ހަތަރު އުދަރެސް ވަށާ ބައްދާ ލަނިއްޔޭ
ކަތަކު މިކަމާއި މެދު ވިސްނާ ނެތިއްޔޭ
ދިމާ އުތުރުން ވިލާގަނޑު ނެގި ނުރައްކާ
ހިމާޔަތް ހޯދުމަށް އުދަނގޫ ވަނިއްޔޭ
ދެ ފަށް ދަނޑިލައި ނަގާ ބޯ މަތި ކުރާއިރު
ހިފަން ބަނދަރެއް ލޮލަށް ފެންނަން ނެތިއްޔޭ
އަލިން ވިދުވަރުގެ ހުރި،ލޯތައް މެރޭ އިރު
ތަލިން ކުޅު ހިކި ބިރުން ފިއް ކެނޑި ދަނިއްޔޭ
ޖަހާ ގުގުރީގެ އަޑު ދޭ ބާރު އިންޒާރު
އަހާލީމާ ދެ ކަންފަތް ބައް ވަނިއްޔޭ
ހިކުނު ދިޔަވަރު އަލުން ފޫދޭން ޖެހީމާ
އެ ކޮޅިގަނޑު އެހެރަގެން ރޫޅާ ލަނިއްޔޭ
ވަޔާ އެކު އަޑު ކިޔާފައި އައި ކެރީގައި
ހިޔާ ވާނޭ ހިޔާވައްސެއް ނެތިއްޔޭ
އަރާ ހުރި އިރު ދުވާލުގެ ދައުރު ހަމަކޮށް
ފަރާތަށް ހުޅަނގު ލެނބިގޮސް އޮއްސެނިއްޔޭ
އޮޔާ ރާޅުގެ ތެރޭ ރޭގަނޑުގެ އަދިރީ
ސިޔާޙަތު ހާދަހާ ބިރުވެރި ވަނިއްޔޭ
ކަލާކޯ އޭ މަގެއް ހަލި ދައްކަވާނދޭ
ސަލާމަތް އެދި މި ހިތްތައް ގިސްލަނިއްޔޭ