މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު، ވަރަށް ހެއްވާ ސުރުހީއެއް ފެނުނެވެ. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރުން އެމްޑީޕީން ބަލައިނުގަންނާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވި ހަބަރެވެ. ނަފާ ނަސީމް ވިދާޅުވާހެން، "ދެން މަ ހީހީ!…" ފައްޔާޒު އެ ވިދާޅުވަނީ މޮރިޝަސް އަށް ފޯޅަވަހީގެ މިލްކުވެރިކަން ދޫކޮށްލައި، އަދި އެވަރުން ނުފުދިގެން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މެދުވެރިކަށް ރާއްޖޭގެ ކަނޑުން 45،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު މޮރިޝަސް އަށް ދުކޮށްލި އެމްޑީޕީގެ ވާހަކައެވެ. ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ ކެބިނެޓު ލެވެލްގައި ވެސް އަދި އެނޫން ގޮތެއްގައި ވެސް މަޝްވަރާ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި، ގައުމުގެ ހައްގުގައި ކެރިގެން ނުކުންނާނެ އެއްވެސް މީހަކު، ވަޒީރަކު ވެސް، އަދި ސިޔާސީ މުވައްޒަފަކު ވެސް، ޕީއެންސީގައި ނެތީތޯ ފައްޔާޒުގެ ޕޯސްޓުގައި ސުވާލުކުރައްވާފައި ވެއެވެ.
ފައްޔާޒުގެ ވާހަކަ ކިތައްމެހާ ވެސް ރަނގަޅެވެ. ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވިއަސް ދޫކުރަން އަޅުގަނޑުވެސް ދެކޮޅެވެ. ނަމަވެސް، ދިވެހި ރާއްޖެއަށް ލިބެން އޮތް އެއޮއް ބޮޑު ޗާގޯސް ދޫކޮށްލައި، ދިވެހި ކަނޑުން 45،000 އަކަ ކީލޯމީޓަރ ދޫކޮށްލި އެމްޑީޕީން މިކަހަލަ ވާހަކަ ދެއްކީމާ ނަފާ ނަސީމެކޭ އެއްފަދައިން އަޅުގަނޑުވެސް ހަމަ ހީހީ ހަލާކެވެ! މުނާފިޤު ވިއަސް މިވަރު ތަންކޮޅެއް ބޮޑުވަރެވެ.
ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ދޫކުރަން ދެކޮޅު ކަމަށް ވިދާޅުވި ފައްޔާޒުމެންގެ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ އެވެ. އެތަން އަނބުރާ ހޯދޭތޯ މިއުޅެނީ މިހާރުގެ ސަރުކާރުންނެވެ. ޗާގޮސް، ނުވަތަ ދިވެހީން ކިޔާ ގޮތުންނަމަ ފޯޅަވަހީގެ މިލްކުވެރިކަން ލިބުން އެންމެ ހައްޤީ ދިވެހި ރާއްޖެއަށް ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހުގެ މި މަހުގެ 20 ވަނަ ދުވަހުގެ އަދަދަށް ރައީސް ޑރ. މުއިއްޒު ދެއްވި ބަސްދީގަތުމުން މި މައްސަލަ އަނެއްކާވެސް އަލުން ހިލިދާނެ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ޗާގޯސް ހޯދުމުގައި ރާއްޖެއަށް އަދިވެސް އުއްމީދު އެބައޮތެވެ! ޗާގޯސް އެއްކޮށް، ނުވަތަ، ކުޑަމިނުން އެތަނުން ބައެއް ވިއަސް ދިވެހި ރާއްޖެ އަށް ލިބެން ޖެހެއެވެ. އެކްސްޕްރެސް އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ޗާގޯސްގެ ހައްޤުވެރީންނަކީ ދިވެހި ރާއްޖެ ކަމަށް އިނގިރޭސި ސަރުކާރަށް ރަސްމީކޮށް ހުށަހަޅައިފައިވާ ކަމަށެވެ. އެ ހުށަހެޅުމަގައި، ރާއްޖެއިން އެގޮތަށް ދެކޭ ސަބަބުތައް ހާމަކޮށްފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިކަން އިނގިރޭސި ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ޗާގޯސް އަކީ ތާރީހީ ގޮތުން ރާއްޖެއާ ގުޅުންތަކެއް އޮތް ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"… ޗާގޯސްގެ ރަށްތަކާއި ދިވެހިރާއްޖެއާ ތާރީހީ ގުޅުންތަކެއް އެބަހުރި- އެއީ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހި- އެއީ ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ގުޅުމާ ބެހޭ ހެކިތައް ލިޔެކިޔުންތަކުން ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް ޗާގޯސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް،" ރައީސް މުއިއްޒާ ހަވާލާދީ އެކްސްޕްރެސް ނޫހުގައި ވެއެވެ. ރާއްޖެއަށް ޗާގޯސް ލިބެންޖެހޭނެ ކަމާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވުން ފިޔަވައި އެ މަޝްވަރާގެ އިތުރު ތަފްސީލެއް އަދި ހާމަކުރެއްވެން ނެތް ކަމަށް، އެކްސްޕްރެސް ނޫހަށް ރައީސް ވިދާޅުވިއެވެ. އެހެނަސް، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު މާ ބޮޑު ކަމަށް ދިވެހި ރާއްޖެއިން ދެކޭ ކަމަށް ބުނަމުން މި އަންނަ ވާހަކަ ތަކުރާރު ކުރެވިދާނެ ކަމަށް ރައީސްގެ އިންޓަވިއުގައި ވިދާޅުވިއެވެ. ކުއްލިއަކަށް އިނގިރޭސި ނޫހަކުން ޗާގޯސްގެ މައްސަލާގައި ދިވެހި ރާއްޖޭގެ ރައީސްއާ އިންޓަވިއު މިކުރީ، ޗާގޯސް ދޫކޮށްލުމަކީ އިނގިރޭސި ސަރުކާރުން ނިންމި "ގަމާރު ނިންމުމެއް" ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ. މިއީ އާދައިގެ އިއްތިފާގެއް ނޫނެވެ.
ދުނިޔޭގެ ޖިއޯ ޕޮލިޓިކްސް އަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، އެމެރިކާ އާއި އިންޑިއާއާ ދެމެދު މިހާރު ވަނީ އިގްތިސޯދީ އަދި ސިޔާސީ ހިޔާލުތަފާތުވުން އުފެދިފައެވެ. މޮރިޝަސް އަށް ޗާގޯސް ދިނުމަކީ އިންޑިއާ ބޭނުންވާ ގޮތެވެ. ސަބަބަކީ މޮރިޝަސް ސަރުކާރަކީ އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރަކަށް ވެފައި، މޮރިޝަސްގެ އާބާދީގައި ގިނައީ އިންޑިއާ ނަސްލުގެ މީހުން ކަމަށް ވުމެވެ. އެހެން ކަމުން މޮރިޝަސް އަށް ޗާގޯސް ލިބުމަކީ އިންޑިއާ އަށް ޗާގޯސް ލިބުން ފަދަ ކަމެކެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އެމެރިކާ އޮތީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެ އަށް ދޭގޮތަށެވެ. އެއިރު ދިވެހި ރާއްޖެ އާއި އެމެރިކާއާ ދެމެދު ސޮއިކުރުމަށް އެމެރިކާއިން ހުށައެޅި "ސޯފާ-އެގްރީމްންޓު"ގައި ޔާމީނު ސަރުކާރުން ސޮއިކުރި ނަމަ އެމެރިކާގެ ބާރުގައި، ރާއްޖެ އަށް ޗާގޯސް ދިނީސް ކަމަށް ބައެއް މުރާސިލުން ދެކެއެވެ. ރާއްޖެ އަށް ޗާގޯސް ނުލިބުމުގެ ޒިއްމާ ރައީސް ޔާމީނުވެސް، މި ނަޒަރުން ބަލާއިރު ނަންގަވަން ޖެހެއެވެ.
ނަމަވެސް މިކަމުގެ އެންމެ ބޮޑު ނުބައި ރޯލެއް ކުޅުއްވީ ޔާމީނުގެ ފަހުން ވެރިކަމަށް ވަޑައިގަތް ރައީސް ސޯލިހާއި އެމްޑީޕީ އެވެ. މޮރިޝަސް އަށް ޗާގޯސް ދިނުމަކީ އިނގިރޭސި ސަރުކާރުން ނިންމި މޮޔަ ނިންމުމެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމާއި، ދިވެހި ސަރުކާރުން އަނެއްކާ ވެސް ޗާގޯސްގެ މިލްކުވެރިކަމާ މެދު އިނގިރޭސި ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ ބުނުމާ ގުޅުން އެބައޮތެވެ. ރައީސް ޓްރަމްޕާއި އެމެރިކާގެ ބާރުގައި، އިނގިރޭސީންނާ ޑީލެއް ހަދައި، ޗާގޯސް ދިވެހި ދައުލަތަށް ލިބެން އުޅެނީ ބާވައެވެ؟ މިއީ ހަމަ ވުން ގާތް ކަމެކެވެ!
ރާއްޖެ އާއި ޗާގޯސްގެ ތާރީހީ ގުޅުން އޮތީ ކިހާ ވަރަކަށް ބާވައެވެ؟ ރާއްޖެ އާއި ޗާގޯސްގެ ތާރީހީ ގުޅުންއޮތީ ކަމުގެ ހެކީގެ ގޮތުގައި ދިވެހި ބަހުން ލިޔެފައިވާ މަހާނަގާ ޗާގޯސް އިން ފެނިފައިވުމާއި، މޮރިޝަސް އަކީ ޗާގޯސްއާ 1،300 މޭލު ދުރުގައި އޮތް ތަނަކަށް ވާއިރު ރާއްޖެއާ ޗާގޯސްއާ ދެމެދު ހުރީ އެންމެ 310 މޭލު ކަމަށް ވުމާއި، ރާއްޖެއާ ހިލާފަށް މޮރިޝަސް އަކީ 17 ވަނަ ގަރުނާ ހަމަޔަށް ވެސް މީހުން ވަޒަންވެރިވެފައި އޮތް ތަނަކަށް ނުވުމުން ޗާގޯސްއާ ދިވެހިންގެ ގުޅުން މާކުރިން އުފެދިފައި އޮތުން ހިމެނެ އެވެ. ނެދަލޭންޑްސް، ފްރާންސް އަދި އޭގެ ފަހުން އިނގިރޭސީންގެ އިސްތިއުމާރީ ބާރުތަކުން ޔޫރަޕާއި އެފްރިކާގެ މީހުން މޮރިޝަސްގައި ވަޒަންވެރިކުރުވީ 17 ވަނަ ގަރުނުގަ އެވެ. އެކަމަކު ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވިތާ 2،500 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޗާގޯސް އިން ފެނިފައިވާ ދިވެހި ބަހުން ލިޔެފައިވާ މަހާނަގާތަކަށް ގާތްގަނޑަކަށް އެއް ހާސް (އާދެ، އެއް ހާސް) އަހަރު ވެފައިވާކަން އެނގެން އޮންނައިރު އެއީ މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ ކުރި އެވެ. އަދި ރާއްޖޭގެ ކުރީގެ ރަސްކަލަކު ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރައްވާފައި އޮތުމާއި، ރާއްޖޭގެ މަސްވެރިންނާއި ދަތުރުވެރިން ފޯޅަވައްސަށް ގޮސް އުޅުނު ވާހަކަ ލިޔެކިޔުންތަކުން ފެންނަން ހުރުމަކީ ވެސް ރާއްޖެ އާއި ޗާގޯސްއާ ދެމެދު ތާރީހީ ގުޅުން އޮތް ވަރުގެ ކުޑަ މިސާލެކެވެ.
މޮރިޝަސްއިން ޗާގޯސް ހޯދުމުގެ މަސައްކަތުގައި އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމުން 2019 ވަނަ އަހަރު އައިސީޖޭ އިން ވަނީ ޗާގޯސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުން ބައިނަލްއަގުވާމީ ގާނޫނާ ހިލާފް ކަމަށާއި، އެތަނުގައި އޮންނަން ޖެހެނީ މޮރިޝަސްގެ ބާރު ކަމަށް ބުނެ އިސްތިޝާރީ ލަފައެއް ނެރެފަ އެވެ. މިއީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫން ކަމަށް ވާތީ އިނގިރޭސި ވިލާތުން އެތައް އަހަރެއް ވަންދެން މިކަމުގައި ގޮތް ދޫނުކޮށް އޮތުމަށް ފަހު ވިސްނުން ބަދަލުކުރީ އދ.ގެ އާންމު މަޖިލީހުގައި ވެސް، އިންޑިއާގެ ނުފޫޒާ އެކު، މި މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ނިންމުންތައް ނިންމަން ފެށުމުންނެވެ. އެހެންކަމުން މޮރިޝަސް އަށް ޗާގޯސް ދިނުމުގައި އެންމެ ބޮޑު ރޯލެއް ބައިނަލްއަޤްވާމީ ގޮތުން ކުޅުނީ، އިންޑިއާގެ ނުފޫޒާ އެކު، އ.ދ އެވެ. އ.ދ އާއި ރައީސް ޓްރަޕަމްޕާ ދެމެދު އުފެދިފައިވާ ދެބަސްވުމަކީ ވެސް ޗާގޯސް މައްސަލަ އަލުން ހިލުވާލުމަށް އެމެރިކާއިން އިސް ނަގާފާނެ އެއް ސަބަބެވެ.
ދުނިޔޭގެ ޖިއޯ ޕޮލިޓިކްސް އަށް ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގެ ފުރިހަމަ ބޭނުން ހިފައި، ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް ދިވެހި ސަރުކާރުން މިވަގުތު އިތުރަށް މަސައްކަތް ކުރަން ޖެހެއެވެ. އިނގިރޭސިވިލާތާއި އެމެރިކާއާ އެކު މަޝްވަރާކޮށް ޗާގޯސްގެ މިލްކުވެރިކަން އޭގެ އެންމެ ހައްޤު ފަރާތް ކަމުގައިވާ ދިވެހި ރާއްޖެ އަށް އަދިވެސް ހޯދޭނެއެވެ. މިއީ ދޫކޮށްލާ ވަރަށް ވުރެ މުހިއްމު، ބޮޑު، އިގްތިސޯދީ "ރަންގަނޑެކެވެ." މިކަން ކާމިޔާބު ކުރަން ބޭނުން ވަނީ ތަޖުރިބާކާރު ޓީމަކާއި، ހިއްވަރު ހުރި ސަރުކާރަކާއި، ބުރަ މަސައްކަތެވެ. މިއީ ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. އަންނަން އޮތް ޖީލުތަކުގެ ހައްޤުގައި ވެސް މި މަސައްކަތް ކޮށް، ދިވެހީންގެ ހައްޤު ދިވެހީންނަށް ހޯދައިދޭން ޖެހެއެވެ.

One Response
ހަޤީޤަތަކީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ ދަށުން ދޫވެގެން ދާނެ އެއްވެސް އަމަލެއް އެމް.ޑީ.ޕީ ސަރުކާރުން އިބޫ ސާލިހު ވެސް އަދި އެހެން ރައީސަކުވެސް ކުރައްވާފައި ނުވާކަން. ދިވެހި ދަޢުލަތުގެ ސިޔާދަތީ ބާރު ނުފޯރާ ތަނެއްގެ ގޮތުގައި އޮތުމުގެ ބޮޑު އެއް ސަބަބަކީ ދިވެހި ރާއްޖޭގައި ފުރަތަމަ ޤާނޫނު އަސާސީއެއް އެކުލަވާލި އިރު އޭގައި ރާއްޖޭގެ ސަރަހައްދު ކަނޑައެޅި އިރު އެ ޤާނޫނުއަސާސީގައި ރާއްޖޭގެ ސަރަހައްދު ކަމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި ފޯޅަވައްސޭ ކިޔާ ތަނެއް ނެތުން. އެކަމުގަ އެ މަޢުލޫމާތު ނެތް ބަޔަކު އޭރު ދައުލަތް ހިންގަން ތިބިކަން. އެ ޤާނޫނު އަސާސީ އެކުލަވައިލީ ވެސް ރާއްޖެ އިސްތިއުމާރު ކޮށްގެން އުޅުނު މީހުން ކަމަށް ވުމީ އެ ޤާނޫނުއަސާސީގައި ފޯޅަވައްސޭ ކިޔާތަނެއް ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އޮތްކަން ބަޔާން ނުކުރެވުނު ބޮޑު ސަބަބު .