Support Us

ކޮލަމް: މިޒާޖު

ކޮލަމް މިޒާޖު: ބޭވަފާތެރިވަނީ ކީއްވެ؟

ބޭވަފާތެރިކަމަކީ ކުއްލިއަކަށް، އެއްވެސް އިންޒާރެއް ނެތި ވާކަމެއް ނޫނެވެ. ދެމީހަކު އެކުގައި ފެށި ދިރިއުޅުމެއްގައި، އެއްވެސް މީހަކު ބޭވަފާތެރިވާން މެދުވެރިވި ސަބަބުތަކަކީ މިއީޔޭ ކިޔައި ބަޔާންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެ ގޮތަށް ގުޅުމެއް ރޫޅިގެންދާ ހިނދު، ހުރިހާ އިލްޒާމެއް އެކަކުގެ ބޮލުގައި އެޅުވުމަކީ ކުރަން ފަސޭހަ ގިނައިން ހަދާގޮތެވެ. ނަމަވެސް ހަގީގަތަކީ، ބޭވަފާތެރިކަމަކީ އެ ގުޅުމުގެ ތެރޭގައި ގިނަ ކަންތައްތަކެއް ގޯހުން ގޯހަށް ގޮސްފައިވާކަމުގެ އެންމެ ފަހު ނިޝާނެވެ. ނާޖާއިޒު ގުޅުންތައް އުފަންވަނީ ހީލަތްތެރިކަމާއެކު ހިނގާ ސިއްރު ބައްދަލުވުންތަކަކުން ނޫނެވެ. އެއީ ދެމީހެއްގެ ގުޅުމުގައި ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުކުރެވި ފުނިޖެހިފައިވާ މައްސަލަތަކުގެ ވެލީގައި ފަޅައި ކަށިކުނބުރު ގަހެކެވެ.

މިއީ ބޭވަފާތެރިވާ މީހާގެ ކުށް ދިފާއުކުރުމަށް ދައްކާ ބަހަނާއެއް ނޫނެވެ. އެއްވެސް މީހަކަށް އޮޅިގެން ބޭވަފާތެރިއެއް ނުވެވޭނެއެވެ. ބައިވެރިޔާއަށް އޮޅުވައިލުމާއި ބޭވަފާތެރިވުމަކީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެކެވެ. އެފަދަ ނުރަނގަޅު ނިޔަތެއް ހިތުގައި ލައި ހައްދުތައް ފަހަނައަޅައި ދިއުމަކީ އެމީހާ ކުރާ ކަމެކެވެ. އޭނާ އެކުށުން ބަރިއްޔަ ނުވި ނަމަވެސް، މިފަދަ ނޭއްގާނީ ކަންކަން މެދުވެރިވާ ސަބަބުތަކާ މެދު ސުވާލު އުފެއްދުމަކީ މުހިންމު ކަމެކެވެ. މިކަމުގެ އަސްލު ދެނެގަތުމަށް މަސައްކަތް ނުކުރާނަމަ، އެފަދަ ކަމެއްގެ ނިޝާންތައް ފެނުނަސް ދެނެގަންނަން ނޭގި އެތައް ގުޅުމެއް ހަލާކުވެގެން ދާނެއެވެ.

ވިސްނާށެވެ. ލޯބިން އުފެދިފައިވާ ގުޅުމެއްގެ ބިންގާ އެއްރެއަކުން ގުޑައެއް ނުލާނެއެވެ. ލޯބިން ގުޅިފައިވާ ގުޅުންތައް ހީނަރުވަނީ މަޑުމަޑުންނެވެ. އެކަކު އަނެކަކަށް އޮންނަ ނުރުހުން ބޮޑުވެ، ހިތްހަމަނުޖެހުންތަކާއި ނުދެއްކި ހުންނަ ވާހަކަތައް ގިނަވުމުން ގިނަވަމުން ގޮހެވެ. އަޅައިލުމާއި އޯގާތެރިކަން ކުޑަވެ، އެކަކު އަނެކަކުގެ އެދުންތަކަށް ދޭ ސަމާލުކަން ކުޑަވުމުގެ ސަބަބުންނެވެ. ހައްލެއް ނެތް މައްސަލަތައް ދެމީހުންގެ ދެމެދުގައި ބޮޑު ފާރެއް ފަދައިން ހުރަސްއެޅުމުން، ބައިވެރިޔާއަކީ އުޅުނަސް ނޫޅޭ މީހެއް ކަމުގައި ބަލަން ފަށައި ހިސާބުންނެވެ. ފެނުނަސް ނުފެންނަ ކަމަށް ހަދަން ފަށާ ހިސާބުންނެވެ. އެހިސާބަށް ކަންކަން ދިޔުމުން އެކުގައި އުޅުނަސް އެކަނިވެރިކަން އިހުސާސްވާން ފަށައެވެ. ލޯތްބާއި ކުލުނަށް ފެންބޮވައިގަނެފައިވާ ހިތަށް އެ ހިތްހަމަޖެހުން ނުލިބުމުން، ސަމާލުކަން ހޯދުމަށް އެހެން ދިމަދިމާލަށް ނަޒަރު ހިންގަން ފަށަނީ މިހިސާބުންނެވެ.

ނާޖާއިޒު ގުޅުމެއް ފެންމަތިވެ ފަޅާއެރުމުން، ގިނަ ފަހަރަށް އަނެކާއަށް ލިބޭ އެންމެ ބޮޑު ހިތްދަތިކަމަކީ ހަމައެކަނި އޭނާގެ ބައިވެރިޔާ އެހެން މީހަކާ ޖިސްމާނީ ގުޅުމެއް ހިންގުމުންނެއް ނޫނެވެ. އޭގެ ބަދަލުގައި، ޖަޒުބާތީ ގޮތުން އެހެން މީހަކާ ގުޅުން ބަދަހިކޮށް، ކައިވެނީގެ ތެރެއިން ނުލިބުނު ސަމާލުކަމާއި އޯގާތެރިކަން އެހެން މީހެއްގެ ފަރާތުން ހޯދުމެވެ. އަބަދު މާޔޫސްވެފައި ހުންނަ ބައިވެރިޔާގެ މޫނުމައްޗަށް އެހެން މީހެއްގެ ސަބަބުން ހިނިތުންވުން އައުމެވެ. ހަގީގީ ބޭވަފާތެރިކަމުގެ ހިތިކަން އިހުސާސްވަނީ އަމިއްލަ ބައިވެރިޔާގެ އުފާވެރިކަން އެހެން މީހަކާ ގުޅިފައިވާކަން އެނގުމުންނެވެ.

ގަބޫލުކުރާށެވެ. ކޮންމެ މީހަކުވެސް އެހެން މީހެއްގެ ގާތަށް ދަނީ އުނިވެފައިވާ ކޮންމެވެސް އެދުމެއް ފުއްދުމަށެވެ. މިއީ ބަހަނާއަކަށް ދައްކާ އުޒުރެއް ނޫނެވެ. ނަމަވެސް އެ އެދުން ނުފުދި ހީނަރުވެފައިވާކަން ނުބުނެ ވަފާތެރިކަން ފުނޑުފުނޑުކޮށްލީ ކީއްވެގެން ހެއްޔެވެ؟ ގިނަ ފަހަރަށް މިކަން ފެށެނީ ދެމީހުންގެ ދެމެދުގައި އޮންނަންޖެހޭ މުއާމަލާތުގެ ނިޒާމު ހަލާކުވުމުންނޭ ބުނުމުން ބައެއް މީހުންގެ ގާތަށް ރުޅިއަންނާނެއެވެ. ނަމަވެސް ހިތުގެ އަޑިން މިއީ ތެދުކަން އެމީހުންނަށް ވެސް އެނގޭނެއެވެ. މައްސަލަތައް ފުނިޖެހެނީ، ހިތުގައިވާ ގޮތް ހާމަކޮށްފިނަމަ މަސްލަހަތު ގެއްލިދާނެ ކަމުގެ ބިރަށް ހަނުހުރުން އިސްކުރުމުންނެވެ.

މީގެ މާނައަކީ ގުޅުމެއްގައި އުނިކަމެއް ހުރުމަކީ ބޭވަފާތެރިވުމަށް އޮތް ބަހަނާއެއް ކަމުގައި ބަލައިށެކޭ ނޫނެވެ. ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް، ސިއްރުން އެހެން ގުޅުންތައް ހިންގުމަކީ އެއްވެސް މީހަކަށް ފައިދާހުރި ކަމެއް ނޫނެވެ. އެއީ ބައިވެރިޔާއަށް ކުޑައިމީސްކުރުމެވެ. އެފަދަ ހިޔާލެއް ހިތަށް ވަންނަ ހިސާބުންވެސް ބައިވެރިޔާއާ ތެދުވެރިކަމާއެކު ވާހަކަދައްކަން ޖެހެއެވެ. އޮޅުވައިލުން ފަޅާއަރާ ދުވަހަކުން ގެއްލިގެންދަނީ ހަމައެކަނި އިތުބާރެއް ނޫނެވެ. އެއީ އަނެކާގެ ނަފުސަށް ދެވޭ، ފަސޭހަވާން ދަތި ފުން ޒަހަމެކެވެ. އެކަމުގެ ސަބަބުން ކެހި ލިބޭ މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލި، އަމިއްލަ އަގު ވަޒަންކުރެވޭ ގޮތް ދަށްވެގެންދެއެވެ.

ނަމަވެސް މިފަދަ ކަންކަމަކީ ހަމައެކަނި އަހުލާގީ މައްސަލައެއްގެ ގޮތުގައި ނިންމާލުމަށްވުރެ މާ ފުން، އިންސާނީ ގުޅުންތަކުގެ ހިތްދަތި މައްސަލަތަކެކެވެ. ބޭވަފާތެރިކަމަކީ ގުޅުމުގައި ލެވިފައި ހުރި ރެނދުތަކުގެ ނަތީޖާއެވެ. އެއީ ބައެއް ފަހަރު ދެމީހުންނަށްވެސް ނޭނގި އުފެދިފައިވާ ރެނދުތަކެކެވެ. އެ ރެނދުތައް ދެނެގަނެ އިސްލާހު ނުކޮށް، ގުޅުން ކަނޑާލުމަށްފަހު ފަށައި އާ ގުޅުމެއްގެ ނިމުންވެސް ހަމަ މިފަދަ ގޮތަކަށް ވުމުގެ ފުރުސަތު ބޮޑެވެ.

އެހެންކަމުން، ގުޅުމެއް ނިމުމަކަށް އަންނަ ހިނދު، ހަމައެކަނި ބޭވަފާތެރިވި މީހާގެ ނުބައިކަން ދައްކަން މަސައްކަތް ކުރުމުގެ ބަދަލުގައި، އެ ގުޅުން ހަލާކުވާން މެދުވެރިވި އަސްލު ސަބަބުތައް ހޯދުން މުހިންމެވެ. ދެމީހުންގެ ދެމެދުގައި އޮތް މުއާމަލާތާއި، ލޯތްބާއި، އޯގާތެރިކަމުގެ މިންވަރާ މެދު ސުވާލުކުރާށެވެ. މިއީ ބޭވަފާތެރިކަން ފޫބައްދަން އުޅެނީ ކަމަށް ނުދެކޭށެވެ. އެހެން މީހެއްގެ އެހީ ހޯދައިގެންވެސް މިކަން ކުރާށެވެ. މިއީ ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ބޭވަފާތެރިވި މީހަކާ ވަކިވުމަކީވެސް އަދި ގުޅުން އާރާސްތުކުރަން މަސައްކަތް ކުރުމަކީވެސް އޮތް މަގެކެވެ. ކޮންމެ މަގެއް އިހުތިޔާރު ކުރިޔަސް، ބޭވަފާތެރިކަމަކީ ކުއްލިއަކަށް، އިހުތިޔާރުން ބޭރުގައި ވީ ކަމެއް ކަމަށް ބުނެ ނިންމާނުލާށެވެ. މިފަދަ ފަރުވާކުޑަ ވިސްނުންތަކުގެ ސަބަބުން އެތައް އާއިލާއެއް ވަނީ ބިކަވެފައެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ ފުރިހަމައަށް އުފުލައި، ގުޅުންތައް ދެމެހެއްޓުމަށް ތެދުވެރިކަމާއެކު މަސައްކަތް ކުރަންޖެހެއެވެ.