Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރާއްޖޭގެ ކުރިމަގު ގުޅިފައި އޮތީ ޗާގޯސްގެ ޑީލާ އެވެ.

އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ "މޮޔަ" ނިންމުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މި ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ވިދާޅުވުމަކީ ސިޔާސީ ބޮމެކެވެ. ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދޭން އިނގިރޭސި ސަރުކާރުން ނިންމުމަށް ފަހު، ޗާގޯސް މޮރިޝަސް އާ ހަވާލުކުރުމުގެ ފަހު މަރުހަލާގެ ތެރެއިން، އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލިހުގެ މަތިގޭ (ހައުސް އޮފް ލޯޑްސް)ގައި ޖަނަވަރީ 25 ވަނަ ދުވަހު އެކަމާ ގުޅޭ ބިލަށް ވޯޓެއް ނެގުމަށް ތާވަލް ކޮށްފައި އޮއްވައި، ޓްރަމްޕް މި ވައްޓާލެއްވި ސިޔާސީ ބޮމާއެކު، ހައުސް އޮފް ލޯޑްސްގައި މި ބިލާ މެދު ކުރަން އޮތް ބަހުސް، ވަކި މުއްދަތެއް ނެތި ވަނީ ފަސްކޮށްފައެވެ. މިބިލަށް ބަހުސް ކުރުން ފަސްކުރީ، ދުނިޔޭގެ ޖިއޮޕޮލިޓިކަލް ކަންތައްތައް ބަދަލުވަމުންދާ ކަމަށް ބުނެ އެކަމާ ގުޅުވައި މި ބަހުސް މި ވަގުތަށް މަޑުޖައްސާލުމަށް، އިނގިރޭސި އިދިކޮޅު ކޮންސަވޭޓިވް ޕާޓީން ޕާލިމެންޓަށް އިސްލާހެއް ހުށަހެޅުމުންނެވެ.

އިނގިރޭސިވިލާތުން މޮރިޝަސްއަށް ފޯޅަވަހި ދިނުމާ މެދު ގެންގުޅޭ ސިޔާސަތަށް ބަދަލު އަތުވެދާނެ!

މޮރިޝަސް އަށް ޗާގޮސް ނުދިނުމަށް ރައީސް ޓްރަމްޕް ގޮވާލެއްވިތާ އެއް ދުވަސް ފަހުން ރާއްޖޭގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު، އިގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި، ޗާގޯސް، ނުވަތަ ދިވެހީން ކިޔާ ގޮތުންނަމަ ފޯޅަވަހީގެ މިލްކުވެރިކަން ލިބުން އެންމެ ހައްޤީ ދިވެހި ރާއްޖެއަށް ކަމުގައި ވިދާޅުވުމަކީ އިއްތިފާގެއް ނޫނެވެ. އޭގެ ހަތަރު ދުވަސް ފަހުން އިނގިރޭސި ޕާލިމެންޓުގެ މަތީގެ (ހައުސް އޮފް ލޯޑްސް) އިން މި ޑީލް ނިންމުމަށް ކުރަން އޮތް ބަހުސް މިވަނީ ވަކި މުއްދަތެއް ނެތި ފަސްކޮށްފައެވެ. މި ބަހުސް ފަސްކުރުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު މިމަހުގެ 25 ވަނަ ދުވަހު ވިދާޅުވީ، ޗާގޯސް، މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނަގަން އޮތް ވޯޓު ފަސްކުރުމަކީ ރާއްޖެއަށް އެތަނާމެދު ދައުވާކުރަން ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ. އަނެއްކާވެސް އިތުރު އިއްތިފާގެކެވެ! ޓްރަމްޕް މި ވިދާޅުވި ވިދާޅުވުމާ އެކު، އިނގިރޭސި ވިލާތުން މި މައްސަލައިގައި ގޮތެއް ނިންމުން ފަސްކުރުމަކީ، އިނގިރޭސިވިލާތުން މޮރިޝަސްއަށް ފޯޅަވަހި ދިނުމާ މެދު ގެންގުޅޭ ސިޔާސަތަށް ބަދަލު އަތުވެދާނެ ފަދަ ކަމެއްކަމަށް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފޯޅަވަހީގެ މިލްކުވެރިކަން ލިބުން އެންމެ ހައްޤީ ދިވެހި ރާއްޖެއަށް

ފޯޅަވަހީގެ މިލްކުވެރިކަން ލިބުން އެންމެ ހައްޤީ ދިވެހި ރާއްޖެއަށް ކަމުގައި ރައީސް މުއިއްޒު ވިދާޅުވިތާ ހައެއްކަ ދުވަސް ފަހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފޯޅަވަހީގެ މިލްކުވެރިކަމާ މެދު ރާއްޖޭން ކުރާ ދައުވާ، މޮރިޝަސްގެ ދައުވާ އަށް ވުރެ މާވަރުގަދަ ކަމަށެވެ. އެއީ ފޯޅަވެއްސާއި ރާއްޖެއާ ދެމެދު ތާރީހީ ބޮޑު ގުޅުމެއް އޮތުމުންނާއި، ދިވެހި ބަސް ފޯޅަވަހީގެ އިހުގެ މަހާނަގާތަކުން ފެނިފައިވާތީ އާއި، 16 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ލިޔުންތަކުގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށްފައި ވުމާއި، ރާއްޖެ އާއި އެ ސަރަހައްދާ ދެމެދު ޖިއޮގްރަފީގެ ގޮތުން އޮތް ގާތްކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރާއްޖެ އިސްނަގައިގެން އެމެރިކާ އާއި އިގިރޭސި ވިލާތާ އެކު ޑީލެއް ހެދުން

ދުނިޔޭގެ ޖިއޯޕޮލިޓިކްސް އަށް އަންނަމުން މިދާ ބަދަލުތަކުގެ ތެރެއިން، ޗާގޯސް ލިބެންޖެހެނީ މޮރިޝަސް އަށް ނޫންކަމަށް އެމެރިކާއިން ބުނާ މިވަގުތުގައި، ދިވެހި ސަރުކާރުން މިކަމުގައި އިސްނަގައި އެމެރިކާ އާއި އިނގިރޭސި ވިލާތާ އެކު ވަރުގަދަ މަޝްވަރާތަކެއް ކޮށް، ވަރުގަދަ ޑީލެއް ހަދަން އިސްނަގަން ޖެހެއެވެ. މޮރިޝަސް އަށް ޗާގޯސް ލިބުނު ނަމަ މޮރިޝަސް އިން ރާވައިފައި އޮތީ ޗާގޯސްގެ ބޮޑު އެއް ރަށް ކަމުގައިވާ ޑިއެގޯ ގާޝިއާ، 99 އަހަރަށް، އަހަރަކު 120 މިލިއަން ޑޮލަރަށް އެމެރިކާ އަށް ކުއްޔަށް ދޭގޮތަށެވެ. ދިވެހި ރާއްޖެއިން ޖެހެނީ، ރާއްޖެ އަށް ޗާގޯސް ލިބިއްޖެ ނަމަ ޑިއެގޯ ގާޝިއާ، އެމެރިކާ އަށް 200 އަހަރަށް ކުއްޔަށް ދޭން ހުށަހެޅިދާނެއެވެ. އަދި، އެމެރިކާއާ އެކު ސޯފާ އެގްރީމެންޓުގައި ސޮއިކޮށް، ޗާގޯސްގެ މިލްކުވެރިކަން ދިވެހި ރާއްޖެއަށް ހޯދަން މިވަނީ ވަރަށް މުހިއްމު ފުރުސަތެއް ލިބިފައެވެ.

ދިވެހި ރާއްޖެ އަށް ޗާގޯސް، އިންޑިއާ ކަނޑުގެ ރަސްކަން އެމެރިކާ އަށް!

އެމެރިކާ އާއި ޔޫރަޕްގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާއިރު، މޮރިޝަސް އަށް ޗާގޯސް ލިބުމަށް ވުރެ ދިވެހި ރާއްޖެ އަށް ޗާގޯސް ލިބުން، އެމެރިކާ އާއި ޔޫރަޕަށް މާ ފައިދާ ބޮޑުވާނެއެވެ. ސަބަބަކީ ދިވެހި ރާއްޖެ އަކީ މުޅި އިންޑިއާ ކަނޑުގެ މެދުގައި ދަމާލާފައި އޮތް ބިޔަ ބޮޑު ސަރަހައްދަކަށް ވާތީ އެވެ. އިންޑިއާ ކަނޑަކީ ހަޤީގަތުގައި އިންޑިއަން އޯޝަން އަށް ވުރެ ބޮޑަށް "މޯލްޑިވްސް އޯޝަން" އެވެ! ދިވެހި ރާއްޖެ އާ ގުޅިގެން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުން އެމެރިކާ އާއި ޔޫރަޕާއި މުޅި ދުނިޔެއަށް ވެސް މާ ރަނގަޅުވާނެއެވެ. ދިވެހި ރާއްޖެ އަކީ މޮރިޝަސް އަށް ވުރެ ބޮޑަށް އިންޑިއާ ކަނޑުގެ މެދުގައި ފަތުރުރާލެވިފައިވާ ބޮޑު ފާރަކަށް ވާތީއެވެ. ދިވެހި ރާއްޖޭގެ ބަޔަކަށް ޗާގޯސް އާއި ޑިއެގޯ ޤާޝިއާ ވުމުން، އެމެރިކާގެ މިލިޓަރީ ބޭސް އޮންނާނީ ދިވެހި ރާއްޖޭގަ އެވެ. އެއިރުން މުޅި އިންޑިއާ ކަނޑުގެ ރަސްކަން އެމެރިކާ އަށް ލިބޭނެއެވެ. މި ސަބަބަށް ޓަކައި ޗާގޯސް ވާން ޖެހެނީ ރާއްޖޭގެ ބަޔަކަށެވެ.

"އިންޑިއާ ކަނޑުގެ ހަވާއީ"ގެ ގޮތުގައި މޯލްޑިވްސް-ޗާގޯސް ސަރަހައްދުގެ ފަތުރެވުރިކަން މާކެޓް ކުރުން!

ރާއްޖެ އަށް ޗާގޯސް ލިބިއްޖެ ނަމަ، ޗާގޯސްގެ ރަށް ތަކުގައި މުޅީން ތަފާތު ފަތުރިވެރިކަމަކާއި، މުޅިން ތަފާތު އިގްތިސޯދީ ސިނާއަތެއް ބިނާކޮށް، ދިވެހި ރާއްޖެ، އިގްތިސޯދީ ގޮތުން އެހެން ހަރުފަތަކަށް ގެންދެވޭނެއެވެ. ޗާގޯސްގެ ރަށްތައް ދިވެހި ދައުލަތަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި، ބައިނަލްއަޤްވާމީ ވަރުގަދަ މާލީ ސެންޓަރެއް (ފައިނޭންޝަލް ޑިސްޓްރިކްޓެއް) ޤާއިމްކޮށް، ހާއްސަކޮށް އެމެރިކާގެ ފަތުރުވެރިންނަށް ޓާގެޓް ކޮށްގެން، "އިންޑިއާ ކަނޑުގެ ހަވާއީ"ގެ ގޮތުގައި އެ ސަރަހައްދުގެ ފަތުރުވެރިކަން މާކެޓް ކުރެވިދާނެއެވެ.

މޯލްޑިވްސް ފައިނޭޝަލް ޑިސްޓްރިކްޓްގެ މަރުކަޒުގެ ގޮތުގައި ޗާގޯސް

ރާއްޖޭގައި ހާއްސަ ފައިނޭންޝަލް ޑިސްޓްރިކްޓެއް، ޗާގޯސް ސަރަހައްދުގައި ޤާއިމްކޮށް، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ހޮންކޮންގް، ސިންގަޕޫރު، ޤަތަރު، ދުބާއި، އަދި ލަންޑަންގެ ފައިނޭޝަން ސެންޓަރުތައް ފަދަ ވަރުގަދަ ފައިނޭންޝަލް ސެންޓަރަކަށް އެތަން ހެދިދާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް އިންޑިއާގެ ބިޔަ މާކެޓާއި ބިޔަ އިގްތިސޯދު ދިވެހި ރާއްޖެއާ މިހާ ކައިރީގައި އޮތުމުގެ ފައިދާ ނަގައި، ދުނިޔޭގެ އިރުމަތީގައިވާ ޖަޕާނާއި ޗައިނާއިން ފެށިގެން ގޮސް ޔޫރަޕާއި އެމެރިކާ އާ ދެމެދު ގުޅުވައިދޭ، "ދުވަހަކު ވެސް ނުނިދާ" ފައިނޭންޝަލް ހަބްގެ ގޮތުގައި ދިވެހި ރާއްޖޭގެ ޗާގޯސްގައި މިފަދަ ފައިނޭޝަލް ޑިސްޓްރިކްޓެއް ހެދިދާނެއެވެ.

މާލޭ ކައިރީގައިވާ ފުނަދޫއާއި ހުޅުލޭ އެއާޕޯޓް ބްރިޖަކުން ގުޅާލައި، އެ ސަރަހައްދުގައި ވަރުގަދަ ބައިނަލްއަޤްވާމީ ފައިނޭޝަލް ޑިސްޓްރިކްޓެއް ހެދުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް މިވަގުތު ކުރިއަށްދާ ކަމަށް އެނގޭކަށް ނެތެވެ. ސްރީލަންކާގެ ޕޯޓް ސިޓީގައި ފައިނޭޝަލް ޑިސްޓްރިކްޓެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. ބޮޑު ވަޒީރު މޯދީގެ "ޕެޓް" ޕްރޮޖެކްޓެއްގެ ގޮތުގައި، އިންޑިއާގެ ގުޖްރާތުގައި "ގުޖްރާތު އިންޓަރނޭޝަނަލް ފައިނޭންސް ޓެކް ސިޓީ (ގިފްޓް ސިޓީ) ގެ މަސައްކަތް 2010 ގައި ފަށައި، 2030 ވަނަ އަހަރު މުޅިން ނިންމުމަށް އަމާޒު ހިފައިފައިވާ އިރު، ރާއްޖެއިން ހަދަން މަސައްކަތް ކުރާ ފައިނޭންޝަލް ޑިސޓްރިކްޓް ފިނިހަކަ ދުވެލީގައި ކުރިއަށް ދިއުމުން މި ސަރަހައްދުގެ އިގްތިސޯދީ ފައިދާ ނަގަން ރާއްޖެއަށް ފަހުން އުނދަގޫ ވާނެއެވެ.

ފައިނޭންޝަލް ޑިސްޓްރިކްޓެއް ގާއިމް ކުރުމުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޤައުމުން ކޮރަޕްޝަން ނައްތާލައި، ޤާބިލް، ތެދުވެރި މީހުންނަށް މަޤާމްތައް ދީ، މުއައްސަސާތައް މިނިވަންކޮށް، ދެފުށް ފެންނަ ޤާނޫނުތަކާއި ޤަވާއިދުތައް ހެދުމެވެ. މިފަދަ ޑިސްޓްރިކްޓެއް ހިންގުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާނީ އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، މީރާ އަދި ސެންޓްރަލް ބޭންކް އެމް.އެމް.އޭ އެވެ. މި ހަތަރު މުއައްސަސާ ހިންގަން ތިބެން ޖެހެނީ އެ ދާއިރާއިން މަތީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ، ތެދުވެރި، ކޮރަޕްޓް ނޫން މީހުންނެވެ. ރިސޯޓެއްގެ މެނޭޖަރުކަން، ނުވަތަ އިންޑިއާ މީހަކާ އެކު ވިޔަފާރިއެއް ކޮށްލުމަކީ އިކޮނޮމިކް މިނިސްޓްރީ ނުވަތަ ފިނޭންސް ނުވަތަ އެމް.އެމް.އޭ ނުވަތަ މީރާ ހިންގަން ޝަރުތު ހަމަވުމެއް ނޫނެވެ.

މި ހަތަރު މުއައްސަސާގެ އިތުރުން ދުނިޔޭގެ ބޮޑެތި ކޮމާޝަލް ބޭންކްތައް، އިންވެސްޓްމެންޓް ބޭންކް، އެސެޓް މެނޭޖެމްންޓް ފާމްތައް، ބައިނަލްއަޤްވާމީ އިންޝުއަރެންސް ފާމްތައް، ރީއިންޝުއަރެންސް ފާމްތައް، ޕެންޝަން ފަންޑުތައް، ސޮވެރިން ވެލްތު ފަންޑް، ސްޓޮކް އެކްސްޗޭންޖް ނުވަތަ ބޮންޑް މާކެޓް، މާލީ މުއާމަލާތްތައް ފައިނަލް ކޮށްދޭ ކްލިއަރެންސް އެންޑް ސެޓުލްމެންޓް ހައުސް، އަދި ކްރެޑިޓް ރޭޓިން އެޖެންސީ ފަދަ މުއައްސަސާތައް ރާއްޖެއަށް ގެންނަން ޖެހެއެވެ. މީގެ އިތުރުން ކޮރަޕްޝަނެއް ނެތި ފައިނޭޝަލް ރެގިއުލޭޓް ކުރުމަށްޓަކައި ވަރުގަދަ ރެގިއުލޭޓަރީ އޮފީހަކާއި، ކޮމާޝަލް (ވިޔަފާރި) ކޯޓާއި، ބައިނަލްއަޤްވާމީ ލޯ ފާމް (ޤާނޫނީ އޮފިސްތައް) އަދި ބައިނަލްއަޤްވާމީ އެކައުންޓިން ފާމްތަކާއި، މާލީ ދާއިރާގެ ފަހުގެ ޓެކްނޮލޮޖީއާ އެކު ފިންޓެކް ކޮމްޕެނީ ތަކާއި، ވެންޗާ ކެޕިޓަލް، އެކިއުޓީ ފާމްތަކާއި ޑިޖިޓަލް އެސެޓް ޕްލެޓްފޯމް ތަކާއި، ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތައް ވެސް އަންނަން ޖެހެއެވެ.

މިވަރުގެ ބޮޑު ފައިނޭންޝަލް ޑިސްޓްރިކްޓެއް ޤާއިމް ކުރުމަށް ފުނަދޫ ސަރަހައްދު މާބޮޑަށް ވެސް ކުޑަވާނެއެވެ. މިކަން ކުރަންޖެހެނީ ޗާގޯސް، ދިވެހި ރާއްޖޭގެ ބަޔަކަށް ހެދުމަށް ފަހު ޗާގޯސްގައެވެ. އެއިރުން ޗާގޯސް ހިމެނިގެންދާނީ ރާއްޖޭގެ އެކްސްލޫސިވް އިކޮނޮމިކް ޒޯނެއްގެ ގޮތުގައެވެ. މޯލްޑިވްސް ފައިނޭޝަލް ޑިސްޓްރިކްޓްގެ މަރުކަޒުގެ ގޮތުގައެވެ.

ބޭރު ޤައުމުތަކުގެ ހަނގުރާމަމަތީ މަނަވަރުތަކުގެ ބަންކަރިން މަރުކަޒަކަށް ދެކުނުގެ އައްޑޫ ހެދުން

ޗާގޯސްގައި ދިވެހީންގެ ފައިނޭންޝަލް ޑިސްޓްރިކްޓް ޤާއިމް ކުރުމާ އެކު، ރާއްޖޭގެ ދެކުނުން، އައްޑު އަތޮޅުގައި، ދުނިޔޭގެ އެކި ޤައުމުތަކުގެ ހަނގުރާމަމަތީ މަނަވަރު ތަކަށް ބަންކަރިންގެ ހިދުމަތާއި، މަނަވަރު އަޅާނެ ބޮޑު ބަނދަރެއް ހެދިދާނެއެވެ. ރާއްޖެ މިއޮތީ ދުނިޔޭގެ އިރުމަތީ ބިތާއި ހުޅަނގު ބިތާ ދެމެދުގައި ކަމަށް ވުމުން އޮސްޓްރޭލިއާ އާއި ޗައިނާއިން ފެށިގެން ގޮސް ޔޫރަޕާއި އެމެރިކާގެ މަނަވަރުތައް ބަންކަރިން ހިދުމަތް ހޯދަންށާއި، ފަޅުވެރިން ބަދަލު ކުރުމަށް ބަނދަރު ކުރާ ޓްރާންސިޓް/ ބަންކަރިން ބަނދަރެއްގެ ގޮތުގައި އައްޑޫ ތަރައްޤީ ކުރެވިއްޖެ ނަމަ އެސަރަހައްދުގައި އެއް ވަގުތެއްގައި، އެކި ޤައުމުތަކުގެ 40،000 ވަރަކަށް ސިފައިން، އަބަދުވެސް ބަދަލުވޭވެ، މަނަވަރު ތަކުން އައިސް ތިބޭނެއެވެ. މި އެންމެން އެތަނުން ވިޔަފާރިކޮށް، އައްޑޫ އާއި ރާއްޖޭގެ އިގްތިސޯދަށް އެތައް މިލިއަން ޑޮލަރެއް ވައްދާނެއެވެ. މިފަދަ ބަނދަރަކުން ވިއްކާ ކްރޫޑް އޮއިލް އަށް އެކަނި ބެއްޔަސް، ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ އިންޑަސްޓްރީ އާ އެއްވަރުގެ އާމްދަނީއެއް ރާއްޖެ އަށް ލިބޭނެއެވެ.

ރާއްޖޭގެ ޖީ.ޑީ.ޕީ އިން ބޮލަކަށް ޖެހޭ ވަރު 50،000 ޑޮލަރަށް ހެދުން

މިފަދަ ގޮތަކަށް ޗާގޯސްގެ މިލްކުވެރިކަން ހޯދައި، ޗާގޯސްގައި ފައިނޭންޝަލް ޑިސްޓްރިކްޓެއް ހަދައި، އިންޑިއާ ކަނޑުގެ ހަވާއީގެ ގޮތުގައި އެ ސަރަހައްދުގެ ފަތުރިވެރިކަން ބްރޭންޑް ކޮށް، އައްޑޫގައި ހަނގުރާމަމަތީ މަނަވަރުގެ ބަންކަރިންގެ ހިދުމަތާ އެކު ބޭރުގެ ސިފައިންނަށް ހިދުމަތްދޭ ތަފާތު ވިޔަފާރިތައް ތައާރަފްކޮށް، ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމެންޓު ބަނދަރެއް ހަދައި މި ސަރަހައްދުގެ އެންމެ ބޮޑު، އެންމެ ކާމިޔާބު ޓްރާންސްޝިޕްމެންޓް ބަނދަރަށް އެތަން ހެދޭނެއެވެ. ސަރަހައްދުގެ އެންމެ ކާމިޔާބް ޓްރާންސްޝިޕްމެންޓް ބަނދަރާއި، އެންމެ ކާމިޔާބު ފަތުރުވެރިކަމުގެ ސިނާއާތާއި، އެންމެ ވަރުގަދަ މަނަވަރު ބަންކަރިން ހިދުމަތާއި، އެންމެ ވަރުގަދަ ފައިނޭންޝަލް ޑިސްޓްރިކްޓެއްވެސް އެއިރުން އޮންނާނީ ދިވެހި ރާއްޖޭގައެވެ. އެއާ އެކު ރާއްޖޭގެ ޕާކެޕިޓާ ނޮމިނަލް ޖީޑީޕީ، ނުވަތަ ބޮލަކަށް ޖެހޭ ވަރު މިހާރު އޮތް 11،000 ޑޮލަރުގެ އަދަދު ބޮލަކަށް 50،000 ޑޮލަރަށް އިތުރު ކުރެވިގެން ދާނެއެވެ. މިއީ ޔުނައިޓެޑް އެރެބް އެމިރޭޓްސް، އަދި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ޕާކެޕިޓާ އާ އެއް ހަމައެކެވެ. މި އިކޮނޮމިކް ޓްރާންސްފޯމޭޝަން އެޖެންޑާ އިމްޕްލިމެންޓް ކުރެވިގެންދާ އިރު، ރާއްޖޭގެ ތައުލީމީ ނިޒާމަށް ވޮކޭޝަންގެ ބައި ވަރަށް ބޮޑަށް ވަދެ، މަސްވެރިކަމުގެ ސިނާއަތްވެސް މުޅިން އެހެން ހަރުފަތަކަށް ގެންގޮސް، މުޅި އިގްތިސޯދު، ޑިޖިޓަލް އިކޮނޮމީ އަކަށް ބަދަލުވެގެން ދާނެއެވެ.

ރާއްޖޭގެ ކުރިމަގު ގުޅިފައި އޮތީ ޗާގޯސްގެ ޑީލާ އެވެ.

ރާއްޖޭގެ ކުރިމަގުގެ ސަލާމަތާއި، އިގްތިސޯދީ ތަރައްޤީ ގުޅިފައި އޮތީ ޗާގޯސް ހޯދުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތާ އެކު ހެދޭ ވަރުގަދަ ޑީލެއްގެ މައްޗަށެވެ. އެމެރިކާ އާއި ޔޫރަޕްގެ ކުރިމަގުގެ ސަލާމަތާ ގުޅިފައި އޮތީ ޗާގޯސް ދިވެހި ރާއްޖެ އަށް ދިނުމާއެވެ. މި ޑީލްގެ ދަށުން ދިވެހީން ތަނަވަސް ބަޔަކަށްވެ، ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގެ އެންމެ ވަރުގަދަ ހަބަކަށް، އިންޑިއާ ކަނޑުގެ މެދުތެރޭގައިވާ ދިވެހި ރާއްޖެ ވެގެންދާނެއެވެ. މިކަން ކުރެވޭ ވަރުގެ ލީޑަޝިޕެއް ދިވެހި ސަރުކާރުން ދައްކަން ޖެހެއެވެ. ރާއްޖޭގެ ކުރިމަގާއި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ވެސް ގުޅިފައިވަނީ ޗާގޯސްގެ ޑީލާ އެވެ. ކުޑަކުޑަ ދިވެހި ރާއްޖެއިން މިކަން ކޮށް، ދައްކަން ޖެހެއެވެ.