Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ދުންފަތާ ދުރުނުވެވެނީ ކީއްވެގެންބާ؟

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުރިއަށްގެންދާ "ތަރުޖަމާނާއެކު" ޕޮޑްކާސްޓުގައި، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކައަކީ، ރާއްޖޭގެ އާންމު ސިއްހަތުގެ ހާލަތު އޮތް ގޮތުގެ މުހިންމު ހަގީގަތްތަކެއް ހާމަވެގެންދިޔަ ކަމެކެވެ. މި ވާހަކައިގެ ތެރެއިން މީޑިޔާގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ނުހޯދައި، ގައުމުގެ ސިއްހީ ނިޒާމު އިސްލާހުކުރަން އުޅުމަކީ ބޭކާރު ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި ކުރެއްވުމަށެވެ. މި މައުލޫއަށް މިނިސްޓަރު ވާހަކަދެއްކި އިރު، މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށްޓަކައި ނުހަނު ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދުންފަތާ ދެކޮޅަށް ނިންމާ ނިންމުންތައް އެންމެ އެދެވޭ ގޮތެއްގައި ތަންފީޒު ނުކުރެވޭނަމަ، ސިއްހީ ދާއިރާއިން އަޅާ ކޮންމެ ފިޔަވަޅަކީ "ފޫނެއް ފަޔަށް ފެންފުރުން" ފަދަ ކަމެކެވެ. މި ހިސާބުން އުފެދޭ މުހިންމު ސުވާލަކީ، ދުންފަތުގެ އިސްތިއުމާލުން މީހުން ދުރުކުރުމަށް ހަމައެކަނި ހަރުކަށި ފިޔަވަޅުތަކެއް އެޅުމުން ފަރުޖެހޭނެ ހެއްޔެވެ؟ ދުންފަތުގެ އަގު އިންތިހާއަށް ބޮޑުކޮށް، ޓެކްސް މަތިކުރުމުންވެސް، ސިނގިރޭޓު ބޯ މީހުންގެ އަދަދު މަދުވިތަނެއް ފެންނާކަށް ނެތެވެ. މިއީ ސަރުކާރުން ނިންމި ނިންމުމުންތައް ހަރުދަނާ ނުވެގެންވާ ކަމެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް ސިނގިރޭޓާ ޖެހުމުން ކަންވަމުންދާ ގޮތެވެ. މީގެ އަސްލު ސަބަބަކީ "އެޑިކްޝަން" ނުވަތަ އެކަމަށް އޮންނަ ދެވިހިފުމެވެ.

ދުންފަތް ކޮންޓްރޯލްކުރުމަކީ ދުނިޔޭގެ ހުރިހާ ސަރުކާރުތަކަށާއި ސިއްހީ އިދާރާތަކަށް މިހާ ބޮޑު ގޮންޖެހުމަކަށް ވަނީ ކީއްވެގެންކަން ދެނެގަތުމަށްޓަކައި، 'ސަބްސްޓަންސް ޔޫސް ޑިސްއޯޑާ' ނުވަތަ ތަކެއްޗަށް ދެވިހިފުމުގެ ނަފްސާނީ އަދި ޖިސްމާނީ ބައްޔާ ބެހޭގޮތުން ވިސްނާލުން މުހިންމެވެ. ވަކިން ހާއްސަކޮށް، ނިކޮޓިންއަށް އިންސާނާގެ ހަށިގަނޑު ދެވިހިފާ ގޮތް ދެނެގަންނަން ޖެހެއެވެ. ސިއްހަތަށް ގެއްލުންދެނިވި މި ގޯސް އާދަ މީހުންގެ ކިބައިން ފިލުވައިލަން ދަތިވާ ސަބަބު ސައިންޓިފިކް ނަޒަރަކުން ދެނެނުގަނެވޭނަމަ، ދުންފަތާ ގުޅޭ މަޝްވަރާތައް އަބަދުވެސް އޮންނާނީ ހަމައެކަނި ގާނޫނު ހެދުމާއި އަދަބު ދިނުމުގެ އިންތިހާގައެވެ.

ހަގީގަތަކީ، މި ނުރައްކާތެރި އަމަލުގެ ތެރެއަށް ވަދެވިއްޖެނަމަ، އެކަން ހުއްޓާލަން އުނދަގޫވަނީ ސިކުނޑީގެ އެންމެ ފުނުގައި ހިނގާ ކެމިކަލް ރިއެކްޝަންތަކުގެ ސަބަބުންނެވެ. މި ރިއެކްޝަންތައް ވަކި ގޮތަކަށް ބައްޓަންވުމުން، އެ އާދަ ބަދަލުކުރުމަކީ ނުހަނު ދަތި މަސައްކަތެކެވެ. މިއަދު ސަރުކާރުން ދުންފަތަކީ މަސްތުވާ އެއްޗެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، މުޅި ގައުމުގައި އުޅޭނީ ހުސް "އެޑިކްޓުން" ނެވެ. އެ ހާލަތުގައި ގައުމު އިނދަޖެހިދާނެކަން ގައިމެވެ.

ހިތާމަޔަކީ މިއީ ހަމައެކަނި އަޒުމެއް ކަނޑައަޅައިގެން ފަސޭހައިން ހުއްޓާލެވޭނެ އެއްޗެއް ނޫނެވެ. ނިކޮޓިންއަކީ އިންސާނާގެ ހަށިގަނޑަށް އެތެރެވާ މާއްދާތަކުގެ ތެރެއިން ދެވިހިފުމުގެ ބާރު އެންމެ ވަރުގަދަ އެއް މާއްދާ ކަމަށް ސިއްހީ މާހިރުން އެއްބަސްވެއެވެ. ސިނގިރޭޓަކުން ނުވަތަ ވޭޕަކުން ނިކޮޓިން ލޭގެ ތެރެއަށް ވަނުމަށްފަހު، އެންމެ ހަތް ސިކުންތުގެ ތެރޭގައި ސިކުނޑިއާ ހަމައަށް ފޯރައެވެ. އެއާއެކު، އިންސާނާއަށް އުފާވެރިކަމާއި އަރާމު އިހުސާސްކޮށްދޭ 'ޑޯޕަމީން' ކިޔާ ކެމިކަލެއް ސިކުނޑިން އުފައްދައިދެއެވެ. ނަމަވެސް މިއީ ވަރަށް ކުރު ވަގުތުކޮޅަކަށް ލިއްބައިދޭ ވަގުތީ ހިތްހަމަޖެހުމެކެވެ.

އިންސާނާގެ ސިކުނޑިއަކީ އޭގެ ގުދުރަތީ ބެލެންސް ހިފަހައްޓަން އަބަދުވެސް މަސައްކަތްކުރާ ގުނަވަނެކެވެ. ޑޯޕަމީންއަކީ ސިކުނޑިން އަމިއްލައަށް އުފައްދާ މާއްދާއެއް ނަމަވެސް، ބޭރުން ނިކޮޓިން ލިބެން ފެށުމުން، ސިކުނޑިން އަމިއްލައަށް އެ މާއްދާ އުފައްދާ މިންވަރު މަދުކޮށްލައެވެ. މިކަމުގެ ނަތީޖާއަކީ، އާދައިގެ ހާލަތެއްގައި ހުރުމަށްޓަކައިވެސް ނިކޮޓިން ބޭނުންވާ ހިސާބަށް މީހާގެ ހަށިގަނޑު ދިއުމެވެ. އެހިސާބުން، އެ މީހަކު ދުންފަތުގެ އިސްތިއުމާލު އެ ކުރަނީ ހިތްހަމަޖެހުމަކަށްޓަކައެއް ނޫނެވެ. އޭގެ ބަދަލުގައި، ހަށިގަނޑު އާދައިގެ ގޮތަކަށް މަސައްކަތް ކުރުވުމަށްޓަކައި "މަޖުބޫރުވެގެން" ކުރާ ކަމަކަށް އެކަން ބަދަލުވެއެވެ.

ދުންފަތުގެ ސަބަބުން ހަށިގަނޑަށް ކުރާ އެންމެ ނުރައްކާތެރި އަސަރަކީ ނާރުތަކުގެ ނިޒާމަށް ލިބޭ ގެއްލުމެވެ. ސިކުނޑީގެ ސެލްތަކަށް ހީވާން ފަށަނީ، މަސައްކަތް ކުރުމަށްޓަކައި ނިކޮޓިންއަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ. އެހެންކަމުން، ލޭގައި ހުންނަ ނިކޮޓިންގެ މިންވަރު ދަށްވުމާއެކު 'ވިތުޑްރޯވަލް ސިމްޕްޓަމްސް' ނުވަތަ ދެވިހިފުމާ ދުރުވާން އުޅުމުން ފެންނަ އުނދަގޫތައް ކުރިމަތިވެއެވެ. އޭގެ ތެރޭގައި އާދަޔާ ހިލާފަށް ރުޅިގަދަވުމާއި، ހާސްވުމާއި، ނުތަނަވަސްވުމާއި، ސަމާލުކަން ދޭން އުނދަގޫވުމާއި، ނިދިނައުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ހަމައެކަނި ހީވާ ހީވުމެއް ނޫންކަން ސައިންޓިފިކް ތަހުލީލުތަކުން ވަނީ ސާބިތުވެފައެވެ.

މިނިސްޓަރު ފާހަގަކުރި ފަދައިން، ސިއްހީ ނިޒާމުގައި މީހުންނަށް ދިމާވާ ގިނަ ބަލިތައް ދުންފަތުގެ ސަބަބުން އިތުރަށް ގޯސްވެއެވެ. ދިގު މުއްދަތަކަށް ނިކޮޓިން ބޭނުންކުރުމަކީ ހަށިގަނޑުގެ ހުރިހާ ނިޒާމަކަށް އޭގެ ނޭދެވޭ އަސަރު ފޯރުވާ ކަމެކެވެ. ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ދާއިމީ ބަލިތަކާއި، ތަފާތު ވައްތަރުގެ ކެންސަރުގެ އިތުރުން، ދަރިމައިވުމުގެ މައްސަލަތަކަކީ ސީދާ ދުންފަތާ ގުޅިފައިވާ ނުރައްކާތަކެވެ. އުމުރުން ދުވަސްވާ ވަރަކަށް މި ތަކުލީފުތައް ބޮޑުވެގެންދެއެވެ. މިއަދުވެސް ޑޮކްޓަރަށް ދެއްކުމުން، އެންމެ ފުރަތަމަ ކުރާ އެއް ސުވާލަކީ ދުންފަތުގެ އިސްތިއުމާލުކުރަންތޯއެވެ. ނަމަވެސް، ހަގީގަތުގައި ބަލިމީހާގެ ސިއްހަތަށް ފަރުވާ ދޭން ބޭނުންނަމަ، މި ދެވިހިފަނިވި އާދައިން އޭނާ ސަލާމަތްވާނެ މަގެއް ދައްކައިދޭން ޖެހޭނެއެވެ.

މައްސަލައަކީ، ސިއްހީ ދާއިރާގެ ބައެއް މީހުންނަށްވެސް، ދުންފަތުގެ ފަހަތުގައިވާ ޖިސްމާނީ މަޖުބޫރުކަމާއި ނަފުސާނީ ކަސްތަޅު ނުފެންނާތީއެވެ. އެޑިކްޝަންގެ ސައިންސް ނޭގޭތީއެވެ. މީހާގެ ސިއްހަތު ހަލާކުވަމުންދާއިރުވެސް ސިނގިރޭޓު ދޫކޮށްނުލެވެނީ އެމީހާގެ ބޯހަރުކަމުން ނުވަތަ އަޒުމެއް ނެތީމަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް މިއީ ހަގީގަތާ ދުރު ވިސްނުމެކެވެ. މިއީ މިހާރު ވުޖޫދުގައިވާ އެންމެ ނުރައްކާތެރި ދެވިހިފުމުގެ މައްސަލައެވެ. އެހެންކަމުން، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އަދި ސިއްހީ މާހިރުންވެސް މި ނަޒަރިއްޔާތުން މިކަމަށް ބެލުން ބުއްދިވެރިއެވެ.

ޖިސްމާނީ ނިޒާމު "ހައިޖެކް" ކޮށްލާފަދަ މާއްދާއަކަށް ދެވިހިފައިފައިވާ ބައެއް އެކަމުން ދުރުކުރުމަށް، ހަމައެކަނި ހަރުކަށި ގާނޫނުތަކަކުން ދާއިމީ ހައްލެއް ނުހޯދޭނެއެވެ. މިއީ މިހާރު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ކުޑައިމީސްކުރުމެއް ނޫނެވެ. ޓެކްސް ބޮޑުކުރުމާއި، ވޭޕް މަނާކުރުން، އަދި ޖެނެރޭޝަނަލް ބޭނެއް ތައާރަފުކޮށް، ދުންފަތުން ސަލާމަތްވެފައިވާ ސަރަހައްދުތައް ކަނޑައެޅުމަކީ އާންމު ސިއްހަތަށްޓަކައި އަޅައިފައިވާ ވަރަށް މުހިންމު ފިޔަވަޅުތަކެކެވެ.

ނަމަވެސް، އެއްޗެއް ލިބުން އުނދަގޫވުމަކުން، ސިކުނޑީގައި އަށަގަނެފައިވާ ދެވިހިފުމެއް ފިލައިގެންނެއް ނުދެއެވެ. ދެވިހިފާފައިވާ މީހެއްގެ ސިކުނޑިން އެ މާއްދާއަށް އެދި އިންތިހާއަށް ގޮވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ގާނޫނީ ހުރަސްތައް ހުރި ނަމަވެސް، ކޮންމެވެސް ގޮތަކުން އެ އެއްޗެއް ހޯދުމަށް މީހާ މަސައްކަތް ކުރާނެއެވެ. އެހިސާބުން، ކަންކަން ހިނގަން ފަށާނީ "ކަޅު ބާޒާރުގެ" އަނދިރި މަގުތަކުންނެވެ. މިތަން މިހާރުވެސް ފެންނާނެއެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގައި "ބަސްޓު" ވީ ކިތައް ވޭޕް އައްޑާ ހެއްޔެވެ؟ އަދިވެސް ކެފޭތަކުގައި ބޮނދައިގެން ތިބެ ވޭޕްކުރާ މީހުން މަދެއް ނޫނެވެ. މިއީ ތާރީހުން ފެންނަން އޮތް ހަގީގަތެކެވެ. ރާއްޖޭގައިވެސް ދުންފަތް މަނާކުރަން އުޅުނު ރައީސަކު ވެރިކަމުން ދުރުކުރެވުނުކަން ތާރީހުން އެނގެން އެބައޮތެވެ.

ނިކޮޓިން އެޑިކްޝަނަށް ފަރުވާ ދިނުމުގައި ކާމިޔާބު އެތައް ގޮތެއް މިއަދު ދުނިޔޭގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރުވާއަކީ 'ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ' އެވެ. މީގެ ތެރޭގައި ނިކޮޓިން ޕެޗް، ގަމް، އަދި ސްޕްރޭ ފަދަ ތަކެތި ހިމެނެއެވެ. މީގެ ސަބަބުން ދުންފަތުގެ ދުމުގައި ހުންނަ ނުރައްކާތެރި މާއްދާތަކާ ނުލައި، ކޮންޓްރޯލް ކުރެވިފައިވާ މިންވަރަކަށް ނިކޮޓިން ހަށިގަނޑަށް ފޯރުކޮށްދީ، ހުއްޓާލުމުން ކުރިމަތިވާ އުނދަގޫތައް ކުޑަކޮށްދެއެވެ. މީގެ އިތުރުން، ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ދެވޭ ބައެއް ބޭސްތަކަކީ ސިކުނޑީގައި ހުންނަ ދެވިހިފުމުގެ ނާރުތަކަށް މަސައްކަތްކޮށް، ދުންފަތުން ލިބޭ ހިތްހަމަޖެހުން ކުޑަކޮށްދޭ ތަކެއްޗެވެ.

ނަމަވެސް، މިފަދަ ނޭއްގާނީ އާދައެއް ހަމައެކަނި ބޭހަކުން ނުވަތަ ޕެޗަކުން ހައްލެއް ނުކުރެވޭނެއެވެ. 'ބިހޭވިއަރަލް ސަޕޯޓް' ނުވަތަ މީހާގެ އުޅުމަށް ގެންނަންޖެހޭ ބަދަލުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. ކައުންސިލިން މެދުވެރިކޮށް، ދުންފަތް ބޭނުންކުރަން މަޖުބޫރުވާ ހާލަތްތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާނެ އުކުޅުތައް ދަސްކޮށްދިނުމަކީ ކާމިޔާބީގެ އަސްލެވެ. ދެވިހިފުމަކީ ޖިސްމާނީ އަދި ނަފުސާނީ ކަމަކަށްވާތީ، މީގެ ދެބަޔަށް އެކުއެކީގައި ފަރުވާ ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ސަރުކާރުން އަޅާ ހަރުކަށި ފިޔަވަޅުތަކަކީ މުޖުތަމައުގެ އާދަކާދަތަކަށް ހެޔޮ ބަދަލު ގެނުވާނެ ކަންކަމެވެ. ނަމަވެސް، މިކަމުގައި އެންމެ ކާމިޔާބު ގައުމުތަކަކީ ހަމައެކަނި އެއް އުކުޅަކަށް ބަރޯސާވި ގައުމުތަކެއް ނޫނެވެ. އެއީ ހަރުދަނާ ގާނޫނުތަކާއެކު، ސިއްހީ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފަރުވާދީ، މުޅި މުޖުތަމައުގެ އެހީތެރިކަން ލިބޭނެ ފަދަ ފުރިހަމަ ނިޒާމެއް ގާއިމުކޮށްފައިވާ ގައުމުތަކެވެ.

މި ހުރިހާ ކަމަކުން އެނގޭ ހަގީގަތަކީ، ދެވިހިފުމަކީ ހަމައެކަނި އަދަބު ދީގެން ނުވަތަ ބިރުދައްކައިގެން ނައްތާލެވޭނެ ކަމެއް ނޫން ކަމެވެ. އެއީ ދަލީލުތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ ސައިންޓިފިކް ފަރުވާ ބޭނުންވާ ސިއްހީ ހާލަތެކެވެ. ސަރުކާރުން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ވަރުގަދަކޮށް، ދުންފަތާ ދުރުވުމަށް ބޭނުންވާ ހިދުމަތްތައް އާންމު ސިއްހީ ހިދުމަތުގެ ތެރޭގައި ހިމެނުމުން، މިނިސްޓަރު ފާހަގަކުރެއްވި "ބާލިދީގައިވާ ލޯވަޅު" ބެދިގެންދާނެކަން ކަށަވަރެވެ. އާންމު ބަލިތަކަށް ޑޮކްޓަރަށް ދައްކަންދާ ކޮންމެ މީހަކަށް، ދުންފަތާ ދުރުވުމުގެ މަޝްވަރާއާއި އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތްވުމަކީ، އެއީ އަމިއްލަ މީހަކު އެކަނި ކުރާ ހަނގުރާމައެއްގެ ބަދަލުގައި، މުޅި ސިއްހީ ނިޒާމުގެ އެހީތެރިކަމާއެކު ކުރެވޭ ކަމަކަށް ބަދަލުވެގެންދާނެ ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި މިހާރު ކުރެވެމުންދާ މަސައްކަތްތަކަކީ، މުސްތަގުބަލުގެ ޖީލުތަކުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ވަރަށް މުހިންމު ފިޔަވަޅުތަކެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިއްހީ މާހިރުން އަދި އާންމު ފަރުދުންގެ ހޭލުންތެރިކަން މިއަށްވުރެ ބޮޑަށް އިތުރުވެގެން ނޫނީ މި ބޮޑު ގޮންޖެހުމުން އަރައެއް ނުގަނެވޭނެއެވެ. އެހެންކަމުން، ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަކީ ހަމައެކަނި މަނާކުރުމެއް ނޫންކަމާއި، އެއީ ފުރިހަމަ ސިއްހީ ފަރުވާއެއްގެ ތެރެއިން ހައްލުކުރަންޖެހޭ ކަމެއްކަން ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހެއެވެ.