ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިުާސީ ބަޔާނުން އުއްމީދުތަކެއް އާވިއެވެ. ހަމަ އެއާ އެކު ބައެއް ސުވާލުތައް ވެސް އުފެދުނެވެ.
ނުވަ ޕަސެންޓުގައި ސުކޫކް ރީފައިނޭސް ކުރުމަކީ އިގްތިސޯދަށް ލިބުނު ހެޔޮ ހަބަރެއް
މިދިޔަ ސަރުކާރުން ނެގި 500 މިލިއަން ޑޮލަރުގެ (7.7 ބިލިއަން ރުފިޔާގެ) ސުކޫކް ދައްކަން މިހާތަނަށް ނެގި ފައިނޭންސިން ފެލިސިޓީތައް ނުވަތަ ލޯނުތައް ހޯދައިފައިވަނީ ނުވަ ޕަސެންޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓުގައި ކަމަށް ރައީސް ވިދާޅުވުމަކީ ޤައުމުގެ އިގްތިސޯދީ ބިންގަލަށް ލިބުނު ހިތްހަމަޖެހުމެކެވެ. ރިއާސީ ބަޔާނުގެ ކުރިން އަޑުއަރައިފައި އޮތީ 15% ގެ ބޮޑު އިންޓަރެސްޓެއްގައި ސަރުކާރުން ލޯނު ނަގައިގެން މި ސުކޫކްތައް ދައްކަން އުޅޭ ކަމަށެވެ. އެވަރުގެ ބޮޑު އިންޓަރެސްޓުގައި ލޯނު ނަގައިގެން ސުކޫކް ރީފައިނޭންސް ކުރި ނަމަ ކުރިމަގުގައި ދަރަނި ނުދެއްކިގެން ޤައުމު ބަނގުރޫޓުވުމުގެ ފުރުސަތު އޮވެދާނެއެވެ. ނަމަވެސް 10% އަށް ވުރެ ކުޑަ އިންޓަރެސްޓެއްގައި ސުކޫކް ރީފައިނޭންސް ކުރާ ކަމުގައި ރައީސް ވިދާޅުވުމަކީ، މިވަގުތުވެސް ދަތި ހާލުގައި އޮތް އިގްތިސޯދަށް ލިބުނު ހެޔޮ ހަބަރެކެވެ.
ދައުލަތުގެ ރިޒާވްގައި 1.1 ބިލިއަން ޑޮލަރު
ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ރިޒާވް ދުވަހަކު ވެސް އިތުރު ނުވާ ވަރަށް ދައުލަތުގެ ރިޒާވް އުފުލި، މިވަގުތު 1.1 ބިލިއަން ޑޮލަރު ރިޒާވްގައި އެބަހުރި ކަމަށް، ރިޔާސީ ބަޔާނުގައި، ރައީސް ވިދާޅުވުމަކީ ވެސް މިއަހަރު ދައްކަން ޖެހޭ ދަރަނި ތަކަށް ބަލާއިރު އިގްތިސޯދީ ދާއިރާއަށް ލިބުނު އުފާވެރި ހަބަރެކެވެ. "މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައި އެބަހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީން ޑޮލަރުގެ ގޮތުގައި 1.2 ބިލިއަން ލިބުނު ކަމަށެވެ. އަދި މަނީ އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން 492 މިލިއަން ޑޮލަރު އެމްއެމްއޭ އިން މާރުކޮށްފައިވާ ކަމަށާއި، މިއީ ދައުލަތުގެ ރިޒާވް ރަނގަޅު ކުރަން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރިޒާވްގައި ހުރި ފައިސާއިން ލޯނުތައް ނުދެއްކި އަސް ރިޒާވްގައި އެވަރުގެ ބޮޑު އަދަދެއް ހުރުމަކީ ޤައުމުގެ ދަރަނިތައް ހަމަޔަކަށް އަޅުވައި، އިގްތިސޯދަށް އާރޯކަން ގެނައުމަށް މަސައްކަތް ކުރާ އިރު ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 275 މިލިއަންޑޮލަރު
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ދަރަނި އަދާކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) ގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރެވެ. ނަމަވެސް، އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކޮށް، އެ ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުކޮށްގެން، އެސްޑީއެފްގައި މިވަގުތު 275 މިލިއަން ޑޮލަރު އެބަހުރި ކަމަށް، ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވުމަކީ ވެސް، ޤައުމުގެ ކުރިމަގަށް ލިބުނު އުފާވެރި ހަބަރެކެވެ. މި 275 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަންނަ އޭޕްރީލްގައި ދައްކަން ޖެހޭ ސުކޫކަށް ދެއްކުމަށް ބޭނުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އާމްދަނީއަށް ގެނެވުނު ހެޔޮ ބަދަލާ އެކު ބޭރު ފައިސާއިން ލިބުނު އަދަދު 1.2 ބިލިއަން ޑޮލަރަށް މަތިވެފައިވޭ. ނަތީޖާއެއްގެ ގޮތުން ދަރަނި ދެއްކުމަށް އެކުލަވާލާފައިވާ އެސްޑީއެފް ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮބަދަލުތަކެއް އައިސްފައިވޭ،" ރައީސް ވިދާޅުވި އެވެ.
ދެކިލޯ މީޓަރުގެ ކީވޯލަކާ އެކު މާލޭ ބަނދަރު ތިލަފުއްޓަށް
ކީވޯލްގެ ސައިޒު ކުޑަކަމުންނާއި، މުދާ ބާލާނެ ކެރޭނެއް މާލޭ ބަނދަރުގެ ކީވޯލްގައި ނެތުމާއި، ވަސީލަތްތަކާއި ޖާގައިގެ ދަތިކަން ބޮޑުވެފައިވާ މާލޭ ވިޔަފާރި ބަނދަރު، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވުމަކީ ވެސް ވިޔަފާރި ވެރީންނަށާއި، އިގްތިސޯދީ ދާއިރާގެ ވެރީންނަށް ލިބުނު ވަރަށް އުފާވެރި ހަބަރެކެވެ. މާލޭގެ ވިޔަފާރި ބަދަރުގެ ޖާގަ އާއި ހިދުމަތުގެ ތާށިކަމަކީ ޤައުމުގެ އިގްތިސޯދު ކުރިއެރުމަށް އޮތް ބޮޑު ހުރަހެކެވެ. މާލޭ ޑޮމެސްޓިމް ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ބޭނުންވާ ދެ ކިލޯ މީޓަރުގެ ކީވޯލް އާއި މަގުހެދުމުގެ މަސައްކަތާއި އިމާރާތް ކުރުމުގެ މަސައްކަތްތައް މިއަހަރުގެ ޖޫން މަސް ހާ ތާނގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދެ ކިލޯމީޓަރުގެ ކީވޯލަކާ އެކު ތިލަފުށި ބަދަރު ވެގެންދާނީ ޤައުމުގެ އިގްތިސޯދަށް އާރޯކަން ގެނެސްދޭނެ ތަނަކަށެވެ. މިހުރިހާ މަސައްކަތްތައް ނިންމައި 11 ނޮވެމްބަރު 2027 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ހުރިހާ ބަދަލުތަކާ އެކު، މުދަލުގެ އަގު ހެޔޮވެ، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ އެވެ. އެ ބަދަލާ އެކު މާލޭގައި ގުދަން ކުރާ މުދާތަކާއި، މާރުކޭޓު ސަރަހައްދުގައި ކުރާ ހޯލްސޭލް ވިޔަފާރިތައް ވެސް އެކީހެން ތިލަފުއްޓަށް ބަދަލުކުރެވި، ތޮއްޖެހިފައިވާ މާލެ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވި، މާލޭގެ ކުލިތައް ކުޑަވެގެންދާނެއެވެ.
އާއިލީ ބޯހިޔާވަހިކަން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މިހާރު ހުޅުވާލައިފައިވާ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ތެރެއިން ފިރިމީހާ ނުވަތަ އަނބިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ކުރިމަތިނުލެވޭތީ، ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދެން ފުރުސަތު ހުޅުވާލާއިރު އެފަދަ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ގޮތަށް ކެޓަގަރީއެއް އިތުރުކުރައްވާނެ ކަމަށް ރިއާސީ ބަޔާނުގައި ރައީސް ވިދާޅުވުމަކީ ރައްޔިތުންގެ ގިނަ ބަޔަކަށް ލިބޭނެ އުފާވެރި ހަބަރެކެވެ. މިހާރު ހުޅުވާލާފައި އޮތް ސްކީމް އޮތް ގޮތުން ނަމަ، އަނބިމީހާ/ ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޯހިޔާވަހިކަމެއް ލިބިފައިވާ ނަމަ، އެ ސްކީމަކަށް ކުރިމަތިނުލެވެ އެވެ. ރިޔާސީ ބަޔާން އިއްވަވަމުން، އާންމުންގެ ކަންބޮޑުވުން އޮތް އެ މައްސަލައަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވީ ގޯތި ގެދޮރު އެންމެންނަށް ވެސް ތަނަވަސްކޮށްދިނުމުގެ ގޮތުން ވަކި ކެޓަގަރީއެއްގެ ގޮތުގައި ތިމާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. ވަރަށް އުފާވެރި ހަބަރެކެވެ.
ރައްޔިތުންގެ އަޑު ވެރީން އެހުން
ރައްޔިތުންގެ އަޑުއަހައިގެން ސަރުކާރު ހިންގުމުގެ ބޭނުމުގައި ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި 24 ގަޑި އިރު ހިދުމަތް ދޭ އޮފީހެއް ރައީސް އޮފީހުގައި ގާއިމްކުރަން ނިންމަވައިފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. ޝަކުވާތައް ހުށަހަޅާ އޮފީސް 24 ގަޑިއިރު ހިދްމަތްދޭ އޮފީހެއް ގާއިމް ކުރަން ނިންމީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވީހާ ވެސް ގާތުން ހައްލު ހޯދުމަށެވެ. މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ، ރައީސް ވިދާޅުވި ގޮތުގައި، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މި އިދާރާ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ގާއިމްކޮށް ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނަން،" ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން، އަންނަ މަހުން ފެށިގެން، ހަފްތާގެ ކޮންމެ ހޯމަ ދުވަހެއްގައި ރައީސުލް ޖުމްހޫރިއްޔާ، މީޑިއާތަކާ ބައްދަލު ކުރައަވާނެ ކަމަށް ވެސް ރައީސް އިއުލާން ކުރެއްވިއެވެ. ވަރަށް ރަނގަޅު ބަދަލު ތަކެކެވެ.
ކޮރަޕްޝަން ހިންގައި ވައްކަން ކުރާ މީހުންނަށް ފިޔަވަޅު އެޅުން
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ސަރުކާރުން ކޮރަޕްޝަން ނައްތާލުމުގައި ގިނަގުނަ މަސައްކަތްކުރަމުންދާ ކަމަށާއި އެ ގޮތުން ކަމާގުޅޭ ބިލުތައް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށާއި، މިގޮތުން، އެންޓި-ކޮރަޕްޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އެސެޓް ރިކަވަރީއާ ބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މި ބިލުތަކުގެ އިތުރުން މަޖިލީހުގެ ކޮމިޓީ މަރުޙަލާގައިވާ، ނުޙައްޤު މުއްސަނދިކަމުގެ ކުށާ ގުޅޭ އިޞްލާޙު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވުމުން މިބޮޑު މައްސަލައަށް ޙައްލެއް ގެނައުމުގައި ގިނަގުނަ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ޤާނޫނާއި ޤަވާއިދުތައް ތައާރަފް ކުރިއަސް، އަހަރުން އަހަރަށް ރާއްޖޭގައި ކޮރަޕްޝަން ދަނީ އިތުރުވަމުންކަން އެންމެނަށް ވެސް އެނގެއެވެ. ރައީސް ނާސިރުގެ ޒައާމަތުގައި ކޮރަޕްޝަން އޮންނަ ކަމަށް ކިޔައި އުޅެނީ ރައީސް އާ ހަމައިގައި އެކަންޏެވެ. އެހެން މީހަކު ދައުލަތުގެ ފައިސާގައި ޖެހިއްޖެ ނަމަ ހަރުކަށި ފިޔަވަޅު އަޅުއްވައެވެ. ނަމަވެސް މިޒަމާނުގައި މުއައްސަސާތަކުގެ އެންމެ މަތީ ވެރިމީހާއިން ފެށިގެން ގޮސް ޕިޔޯނާ ހަމައަށް ވެސް، ގިނަ ބަޔަކު ކޮރަޕްޓެވެ. މަތީގައިވާ ފަދަ ޤާނޫނީ ބަދަލު ގެނެސްގެން، ކޮރަޕްޝަނުގެ މި ފުޅާ ވިއުގަ ކުޑަ ކުރެވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. މިކަމުގައި މިހާރު މި އޮންނަ އާއްމު ކޮރަޕްޝަނަށް ވުރެ ރައީސް ނާސިރުގެ ފޯމިއުލާވެސް މާ ރަނގަޅެވެ. އެގޮތް ކިހިނެއްތޯއެވެ؟
ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް، ކޮންމެ ދިވެއްސަކަށް އަހަރަކު އެއްފަހަރު ޑޮލަރު ދެނީ
ސަރުކާރުގެ ކުންފުންޏަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށާއި އެ އިން ލިބޭ ފައިދާއިން ކޮންމެ ދިވެއްސަކަށް އަހަރަކު، މަދުވެގެން 400 ޑޮލަރު ދޭން ފަށާނެ ކަމަށް ރައީސް މުއިއްޒުގެ ރިއާސީ ބަޔާނުގައި ވިދާޅުވުމަކީ އުސޫލެއްގެ ގޮތުން ރަނގަޅު ކަމަކަށް ވިއަސް، މިކަމުގައި ގިނަ ސުވާލުތަކެއް އުފެދުނެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް ރަސްމީކޮށް ފެށިތާ 50 އަހަރު ވީއިރު ވެސް އެކަމުން ދިވެހިންނަށް ސީދާ ގޮތެއްގައި މަންފާ ލިބޭނެ އެއްވެސް މަގެއް ފަހިވެފައިނުވާ ކަމަށެވެ. މަރުކަޒީ ބޭންކު އެމްއެމްއޭއާ ހަވާލާދެއްވައި، ރައީސް ވިދާޅުވީ މިދިޔަ އަހަރު ޓޫރިޒަމް އިންޑަސްޓްރީން 5.5 ބިލިއަން ޑޮލަރުގެ އާމްދަނީ ދައުލަތަށް ލިބުނު ކަމަށެވެ. ރާއްޖޭގެ އިގުތިސޯދުގައި އެންމެ މުހިއްމު އެއް ދާއިރާއަކީ ޓޫރިޒަމް ސެކްޓާ ކަމަށް ވާއިރު އަމިއްލަ ފަރާތްތަކުން ރިސޯޓުތައް ހިންގަމުން ދަނީ ވެސް ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން ކަމަށާއި، ނަމަވެސް ރިސޯޓު ވިޔަފާރީގެ ފައިދާ ސީދާ ދިވެހިންނަށް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ މި ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް ސީދާ އާމްދަނީ ލިބޭނެ މަގެއް، ނިޒާމެއް ހަމަޖެހިގެން ދިއުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންނަށް "ހަލާލް" ޓޫރިޒަމްގެ ރިސޯރޓުތަކެއް
ރައީސްގެ މި ހުށަހެއްޅުވުމާ މެދު ވިސްނާލުމުން އަޅުގަނޑަށް ފާހަގަވަނީ މައިގަނޑު ދެ މައްސަލަ އެކެވެ. ފުރަތަމަ ކަމަކީ، ރަލާއި އޫރުމަހުގެ ވިޔަފާރު ހިމަނައިގެން ހިންގާ ރިސޯޓު ވިޔަފާރިއަކުން ލިބޭ ފައިސާ ހޯދަން ބޭނުންނުވާނެ އެތައް ދިވެހި، މުސްލިމު ރައްޔިތުން މި ޤައުމުގައި އެބަތިއްބެވެ. އެހެން ކަމުން ރައްޔިތުންގެ ހިއްސާ އޮންނަ ކަމަށް ބުނެ ހިންގާ މިފަދަ ރިސޯޓުތައް ހިންގަން ޖެހޭނީ "ހާލާލް" ޓޫރިޒަމްގެ ގޮތުގައެވެ. ދެވަނަ ކަމަކީ، ދައުލަތުގެ ކުންފުންޏަކުން މި 10 ރިސޯޓު ހިންގާނަމަ ކޮރަޕްޝަން ބޮޑުވެ، އިސްރާފް ބޮޑުވެ، އެފަދަ ކުންފުންޏެއްގެ ވެރީންގެ ޖީބު ބޮޑުވުމުގެ ފުރުސަތު ބޮޑެވެ. އެއިރުން އެއްކަލަ ހިއްސާދާރުން ކަމުގައިވާ ދިވެހި ރައްޔިތުންނަށް ޑޮލަރުގެ ބަދަލުގައި ލިބޭނީ ދަރަނީގެ ދަންތުރައެކެވެ. އެހެން ކަމުން ސަރުކާރު ކުންފުންޏަކުން މި 10 ރިސޯޓު ހިންގުމުގެ ބަދަލުގައި އެ 10 ރިސޯޓު، އިސްލާމީ ޓޫރިޒަމްގެ ދަށުން ހިންގަން ކުއްޔަށްދީ، އެ 10 ރިސޯޓުން ލިބޭ ކުއްޔާއި، ބެޑް ޓެކްސް ފަދަ ޓެކްސްތައް ހިމަނައިގެން، ޖުމްލަކޮށް ވަކި ފަންޑަކަށް ޖަމާކޮށް، އެ ފައިސާ ވަކިވަރަކަށް އިތުރުވުމުން ޑިވިޑެންޓުގެ ގޮތުގައި ކޮންމެ ރައްޔިތަކަށް ވަކިވަރެއް ދޭ ގޮތަށް ހެދުން މާ ރަނގަޅެވެ. ސަރުކާރު ކުންފުންޏަކުން މިފަދަ ރިސޯޓުތަކެއް ހިންގަން އުޅުމަކީ ކޮރަޕްޝަނަށް ހުޅުވޭނެ ބިޔަ، ބޮޑު ދޮރެކެވެ. މިފަދައިން ހަލާލް ޓޫރިޒަމްގެ ގޮތުގައި 10 ރިސޯޓު ތަރައްޤީ ކުރުމުން ރާއްޖޭގައި "ހަލާލް" ޓޫރިޒަމް އިންޑަސްޓްރީއެއް ވެސް އުފެދިގެންދާނެއެވެ. އެއްދޮނުގައި ދެ ބުޅި ޖެހުނީ އެވެ!
ޗާގޯސް ހޯދުން
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސް އަށް ދޭން ފެންނަ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ފޮނުއްވި ސިޓީ އެއީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި، ބައިނަލްއަޤްވާމީ ފަރާތްތަކަށް އެކަން އެންގުމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ނިންމެވި ނިންމެވުން ވަރަށް ރަނގަޅެވެ. ނަމަވެސް މި ސިޓީ ބާތިލް ކުރަން ޖެހެނީ ރައްޔިތުންގެ މަޖުލީހުންނެވެ. އަދި، ދިވެހި ސަރުކާރުގެ މި ނިންމުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށާއި، އިޓޯލްސް އަށާއި، ސީދާ އ.ދ އަށް ހުށަހަޅައި، ފިޔަވަޅުތައް އަވަސްކުރަން ޖެހެއެވެ. ރައީސްގެ މި ނިންމެވުމާ އެކު، ރާއްޖޭގެ ދިފާއި ވުޒާރާއިން ވަނީ ރައީސް ސޯލިހު ދޫކޮށްލި ކަނޑުގެ ސަރަހައްދުވެސް އެއީ ރާއްޖޭގެ ބައެއް ކަމަށް ބަލައި، އެބައި ޕެޓްރޯލްކޮށް ގާޑުކުރަން ފަށައިފައެވެ.
ރައީސް ޓްރަމްޕުގެ ބަހާއި ރައީސް ނަޝީދުގެ ބަސް
ރައީސްގެ ރިއާސީ ބަޔާނަށް އެއް ދުވަސް ވެސް ނުވަނީސް އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ އޭނާ ކުރިން ވިދާޅުވި ބަސް ބަދަލު ކުރައްވައި، މޮރިޝަސް އަށް ޗާގޯސް ދިނުމަށް ރުހުން ދެއްވާފައެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ، ކަނޑުގެ އިމުން ފުށުއަރާ ބައިގެ މައްސަލާގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެނެސް، ޗާގޯސްގެ މައްސަލައިގައި އިނގިރޭސި ވިލާތުގެ ސަރުކާރާ އެކު މަޝްވަރާކުރަން ރާއްޖޭން ރަސްމީކޮށް އެދިފައިވާކަން ރައީސް މުއިއްޒު ހާމަކުރައްވާފައި ވަނިކޮށެވެ. މިކަމުގެ ސަބަބުން ބައެއް ފަރާތަތަކަށް މާޔޫސްކަން ލިބުނު ކަމުގައި ވިއަސް އަޅުގަނޑުވެސް މިކަމުގައި ދެކެނީ ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތަށެވެ.
މޮރިޝަސް އަށް ދީފައިވާ ސަރަހައްދަށް ދިވެހި ކޯސްޓް ގާޑުގެ މަނަވަރު ވަނުން
އިނގިރޭސި ވިލާތުން ހުށަހަޅާފައިވާ ޗާގޯސްއާ ގުޅޭ އެއްބަސްވުމަށް ޓްރަމްޕް ތާއީދު ކުރެއްވީ، ޗާގޯސް މޮރިޝަސް އަށް ދިނުމަށް ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މާނައަކީ، އެއީ ބޭރުފުށުން ދައްކާލެއްވި ޑިޕްލޮމެޓިކް ވާހަކައެއް ކަމަށް ވެދާނެ ކަމަށެވެ. ރައީސް ސޯލިހު ދޫކޮށްލެއްވި ކަނޑުގެ ސަރަހައްދަށް ދިވެހި ކޯސްޓް ގާޑުގެ މަނަވަރާއި އެހެން އުޅަނދުތައް، އެމެރިކާއާއި ޔޫކޭގެ ހުއްދަ ނެތި، ވަދެ ލަންކާގެ ދެ މަސް ބޯޓަށް އިންޒާރު ދޭން ކެރޭނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ. މިއީ އެމެރިކާގެ ރުހުން ލިބިގެން ދިވެހި ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ޤަބޫލު ކުރެވެއެވެ.
ރައީސްގެ ކުއްލި، ސިންގަޕޫރު ދަތުރުފުޅު
ރިއާސީ ބަޔާން އިއްބެވި ރޭ ހަމަ ކުއްލި ގޮތަކަށް، މީޑިއާ އަށް އެއްވެސް ހަބަރެއް ދެއްވުމަކާ ނުލައި، ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތުމަކީ ވެސް ޗާގޯސްގެ ޑީލާ ގުޅުން ހުރި ސިއްރު ބައްދަލުވުމަކަށް ކުރެއްވި ދަތުރެއް ކަމަށް ޤަބޫލު ކުރެވެއެވެ. މިދަތުރުފުޅުގެ ހަބަރު ރާއްޖޭގެ ގިނަ މީޑިއާތަކުން ނުވެސް ފެނެއެވެ.
ރައީސް މުއިއްޒުގެ ކުއްލި ސިޓީފުޅެއް ސައުދީ ވަލީއަހުދަށް
ރިއާސީ ބަޔާން އިއްވި ދުވަހު، ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ. މިއީވެސް ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގެ މަސްރަހުގައި، ޗާގޯސްގެ ޑީލާ ގުޅޭގޮތުން ފޮނުއްވި ސިއްރު ސިޓީ ފުޅެއް ކަމަށް ޤަބޫލު ކުރެވެއެވެ. އެހެންކަމުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށާއި، އިޓޯލްސް އަށާއި، ސީދާ އ.ދ އަށް ހުށަހަޅައިގެން ޗާގޯސް ހޯދުމުގެ މަސައްކަތް މަޑުނުޖައްސައި، އަވަސް ގޮތެއްގައި ކުރިއަށް ގެންދަންޖެހެއެވެ. ޗައިނާ ބުނާ ބަހަކަށް، ނުވަތަ އިންޑިއާ ބުނާ ބަހަކަށް ނުބަލައި، ދިވެހި ދައުލަތުގެ ހައްޤު ހޯދަން މަސައްކަތް ކުރަން ޖެހެއެވެ. މިއީ މިކަމުގައި ރާއްޖެ އަށް ލިބޭނެ ފަހު ފުރުސަތެވެ. މި ފުރުސަތު ދުކޮށްލައިގެން ނުވާނެއެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖުލިސް ހުޅުވުމުގެ ޖަލްސާގައި ރައީސް މުއިއްޒު އިއްވެވީ ވަރަށް އުއްމީދީ ރިޔާސީ ބަޔާނެކެވެ. ނަމަވެސް ހާއްސަކޮށް ދައުލަތުގެ ދަރަނީގެ މައްސަލައާއި، ރައްޔިތުންނަށް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވި 10 ރިސޯރޓުގެ މައްސަލަ އާއި، ޗާގޯސްގެ މައްސަލާގައި، މަތީގައި އަޅުގަނޑު ފާހަގަކޮށްފައިވާ ނުކުތާތަކަށް ރައީސާއި ސަރުކަރުން ބައްލަވާނެ ކަމަށް އުއްމީދު ކުރަމެވެ.
