Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ގެސްޓްހައުސް ޓޫރިޒަމްގެ ސަބަބުން ރަށްތަކުގެ އިޖުތިމާއީ ފޭރާމަށް އަންނަ ބަދަލުތައް

ދިވެހިންނަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ފަތުރުވެރިންގެ އުޅުމާއި ހެދުން އެޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑަށް ހޭނިފައިވާ ބަޔަކަށް ވީނަމަވެސް، މީހުން ދިރިއުޅޭ ގިނަ ރަށްތަކަކީ ފަތުރުވެރިކަމުގެ ސިނާއަތު ފެށުނީއްސުރެ ދާދި ފަހަކާ ޖެހެންދެން މިފަދަ މަންޒަރުތަކާ ދުރުގައި، އަމިއްލަ ސަގާފީ ހަމަޖެހުމެއްގައި އޮތް ރަށްތަކެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިން ބިނާވެފައި އޮތީ މީހުން ދިރިއުޅޭ ރަށްތަކާ ވަކިން އޮންނަ އެކަހެރި ރިސޯޓުތަކަކަށް ކަމަށްވުމުން، ރަށްރަށަށް ސަގާފީ ގޮތުން ލިބިފައި އޮތް ހިމާޔަތް ވަރަށް ވަރުގަދައެވެ. ރިސޯޓުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހުޅުވިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ދެމެހެއްޓިފައި ވީއިރު، ރަށްރަށުގެ މުޖުތަމައުތައް ހިނގަމުން ދިޔައީ ކޮންމެ ރަށެއްގައި އެ ބަޔެއްގެ އަމިއްލަ އިޖުތިމާއީ އުސޫލުތަކެއް ހިފެހެއްޓުމުގެ މަތީގައެވެ.

ނަމަވެސް، މިއަދު ގެސްޓްހައުސް ފަތުރުވެރިކަން މީހުން ދިރިއުޅޭ ރަށްރަށުގައި ފުޅާވެގެން ދިއުމާއެކު، ކުރިން އޮތް ސަގާފީ އިންތައް ވަނީ ފަނޑުވެ، މަޑުމަޑުން އޮޅުންބޮޅުން އަރަން ފަށައިފައެވެ. ގެސްޓްހައުސް ޓޫރިޒަމް ރަށްތަކުގައި ތައާރަފުވިތާ މިހާރު ފަނަރަވަރަކަށް އަހަރު ވާން ކައިރިވެފައިވާ އިރު، ގިނަ ބަޔަކު ދަނީ މިކަމުގެ ސަބަބުން ލިބުނު އިގްތިސާދީ ފައިދާއާއި އިޖުތިމާއީ ގެއްލުމުގެ މިންވަރު އަޅައިކިޔަން ފަށައިފައެވެ. މި ވިސްނުމުގެ ފަހަތުގައިވާ މުހިންމު ސުވާލަކީ، މިކަމުގެ ސަބަބުން މުޖުތަމައުގެ އަހުލާގީ މިންގަނޑަށް ކޮށްފައިވާ އަސަރަކީ ކޮބައި ހެއްޔެވެ؟ ރަށްތަކުގެ ސަގާފަތް ގުރުބާން ނުކޮށް، މިރަށްތަކުން ލިބެންޖެހޭ އިގްތިސާދީ މަންފާ ފުރިހަމައަށް ލިބިގަތުމުގެ ފުރުސަތު އެބައޮތް ހެއްޔެވެ؟

މިކަމާ ގުޅޭ ވާހަކަތައް މިފަހަރުގެ ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ބޭއްވި ޖަލްސާތަކުގައި ވެސް ވަނީ ދެކެވެން ފަށައިފައެވެ. ނަމަވެސް މިއީ ހަމައެކަނި ބިރުވެރިކަން އުފައްދަން ދައްކާ ވާހަކައެއް ނޫންކަން މީގެ ކުޑަދުވަސްކޮޅެއް ކުރިން އަމިއްލައަށް ތަޖުރިބާ ކުރެވުނެވެ. މި ފަހުން ރަހުމަތްތެރިޔަކާއެކު އޭނާ ތައްޔާރުކުރާ ވީޑިއޯތަކެއްގެ މަސައްކަތުގައި އެހީތެރިވުމަށް މާލެ ކައިރީގައި އޮތް ކ. ގުރައިދޫއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބުނެވެ. މަސައްކަތް ނިންމާލުމަށްފަހު، ރަށުތެރެ ބަލައިލަން ހިނގައިލި ހިނގައިލުމުގައި، ފަތުރުވެރިކަމުގެ ސަބަބުން އެ ރަށަށް އައިސްފައިވާ އުމްރާނީ ތަރައްގީއާއި، ވިޔަފާރިތަކުގެ ކުރިއެރުމާއި، އިގްތިސާދީ ދިރުން ވަރަށް ސާފުކޮށް ފެންނަން އޮތެވެ. ރަށުގެ ހިމޭން ރީތި މަގުތަކުގައި ހިނގާފައި ދަނިކޮށް، ގެއެއްގެ ދޮރުމަތީގައި ހުރި އުމުރުން ތިރީހަކަށް އަހަރުގެ އަންހެނަކާ ބައްދަލުވިއެވެ. އޭނާއާ ހާލުއަހައިލަން ހުއްޓުމުން މަރުހަބާ ކިޔީ ވަރަށް ހިތްހެޔޮ ހިނިތުންވުމަކާއެކުގައެވެ.

ރަށުގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމާ މެދު ދެކޭގޮތާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާ އެ ސުވާލަށް ޖަވާބުދޭން ޖެހިލުންވިތަން ފެނުނެވެ. އަދި މީހަކަށް އަޑުއިވިދާނެތީ ސިއްރުން ބުނާ ފަދަ ރާގަކަށް، މަގުގެ އަނެއް ފަރާތުގައި ހުރި ބޮޑު ހޮޓަލަކަށް އިޝާރާތް ކުރިއެވެ. އޭނާ ބުނިގޮތުގައި އެ ބޮޑު ހޮޓަލުގެ ސަބަބުން ރަށަށް ގިނަ ފަތުރުވެރިން އަންނަން ފަށައިފިއެވެ. ރަށުގެ އާމްދަނީ ތިޔާގިވި ނަމަވެސް، އޭނާގެ އޮތީ އެންމެ އެދުމެކެވެ. އެއީ، އާންމު ތަންތަނުގައި ހިނގާބިނގާވެ އުޅޭއިރު ނިވާކަން ބޮޑު ހެދުން އެޅުމަށް ފަތުރުވެރިންނަށް ހޮޓަލުގެ މެނޭޖްމަންޓުން ހަނދާންކޮށްދިނުމެވެ. އޭނާގެ ވާހަކައިގައި ހުރީ ނުތަނަވަސްކަމާއި، ލަދުވެތިކަމެވެ. އެއީ އޭނާއާއި އެ ކުޑަ މުޖުތަމައުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ތަހައްމަލު ކުރަންޖެހިފައިވާ އުނދަގޫ އިހުސާސެކެވެ.

މިއީ އިގްތިސާދީ ބޮޑެތި މަޝްވަރާތަކުގައި ގިނަ ފަހަރަށް ފާހަގަނުކުރެވި ދާ ހަގީގަތެކެވެ. ބަދަލުވަމުންދާ ސަގާފީ ކަންކަމަށް ރަށްރަށުގެ މީހުން "ހޭނެންޖެހޭނޭ" ބުނުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް އިގްތިސާދީ މަންފާގެ އޮއެވަރުގައި ޖެހިގެން ދާއިރު، ގިނަ ފަހަރަށް އަގުވަޒަން ނުކުރެވޭ ކަމަކީ ދިވެހި މުޖުތަމައުތަކުގެ ބިންގަލަކީ ދީނީ އަދި އިޖުތިމާއީ އަހުލާގީ މިންގަނޑުތައް ދެމެހެއްޓުން ކަމެވެ. އިސްލާމްދީނަކީ ދިވެހިންގެ ދިރިއުޅުމުގެ ބިންގަލެވެ. އަދި ލަދުވެތިކަމާއި، މަދަނީ އަދަބުތަކުގެ އިމުގައި ނަފުސުގެ ހަމަތައް ހިފެހެއްޓުމެވެ. އެހެންކަމުން ރަށުގެ ރައްޔިތުން އެއްވެ އުޅޭ އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުމުގައި އުޅޭ މަންޒަރު ފެނުމަކީ ލަދުވެތިކަން ބޮޑު އުނދަގުލެކެވެ. އެއީ މުޖުތަމައުއެއްގައި އެންމެން ހިއްސާކުރާ އާންމު މަސްލަހަތަށާއި، އިހުތިރާމުގެ މިންގަނޑުތަކަށް އަރައިގަތުން ކަމުގައި ދެކެވެއެވެ.

ރަށްރަށުގެ މީހުންގެ ހިތުގައި މިފަދަ ޝަކުވާއާއި ކަންބޮޑުވުން އުފެދުމަކީ ފަތުރުވެރިކަމާ ދެކޮޅުވެރިވާތީ ވާ ކަމެއް ނޫނެވެ. ނަމަވެސް ރަށުގެ ގެސްޓްހައުސްތައް ހިންގާ މަދު ބަޔަކަށް ލިބޭ ބޮޑެތި އިގްތިސާދީ މަންފާތަކެއްގެ ބަދަލުގައި، މުޅި މުޖުތަމައުގެ އަހުލާގީ މިންގަނޑު ގުރުބާންކުރަން އެމީހުންނަށް މަޖުބޫރުވާހެން ހީވާ ހީވުމުގެ ސަބަބުން އުފެދޭ ދަތި އިހުސާސެކެވެ. ރަށްރަށުގެ ވައްޓަފާޅީގައި ގިނަ ބަޔަކު ދުވަހުގެ ބޮޑުބައި ހޭދަކުރަނީ ރީތި މަގުތަކުގައި އެންމެން ޝާމިލުވެގެންނެވެ. މިގޮތަށް ކުޑަކުދިންނާއި، މައިންބަފައިންނާއި، ދުވަސްވީ މީހުން ހިނގާބިނގާވެ އުޅޭ މަގުތަކާއި ފިހާރަތަކުގައި ނިވާކަން ކުޑަ ހެދުން އެޅުމަކީ އާންމު ދިރިއުޅުމަށް އުނދަގޫވާނޭ ކަމެކެވެ. މިކަމުން ލިބޭ ނުތަނަވަސްކަން އާންމުކޮށް ފާޅުނުކުރި ނަމަވެސް، މިއީ ގިނަ ރަށްތަކުގެ މީހުންގެ ހިތުގައި އުފެދިފައިވާ ފުން އުދާސްތަކެކެވެ.

ގެސްޓްހައުސް ސިނާއަތް ތައާރަފުވެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އިގްތިސާދީ މަންފާއާއި އިޖުތިމާއީ ގެއްލުން ފޫބައްދާނެ ގަވާއިދުތަކެއް އެކުލަވައިނުލެވެނީހެވެ. ރާއްޖޭގެ ސަގާފަތަށް ފަތުރުވެރިކަމުގެ ސަބަބުން އައިސްފައިވާ ބަދަލުތައް ހެޔޮގޮތުގައި މިނެކިރައިނުލެވެނީހެވެ. ނަމަވެސް އޭރު އެކަމަށް މާބޮޑު ވިސްނުމެއް ގެންގުޅެވިފައެއް ނެތެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަކީ އެކަހެރި ރިސޯޓުތަކެއްގައި ޗުއްޓީ ހޭދަކޮށްފައިދާ ބަޔަކަށް ވީއިރު، ގެސްޓްހައުސް ސިނާއަތް ތައާރަފުކުރި އިރުގައި އެކަމުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނެ ނޭދެވޭ އަސަރަކަށް މީހުން ސަމާލުކަމެއް ނުދެއެވެ. އެހެންވެ އެފަދަ ކަންކަން ހުއްޓުވުމަށް ބޭނުންވާ ގަވާއިދުތައް ހެދިފައި ނެތުމަކީ ހިތާމަހުރި ކަމެކެވެ.

ގެސްޓްހައުސް ފަތުރުވެރިކަން ފުޅާވުމުގެ ސަބަބުން ރަށްތަކަށް ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި ހެދުން އެޅުމުގެ މައްސަލައެއް ނޫނެވެ؛ އެހެނިހެން ގޮންޖެހުންތައް ވެސް ވަނީ އިތުރުވެފައެވެ. ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެކަށީގެންވާ ގަވާއިދުތައް ހެދިފައި ނެތުމާއި، ކަނޑައެޅިފައިވާ އުސޫލުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ރަށްރަށުގެ ތިމާވެއްޓަށް ބާރުބޮޑުވެ، ސަގާފީ އާދަކާދަތައް މަޑުމަޑުން އުވެމުންދާތަން މިހާރު ފެނެއެވެ.

އެންމެ ބޮޑު އަސަރެއް ކުރާ އެއް ކަމަކީ ގެސްޓްހައުސް ޓޫރިޒަމް ކުރިއެރުވުމުގެ ނިޔަތުގައި ރަށްތަކުގެ ކައިރީގައި ބަނގުރާ ވިއްކާގޮތަށް އޮޕަރޭޓުކުރާ ސަފާރީތަކުގެ މައްސަލައެވެ. ބަނގުރަލަކީ ފަތުރުވެރިންނަށް ހުއްދަ އެއްޗެއްކަން ދިވެހިންނަށް އެނގުނު ނަމަވެސް، ރޭގަނޑުގެ ވަގުތުތަކުގައި ސަފާރީތަކުން ފައިބައިގެން އަންނަ ފަތުރުވެރިން މަސްތުގެ ހާލަތުގައި ކުރާ އަމަލުތަކަކީ ރަށްރަށުގެ ރައްޔިތުންނަށް ބަލަން ދަތި ކަންކަމެވެ. މިކަންކަން ފާރަވެރިވާނެ ނިޒާމެއް ނެތުމުގެ ސަބަބުން، ބައެއް ފަހަރު މިފަދަ މީހުން ސަފާރީތަކުން ފައިބައިގެން އަންނަނީ ރާފުޅި ހިފައިގެންނެވެ. މިކަމަށް ނޫނެކޭ ބުނެ ހަރުކަށި ފިޔަވަޅު އަޅައިކަށް މީހުންނަކަށް ނުކެރެއެވެ. އެއަށް ވުރެން ބޮޑަށް އަންނަ ފަތުރުވެރިޔާގެ ނުރުހުން ލިބިއްޖެނަމަ އެމީހުންގެ ރަށުގެ ރިވީވްތަކަށް ވާނޭ ގޮތާ މެދު މީހުން ކަންބޮޑުވެއެވެ.

ފަތުރުވެރިޔާ ހިތްހަމަ ޖައްސައިދިނުމަށް މި ރަށްތަކަށް އަންނަ ގެސްޓުންނަށް ދިވެހިރާއްޖޭގެ ބްލެކް މާކެޓުން މަސްތުވާތަކެތި ފޯރުކޮށްދިނުމަކީ ވެސް ރަށުތެރޭގައި ވަގަށް ކުރާ ވިޔަފާރިއަކަށް ވަނީ ވެފައެވެ. މިއީ ވެސް ފަތުރުވެރިންނަށް "ފުރިހަމަ" ތަޖުރިބާއެއް ދިނުމުގެ ނިޔަތުގައި ބައެއް މީހުން ދޭން ފެށި ހިދުމަތެކެވެ. ޖީބަށް ވަންނަ ފައިސާއަށް މާ ބޮޑަށް ހެއްލެން ފެށީއެވެ. މި ފަހުން ރަށަކަށް ގޮސް ބައިނަލްއަގުވާމީ ޖަމިއްޔާއަކުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި، ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ނަމުގައި ރަށުތެރޭގައި ހަށިވިއްކުމުގެ މަސައްކަތްކުރާ ބޭރު މީހުން ވެސް ކުއްޔަށް ތަންތަން ހިފައިގެން އުޅެއެވެ. މިއީ ނޭނގި ތިއްބާ މަޑުމަޑުން އަޅުގަނޑުމެންގެ ސަގާފަތާ އިދިކޮޅަށް ކުރިއަށްދާ އެތައް ކަމެކެވެ. ފަތުރުވެރިކަމުން ރަށްތަކަށް ލިބޭ ކުރިއެރުމާ މެދު ޝައްކެއް ނެތް ނަމަވެސް، މިއީ ވަރަށް ފުންކޮށް ވިސްނަންޖެހޭ އިޖުތިމާއީ މައްސަލައެކެވެ.

ރައްޔިތުންނަށް އުނދަގޫވި ނަމަވެސް، ގިނަ ބަޔަކު މިފަދަ ވާހަކަ ދައްކަން ޖެހިލުންވަނީ ފަތުރުވެރިންނަށް މަރުހަބާ ނުކިޔާ ބައެއްގެ ގޮތުގައި ފެނިދާނެތީ ނުވަތަ އާމްދަނީއަށް އަސަރުކޮށްފާނެތީއެވެ. އަނެއްކޮޅުން، ފަތުރުވެރިންނަށް ރާއްޖޭގެ އިޖުތިމާއީ މިންގަނޑުތައް ނޭނގެނީ، އިސްތިހާރުތަކުގައި ރާއްޖެއަކީ ހަމައެކަނި "ބީޗް ކަލްޗަރ" އޮންނަ ތަނެއްގެ ގޮތުގައި ދައްކާތީއެވެ. އާންމުކޮށް ބީޗް ކަލްޗަރުގައި މަސްތުވާތަކެއްޗާއި، ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަމާއި، ޖިންސީ ގުޅުން ހިންގުމުގެ ފުރުސަތު އޮންނަ ކަމަށް ބެލެވެއެވެ. މިފަދަ ސަގާފަތްތައް އޭޝިއާގެ ބައެއް ގައުމުތަކުގެ ގޮނޑުދޮށް ސަރަހައްދުތަކުގައި އާންމެވެ. ފަތުރުވެރިންނަށް މިގޮތަށް ރަށްތައް މާކެޓު ކުރެވުމުން، ރާއްޖެ އަންނައިރު ލިބޭނެ ހިދުމަތްތަކާ މެދު އޮޅުންބޮޅުން އަރައެވެ. ދިވެހިންނަކީ މެހެމާންދާރީއަށް މަޝްހޫރު ބަޔަކަށް ވާތީ، ފަތުރުވެރިންގެ ބޭނުންތައް ފުއްދައިދޭން ނުހަނު މަސައްކަތް ކުރެއެވެ. މިއީ ގެސްޓުން އުފާކޮށްދޭ ކަމަކަށް ވިޔަސް، މިކަމުގައި ގުރުބާންވެގެން ދަނީ އަހަރުމެންގެ ތެރޭގައި ހިފަހައްޓަމުންދިޔަ މާތް އުސޫލުތަކެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ޝައިހު ޒަމްޒަމް ފާރިޝް ހުށައެޅި ޕެޓިޝަނަކީ މި ކަންބޮޑުވުންތައް ސިޔާސީ މައިދާނަށް ތިލަވެފައިވާ ކަމުގެ ހެއްކެކެވެ. އެ ޕެޓިޝަނުގައި އެދިފައިވަނީ ގަވާއިދުތައް ހަރުދަނާކޮށް، އާންމު ތަންތަނުގައި މުޖުތަމައުގެ އަގުތަކާ ހި ލާފު އަމަލުތައް ހުއްޓުވުމަށެވެ. މިއީ ހަމައެކަނި އެއް ރަށެއްގެ މައްސަލައެއް ނޫންކަމާއި، މުޅި ރާއްޖޭގައި ބަހުސްކުރަން ޖެހިފައިވާ ގައުމީ މައްސަލައެއްކަން މީގެން އެނގެއެވެ. މިކަން ސީރިއަސްކޮށް ނަގައި، ފަތުރުވެރިކަމުގެ ސަބަބުން ރަށްތަކަށް އައިސްފައިވާ ބަދަލުތައް ފުންކޮށް ދިރާސާކުރަން ޖެހެއެވެ. މިއީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ކުރާ ކަމެއް ނޫނެވެ. މިއީ ގައުމުގެ ސަގާފީ ބިންގާ އިތުރަށް ހަލާކުވިޔަނުދީ ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަމެކެވެ.

މިކަމުގެ ހައްލަކީ ފަތުރުވެރިންނަށް ދަތިކޮށް، އެ މީހުންނަށް މަރުހަބާ ނުކިޔުމެއް ނޫނެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދައެވެ. ގެސްޓްހައުސް ފަތުރުވެރިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގިނަ މަގުތަކެއް ވަނީ ހުޅުވިފައެވެ. އެހެންކަމުން، ހައްލަކީ ސަގާފީ އަގުތައް ހިމާޔަތްކުރަމުން، ފަތުރުވެރިންނަށް އިހުތިރާމާއެކު މިނިވަންކަން ދެވޭނެ ހަމަހަމަ އުސޫލުތަކެއް ގެންގުޅުމެވެ.

ދިރާސާކުރުމަށްފަހު ލިބޭ ނަތީޖާގެ މައްޗަށް ބިނާކޮށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މައުލޫމާތު ފޯރުކޮށްދިނުމެވެ. ގިނަ ޓްރެވަލް ގައިޑްތަކުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހެދުން އަޅަންޖެހޭ ގޮތް ބަޔާންކޮށްފައި އޮތަސް، އެއީ ގިނަ ފަހަރަށް ފަތުރުވެރިންގެ ސަމާލުކަމަށް ނާންނަ މައުލޫމާތެކެވެ. ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ފެރީ ޓާމިނަލްތަކުގައި ސާފުކޮށް ފެންނަން ހުންނަ ބޯޑުތަކާއި ބްރޯޝާތައް މެދުވެރިކޮށް އިރުޝާދު ދެވިދާނެއެވެ. ސަގާފީ އިހުތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި މިކަން ބަޔާންކުރުމުން، ގިނަ ފަތުރުވެރިން އެކަން އުފަލާއެކު ބަލައިގަންނާނެއެވެ.

ދެވަނަ ކަމަކީ ރަށުގެ ޕްލޭނިންގް ހަރުދަނާކުރުމެވެ. "ބިކިނީ ބީޗް" ފަދަ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުތަކާ ވަކިން ފުރިހަމައަށް ފަރުމާކުރުމުން، ފަތުރުވެރިންނަށް އެ މީހުން ބޭނުންވާ މިނިވަންކަން ލިބި، އާންމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަވާނެއެވެ. ބައެއް ރަށްރަށުގައި މި މޮޑެލް މިހާރު ވެސް ވަރަށް ކާމިޔާބުކަމާއެކު ބޭނުންކުރަމުން އެބަދެއެވެ.

މީގެ އިތުރުން، ހޭލުންތެރިކުރުވުމަކީ މިކަމުގައި ޝާމިލުވާ އެންމެންނަށް ވެސް ބޭނުންތެރި ކަމެކެވެ. ރަށުގެ ރައްޔިތުންނަށް ފަތުރުވެރިންގެ އާދަކާދަތައް އޮޅުންފިލުވައިދިނުމާއެކު، ގެސްޓްހައުސްތަކުގެ މުވައްޒަފުންނަކީ ފަތުރުވެރިންނަށް މި މައުލޫމާތުތައް އޯގާތެރިކަމާއެކު ފޯރުކޮށްދޭ ބަޔަކަށް ވާންޖެހެއެވެ. ގެސްޓްހައުސްތަކަކީ ފަތުރުވެރިންނާއި ދިވެހި މުޖުތަމައާ ގުޅުވައިދޭ މުހިންމު ފާލަމެވެ.

ސަރުކާރުގެ ފެންވަރުގައި މިކަން ހަލާކުން ހަލާކށް ދިޔަ ނުދޭން ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވެއެވެ. ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި، ރަށްރަށުގެ ފަތުރުވެރިކަމަށް ހާއްސަ ގައުމީ މިންގަނޑުތަކެއް އެކުލަވައިލުން މުހިންމެވެ. މި މިންގަނޑުތަކުގެ ތެރޭގައި ހެދުން އެޅުމުގެ އުސޫލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާއި، މުޖުތަމައުއާ ބާއްވަންޖެހޭ ގުޅުން ހިމެނެންޖެހެއެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްގޮތް އުސޫލުތަކެއް އޮތުމުން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަތުރުވެރިންނަށް ވެސް އަމަލުކުރަންވީ ގޮތް ސާފުވެ، އަރާ އޮޅުންބޮޅުން ކުޑަވާނެއެވެ.

ހަގީގަތަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ހަމައެކަނި ފަރުތަކާއި ގޮނޑުދޮށްތައް ރީތިކޮށްގެން ނޫން ކަމެވެ. އެކަން ބިނާވެފައިވަނީ އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްހަމަޖެހުމުގެ މައްޗަށެވެ. އިޖުތިމާއީ ބަހާތަކާއި ސަގާފީ އަގުތައް ގުރުބާންކޮށްގެން ހޯދާ އިގްތިސާދީ ކުރިއެރުމަކީ ދިގު މުއްދަތަކަށް ބަލާއިރު ލާބަވެރި ކުރިއެރުމަކަށް ނުވާނެއެވެ. އޭގެ ބަދަލުގައި، ރަށުގެ އަމިއްލަވަންތަކަމަށް އިހުތިރާމްކުރާ ފަތުރުވެރިކަމުގެ މޮޑެލްއެއްގެ ސަބަބުން އިގްތިސާދު ވަރުގަދަވުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި އަމިއްލަ ސަގާފަތަށް އޮންނަ ފަހުރުވެރިކަން ވެސް އިތުރުވެގެންދާނެއެވެ.