Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ދެ އިންތިހާބު އެއްކޮށްލުން- މީ ކިހިނެއް ވާކަމެއް؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިހާރު ވަނީ މިކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާވެސް ހޯދައިފައެވެ.

އާންމު ރައްޔިތެއް މިކަމަށް ނަޒަރު ހިންގައިލާނަމަ، މިއީ ހަމައެކަނި އިންތިހާބު ބާއްވާ ތާރީހަށް ގެނެވޭ އިދާރީ ބަދަލެއްގެ ގޮތުގައި ސިފަވެދާނެއެވެ. ނަމަވެސް، މިކަމާމެދު ފުންކޮށް ވިސްނާލާއިރު، މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި، ޑިމޮކްރެޓިކް ބާރުތައް ބެހިފައިވާ ގޮތަށް އަންނާނެ ވަރަށް ބޮޑު ލޮޅުމެކެވެ. މިއީ ހަމައެކަނި އިދާރީ ބަދަލެއް ނޫނެވެ. މިއީ ބާރުތައް ހަމަ ހިފަހައްޓައިދޭ ނިޒާމު ނުވަތަ "ޗެކް އެންޑް ބެލެންސް" ސިސްޓަމް ފުނޑުފުނޑުކޮށްލުމެވެ.

މިކަމުގައި ހުރި ކަންބޮޑުވުންތަކުގެ ތަފުސީލަށް ދިޔުމުގެ ކުރިން، މި ބަދަލު ގެންނަން ހުށަހެޅި މީހުން މި އިސްލާހަށް ތާއީދުކޮށް ދައްކާފައިވާ ހުއްޖަތްތަކަށް ބަލައިލުން މުހިންމެވެ. އެ މީހުންގެ ވާހަކަތަކަށް ބަލާއިރު، މި އިސްލާހަކީ ވަރަށް ބޮދު ހަމަޖެހުމެއް ލިބޭނެ ކަމެއްގެ ގޮތުގައި ފެނެއެވެ.

އެމީހުންގެ ފުރަތަމަ އުޒުރަކީ މިކަމުގެ ސަބަބުން ޗަލާނޭ ހަރަދެވެ. ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ތެރެއިން ރައްޔިތުންނަށް ގޮތް ނިންމުމަށް ކޮންމެ ފަސް އަހަރަކުން ދެ ފުރުސަތު ލިބެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމާއި، ގައުމުގެ ރައީސަކު އިންތިހާބުކުރުމެވެ. ރާއްޖޭގެ ޖިއޮގްރަފީ އޮންނަ ގޮތުން، ގައުމީ ފެންވަރެއްގައި މިފަދަ ބޮޑު ދެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ބޮޑު ހަރަދެއް ހިނގާ، އިދާރީ ގޮތުން ނުހަނު ބުރަ މަސައްކަތެކެވެ. ވޯޓު ކަރުދާސް ޗާޕުކުރުމާއި، އޮފިޝަލުން ތަމްރީނުކުރުމާއި، ސަލާމަތީ ކަންކަން ހަމަޖެއްސުމަށްޓަކައި ކޮންމެ ފަސް އަހަރަކުން ދެ ފަހަރު މުޅި ގައުމު އޮންނަނީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއީ ކިހާ ބޮޑު ހަރަދެއްކަން ސާފުވެއެވެ. މިގޮތުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް 84 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބަށް ރަސްމީކޮށް ކަނޑައެޅިފައިވާ ބަޖެޓަކީ 61 މިލިއަން ރުފިޔާއެވެ. މި ދެ އިންތިހާބުގެ ހަރަދުތައް އެއްކޮށްލުމުން ޖުމްލަ 145 މިލިއަން ރުފިޔާއަށް އަރައެވެ. މިފަދަ ބޮޑު އަދަދުތަކަށް ރިއާޔަތްކޮށް، ދެ އިންތިހާބު އެއްކޮށްލައިފިނަމަ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ.

ދެން އެ މީހުންގެ ހުށައެޅުމުގައި މި ބަދަލުގެ ސަބަބުން އަންނާނެ ކަމަށް ލަފާކުރެވޭ ހެޔޮ އެއް ބަދަލަކީ، އަބަދު އިންތިހާބީ ފޯރިއެއްގައި ރައްޔިތުން ތިބެންޖެހުމުން އުފެދޭ ފޫހިކަން ކުޑަވެ، ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް އިތުރުވުމެވެ. މިހާރު އޮންނަ ގޮތުން، އެއް އިންތިހާބު ނިމި ހިންދެމިލާނެ ވަގުތެއް ނުވަނީސް އަނެއް އިންތިހާބު ބޯމަތިވެއެވެ. ރައްޔިތުން އަބަދުމެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ތާށިވެފައި ނުތިބުމަކީ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމަށް ލާބަކުރާނެ ކަމެއް ކަމަށް ބައެއް ސިޔާސީ މާހިރުން ދެކެއެވެ.

މިއީ ހަގީގަތުގައި ގެންނަން ޖެހޭ ބަދަލެއް ކަމަށް ތާއީދުކުރެވޭ އެންމެ ބޮޑު އެއް ސަބަބު ފެންނަނީ، އޮމާންކަމާއެކު ހިނގާނެ ސަރުކާރެއްގެ ނަޒަރުން މިކަމަށް ބަލައިލާއިރުއެވެ. ރައީސަކު އިންތިހާބުވާ ހިނދު، އެ ރައީސަކަށް ތާއީދުކުރާ މަޖިލީހެއް އޮތުމަކީ ގައުމު ހިންގުމަށާއި، ބަޖެޓު ފާސްކުރުމަށާއި، ވެފައިވާ ވައުދުތައް ފުއްދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ކަންކަން މަދުވެ، ހިންގުން ހަލުވިވާނެ ކަމާ މެދު ޝައްކެއް ނެތެވެ.

އެހެންކަމުން، ދެ އިންތިހާބު އެއްކޮށްލުމުގެ މި ބަހުސްތަކަކީ އަމަލީ ގޮތުން ގައުމުގެ "އިދާރީ" ހިންގުން ހަރުދަނާވެގެންދާނެ މުހިންމު ކަންތައްތަކެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ޑިމޮކްރަސީއެއް ބިނާވަނީ ހަމައެކަނި ގައުމެއްގެ އިދާރީ ހިންގުން ހަރުދަނާވުމުގެ މައްޗަކަށް ނޫންކަން މި ވެރިން ހަނދާންނެތީ ބާއެވެ؟ ޑިމޮކްރަސީއެއްގެ އަސްލަކީ ވެރިން ޖަވާބުދާރީ ކުރުވުމާއި، ބާރުތައް ވަކިވަކިން މުސްތަގިއްލުކޮށް އޮތުމެއް ނޫން ހެއްޔެވެ؟

މިހާރު އޮތް ނިޒާމުގައި، ރިޔާސީ އިންތިހާބަށްފަހު ބޭއްވޭ މަޖިލިސް އިންތިހާބަކީ ރައްޔިތުންނަށް މި ބާރުތަކަށް ވަކިވަކިން މާކްސް ދިނުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އައު ސަރުކާރުން އަމަލުކުރަމުންދާ ގޮތާއި، ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި، ވެފައިވާ ވައުދުތައް ފުއްދާ މިންވަރަށް ބަލައި، ރައްޔިތުންނަށް އެމީހުންގެ ނިންމުން ދެވަނަ ފަހަރަށް މުރާޖާކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ސަރުކާރުގެ މިސްރާބު ހުރީ ރަނގަޅަށް ނޫން ކަމަށް ފެންނަނަމަ، ރައީސް ބަދަލުނުކޮށް، މަޖިލީހުގެ ތެރެއިން ސަރުކާރު ކޮންޓްރޯލް ކުރުމުގެ ބާރު ރައްޔިތުންނަށް އޮވެއެވެ.

މި ދެ އިންތިހާބު ވަކިން ބޭއްވުމުގެ ސަބަބުން، ރައްޔިތުންނަށް މި ދެ ބާރު މިނެކިރާލުމަށް ވަގުތުކޮޅެއް ލިބެއެވެ. ވެފައިވާ ވައުދުތަކާ އެއްގޮތަށް އަމަލުކުރެވިފައިވޭތޯ ބަލައިލުމުގެ ފުރުސަތު ލިބެއެވެ. އަދި ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމުގެ ބާރު ލިބިދެއެވެ. މިއީ ޑިމޮކްރަޓިކް ދައުލަތެއްގެ ބާރުތައް ވަކިވެފައި އޮތުމުގެ އަސްލު ރޫހެވެ. މިއީ ވެރިކަމުގެ ބާރުތައް އިންތިހާއަށް ގަދަވެގެންދާއިރު، އެ ބާރުތައް ހިފެހެއްޓުމަށް ރައްޔިތުންނަށް ލިބޭ އެންމެ ވަރުގަދަ އައްޑަނައެވެ.

މި މުހިންމު ދެ އިންތިހާބު އެއްކޮށްލާ ހިސާބުން، ރައްޔިތުންނަށް މި ފުރުސަތު މުޅިން ގެއްލިގެންދާނެއެވެ. ވެރިކަމުގެ ހަގީގީ އަމަލީ ނަތީޖާ ފެނުމުގެ ކުރިން، އެއް ޖަޒުބާތެއްގެ ތެރޭގައި ރައްޔިތުންނަށް މަޖިލީހާއި ރައީސް ހޮވަން މަޖުބޫރުވެއެވެ. މިފަދަ ހާލަތެއްގައި މަޖިލިސް އިންތިހާބުގެ ނަތީޖާ ބިނާވަނީ ކުރިމަތިލާ ރިޔާސީ ކެންޑިޑޭޓުގެ މަގުބޫލުކަމުގެ މައްޗަށެވެ. މިއީ ހިންގާ ބާރުތައް އެއްފަރާތަކަށް ޖަމާވުމަށް ހުޅުވޭ ދޮރެކެވެ. ރައީސަށް ފާރަވެރިވާންޖެހޭ މަޖިލީހަކީ ރައީސްގެ ޕާޓީގެ ފުރިހަމަ ކޮންޓްރޯލް އޮތް ތަނަކަށް ވުމުން، ގައުމުގައި އޮންނަންޖެހޭ "ޗެކް އެންޑް ބެލެންސް" ނުވަތަ ފާރަވެރިވުމުގެ ނިޒާމު ހަލާކުވެގެން ދެއެވެ.

ހުށަހެޅިފައިވާ މި ބިލަކީ އެ ފާރަވެރިވާ ނިޒާމު ނެތިކޮށްލުމަށް ކުރެވޭ މަސައްކަތެއްގެ ނިޝާނެކެވެ. ރައްޔިތުންނަށް އެމީހުންގެ ބާރުތައް ކަށަވަރުކޮށްދޭ ނިޒާމަކުން މިފަދަ ނިންމުމެއް ނިންމާކަށް ހުށައެއް ނާޅާނެއެވެ. މިއަދު ގާނޫނީ ގޮތުން ބާރުތައް ވަކިވެފައި އޮތަސް، އަމަލީ ގޮތުން ހުރިހާ ބާރެއް ދަނީ އެއް މުށް ދަށަށް ޖަމާވަމުންނެވެ. މި ނިންމުންތަކުގެ ސަބަބުން ހުދުމުހުތާރު ވެރިކަމަކަށް މިދަނީ މަގުފަހިވަމުންނެވެ. ރައްޔިތުންނަށް މިފަދަ ބޮޑެތި ނިންމުންތަކެއް ނިންމަން ލިބޭ ފުރުސަތުތަކަށް އަގެއް ކިޔައި ދޫކޮށްލުމަކީ ހެޔޮވާވަރުގެ ކަމެއް ހެއްޔެވެ؟

ނަމަވެސް ކުރާނޭ ކަމެއް ނެތެވެ. މަޖިލީހުގައި މިހާރު އޮތް މެޖޯރިޓީއަށް ބަލާއިރު، މި އިސްލާހު ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސަރުކާރު ހިންގާ ޕާޓީއަށް މި ބަދަލުން ލިބޭނެ ސިޔާސީ ފައިދާ ވަރަށް ސާފެވެ.

މިއަދު އަމިއްލަ ފައިދާއަށްޓަކައި ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށް، ބާރު މުށުތެރެއަށް ލުމުގެ ވަގުތީ އުފާ ލިބުނަސް، ދުރު މުސްތަގުބަލުގައި އޭގެ ނޭދެވޭ އަސަރު ކުރާނީ ހަމަ އެ ބަދަލު ގެނައި މީހުންނަށެވެ. ރައްޔިތުންގެ ބަސް ބުނުމުގެ ފުރުސަތުތައް މަދުކުރި ވަރަކަށް، ސިޔާސީ ނުތަނަވަސްކަން އިތުރުވެ، ނިޒާމުގެ ބޭރުން ހިތްހަމަނުޖެހުންތައް ފާޅުކުރުމަށް މަގުފަހިވެއެވެ. މަގުމަތީގެ ހަރަކާތްތަކާއި، އިޖުތިމާއީ ބޮޑެތި ހަމަނުޖެހުންތަކަކީ ގިނަ ފަހަރަށް ނިޒާމުގެ ތެރެއިން ޖަވާބުދާރީ ކުރުވުމުގެ ދޮރުތައް ބަންދުވުމުން ކުރިމަތިވާ ކަންކަމެވެ.

އިންތިހާބުތައް އެއްކުރުމަކީ ހަމައެކަނި "ޓެކްނިކަލް" ކަމެއްގެ ގޮތުގައި ދެއްކިޔަސް، މިއީ ހަގީގަތުގައި ޑިމޮކްރަސީގެ ނޭވާ ހިފަހައްޓާލުމެވެ. ދައުލަތުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި ރައްޔިތުންގެ ބާރުތައް ހަނިކުރުމަކީ ކުރިމަގުގައި ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ފަރުމާކުރާ މިފަދަ ނިޒާމުތަކުގެ ސަބަބުން، ވަކި ހިސާބަކުން ރައްޔިތުންގެ މާޔޫސްކަން އިތުރުވެ، މުޅި ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލިގެންދާނެކަން ކަށަވަރެވެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި ޑިމޮކްރަސީގެ އަސާސްތައް ގުރުބާންކޮށްގެން ނުވާނެއެވެ.

އަހަރުމެން ހަނދާން ބަހައްޓަންޖެހޭ ހަގީގަތަކީ، ޑިމޮކްރަސީގެ ރީތިކަމާއި އޭގެ ބާރަކީ އިދާރީ ފަސޭހަކަމެއް ނޫން ކަމެވެ. އެއީ ތަފާތު ހިޔާލުތަކަށް ޖާގަދިނުމާއި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ފުރުސަތުތައް ހަނިނުކޮށް ދެމެހެއްޓުމެވެ. މަޖިލީހާއި ސަރުކާރަކީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަކީ ހުދުމުހުތާރު ވެރިކަމެއްގެ ސިފައެކެވެ. ރައްޔިތުންގެ ބާރުވެރިކަން ކޮންމެ ފަސް އަހަރަކުން ދެ ފަހަރު އިމްތިހާނުކުރެވޭ ނިޒާމު ބަދަލުކޮށް، އެއްފަހަރާ ހުރިހާ ބާރެއް ދޭންޖެހޭ ގޮތަށް ހެދުމަކީ، ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ކުރިމަގު އަނދިރިކޮށްލުމެވެ.