ޗާގޯސް އަކީ ރާއްޖޭގެ ބަޔަކަށް ހެދުމުގެ ވާހަކަތައް، ރާއްޖެ އާއި ދުނިޔޭގެ މީޑިއާގައި ވަރަށް ގިނައިން ލިޔަމުންދާ ދުވަސްވަރެއްގައި، އަދި އިނގިރޭސި ވިލާތުގެ އެކްސްޕްރެސް ނޫހަށް މި މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބަސްދީގަތުމެއް ދެއްވައިފައި ވަނިކޮށް، އަނެއްކާވެސް ދުނިޔޭގެ އެހެން މަޖައްލާ އަކުން މިކަމުގައި ރައީސް މުއިއްޒާ މިވަނީ އިންޓަވިއު ކޮށްފައެވެ. މަޝްހޫރު ނިއުސްވީކްގެ 1 ފެބްރުއަރީގެ އަދަދަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އަށް ޗާގޯސް ލިބިއްޖެ ނަމަ، އެއްވެސް މެދުކެނޑުމެއް ނެތް ގޮތުގައި އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒު، ޗާގޯސްގެ ޑިއަގޯގާޝިއާގައި ހިންގަން ދޭން، ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ. ބޭރުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހެދޭނީ ރައްޔިތުންގެ މަޖުލީހުން ޤާނޫނު އަސާސީ އިސްލާހުކޮށްގެންނެވެ. އެފަދަ ބަދަލެއް ރައްޔިތުންގެ މަޖުލިސް މެދުވެރިކޮށް ގެނެވޭ ފަދަ މެޖޯރިޓީއެއް މަޖުލީހުގައި އެމަނިކުފާނުގެ ޕާޓީ އަށް އޮތް ކަމަށާއި، ރާއްޖެ އަށް ޗާގޯސް ލިބިއްޖެނަމަ، އެގޮތަށް ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން އެމެރިކާގެ އަސްކަރީ މަރުކަޒު ޑިއަގޯގާޝިއާގައި ހިންގޭނެ ގޮތަށް ހައްދަވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނިއުސްވީކަށް ވިދާޅުވިއެވެ.
ޗާގޯސް އަށް ކަޅިއަޅަމުންދާ ބޮޑެތި ޤައުމުތަކުގެ ތެރޭގައި މި ސަރަހައްދުގެ "ސުޕަރ-ޕަވަރ" އިންޑިއާ އާއި، ޗައިނާ، އެމެރިކާ، އަދި ރަޝިއާ ވެސް ހިމެނެއެވެ. އެހެން ކަމުން އެމެރިކާ އާއި އިގިރޭސިވިލާތާ އެކު ވާހަކަ ދައްކައިގެން، އ.ދގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ޗާގޯސްގެ މިލްކުވެރިކަން ކުޑަކުޑަ ދިވެހި ރާއްޖެ އިން ހޯދުމަކީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި، ދުނިޔޭގެ ޖިއޯ ޕޮލިޓިކްސްގެ ސީރިއަސް ސްޓޭކް ހޯލްޑަރަކަށް ދިވެހި ރާއްޖެ ވެގެންދާނެ މުހިއްމު ބަދަލަކަށް ވާނެއެވެ. ރާއްޖެ އަށް ޗާގޯސް ލިބެން އޮތީ މިފަދަ ޑީލެއްގެ ދަށުން ކަމުގައި ވާނަމަ އެގޮތަށް ޑީލެއް ހަދައިގެން ވެސް ދިވެހި ދައުލަތުގެ، އަދި ދިވެހި ރައްޔިތުންގެ ހައްޤު ހޯދަން ޖެހެއެވެ.
އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ "މޮޔަ" ނިންމުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިދާޅުވެފައި ވަނިކޮށް، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭ (ހައުސް އޮފް ލޯޑްސް) ގައި ޖަނަވަރީ 25 ވަނަ ދުވަހު އެކަމާ ގުޅޭ ބިލަށް ވޯޓެއް ނެގުމަށް ތާވަލްކޮށްފައި އޮތް އޮތުން ވަކި މުއްދަތެއް ނެތި ވަނީ ފަސްކޮށްފައެވެ. އެއާ އެކު، ރައީސް މުއިއްޒު، އިނގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި، ޗާގޯސް، ނުވަތަ ދިވެހީން ކިޔާ ގޮތުންނަމަ ފޯޅަވަހީގެ މިލްކުވެރިކަން ލިބުން އެންމެ ހައްޤީ ދިވެހި ރާއްޖެއަށް ކަމުގައި ވިދާޅުވިއެވެ. އިނގިރޭސި ޕާލިމެންޓުގެ މަތީގެއިން މިޑީލް ނިންމުމަށް ކުރަން އޮތް ބަހުސް ވަކި މުއްދަތެއް ނެތި ފަސް ކުރުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު މި ދިޔަ މަހުގެ 25 ވަނަ ދުވަހު ވިދާޅުވީ، ޗާގޯސް، މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނަގަން އޮތް ވޯޓު ފަސްކުރުމަކީ ރާއްޖެއަށް އެތަނާމެދު ދައުވާކުރަން ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ. އެއަށް ފަހު ފެނިގެން މިދިޔައީ ނިއުސްވީކްގެ 01 ފެބްރުއަރީގެ އަދަދަށް ރައީސް މުއިއްޒު ދެއްވި ބަސްދީގަތުމެއްގައި ޗާގޯސްގެ މިލްކުވެރިކަން ރާއްޖެ އަށް ހޯދުމަށް އެމެރިކާ އާއި އިނގިރޭސިވިލާތާ އެކު މަޝްވަރާ ކުރަން ދިވެހި ރާއްޖެ ތައްޔާރަށް އޮތް ކަމަށާއި، ދިވެހި ދައުލަތުގެ ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިއަސް، އެމެރިކާގެ އަސަކަރީ މަރުކަޒު ރާއްޖޭގެ ބައެއްގައި (ޗާގޯސްގައި) ހިންގޭނެ ގޮތަށް ހައްދަވަން ތައްޔާރަށް ހުންނެވި ކަމަށް މިވަނީ ވިދާޅުވެފައެވެ.

ޗާގޯސް އަކީ ހަތް އަތޮޅުގެ މައްޗަށް އެކުލެވޭ، 60 ރަށުގެ ބޮޑު ސަރަހައްދެކެވެ. އެއީ ބޮޑު ޤައުމެއް ފަދަ ސަރަހައްދެކެވެ. މި 60 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއަގޯގާޝިއާގެ ބޮޑު މިނުގައި 32 އަކަ ކިލޯމީޓަރު ހުރެއެވެ. އެ ތަނުގައި ދުނިޔޭގެ ފެންވަރުގެ ފައިނޭޝަލް ޑިސްޓްރިކްޓެއް ހަދައި، ވަރަށް ތަފާތު އިގްތިސޯދީ މަސައްކަތްތަކެއް ކުރެވޭނެއެވެ. ހަމައެކަނި ޑިއަގޯގާޝިއާގެ ކުލީގެ ގޮތުގައި ވެސް އެމެރިކާއިން ރާއްޖެ އަށް އެއިރުން ގާތްގަނޑަކަށް އަހަރަކު 120 މިލިއަން ޑޮލަރު ލިބޭނެއެވެ. އަދި އެތަނުގައި ކުރެވޭނެ އެހެން މަސައްކަތްތަކަށް ބަލާއިރު މި 120 މިލިއަން ޑޮލަރު އަދި މާބޮޑު އެއްޗަކަށް ނުވެސް ވާނެއެވެ. ޗާގޯސްގެ އިގްތިސޯދީ ޕޮޓެންޝިއަލް، ދިވެހިރާއްޖެ އަށް ހިތަށް ވެސް ތަސައްވަރު ނުކުރެވޭހާ ބޮޑެވެ.
އިތުބާރު ހުރި މަސްދަރަކުން ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް މިއަހަރުތެރޭ ދިވެހިރާއްޖެ އަށް ވަޑައިގަތުން އެކަށީގެންވެއެވެ. ޓްރަމްޕް އެފަދަ ޒިޔާރަތެއް ރާއްޖެ އަށް ކުރައްވައިފި ނަމަ، އެއީ ރާއްޖެ އަށް ޗާގޯސް ލިބުމުގެ މަގުގައި އެޅޭ މުހިއްމު ފިޔަވަޅަކަށް ވެގެން ދާނެއެވެ. ޒަމާނުއްސުރެ ދިވެހިން ބުނަމުން އަންނަނީ ދިވެހި ރާއްޖޭގެ އެންމެ ދެކުނު ޕޮއިންޓަކީ އައްޑު އަތޮޅު ގަން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެންމެ ދެކުނު ޕޮއިންޓަކީ ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޑިއަގޯގާޝިއާ އެވެ. ޗާގޯސް ހޯދުމުގައި ރައީސް މުއިއްޒު އިނގިރޭސިވިލާތް އަދި އެމެރިކާގެ ބޮޑެތި ބައެއް ނޫސްތަކަށް ބަސްދީގަތުން ދެއްވިއަސް، މީޑިއާގެ ހެޑްލައިނުން ބޭރުން، މިކަމުގައި ވަރުގަދަ ސްޓްރެޓެޖީއެއް ދިވެހި ރާއްޖެ އެކުލަވާލަން ޖެހެއެވެ.
ޗާގޯސް ދިވެހި ރާއްޖޭގެ ބަޔަކަށް ހެދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެއް ކަމުގައިވާ، ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރު އަޅުގަނޑާ ވާހަކަ ދައްކަވަމުން، ރޭ ވިދާޅުވީ ޗާގޯސް ހޯދުމަށް ދިވެހި ރާއްޖެ އިން އެންމެ ފުރަތަމަ ކުރަން ޖެހޭ ވަރަށް މުހިއްމު ތިން ކަމެއް އެބައޮތް ކަމަށެވެ.
މުނައްވަރު ވިދާޅުވި ފުރަތަމަ ކަމަކީ ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ދިވެހި ރާއްޖެއިން ޤަބޫލު ކުރާ ކަމަށް ވިދާޅުވެ، އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް، 22 އޮގަސްޓް 2022 ގައި، ފޮނުއްވި ސިޓީ އަކީ ބާތިލް އެއްޗެއް ކަމަށް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ފާސްކުރުމެވެ. މަޖިލީހުން މިފަދައިން އެ ސިޓީ ބާތިލް ނުކުރާހާ ހިދަކު ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާ ކުރަން ރާއްޖެ އަށް ފުރުސަތެއް ނުލިބޭނެއެވެ. އެހެންކަމުން ރައީސް ސޯލިހުގެ މި ސިޓީ، ވީ އެންމެ އަވަސް ގޮތެއްގައި ރައްޔިތުންގެ މަޖުލީހުން ބާތިލްކުރަން ޖެހެއެވެ.
މިގޮތުން ކުރަން ޖެހޭ ދެވަނަ ކަމެއްގެ ގޮތުގައި މުނައްވަރު ފާހަގަ ކުރެއްވީ ޗާގޯސް އަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަށް ރައްޔިތުންގެ މަޖުލީހުން ޤަރާރެއް ފާސްކޮށް، ޗާގޯސް އަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް އިއުލާން ކުރުމެވެ. ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް 2022 ވަނަ އަހަރު ފޮނުއްވި ސިޓީ ބާތިލްކޮށް، އަދި ޗާގޯސްގެ މިލްކުވެރިކަމަށް ދިވެހި ރާއްޖެއިން ރަސްމީކޮށް ދައުވާ ކުރުމަށްޓަކައި، މަޖުލީހުން ޗާގޯސް އަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަށް ކަނޑައަޅަން މުނައްވަރު ގޮވާލެއްވިއެވެ. "ހަމައެކަނި މީޑިއާގައި ވާހަކަ ދައްކައިގެން މިކަމެއް ނުވާނެ. އެންމެ ފުރަތަމަ މި ދެފިޔަވަޅު އަޅަން ޖެހޭ"، ޑރ. މުނައްވަރު ވިދާޅުވިއެވެ.

ތިން ވަނަ ކަމަކަށް މުނައްވަރު ވިދާޅުވީ ރާއްޖޭގެ މި ނިންމުން ޔުނައިޓެޑް ނޭޝަންސް ސްޕެޝަލް ކޮމިޓީ އޮން ޑީކޮލޮނައިޒޭޝަން އަށް އަވަސް ގޮތެއްގައި ހުށަހަޅަން ޖެހޭ ކަމަށެވެ. ޗާގޯސްގެ މައްސަލަ އަލުން ބަލަން އ.ދ އަށް ފެށޭނީ ރާއްޖެ އިން މި ތިން ފިޔަވަޅު އެޅުމުންނެވެ. އިނގިރޭސި ވިލާތާއި އެމެރިކާއާ އެކު މަޝްވަރާކޮށް، މަސައްކަތްތަކެއް ކުރަމުންދާ އިރުވެސް ރާއްޖޭގެ ރައްޔިތުންގެ މަޖުލީހާއި ހާރިޖީ ވުޒާރާ ގުޅިގެން، ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން މި ތިން ފިޔަވަޅު އަޅައި، އޭގެ ފަހުގައި މިކަމުގައި ޝާމިލްވާ ޤައުމުތަކާއި، އ.ދ އާއި މަޝްވަރާކޮށް، ފުރިހަމަ ސްޓްރެޓެޖީއަކާ އެކު މަސައްކަތް ކޮށްގެން ޗާގޯސް ހޯދޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
"ޗާގޯސް އަކީ އެއްވެސް ހައިސިއްޔަތަކުން މޮރިޝަސް އަށް ލިބެން ޖެހޭ ތަނެއް ނޫން. އެއީ ދިވެހި ރާއްޖޭގެ ބައެއް. މިއީ ދޫކޮށްލާވަރަށް ވުރެ ބިޔަ، އިގްތިސޯދީ ބޮޑު ސަރަހައްދެއް،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ފަދަ ދުނިޔޭގެ ކަނޑުތަކާ ބެހޭ ޤާނޫނީ މާހިރުން ދިވެހީންގެ ތެރޭގައި ތިބިއިރު އެފަދަ ބޭފުޅުންގެ އެހީއާ ވެސް އެކު، ރައީސް މުއިއްޒުގެ އިސްނެންގެވުމަށް، މަތީގައިވާ ތިން ފިޔަވަޅު އަޅައި، ޗާގޯސްގެ މިލްކުވެރިކަން، އޭގެ އެންމެ ހައްޤުވެރި ފަރާތް ކަމުގައިވާ ދިވެހި ރާއްޖެ އަށް ހޯދަން މަސައްކަތް ފަށަން ޖެހެއެވެ. މިއީ މި ކުޑަކުޑަ ދިވެހި ރާއްޖެއިން ދުނިޔޭގެ ސްޓޭޖްގައި ކުޅޭ އެންމެ ބޮޑު މެޗެވެ! ރާއްޖޭގެ ކުރިމަގު، އަދި އިންޑިއާ ކަނޑުގެ އަމާންކަމާއި ތަރައްޤީ ވެސް ގުޅިފައި ވަނީ ދިވެހި ރާއްޖެ މި މެޗުން މޮޅުވުމާ އެވެ. "މިއީ އަހަރުމެންގެ ފަހަރެވެ!"
