރި އެންމެހާ އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމަށް ރިއާސީ ބަޔާނުގައި ރައީސް ވިދާޅުވި އެވެ. މިކަން ކާމިޔާބު ކުރެވޭނީ ގިނަ އަދަދެއްގެ ދިވެހީން މިފަދަ ވަޒީފާތަކަށް ތަމްރީނުކޮށް، އަހުލުވެރިކޮށް، ދިވެހި ވިޔަފާރިވެރިން މިކަމުގައި "އޮން ބޯޑު" ކޮށްގެންނެވެ. ދިވެހި ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އަންނަ ސްޕީޑާއެކު އުފެދޭ އާ ވަޒީފާތަކަށް ބޭނުންވާ ވަރަށް ދިވެހީންނެއް ނެތެވެ. ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތް އެހާ ދަށެވެ. ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކޮންމެ އާއިލާ އަކަށް ދެކުދިން ހޯދަން ގިނަ ދިވެހިން މިހާރު ގެންގުޅޭ މިންގަނޑު ބަދަލުކޮށް، ތިންވަނަ އަދި ހަތަރު ވަނަ ދަރިއެއް ހޯދަން ހިއްވަރު ދިނުމުގެ ގޮތުން، ކޮންމެ ތިންވަނަ އަދި ހަތަރު ވަނަ ދަރިއަކަށް، އެ ކުދިންގެ އުމުރުން 18 އަހަރު ފުރެންދެން، ދައުލަތުން ކޮންމެ މަހަކު އިނާޔަތެއް ދިނުމެވެ. މިގޮތަށް އިނާޔަތް ދީގެން އާބާދީ އިތުރު ކުރަން ޤައުމީ މަސައްކަތެއް ފަށަން ޖެހެއެވެ. ރައީސް މައުމޫންގެ ޒައާމަތުގައި ހިންގެވި އަސާސީ ތައުލީމުގެ ޤައުމީ މަޝްރޫއު ފަދަ ޤައުމީ މަޝްރޫއެއް ހިންގައިގެން ރާއްޖޭގެ އިގްތިސޯދު ހިންގަން ބޭނުންވާވަރުގެ އާބާދީއެއް އުފައްދަން ޖެހެއެވެ.
ދައުލަތުގެ މުއައްޒަފުންގެ ނިސްބަތް މުޅި ވޯކް ފޯސްގެ 30% އަށް ވުރެ ގިނަ ނުވާނެ ގޮތަށް ހެދުން
ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ އަދާކުރާ ދިވެހީންގެ ޖުމްލަ އަދަދަކީ 116،265 އެވެ. މީގެ ތެރެއިން 41،827 މީހުންނަކީ ދައުލަތުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރާ ސިވިލް ސާވަންޓުންނެވެ. އަދި 34،181 މީހުންނަކީ ދައުލަތުގެ ކުންފުނިތަކުގެ މުއައްޒަފުންނެވެ. މި ތަފާސްހިސާބަށް ބަލާއިރު، ރާއްޖޭގައި ވަޒީފާ އަދާކުރާ 116،265 މީހުންގެ ތެރެއިން 76،009 މީހުންނަކީ ސަރުކާރު މުއައްޒަފުންނެވެ. އަމިއްލަ ކުންފުނި ތަކުގެ ވަޒީފާގައި އުޅެނީ އެންމެ 41،928 މީހުންނެވެ. މުޅި ވޯކް ފޯސްގެ 64% ވަޒީފާ އަދާކުރަނީ ސަރުކާރުގައެވެ. އެއީ އަދި ސިޔާސީ މަޤާމްތައް ނުލައެވެ. ސިޔާސީ މަޤާމްތައް ލުމުން މި ނިސްބަތް އަދި މާމަތިވާނެއެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އެ ނިސްބަތް %30 އަށް ވުރެ ދަށެވެ. އެހެން ކަމުން މުޅި ވޯކް ފޯސްގެ 64% ސަރުކާރުގައި ވަޒީފާ އަދާ ކުރުމުން ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާނެ ދިވެހީން އޮންނަނީ ނުލިބިފައެވެ. މިކަމަށް އޮތް ހައްލަކީ ސިވިލް ސާވިސްގެ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ޑިޖިޓަލައިޒްކޮށް، ދައުލަތުގެ މުއައްޒަފުންގެ ނިސްބަތް މުޅި ވޯކް ފޯސްގެ 30% އަށް ވުރެ ގިނަނުވާނެ ގޮތަށް ހެދުމެވެ. ޕްރައިވެޓް ސެކްޓަރަށް ބޭނުންވާ ދިވެހީން ލިބޭނީ ސިވިލް ސާވިސްގައި އުޅޭ ދިވެހީންނާއި، ބޭކާރު ސިޔާސީ މަޤާމްތައް މަދުކޮށްގެންނެވެ.
ދިވެހީން ކަންނެތް ކުރުވާ "ފަސޭހަ" ސިޔާސީ މަޤާމްތައް އުވާލުން
މާ ބޮޑު މަސައްކަތެއް ނުކޮށް މަހަކު 25،000 ވަރަކަށް ރުފިޔާ ލިބޭ ފަދަ ސިޔާސީ މަޤާމްތައް މަދުކުރަން ޖެހެއެވެ. މިސާލަކަށް މާލޭގެ ބައެއް މިސްކިތްތަކުގައި ދެތިން ހަތަރު އިމާމުން އެބަތިބެއެވެ. އޭގެ ތެރެއިން ބައެއް އިމާމުންނަކީ މިނިސްޓަރުގެ ނައިބުންގެ ފެންވަރުގައި ބޮޑު މުސާރާގައި ތިއްބަވާ ބޭފުޅުންނެވެ. އެފަދަ އިމާމުން ކުރައްވަން ޖެހިވަޑައިގަންނަވާހާ ވެސް މަސައްކަތަކީ ކޮންމެ ދުވަހަކު އެކެއް ނުވަތަ ދެ ނަމާދު އިމާމުވެ ކުރެއްވުމެވެ. މިގޮތަށް، މިހާ ފަސޭހައިން ސިޔާސީ މަޤާމާއި ސަރުކާރު ވަޒީފާ ލިބުމަކީ ދިވެހީން ކަންނެތްވެ، ޕްރައިވެޓް ސެކްޓާގައި ބުރަކޮށް މަސައްކަތް ކުރުމަށް އޮތް ހުރަހެކެވެ. މިކަން ބަދަލު ކުރެވޭނީ ސަރުކާރު ފެންވަރުގައި ސިޔާސަތު ބަދަލުކޮށްގެންނެވެ.
ރިސޯޓު އޯނަރުންނަށް ފަސޭހައީ ރޫމް ބޯއިންނަށް ވެސް ބަނގާޅު މީހުން ލައިގެން، އައުޓް ސޯސް ކޮށްގެން އެކަން ކުރުން
ރިސޯޓު ތަކުގައި މަދުވެގެން 50% ދިވެހީން ވަޒީފާގައި ތިބެން ޖެހޭ ގޮތަށް އޮންނަ ޤަވާއިދުވެސް ތަންފީޒެއް ނުކުރެއެވެ. ރިސޯޓު އޯނަރުންނަށް ފަސޭހައީ ރޫމް ބޯއިންނަށް ވެސް ބަނގާޅު މީހުން ލައިގެން، އައުޓްސޯސް ކޮށްގެން އެކަން ކުރުމެވެ. އެންމެން ވެސް ޝޯޓްކަޓް ނަގަނީ އެވެ. ޤައުމުގެ ކުރިމަގަށް ވިސްނާ ބަޔަކު ނެތެވެ. ސިޔާސީ މީހުން ސިޔާސީވެ، ވިޔަފާރިވެރިން އަމިއްލަ މާލީ ފައިދާ އަށް އެކަނި ވިސްނަން ފެށުމުން ޤައުމުގެ އިގްތިސާދާއި އިޖްތިމާއީ ހަމަޖެހުން ގެއްލިގެން ދާނެއެވެ. މިކަމުގައި ވިޔަފާރިވެރިން ހަމަމަގަށް އެޅުވޭނީ ވެސް ހަމަ ސަރުކާރަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ ވަޒީފާ ބެހުން ހުއްޓުވާނީ ކޮންފަރާތަކުން ބާވައެވެ؟ މި ނަޒަރުން ވިސްނައިގެން ނޫނީ ދިވެހިން ވަޒީފާތަކަށް ނުނެރެވޭނެއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ 5 އިން ފެށިގެން ކޭޝިއަރުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭ ގޮތަށް ހެދުމަކީ ރަނގަޅު ފެށުމެކެވެ. މިކަން ކާމިޔާބު ކުރެވޭނީ އެންމެން ޝޯޓްކަޓް ނެގުން ހުއްޓާލައި، ޤައުމާ މެދު ވިސްނައި، މަތީގައިވާ ފަދަ ބަދަލުތައް ގެނެސްގެންނެވެ.
