ނުދާށޭ ލޯބިވާ ގައުމާ! "ތިބާގެ ދަރީން" އެކަނި ކޮށްފާ
ނުލާހިކު ލޯބިކޮށް ފިރުމައި ބަލައި ބޮޑުކޮށް ހަދައި ދީފާ
ތިބާގެ އުނގަށް ވިހައި މިނިވަން ކަމާއެކު ބޮޑުވުމަށް ފަހުގައި
މިހާ ނިކަމެތި އަޅުންގެ ނަމުން "ދަރީންކޮޅު ނީލަމަށް ލާފާ"
މިއޮތް ބޮޑު ކަނޑުތެރޭ މިނިވަންކަމާއެކު، އަށްސަތޭކަ އަހަރު
މިހެން އުޅެ އުޅެ ދަރީން ތިއްބާ ބެލެނިވެރިކަން ބަދަލު ކޮށްފާ
އެތައްގިނަގުނަ ދަރީން ގައުމީ ޖިހާދުން އޮހޮރިލޭ މިބިމަށް
އެމަތިވެރިވީ ޝަހީދުން ގަބުރު ތައްވެސް އެކަނި ދޫކޮށްފާ
އަބުރުވެރި ހާދަ ލޮބުވެތި ބައްޕައެއް ކަމުގައި ދެކޭއިރުވެސް،
ފަޚްރުވެރިވާ ދިވެހި މިދަރީންގެ މިބިމާ ގެދޮރު ވިއްކާފާ
އެތައް ޙަމަލާ ތަކެއް ތިޔަ ބައްޕަޔާއި އަމާޒުވީ ހިނދުގައި
އެތައް ގުރުބާން ތަކެއްވެ ދިފާޢުކުރި މި ދަރީން އެކަނި ކޮށްފާ
ހިނގައްޖެއްޔާ ޔަގީނުންވެސް ދަރީންނާ ބައްޕަޔާ ވަކިވީ
އިހަށް ވިސްނާށެ! ދީނާ އަދި ވަޠަން ދޫކޮށް ނުގޮސް ހުރެފާ
