Support Us

ޕްރޮފެސަރެއްގެ ދެ އަހަރުގެ މަސައްކަތް ޗެޓްޖީޕީޓީން ފޮހެލުން: ދަރިވަރުންނަށް އިންޒާރެއް

ޖަރުމަނުގެ ޔުނިވަރސިޓީއެއްގެ ޕްރޮފެސަރަކު ދެ އަހަރު ދުވަސް ވަންދެން ކުރި ތައުލީމީ މަސައްކަތްތައް، ޗެޓްޖީޕީޓީގެ އެންމެ ސެޓިންއަކަށް ގެނައި ބަދަލަކުން އެކީގައި ފޮހެވިގެން ދިޔަ ހާދިސާއަކީ އޭއައި ވަސީލަތްތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބުނު ވަރުގަދަ އިންޒާރެކެވެ.

ޔުނިވަރސިޓީ އޮފް ކޯލޯންގައި ޕްލާންޓް ސައިންސް ކިޔަވައިދޭ ޕްރޮފެސަރ މާސެލް ބުޗަރ، ޗެޓްޖީޕީޓީ ޕްލަސް ކުރަމުން ގެންދިޔައީ އާންމު މީހުން އޭއައި ބޭނުންކުރާ އުސޫލަށް ވުރެން ފުޅާކޮށެވެ. ޗެޓްޖީޕީޓީ މެދުވެރިކޮށް، އޭނާގެ ދިރާސީ ކަރުދާސްތަކާއި، ލެކްޗަރުތަކާއި، އިމްތިހާނު ކަރުދާސްތަކުގެ އިތުރުން އޭނާ ހޯދަން އުޅޭ ގްރާންޓް ޕްރޮޕޯޒަލުގެ ހުރިހައި މުހިންމު މަސައްކަތްތަކެއް ރައްކާކުރަމުން ގެންދިޔައީ ޗެޓްޖީޕީޓީގައެވެ.

ނަމަވެސް، މިދިޔަ އަހަރު ޗެޓްޖީޕީޓީގެ ސެޓިންއަށް ގެނައި ބަދަލެއްގެ ސަބަބުން، އޭގައި އަމިއްލަ މައުލޫމާތު ހިއްސާކުރާ ޑޭޓާ ކޮންސެންޓު ސެޓިންގައި ޑޭޓާ އެހެން ފަރާތްތަކައި ހިއްސާކުރަން ބޭނުން ނޫންކަމަށް ބުނުމުން، އޭނާ ދެ އަހަރު ޗެޓްޖީޕީޓީ ބޭނުންކޮށްގެން ކޮށްފައިވާ މަސައްކަތް އެއްވެސް އިންޒާރަކާ ނުލައި ފޮހެލިއެވެ. އެވީ ކަންތަކުގެ ބޮޑުމިން ދެނެގަންނަން އޭނާއަށް ވަގުތުކޮޅެއް ނެގިއެވެ.

ޕްރޮފެސަރު ބުނިގޮތިގައި އެވަގުތު އޭނާގެ ހުރިހައި ޗެޓްތަކެއް ދާއިމީކޮށް ފޮހެވިގެން ދިޔަތަނާއި، ޕްރޮޖެކްޓު ފޯލްޑަރުތައް ހުސްވިތަން ފެނުނެވެ. އޭނާ ދެ އަހަރު ދުވަސްވަންދެން އިސްކަންދީގެން ތަރުތީބުކޮށްފައިވާ އެކަޑެމިކް މަސައްކަތްތައް ދާއިމީކޮށް ގެއްލުނީއެވެ.

އެންމެ ފުރަތަމަ އޭނާ ވިސްނީ އެއީ އޮޅުމެއް ކަމަށެވެ. ނަމަވެސް މައްސަލައިގެ ސީރިއަސްކަން ވިސްނުނީ، އަލުން ޗެޓްޖީޕީޓީ ފޮހެލާ ރިސެޓުކޮށްގެންވެސް އެ ފައިލުތައް ފެނޭތޯ ބަލައިގެން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވީމައެވެ. މިކަމުގައި ޗެޓްޖީޕީޓީ އުފެއްދި ކުންފުނި އޯޕަންއޭއައި އިން އެހީ ހޯދަން މަސައްކަތްކުރުމުން ޕްރައިވަސީ ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން މިގޮތަށް ފޮހެލައި އެއްވެސް ޑޭޓާއަކީ އަނބުރައި ހޯދޭނޭ އެއްޗެއް ނޫންކަމަށް ބުންޏެވެ.

މި ހާދިސާއަކީ މިހާރު ތައުލީމީ ދާއިރާ އަދި އެހެނިހެން ދާއިރާތަކުގައި އޭއައިއަށް ބަރޯސާވާ މީހުންނަށް ލިބުނު އިންޒާރެކެވެ.

އޭއައިއަށް ކަންކަމުގައި ބަރޯސާވާ މިންވަރު އެބަ ކުޑަކުރަން ޖެހެއެވެ. ލިޔުންތައް ތައްޔާރުކުރުމުގައި އޭއައިގެ އެހީތެރިކަން ހޯދި ނަމަވެސް އެއީ ފައިލް ރައްކާތެރިކުރާ ވަސީލަތަކަށް ހެދުމަކީ އެއްވެސް ގޮތަކަށް ބުއްދިވެރިކަމެއް ނޫނެވެ. އެސައިންމަންޓުތަކާއި ނޯޓުތަކާއި، ދިރާސާ މަސައްކަތްތައް އަމިއްލަ ކޮމްޕިޔުޓަރުގައި ނުވަތަ އިތުބާރުހުރި ކްލައުޑު ސްޓޯރޭޖެއްގައި ރައްކާކުރުމަކީ އެންމެ ބުއްދިވެރިގޮތެވެ.

މިފަދަ ޕްލެޓްފޯމުތަކުގެ ސެޓިންއަށް އަންނަ ބަދަލެއްގެ ސަބަބުން އެމީހެއްގެ އިހުތިޔާރު ޗެޓްޖީޕީޓީން ހަނދާން ނައްތައިލާ މައްސަލަތަކަކީވެސް ފެންމަތިވެފައިވާ މައްސަލަތަކެވެ. އެހެން ކަމުން ދަރިވަރުން ޗެޓްޖީޕީޓީ މެދުވެރިކޮށް ހަދާ އެސައިންމަންޓުތަކުގައި ބޭނުންކުރުމަށް ކަނޑައަޅައިފައިވާ މިންގަނޑުތައް ވެސް ހަނދާން ނައްތައިލާފާނޭކަން ވިސްނަން ޖެހެއެވެ.

އާޓިފިޝަލް އިންޓެލިޖަންސަކީ އޭގެ ޒާތުގައި ތިމާގެ އުފެއްދުންތެރިކަން އިތުރުކޮށްދޭ މޮޅު ވަސީލަތެއް ނަމަވެސް މިއީ އަދި ކުރިއަރަމުންދާ ޓެކްނޮލޮޖީއެއް ކަމާއި އޭތި އަދިވެސް އުޅެނީ އޭގެ ޅަފުރައިގައިކަން ވިސްނަން ޖެހެއެވެ. ތިމާގެ އަމިއްލަ މަސައްކަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ ހަމައެކަނި ތިމާގެ ޒިންމާއެއްކަން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *