Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: އެސް.އީ.ޒެޑް- ރާއްޖެ އައު އުސްމިންތަކަކަށްތަ؟

ރާއްޖޭގައި އެސް.އީ.ޒެޑްތައް ގާއިމުކުރުމާ ގުޅޭ ހަރުދަނާ އޮނިގަނޑެއް އަލުން އެކުލަވައިލި ވާހަކަ އަކީ މި ހަފުތާގެ މައިގަނޑު އެއް ސުރުހީއެވެ. ސަރުކާރުން ނިންމި މި ނިންމުމުގެ ހައިބަތާ މެދު ފުންކޮށް ވިސްނައިލެވުނެވެ. "އެސް.އީ.ޒެޑް" މި ލަފުޒަކީ އާންމުން ދިރިއުޅުމުގައި ބޭނުންކޮށް އުޅޭ ލަފުޒަކަށް ނުވާތީ ކަންނޭނގެއެވެ. މިކަމުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް އަންނާނެ ބަދަލާއި އޭގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރާނެ ގޮތް ފުރަތަމަ ފެނުނީ ވަރަށް ދުރުކޮށެވެ. އަހަރެންނަށް މިހެން ހީވާނަމަ، އަހަރެން ފަދައިން މިފަދަ ބޮޑެތި އިގްތިސާދީ ކަންކަމާ މެދު ނުވިސްނާ މީހުންގެ ހާލަކަށް ވެސް ވާނީ މީކަމަށް އަހަރެންނަށް ވިސްނުނެވެ. ނަމަވެސް ހަގީގަތަކީ، މި ހަފުތާގައި މި ނިންމި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް އެތައް އަހަރަކަށް ދިވެހިރާއްޖޭގެ އިގްތިސާދަށާއި އާންމުންގެ ދިރިއުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެވެ. އެހެންކަމުން މިއީ އާންމުން ހޭލުންތެރިވާންޖެހޭ ކަމެއް ކަމުގައި އަހަރެންނަށް ފެނުނެވެ.

ފުރަތަމަ ބަލައިލަންޖެހެނީ މީގެ ފަހަތުގައިވާ އަސާސަށެވެ. އެންމެ ފުރަތަމަ ކަމަކަށް، އެސް.އީ.ޒެޑަކީ ކޮބައިހެއްޔެވެ؟ އެސް.އީ.ޒެޑް ނުވަތަ ހާއްސަ އިގްތިސާދީ ސަރަހައްދުތަކަކީ ގައުމެއްގެ އެހެން ސަރަހައްދުތަކާ ތަފާތު، ލުއި ފަސޭހަ ގަވާއިދުތަކެއްގެ ދަށުން ވިޔަފާރިކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ތަންތަނެވެ. މި ސަރަހައްދުތަކުގައި ކުރެވޭ ވިޔަފާރިތަކަށް ލިބޭ ލުއިފަސޭހަތަކުގެ ތެރޭގައި ޓެކްސް ލުއިކޮށްދިނުމާއި، ވިޔަފާރިކުރަން ބޭނުންވާ ހުއްދަތައް އަވަސްވުމާއި، ވިޔަފާރިއަށް ބޭނުންވާ އެކި ވަސީލަތްތަކުގެ އެހީތެރިކަން ހިމެނެއެވެ.

މިފަދަ ސަރަހައްދުތައް ގައުމެއްގައި އުފެއްދުމުގެ ބޭނުމަކީ، އެހެން ގައުމުތަކުން ބޮޑެތި އިންވެސްޓަރުން ގައުމަށް ޝައުގުވެރިކުރުވުމެވެ. މިއީ ގައުމެއްގެ ތަރައްގީއަށްޓަކައި އަޅައި އުޅޭ ފިޔަވަޅެކެވެ.

އައު އުސޫލުގެ ދަށުން، މި ފުރުސަތު ހުޅުވިފައިވަނީ ވަރަށް ބޮޑެތި މަޝްރޫއުތަކަށެވެ. އެގޮތުން ސްޓްރެޓީޖިކް ޕްރޮޖެކްޓްތަކުން މަދުވެގެން 100 މިލިއަން އެމެރިކާ ޑޮލަރު، އަދި ދެމެހެއްޓެނެވި ޓައުންޝިޕް ތަރައްގީތަކަށް 500 މިލިއަން ޑޮލަރު އިންވެސްޓުކުރާ ފަރާތްތަކަށެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން މި ސަރަހައްދުތަކުގައި އިންވެސްޓުކުރާ ގޮތަށް ހުޅުވައިލައިފައިވާ ދާއިރާތައް ވަރަށް ފުޅަލެވެ. މީގެ ތެރޭގައި ލޮޖިސްޓިކްސް، ބަނދަރު އަދި އެއާޕޯޓް ތަރައްގީކުރުން، އެކި ފާޑުގެ ދިރާސާކުރާ މަރުކަޒުތައް އެޅުން، ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތައް ގާއިމުކުރުން، އައި.ސީ.ޓީ ޕާކުތައް ހެދުން، އިއާދަކުރަނިވި ހަކަތަ ދިރާސާކުރުން، އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މަޝްރޫއުތަކުގެ އިތުރުން ތެލާއި ގޭސް ހޯދުން ފަދަ ކަންކަން ހިމެނެއެވެ.

ރާއްޖެ ފަދަ ބިމާއި، މަސައްކަތްތެރިންނާއި، ދައުލަތުގެ ވަސީލަތްތައް މަދު، ކުޑަ ގައުމެއްގައި ތަރައްގީކުރެވިދާނެ މުހިންމު ދާއިރާތަކަށް އިންވެސްޓަރުންގެ ސަމާލުކަން ގެންނަން މިއީ ރަނގަޅު ފުރުސަތެކެވެ. ގައުމުގައިވާ ހުރިހާ ރަށްތަކެއް ތަރައްގީކުރުމުގެ ބަދަލުގައި، ވަކި ސަރަހައްދުތަކެއްގެ އިންފްރާސްޓްރަކްޗަރެއް ބިނާކޮށް، އޭގެ ސަބަބުން އެ ސަރަހައްދުތަކުން ވަށާޖެހޭ އިގްތިސާދީ ކުރިއެރުންތަކެއް އައިސް ފުޅާވެގެން ދިޔުމުގެ ފުރުސަތު ބޮޑުވެއެވެ. ބޮޑެތި އިންވެސްޓަރުން މި ޒޯނުތަކުގައި ތަރައްގީކުރާ މެގަ ވިޔަފާރިތަކުގެ ސަބަބުން، މިފަދަ ބޮޑެތި އިންވެސްޓުމަންޓުތައް ކުރަން ނުކުޅެދޭ ކުދި މާކެޓުތަކަށްވެސް ފުރުސަތުތައް ހުޅުވި، ކުދި ވިޔަފާރިތައް ފުޅާވާން ޖާގަ ލިބެއެވެ. މީގެ އިތުރުން ރާއްޖޭގައި ކުރިން ނެތް އެތައް ސިނާއަތެއް އުފެދި، ރާއްޖޭގެ އުފެއްދުންތައް ދުނިޔޭގެ މާކެޓަށް ނެރުމަށް މަގުފަހިވެއެވެ.

މިހާ ގިނަ ސެކްޓަރތަކަކަށް މި ސަރަހައްދުތައް ހުޅުވައިލުމުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ރާއްޖެ ވޭތުވެދިޔަ އަހަރުތަކުގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިންވަރު ކުޑަކޮށް، އައު ސިނާއަތްތަކަށް ޖާގަދޭ މަގުޗާޓަކަށް ތަންދިނުމެވެ. ކޮވިޑް-19 ގެ ބިރުވެރިކަމުން ލިބުނު އެންމެ އަގުހުރި ފިލާވަޅަކީ، ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ނުރައްކަލެވެ. ދުނިޔެއަށް އަންނަ ލޮޅުންތަކާއި، ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިން އައުން ހުއްޓިއްޖެނަމަ، މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރު އަބަދުވެސް ކުރެއެވެ.

އެސް.އީ.ޒެޑްގެ ސަބަބުން ރާއްޖޭގައި ލޮޖިސްޓިކްސް ހަބުތައް އަޅައި، ޑިޖިޓަލް ހިދުމަތް ދެވެން ފެށި، ތައުލީމާއި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ފަށަން އިންވެސްޓަރުން ޝައުގުވެރިވާން ފެށުމުން، ރާއްޖޭގެ އިގްތިސާދީ ދާއިރާ ފުޅާވެގެންދާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. މީގެ ސަބަބުން އެތައް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާތަން ސިފަވެގެން ދެއެވެ. ކަރުދާހުގައި މިއީ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ކުރެވިފައިވާ ކަމަކަށް ވީނަމަވެސް، މީގެ ފަހަތުގައިވަނީ ދިގު މުއްދަތެއްގައި ގައުމަށާއި ރައްޔިތުންނަށް ކުރާނެ ފައިދާއެވެ. މިކަމުގެ ސަބަބުން ފެށޭނެ ކަންކަމުގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން އެތައް ގުނައަކަށް ފުޅާވެގެންދާނެކަން ކަށަވަރެވެ. އެސް.އީ.ޒެޑްގެ ސަބަބުން ފެނިގެން ދަނީ ރީތި މަންޒަރެކެވެ. ހަގީގަތަކަށް ވެގެން ދަނީ އެތައްބަޔެއްގެ ހުވަފެންތަކެވެ.

ކަން މިހެން އޮތް ނަމަވެސް، ގައުމުގެ ތަރައްގީއަށްޓަކައި ނިންމާ މިފަދަ ބޮޑެތި ސިޔާސަތުތަކުގެ ފުރަގަހުގައި އަލިއަޅުވައިނުލެވި ހުންނަ ކުދި ތަފްސީލުތައް އެނގުމަކީ މުހިންމު ކަމެކެވެ. އާންމުންގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކަށް ވާނީ، މިކަމުގައި އާންމުންނަށް އަމަލީ ގޮތުން ބައިވެރިވެވޭނީ ކޮން ހައިސިއްޔަތަކުންތޯއެވެ. މި ސަރަހައްދުތަކުގައި ކުރެވޭ އިންވެސްޓްމަންޓްގެ މިންގަނޑު މިލިއަނުން ހުރުމުން، މިއީ ބޭރުގެ ބޮޑެތި ކުންފުނިތަކަށް އަމާޒުކޮށްގެން ކަނޑައަޅާފައިވާ ގަރާރެއްކަން އެނގެއެވެ. ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ސަރަހައްދުތަކުގައި ސީދާ އިންވެސްޓްކުރުމަކީ ދަތި ކަމަކަށް ވާނެއެވެ. އެމީހުންގެ ދައުރަކަށް ވެފައި އޮންނާނީ ބޮޑެތި އިންވެސްޓްމަންޓުތަކަށް ސަބް-ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުން ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިއީ މިހާރުވެސް ރާއްޖޭގައި ކަންތައް ހިނގާ އުސޫލެވެ. އޭގެ ޒާތުގައި މިއީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް، މިގޮތަށް މިކަން އޮތުމުގެ ސަބަބުން މި ޒޯނުތަކުގައި ކުރެވޭ ވިޔަފާރިތަކަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކަށް ނުވެ، ހަމައެކަނި ބޭރުގެ ކެޕިޓަލް ދައުރުވާ ވަކި "ޖަޒީރާތަކަކަށް" ވެދާނެތޯ ސުވާލު އުފެދެއެވެ. ގައުމަށް އިންވެސްޓުމަންޓު ގެނައުމުގެ ބޭނުމުގައި މިފަދަ ނިންމުންތައް ނިންމާފައިވާ އެހެން ގައުމުތަކުގައި، މިފަދަ ސަރަހައްދުތަކުން ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް، އޭގެ ފައިދާ އެ ގައުމެއްގެ އަމިއްލަ ވިޔަފާރިވެރިންނަށް ކުރާ މިންވަރު ކުޑަކަން ފާހަގަކުރެވިފައިވެއެވެ.

ދެން އޮތީ މިކަމުގެ ސަބަބުން އުފެދޭނޭ ކަމަށް ލަފާކުރާ ވަޒީފާތަކުގެ މައްސަލައެވެ. މިހާރުވެސް ރާއްޖޭގައި ކަންތައްވާ އުސޫލަކީ ބޮޑެތި މަޝްރޫއުތަކުގެ މަތީ ފަންތީގެ ވަޒީފާތައް ބޭރު މީހުންނަށް ދޭ އުސޫލެވެ. މިކަމުން އުފެދޭނޭ އާ ސެކްޓަރުތަކުގައި އިސް ރޯލުތައް ފުރާނެ ތަމްރީނާއި ތައުލީމެއް ދިވެހިންނަށް ފޯރުކޮށްދެވިފައެއް ނުވެއެވެ. މިހާރުވެސް ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ވަޒީފާތަކުގައި ތިބީ ބޭރު މީހުންނެވެ. އެހެންކަމުން މި ޑިވެލޮޕްމަންޓުތަކުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ބުންޏަސް، މިހާރު ކަންތައްވަމުންދާ ގޮތާއި އެކަމަށް ހައްލެއް ގެންނަން ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުން، ދެންވެސް ކަންތައް ވެގެންދާނީ ހަމަ އެއްގޮތަކަށޭ ވިސްނެއެވެ. އެހެންކަމުން މިފަދަ މަޝްރޫއުތަކަށް ދައުވަތު ހުޅުވައިލާއިރު، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކަނޑައަޅައި، އެކަން މިހާރުން މިހާރަށް ކުރަންޖެހެއެވެ.

މި ގަރާރުގައިވާ ތިމާވެށީގެ ކަންކަމަކީވެސް އަލިއަޅުވައިލަންޖެހޭ މައުލޫއެކެވެ. "ދެމެހެއްޓެނިވި ޓައުންޝިޕް" ތަކުގެ ވާހަކަ ދައްކާއިރު، އޭގައި ތެލާއި ގޭސް ހޯދުމުގެ ވާހަކަވެސް އެބައޮތެވެ. މިއީ އިގްތިސާދީ ގޮތުން ފޮނި އުންމީދުތަކެއް އާލާވާ ކަމެއް ނަމަވެސް، މިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަނެވިފައި އޮތުން މުހިންމެވެ. ރާއްޖޭގެ ރިސޯޓުތައް ހެދުމަށް ބިންހިއްކައި ފަޅުތަކަށާއި ފަރުތަކަށް ކޮށްފައިވާ ގެއްލުންތައް ބައިވަރެވެ. ރާއްޖެ ފަދަ ނާޒުކު ގައުމަކަށް ކުރިމަތިލާންޖެހިދާނެ ނުރައްކާތެރި ހާލަތްތަކަށް ނުވިސްނައި، ހަމައެކަނި އިގްތިސާދީ ފައިދާއަށްޓަކައި މިފަދަ ފިޔަވަޅު އަޅާނަމަ، ދިގު މުއްދަތެއްގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. ތިމާވެށި ނައްތައިލައިގެން ގެންނަ ތަރައްގީއަކީ ހަގީގީ ތަރައްގީއެއް ނޫނެވެ.

އެސް.އީ.ޒެޑް ގަރާރުގައިވާ ގޮތަށް ކަންކަން ތަންފީޒުކުރުމަށް ހެދޭ ނިޒާމެއްގައި ދެފުށް ފެންނާނީ ކިހާވަރަކަށްތޯ ބެލުމަކީ މުހިންމުކަމެކެވެ. އެސް.އީ.ޒެޑްތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކާއި ގަވާއިދުތަކަށް ލުއިތަކެއް ދެވިފައިވާއިރު، މިކަން ވެރިންގެ ޖީބަށް ފައިސާ ނުވަންނަ ގޮތަށް ކުރެވިދާނެ ބާވައެވެ؟ މިހާރުވެސް ރާއްޖޭގައި އިންވެސްޓުކުރަން އަންނަ މީހުންނަށް، ވެރިންނަށް "ކަޓެއް" ނޯންނަ ގޮތަށް އެއްވެސް ކަމެއް ނުކުރެވޭ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ގައުމަކަށް ހެޔޮނިޔަތުގައި އިންވެސްޓުކުރަން އަންނަ މީހުންވެސް ބޭނުންވާނީ ހީލަތުން އެއްކިބައިވެފައިވާ އިތުބާރުހުރި ނިޒާމެކެވެ. މޭޒުދަށުން ފައިސާ ދައްކައިގެން ކަންކަން ހަމަޖެހޭ ނިޒާމަކުން ދައްކުވައިދެނީ ގައުމުގައި ފެތުރިފައިވާ ނާތަހުޒީބު ކަމެވެ.

ހަމައެއާއެކު، ރައްޔިތުންވެސް ބޭނުންވަނީ ދައުލަތުގެ ބިމާއި ވަސީލަތްތައް ބޭނުންކުރެވެނީ އެންމެ ފައިދާހުރި ގޮތުގައިކަން ޔަގީންކުރުމަށެވެ. ބިން ކުއްޔަށް ދިނުމާއި، ޓެކްސް އިނާޔަތްތަކާއި، ތިމާވެށީގެ މިންގަނޑުތަކަށް އަމަލުކުރާ ގޮތް ހާމަކުރުމަކީ މިފަދަ މަޝްރޫއުތަކަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމެކެވެ. ނަމަވެސް މިހާރު ރާއްޖޭގައި މިއޮތް ދެފުށް ނުފެންނަ ސިޔާސަތުތަކުގެ ސަބަބުން މިއީ ކަންވާނެ ގޮތެއް ކަމަކަށް ނުފެނެއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، މޮރިޝަސް ފަދަ ގައުމުތަކުން ވަނީ އެސް.އީ.ޒެޑް މެދުވެރިކޮށް ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެ ގައުމުގެ ކާމިޔާބީގެ ސިއްރަކީ އެސް.އީ.ޒެޑްތަކަކީ ގައުމާ ވަކިވެފައި އޮންނަ ސަރަހައްދުތަކެއްގެ ގޮތުގައި ނުބަލައި، އެއީ މުޅި ގައުމުގެ ތަރައްގީގެ ޕްލޭންގެ ބައެއްގެ ގޮތުގައި ހެދުމެވެ. ހަމައެއާއެކު، ސްރިލަންކާ ކަހަލަ ބައެއް ގައުމުތަކުގައި މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދަރަނި ބޮޑުވެ، މިފަދަ ސަރަހައްދުތަކުގެ ކޮންޓްރޯލް ގެއްލި، އާންމުންގެ ނުރުހުން އަމާޒުވެފައިވެސް އެބަހުއްޓެވެ. މިއިން އެނގެނީ އެސް.އީ.ޒެޑްތައް އެކުލަވައިލުމަކީ އޭގެ އަމިއްލަ ޒާތުގައި ރަނގަޅު ނުވަތަ ގޯސް އެއްޗެއް ނޫން ކަމެވެ. ވިސްނުންތެރިކަމާއި އިހުލާސްތެރިކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ މިއީ ފައިދާ ބޮޑު ކަމެކެވެ. ދޯދިޔާވެއްޖެނަމަ މިއީ ބޮޑު ގެއްލުމެކެވެ.

އެސް.އީ.ޒެޑް ގަރާރުގެ ކާމިޔާބީ ބިނާވެފައި އޮތީ ހަރުދަނާ މުއައްސަސާތަކަކުން އެކުލަވައިލާ މަގުޗާޓުގެ މައްޗަށެވެ. އަދި މިކަމުގެ ސަބަބުން މުޅި ގައުމުގެ ތަރައްގީއަށް ފައިދާކުރާނެ ގޮތަށް މި ތަންތަން ބެލެހެއްޓި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދިވެހިންގެ ހުނަރުވެރިކަން އިތުރުކުރުމަށް ކުރެވޭ ބޮޑެތި މަސައްކަތްތަކެއްގެ މައްޗަށެވެ. މިކަންކަން ފުރިހަމަނުވެ އެސް.އީ.ޒެޑްތައް ވެގެންދާނީ ހަމައެކަނި ކަރުދާހެއްގައި އަޅައިލި ސުރުހީއަކަށެވެ. ނަމަވެސް މިކަންކަން ފުރިހަމަވެއްޖެނަމަ، މިއީ ގައުމުގެ އިގްތިސާދުގެ އައު ބާބެއްގެ ފެށުމަކަށް ވެދާނެއެވެ.